ވުޒާރާއާމެދު

ވުޒާރާ

ދިވެހިރާއްޖޭގެ ދާޚިލީ ކަންކަން ބެލެހެއްޓުމަށްޓަކައި "ވުޒާރާތުލް ދާޚިލިއްޔާ" ގެ ނަމުގައި ދާޚިލީ ވުޒާރާއެއް އުފައްދާފައިވަނީ، ދިވެހިރާއްޖޭގެ ފުރަތަމަ

ޤާނޫނުއަސާސީ އިޢުލާން ކުރުމާއި ހަމައިން 22 ޑިސެމްބަރ 1932 ވަނަ އަހަރުއެވެ.

އެދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ދާޚިލީ ކަންކަން ބަލަހައްޓަމުން އައިސްފައި ވަނީ ވުޒާރާތުލް ދާޚިލިއްޔާގެ ބެލުމުގެ ދަށުންނެވެ. ވޭތުވެދިޔަ 88 އަހަރު މެދު ކެނޑުމެއްނެތި ރާއްޖޭގެ އެތެރޭގެ ޞުލްޙަ މަސަލަސްކަން ޤާއިމުކޮށް، ޤާނޫނީ ޙުކޫމަތު ހިންގުމުގެ ޒިންމާ އަދާކުރަމުން ގެންދަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުންނެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ތާރީޚުގައި ހިނގައި ގޮސްފައިވާ އެންމެ ތާރީޚީ އެއް ބަދަލަކީ، 2004 ވަނަ އަހަރު ސިފައިންގެ ޚިދުމަތުން ފުލުހުންގެ ޚިދުމަތް ވަކިކޮށް މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ބެލުމުގެ ދަށުން ހިނގާ މަދަނީ ޚިދުމަތަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ބަދަލުވެގެން ދިޔަ ދިޔުމެވެ.

ދިވެހި މުޖުތަމަޢުގެ އަމާންކަމާއި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި، ދިވެހިރާއްޖޭގެ ޖަލުތައް ބެލެހެއްޓުމާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމް އެންމެ ފުރިހަމަ ގޮތެއްގައި ހިންގައި ބެލެހެއްޓުމުގެ ޒިންމާ އޮތީވެސް މިނިސްޓްރީ އޮފް ހޯމްއެފެއާޒަށެވެ.

މިނިސްޓްރީން ތަބާވާ ހަމަތައް (ކޯ ވެލިއުސް)

ނަޒާހާތްތެރިކަން 

ޚިދުމަތް ހޯދާ ފަރާތްތަކުގެ ސިއްރު ހިފަހައްޓައި، އަޙުލާޤީ އަދި ސުލޫކީ މިންގަނޑުތައް ހިފަހައްޓައި އަމާނާތްތެރިކަމާއި އިޚުލާޞްތެރިކަމާއެކު އަޅުގަނޑުމެން ޚިދުމަތް ފޯރުކޮށްދޭނަމެވެ. 

ހާމަކަން 

ޚިދުމަތް ދިނުމުގައި ވީހާވެސް ބޮޑަށް ދެފުށް ފެންނަ ގޮތެއްގައި ޚިދުމަތްދީ ހާމަކަންބޮޑު ގޮތެއްގައި އާންމު ރައްޔިތުންނަށް އަޅުގަނޑުމެން މަޢުލޫމާތު ފޯރުކޮށްދޭނަމެވެ.

ޖަވާބުދާރީވުން 

އަޅުގަނޑުމެން ފޯރުކޮށްދޭ ޚިދުމަތްތަކަށާއި ނިންމާ ނިންމުންތަކަށް ފުރިހަމައަށް ޒިންމާވެ  ރައްޔިތުންނަށް ޖަވާބުދާރީވާނަމެވެ.

ހަމަހަމަކަން

ތަފާތުކުރުމެއްނެތި، ވަކިފަރާތަކަށް ނުޖެހި އެންމެންގެ މެދުގައި ހަމަހަމަ އުޞޫލުތަކެއް ގެންގުޅެ ނުފޫޒުން އެއްކިބާވެގެން އަޅުގަނޑުމެން ޚިދުމަތް ފޯރުކޮށްދޭނަމެވެ.

އިޙްތިރާމް

ހުރިހާ ފަރާތްތަކެއްގެވެސް ޤަދަރާއި އިއްޒަތަށް އިޚުތިރާމްކޮށް، އެންމެހާ ފަރާތްތަކުގެ ޚިޔާލަކީ، މުހިންމު އެއްޗެއްކަމަށްދެކި ބިނާކުރަނިވި ޚިޔާލުތައް އަޅުގަނޑުމެން އަބަދުވެސް ބަލައިގަންނާނަމެވެ.

 

މިނިސްޓްރީގެ މަސައްކަތްތައް

1. ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާއި، ކުށްކުރުން މަދުކުރުމާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، މުދަލާއި ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.

2. ރާއްޖޭގެ އިމިގްރޭޝަނާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ތަންފީޒުކުރުން.

3. ކުށްވެރިން ބެލެހެއްޓުމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ސިޔާސަތުތައް ތަންފީޒުކުރުން.

4. ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުން.

5. ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑު، ޒުވާނުންނާއި ކުޑަކުދިން ދެނެގަނެ އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައި، ޤާނޫނަށް ބޯލަނބާ ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ކުރިއަށް ދެވޭނެ ފުރުޞަތު ތަނަވަސް ކޮށްދިނުން.

6. ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމުގެ ކޯޓާ ދޫކުރުމާއި، ބިދޭސީން ގެނައުމަށް ހުއްދަ ދިނުމާއި، އެކަމާގުޅިގެން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.

7. ރާއްޖޭގެ ސައެންސް އެންޑް ޓެކްނޯލޮޖީއާއި އިންފޮމޭޝަން ޓެކްނޯލޮޖީއާބެހޭ ސިޔާސަތު ކަނޑައަޅައި، އެ ސިޔާސަތުތައް ތަންފީޒުކުރުން.

8. ދައުލަތުގެ ޑޭޓާ ސެންޓަރުތައް ގާއިމުކުރުމާއި، ޑޭޓާ އިންޓަގްރޭޓް ކުރުމާއި، ޑޭޓާ މެނޭޖްކޮށް، ޑޭޓާ ރައްކާކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

9. ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

10. ޤައުމީ ތަރައްޤީގެ ޕްލޭންގައި އެކަށައަޅާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ސައެންސާއި ޓެކްނޯލޮޖީގެ މާސްޓަރޕްލޭން އެކުލަވާލައި ތަންފީޒުކުރުން.

11. ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާތަކުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތައް ރާވައި ހިންގުން.

12. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އައު ޓެކްނޯލޮޖީ ރާއްޖެއަށް ތަޢާރުފުކުރުމާއި، އެފަދަ ޓެކްނޯލޮޖީއާބެހޭ މިންގަނޑުތައް ކަނޑައެޅުން.

13. ރާއްޖޭގައި ކޮމްޕިއުޓަރ ޓެކްނޯލޮޖީ ކުރިއަރުވައި، އެކި ރޮނގު ރޮނގުން ރާއްޖޭގައި ދޭ ޚިދުމަތްތަކުގެ ފެންވަރު ކޮމްޕިއުޓަރ ޓެކްނޯލޮޖީ ބޭނުންކޮށްގެން މަތިކުރެވޭނެ ގޮތްތައް ހޯދުން.

14. ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި ސައިންސާއި ޓެކްނޯލޮޖީގެ ދައުރު ފުޅާކުރުމަށް، އެ ދާއިރާތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކުރުވުން.

15. ރާއްޖެއަށް އެންމެ ފައިދާކުރަނިވިގޮތަށް ސައެންސާއި ޓެކްނޯލޮޖީގެ ބޭނުން ހިފުމަށްޓަކައި، ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ދިރާސާތައްކުރުމާއި، އެފަދަ ދިރާސާތައްކުރުމަށް ހިތްވަރުދިނުން.

16. ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ގާއިމުކުރާ ޤައުމީ ސައެންސް ފައުންޑޭޝަން ގާއިމުކޮށް ހިންގުން.

17. ރާއްޖޭގައި ސައެންސާއި، ޓެކްނޯލޮޖީގެ ޕާކްތަކާއި އިންޓަރެކްޓިވް ސެންޓަރުތަކާއި އިންކިއުބޭޓަރތައް ގާއިމުކުރުމާބެހޭ ސިޔާސަތުތަކާއި ސްޓްރެޓަޖީތައް ކަނޑައަޅައި، މިފަދަ ތަންތަން ގާއިމުކޮށް ހިންގުން.

18. ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ރިސާޗް އެންޑް ޑިވެލޮޕްމަންޓަށް ސްޓެރެޓެޖީތައް އެކުލަވައިލައި، ރިސަރޗް އެންޑް ޑިވެލޮޕްމަންޓްގެ މަސައްކަތްތައްކުރުމަށް ގްރާންޓް ދިނުން.

19. ރާއްޖޭގައި ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަގުވާމީ އެހީ (ގްރާންޓް) ހޯދައި، ސައެންސާއި ޓެކްނޯލޮޖީގެ ވަސީލަތްތައް އިތުރުކުރުން.

20. ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާތައް ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހިމަނައި ތަރައްޤީކޮށް ހަރުދަނާކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެ، މަޢުލޫމާތު ފޯރުކޮށްދިނުން.

21. ޤައުމީ ތަރައްޤީގެ ޕްލޭންގައި އެކަށައަޅާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކުލަވައިލާ ސައެންސާއި ޓެކްނޯލޮޖީގެ މާސްޓަރ ޕްލޭންތަކުގެ ދަށުން ހިންގާ މަޝްރޫޢުތަކާއި، ހަރަކާތްތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން.

22. ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން.

23. ޤާނޫނު ނަންބަރު 48/78 (ކާނިވަލް، ފަންފެއަރ ފަދަ ތަންތަން ހެދުމުގެ ޤާނޫނު)ގެ ދަށުން، ރާއްޖޭގައި ކާނިވަލް، ފަންފެއަރ ފަދަ ތަންތަން ހެދުމުގެ ސިޔާސަތުތައް ކަނޑައަޅައި، ތަންފީޒުކުރުން.

24. އާންމުކޮށް އިޝްތިހާރުކުރުމަށް ހުއްދަ ދިނުމާބެހޭ ސިޔާސަތުތައް ކަނޑައެޅުން.

25. އަޚުލާޤީގޮތުން މަނާ ލަވަޖެހުމާއި، އެފަދަ ލަވަކިއުން މަނާކޮށް ބެލެހެއްޓުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުން.

26. މީހެއްގެ އެއްޗަކުން ނުވަތަ ބައެއްގެ އެއްޗަކުން އަނެކަކަށް ނުވަތަ ބަޔަކަށް ތުރާވާނަމަ އެކަމެއް ފިލުވައި ދިނުމާއި އާންމު އުނދަގުލުގެ މައްސަލަތައް ބެލުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުން.

27. ޤާނޫނު ނަންބަރު 11/2010 (ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު)ގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި،ތަންފީޒުކުރުން.

28. ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ތަންފީޒުކުރުން.

29. ޤާނޫނު ނަންބަރު 18/2010 (ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނު)ގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ތަންފީޒުކުރުން.

30. ޤާނޫނު ނަންބަރު 1/2013 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ގަވާއިދުތައް ތަންފީޒުކުރުން.

31. މީހުން ޓްރެފިކްކުރުން ހުއްޓުވުމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމާއި، ޤާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު)ގެ ދަށުން މިނިސްޓްރީން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

32. ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު)ގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތައް ހަދައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ގަވާއިދުތައް ތަންފީޒުކުރުން.

33. ޤާނޫނު ނަންބަރު 38/2014 (ކުށްވެރިން ބަދަލުކުރުމުގެ ޤާނޫނު)ގެ 39 ވަނަ މާއްދާގެ (ހ)ގައި "މިނިސްޓަރު"ކަމަށް ބުނެފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން.

34. ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)ގެ ދަށުން ވަޒީރު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން.

35. ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) އިން މިނިސްޓްރީން ކުރަން ކަނޑައަޅައިފައިވާ ކަންކަން ތަންފީޒުކުރުން.

36. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާތަކުން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް، ބައިނަލްއަގުވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެފަދަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން.

37. ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.

38. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

 ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ދަށުންނެވެ.

(ހ) މޯލްޑިވްސް އިމިގްރޭޝަން 

(ށ) ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން

(ނ) ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ

(ރ) ނޭޝަނަލް ޑްރަގް އެޖެންސީ

(ބ) ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް

ވުޒާރާގެ އަމާޒު - މިޝަން

ރައްކާތެރި ބަދަހި މުޖުތަމަޢެއް ޤާއިމުކުރުމަށް، އިންސާނީ ޙައްޤުތަކަށް އިޙުތިރާމްކުރުމާއެކު، ޤާނޫނީ ޙުކޫމަތު ނަގަހައްޓާ، ކުށްކުރާ މީހުން އިޞްލާޙުކޮށް މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހެދުން.

ވުޒާރާގެ ތަޞައްވަރު - ވިޝަން

އަމާން، ރައްކާތެރި އަދި އެއްބައިވަންތަ ދިވެހިރާއްޖެއެއް