ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު

 

`

 

ޤައުމީދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި  މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢިމްރާން ޢަބުދުﷲ ދެއްކެވި ވާހަކަފުޅު

(29 އޮކްޓޫބަރ 2019)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް. ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު. ކެބިނަޓް މިނިސްޓަރުން ވަޑައިގެން ތިއްބެވި އެންމެހާލޮބެވެތި ޢިއްޒަތްތެރިން އައްސަލާމު އަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

އާދެ! ޤައުމީ ދުވަހުގެ ހެނދުނުގެ  އިރާއެކު ޤައުމީދުވަހުގެ ހެޔޮ ތަހުނިޔާއާއި މުބާރަކުބާދީ ހުރިހާ ދިވެހި ލޮބިވެތި ރައްޔިތުންނަށް އަރިސްކުރަން. އާދެ! މިއުފާވެރި ދުވަހުގަ އުފާވެރި ވަގުތުކޮޅުގައި ވާރޭގެ ތިކިތަކުން އަޅުގަނޑުމެން އެންމެނަށް ﷲގެ ރަޙްމަތް ތަނަވަސް ވެގެންދާތީ ﷲ ސުބުޙާނަޙޫ ވަތަޢާލާއަށް ހަމްދު ކުރާ ޙާލު އަޅުގަނޑު މިވަގުތު މާދިގު އެއްޗެއް ދަންނަވަން ޤަސްދެއްނުކުރަން. އާދެ! އެހެންނަމަވެސް ހަމައެންމެ ނުކުތާއަކަށް އިޝާރާކޮށްލާނަން.

އާދެ! އިންސާނީ ޙަޟާރަތްތަކުގައި ޤައުމުތައް ބިނާވެ ޤައުމުތަކުގެ ރައްޔިތުންގެ މައްޗަށް ޤައުމެއްގެ ޤައުމިއްޔަތު ބިނާވެގެންދާހިނދު  ޤައުމަކަށް މުހިންމު ދެކަމެއް ބިނާވެގެންވޭ. އާދެ! ޚާރިޖީ އިސްތިޤްލާލާއި ދާޚިލީ އިސްތިޤްރާރަކީ މުހިންމު އަސާސެއް. ޚާރިޖީ ގޮތުން ބަޔަކަށް ލިބިގެންދާ މިނިވަންކަމާއި އެބައެއްގެ ސަލާމަތާއި ރައްކާތެރިކަމާއެކުގައި އެބައެއްގެ ގައުމުގެ ތެރޭގައި ދާޚިލިއްޔަތުގަ އޮންނަންޖެހޭ އިސްތިޤްރާރާއި ހަމަޖެހުމާއި އަމާންކަމަކީ އެޤައުމެއްގެ ރައްޔިތުންގެ މައްޗަށް ލާޒިމުކަމެއް. އާދެ! މިދެކަން ކަށަވަރުކުރުން އެއީ ޤައުމެއް ދެމިއޮތުމުގައި މުހިންމު ލާޒިމުކަމެއް. އާދެ! މިކުރު ވަގުތުގައި އަޅުގަނޑު ހަމަ ދިވެހިރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދަންނަވަންއޮތީ، ﷲގެ ރަޙްމަތުން އަޅުގަނޑުމެންނަށް ވަނީ ޚާރިޖީ އިސްތިޤްރާރު ޚާރިޖީ މިނިވަންކަން ލިބިފައި. އެމިނިވަންކަން ދެމިއޮތުމުގައި ދާޚިލީ އިސްތިޤްރާރު، އާދެ! ދާޚިލީ ހަމަޖެހުމާ އަމާންކަމާއި ސަލާމަތާއި ރައްކާތެރިކަމަކީ އޭގެ ޒިންމާއެއް. އެހެންކަމުން ދިވެހިރާއްޖޭގެ ޤައުމިއްޔަތު ދެމިއޮވެ ސަލާމަތުގެ އައްސޭރިއަށް ދަތުރު ކުރުމަށްޓަކައި، އަންނަންއޮތް ޖީލުތަކަށް ގެންދިއުމަށްޓަކައި ރާއްޖޭގެ އެތެރޭގެ ސަލާމަތާއި ރައްކާތެރިކަމާ ހަމަޖެހުން ޤާއިމުކުރުމަކީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތާކާއި ޒިންމާއެއް.  އާދެ! އެކަމުގައި އަޅުގަނޑުމެން އެންމެން ބަދަހިކަމާއެކު ތިބުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އަޅުގަނޑުގެ އުއްމީދަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މިލޮބުވެތި ވަޠަން މިނިވަން ކަމާއެކު އަބަދަށް ލެހެއްޓެވުން. ދިވެހި ލޮބުވެތި ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް ﷲ ސުބުޙާނަޙޫ ވަތަޢާލާ މިންވަރުކޮށް ދެއްވުން. ހުރިހާ ބޭފުޅުންނަށްވެސް ޤައުމީދުވަހުގެ ހެޔޮއެދުމާއި ތަހުނިހާ އަދިވެސް ރައްދުކުރަމުން އަޅުގަނޑު ވާހަކަކޮޅު ނިންމާލަން. ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.