އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް ސަޕޯޓް ޑިވިޜަންއަކީ ޤާނޫނު ނަންބަރ 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނު)ގެ 9 ވަނަ މާއްދާގެ (ހ) ދަށުން މިނިސްޓަރ އައްޔަނުކުރުމަށް ކަނޑައަޅާފައިވާ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާރވިސްއަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް، އެމާއްދާގެ (ށ) ގެ ދަށުން މިނިސްޓަރ ފޯރުކޮށްދޭންޖެހޭ މުވައްޒަފުންނާއި ވަސީލަތްތައް ފޯރުކޮށްދިނުމަށްޓަކައި އުފައްދާފައިވާ ޑިވިޜަނެކެވެ. މި ޑިވިޜަންގެ މައިގަނޑު މަސައްކަތަކީ މަތީގައި ބަޔާންކުރެވުނު ޤާނޫނުގެ ދަށުން ޖަލުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަން ބަލައި ފާސްކޮށް، އެތަންތަނުގައި ކަންކަން ހިނގަނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބަލައި، މިނިސްޓަރަށް ރިޕޯޓުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި އިންސްޕެކްޓަރއަށް އެހީތެރިވެ ވާގިވެރިވެދިނުމެވެ. މީގެ އިތުރުން، އެޤާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންސްޕެކްޓަރގެ ވަކިވަކި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިންސްޕެކްޓަރއަށް އެހީތެރިވެ ވާގިވެރިވެދިނުމެވެ.
މި ޑިވިޜަންގެ މުވައްޒަފުން ފަންނީ ގޮތުން އަދި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާ އަދާކުރުމުގެ ގޮތުން ކުރަން ޖެހޭ އެންމެހާ ކަންކަމުގައި ޖަވާބުދާރީ ވާނީ ސީދާ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށެވެ. ނަމަވެސް އިދާރީގޮތުން މި ޑިވިޜަން ހިނގަމުންދާނީ ސީދާ ޕަރމަނަންޓް ސެކްރެޓަރީގެ ބެއްލެވުމުގެ ދަށުންނެވެ.
މި ޑިވިޜަންގެ ދަށުން ހިނގަމުންދަނީ ދެ ސެކްޝަނެވެ. އެއީ ކޭސް މެނޭޖްމަންޓް ސެކްޝަން އަދި އިންސްޕެކްޝަން ސެކްޝަނެވެ.