22-01-2024

ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ހިމެނޭ ފުށުއެރުންތަކަށް އަވަސް އިސްލާހެއް ބޭނުންވޭ: މިނިސްޓަރ

ކުޑަކުދިންގެ އަދުލލުގެ ގާނޫނުގައި ހިމެނޭ ފުށުއަރާ ކަންކަން އިސްލާހުކޮށް ގާނޫނުތައް ތަންފީޒުކުރުން އަވަސް ކުރަން ޖެހޭ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޖުވެނައިލް ޖަސްޓިސް ސިމްފޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 މިނިސްޓަރ ވިދާޅުވީ  މި ސިމްޕޯޒިއަމްގެ ލަނޑުދަނޑިއަކަށް ވާން ވާނީ ދެފުށް ފެންނަ ގޮތަކަށް އަދުލުގެ ނިޒާމުގައި ހިމެނޭ އޯގަނައިޒޭޝަންތައް މަސައްކަތް ކުރާފަދަ އުސޫލެއް ގާއިމު ކުރުން ކަމަށާއި، ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރަން ކުރާ މަސައްކަތް ހިންގުން ހަރުދަނާ ކޮށް، މަސައްކަތުގައި ޝާމިލްވާ ފަރާތްތަކަކީ ޒިންމާދާރު ކަމާއެކު ނަތީޖާ ނެރެވޭނެ ފަދަ ބަޔަކަށް ވާންވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ދުސްތޫރީ ހަޔާތުގައި 2019 ވަނަ އަހަރު އުފެދިގެން އައި 18/2019 ނުވަތަ ކުޑަކުދިންގެ އަދުލުގެ ގާނޫނަކީ އެންމެ ފުރިހަމަ ނޫނަސް ޖުޑީޝަރީގެ ދާއިރާއިން ނެގުނު އެންމެ މުހިންމު ފިޔަވަޅުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި މީގެއިތުރުން ރާއްޖޭގެ މާހައުލަކީ ގާނޫނުގެ ދަށުން ކުދިންނަށް ވަކި ބާވަތެއްގެ ރައްކާތެރިކަން ކަށަވަރުވާނެ ތަނެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކުދިން މެދުވެރިކޮށް އޭގެ ނާޖާއިޒް ފައިދާ ނަގަމުން އަންނަ މީހުން ދިރިއުޅޭ މާހައުލެއް ކަމާއި، އެ ކުދިންގެ ހައްގުގައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން އަވަސް މަސައްކަތްތަކެއް ކުރައްވަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެއް ގާނޫނަކަށް ބަލައިގެން އަމަލު ކުރުމުގައި ވެސް އެއް ބާވަތެއްގެ ކުށަކަށް އަރައިގަންނަ ދެ ކުއްޖަކަށް ތަފާތުކޮށް އަމަލު ކުރެވޭ ކަމަށާއި، އެފަދަ ކަންކަން ދިމާވިޔަ ނުދޭން، ގާނޫނަށް ގެންނަން ބޭނުންވާ ބަދަލުތައް ސާފު އިބާރާތުން ފަސޭހައިން ދޭހަވާނޭ ފަދަ ގޮތަކަށް ލިޔެވިގެން ގާނޫނު ހަދާ މަޖިލީހަށް ކަންކަން ހުށައަޅައި، ނިޒާމަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މި ސިމްޕޯޒިއަމްގެ ލަނޑުދަނޑިއަކަށް ވާންވާނެ ކަމަށެވެ.

މިނިސްޓަރ ފާހަގަ ކުރެއްވި ގޮތުގައި ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ ދާއިރާގެ މަސައްކަތްތަކަކީ އެންމެ ފުރިހަމައަށް ޒިންމާ އަދާ ކުރެވިގެން ވަޒީފާގެ މަސްއޫލިއްޔަތުތަކުން ލުޔެއް ލިއްބައިދޭފަދަ މަސައްކަތެކެވެ. އަދި ފުރިހަމައަށް މަސައްކަތް ކުރެވޭ ނަމަ ކުރިމަގުގައި ކުޑަކުދިން ގާނޫނާ ހިލާފު ނުވާނެ ކަމަށާއި، މި ދާއިރާގެ މަސައްކަތްތަކުގެ ބޭނުމަކަށް ވާންވާނީ މާދަމާ މުޖްތަމައުގައި ކުށަށް ހުށަހެޅޭ ކުދިން އެއްކޮށް ހުސްކުރުން ކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ކުށަށް ހުށަހެޅޭ ކުދިން ރީހެބިލިޓޭޓް ކުރުމުގެ މަސައްކަތަކީ އިންތިހާ އަށް ހަރަދު ބޮޑު މަސައްކަތްތަކެއް އެކުލެވޭ ކަމެއް ކަމަށާއި، ރިހެބިލިޓޭޝަނަކަށް ނުގޮސް މައްސަލަތަކަށް ހައްލެއް ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރ ޢަލީ އިޙްސާންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.