ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން
`
ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅު
(15 ޑިސެމްބަރ 2025)
ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ޙަމްދާއި ޝުކުރުކުރަން. އަޅަމެންގެ މާތް ރަސޫލާ މުޙައްމަދު ﷺ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެ ފާނުގެ އާލު އަޞްޙާބުން ޝާމިލް ކުރަން.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމެންޓްގެ އެގްޒެކްޓިވް ޑައިރެކްޓަރ، އެސިންސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބުދުއްރަޙްމާން، ފުލުހުންގެ އެގްޒެކްޓިވް އޮފިސަރުން ،ރައްޔިތުންގެ މަޖިލިހުގެ ޢިއްޒަތްތެރި މެންބަރުން ،އައްޑޫ ސިޓީގެ މޭޔަރ އަލްފާޟިލް ޢަލީ ނިޒާރު، ބޭރުގެ ދައުލަތްތަކުގެ މިޝަންތައް ރަމްޒުކޮށްދެއްވުމަށް ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިން، ފުލުހުންގެ މި ތަމްރީން ކޯހުގެ އެންމެހާ މުދައްރިބުންނާއި މިތަނަށް ވަޑައިގެންނެވި އެންމެހާ ފުލުހުންގެ އޮފިސަރުންނާއި އެހެނިހެން ރޭންކްތަކުގެ ފުލުހުން، މި ރަސްމިއްޔާތު އެބަޔަކަށްޓަކައި ޝަރަފުވެރިވެރިވެގެންމިދާ ރަސްމިއްޔާތުގެ ފަޚުރުވެރި ދަރިވަރުންގެ ބެލެނިވެރިން، އަދި އާއިލާތައް ، އަދި 41 ވަނަ ޕޮލިސް އިނީޝިއަލް ޓްރޭނިންގ ކޯހުގެ އެންމެހާ ގުރެޖުއޭޓުން.
السلام عليكم ورحمة الله وبركاته.
އާދެ! މިރޭގެ މިޝަރަފުވެރި ރަސްމިއްޔާތަކީ ވަރަށް ގިނަ ދުވަހުގެ ބުރަ މަސައްކަތް ފާހަގަ ކުރުމަށްޓަކައި ބޭއްވޭ ރަސްމިއްޔާތެއް. އެހެންކަމުން މިރަސްމިއްޔާތުގައި ތި ހުރިހާ ފުލުހުން ހޯއްދެވި މަތިވެރި ކާމިޔާބީއަށްޓަކައި އެންމެ ފުލުހުނާއި ފުލުހުންގެ ލޮބުވެތި އާއިލާ ތަކަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން. ވަކިން ޚާއްޞަކޮށް މިރޭ އިނާމުވެރިންގެ ގޮތުގައި ފެނިގެން މިދިޔަ ހުރިހާ ފަރާތްތަކަށް ދިވެހިރައްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން. ޚާއްޞަ ގޮތެއްގައި މިރޭގެ 6 އިނާމު ވެރިންގެ ތެރޭގައި 5 އަންހެން ފުލުހުން ހިމެނިގެން ދިއުމަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ވަކިން ޚައްޞަކޮށް ފުލުހުންގެ މުއައްސަސާތެރޭގައި މިންތީގެ ހަމަހަމަކަން ގެންގުޅެމުން އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބިގެން ކުރިއަށް އައުމުގައި މުއައްސަސާއިން ގެންގުޅޭ ހަރުދަނާކަން ދައްކާދޭ ކަމެއް. މިކަމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތަށް ވަރަސް ބޮޑަށް ޝުކުރުއަދާކޮށް މަރުޙަބާ ކިޔަން. އަދި މި 5 އަންހެން ފުލުހުންނަށް ދިވެހިރާއްޖޭގެ ފުލުހުންގެ ތާރީޚު ބަދަލުކޮށްލާ ކަމަށްޓަކައި މަރުހަބާ ދަންނަވަން. ވަކިން ޚާއްޞަކޮށް ކޮންސްޓަބަލް އިމްޝާ އަބުދުއްލަތީފް ހޯދެއްވި ކާމިޔާބީއަކީ ދިވެހި ފުލުހުންގެ ތާރީޚުން ޖާގަހޯދަމުން ދިވެހި ފުލުހުންގެ ތަމްރީންގެ ތާރީޚް ބަދަލުކޮށްލި ބަދަލުކޮށްލުމެއް. މިކަމަށްޓަކައި އިމްޝާގެ އާއިލާގެ އެންމެހާ ބޭފުޅުންނަށް އަދި އެކުވެރިންނާއި އެރަށުގެ ހުރިހާ ރައްޔިތުން އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާނެކަމަށް ގަބޫލުކުރާ ހާލު ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން.
އާދެ! ދިވެހި ފުލުހުންގެ ޚިދުމަތަކީ ގާތްގަނޑަކަށް 100 އަހަރާ ކާރިކުރަމުން އަންނަ ދިވެހިރާއްޖޭގަ އޮތް މުހިންމު ޚިދުމަތެއް. މިޚިދުމަތުގެ ފަޚުރުވެރި ސަފުން ޖާގަ ލިބިގެން ދިއުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބޭ ޝަރަފެއް. ކޮންމެ އާއިލާއަކަށް ލިބޭ ފަޚުރެއް. މިކަމަށްޓަކައި މިއަދުގެ މި ފުލުހުންގެ ޕާސިންގ އައުޓް ޕެރޭޑުގައި ކާމިޔާބީ ހާސިލުކުރައްވަމުން ބުރަ މަސައްކަތުން ފުލުހުންގެ ކޮލިފައިޑް ފުލުސް އޮފިސަރަކަށް ބަދަލުވެގެން މިއަންނަ ހުރިހާ އޮފިސަރުންނަށް އައްސަރިބަހާއި ސާބަސް ދަންނަވަން.
ދިވެހި ފުލުހުންގެ ޚިދުމަތަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަމުން ދިވެހިރާއްޖޭގެ ދުސްތޫރު ނަގަހައްޓަމުން އަންނަ މުއައްސަސާ. ދިވެހި ފުލުހުންގެ ޚިދުމަތަކީ ފަޚްރުވެރި މާޒީއެއް އޮތް އަޅުގަނޑުމެން ކޮންމެ ދިވެހިރައްޔިތަކު އެމުއައްސަސާއަކަށްޓަކައި ފަޚްރުވެރިވާފަދަ ޚިދުމަތެއް ތާރީޚްގެ ތެރެއިން މިއަދާ ހިސާބަށް ދިވެހިރާއްޖޭގެ ރައްޔިތުންނަށްޓަކައި ކޮށްދެއްވަމުން އަންނަ މުއައްސަސާއެއް. އެހެންކަމުން މިމުއައްސަސާގަ ކުރީގަ އުޅުއްވާފަ ތިއްބެއްވި ބެފުޅުންނަށް އަދި މިހާރު ޚިދުމަތުގައި ތިއްބެވި އެންމެހާ ފުލުހުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.
އަދުގެ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއް ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެކަން ޔަގީންކޮށް މިފުލުހުންގެ މުއައްސަސާ އެގޮތުގެމަތީން ބައްޓަން ކުރުމަކީ. އެގޮތުން ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގަ ފުލުހުންގެ ޚިދުމަތް މިހާރުވަނީ މިސަރުކާރުން ގާއިމުކޮށްފަ. ހަމައެއާއެކު ދިވެހިރާއްޖޭގަ ފުލުހުންތިބޭ ކޮންމެ ރަށެއްގަ ފުލުހުންގެ އަމިއްލަ މަރުކަޒެއް ފުރިހަމަ ޚިދުމަތްތަކެއް ދެވޭގޮތަށް ހުރުމަކީ މުހިންމުކަމެއްކަމަށް ދެނެވަޑައިގަންނަވާ ހާލު އެމަނިކުފާނު ވަނީ ދިވެހިރާއްޖެގެ ތާރީޚުގަ އެންމެ ބޮޑު ފުލުހުންގެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓް ހިންގަވަން ފަށްޓަވާފަ. މީގެ ތެރެއިން މިއަހަރު ބިންގާ އެޅި ދެ ފުލުހުންގެ މަރުކަޒު މިހާރުވަނީ ޚިދުމަތަށް ނެރެވިފައި. މާތްﷲގެ އިރާދަފުޅާއެކު ކުރިއަށްއޮތް އަހަރު ތަކުގެ ތެރޭގައި މިސަރުކާރު ނިމުމުގެ ކުރިން އަޅުގަނޑުމެން މި 140 އަށްވުރެ ގިނަ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓް ނިންމާ ދިވެހިރައްޔިތުންނަށްޓަކައި ފުލުހުންގެ ޚިދުމަތަށް ނެރެދޭނަން. ހަމައެއާއެކު އަޅުގަނޑު ފާހަގަކޮށްލަން 17 ނޮވެމްބަރ 2023 ވަނައަހަރު ދިވެހިރާއްޖޭގެ ވެރިކަމާއި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ހަވާލުވެވަޑައިގެންނެވިއިރުގަ ގާތްގަނޑަކަށް 1000 ހާ ފުލުހުން ތަމްރީން ނަހަދާ އެވަގުތު ފުލުހުންގެ މުއައްސަސާގަ ތެރޭގަތިބި. ދެންމެ ކޮލެޖްގެ ޑައިރެކްޓަރ ވެސް ފާހަގަ ކުރެއްވި ފަދައިން ޚާއްޞަ ތަމްރީން ޕްރޮގްރާމް ތަކެއް ހިންގުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑުމެންނަށް ފުލުހުންގެ މުއައްސަސާއަށް އެންގުނު. އެހިސާބުން ފެށިގެން ޕެރެލަލްކޮށް ދެ ޓްރޭނިންގ އިންސްޓިޓިއުޝަނެއްގައި ޓްރޭނިންގ ހައްދަވަމުން ޓްރޭނިންގ ކޮންޑަކްޓް ކުރައްވަމުން މިއަދާ ހިސާބަށް އައިރުގަ 966 ފުލުސް އޮފިސަރުންވަނީ ތަމްރީން ހައްދަވާފަ. އަދި ކުރިއަށް މިއޮތް ޖެނުއަރީ މަހު ފެށިގެންދާ ބެޗާ އެކުގައި މާތްﷲގެ އިރާދަފުޅާއެކު ކުރީގަ ތަމްރީން ނެހެދި ތިބި ހުރިހާ ފުލުހުންނަށް ވާނީ ތަމްރީން ދެވި ކޮލިފައިޑް ޕޮލިސް އޮފިސަރުންނަށް ބަދަލުކުރެވިފައި. މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުންނާއި އަދި ފުލުހުންގެ ޚިދުމަތް ހިންގަވަން ހުންނެވި ކޮމިޝަނަރ އޮފް ޕޮލިސް އާއި ކޮމިޝަނަރގެ ޓީމުން ވަރަށް ފުރިހަމައަށް ކުރައްވާފައިވާ ބުރަ މަސައްކަތެއް. ދިވެހި ރައްޔިތުންނަށް ފުލުހުންގެ ގާނޫނުގަ ކަނޑައަޅާފައިވާ މިންގަޑާ އެއްގޮތަށް ޚީދުމަތް ދިނުމަށްޓަކައި ޕޮލިސް އޮފިސަރުންނަށް ހުރިހާ ފުލުހުންވުމަކީ ވަރަށް މުހިންމު ކަމެއް. ރާއްޖޭގެ ގާނޫނު ދަންނަ ބާރުތަކާ އިޚްތިޔާރުތައް ފުލުހުންނަށް މިލިބިދެނީ މިތަމްރީން ފުރިހަމަކޮށްގެން. އެހެންކަމުން އަޅުގަނޑުމެންނާއި މި ސަރުކާރު ހަވާލުވިއިރުގަ ތަމްރީން ނަހަދާ ގާތްގަނޑަކަށް 1000 ފުލުހުން ތިބި ތިބުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވިކަމެއް. އެހެން ނަމަވެސް ތަމްރީންތައް ހިންގަވަން ތިއްބެވި ބޭފުޅުންގެ ބުރަ މަސައްކަތްޕުޅާއެކު މިއަދުވަނީ އެމައްސައްލަ ހައްލުކޮށް ދެއްވާފަ. މިކަމަށްޓަކައި މިތަމްރީންތައް ރާވާ ހިންގަވާ ބޭފުޅުންނާއި ހުރިހާ މުދައްރިބުންނާއި އަދި ޖުމްލަކޮށް ފުލުހުންގެ މުއައްސަސާގެ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.
މިރޭ ނިމިގެން ކާމިޔާބީ ހާސިލުކޮށްގެން ފުލުހުންގެ ސަފުތަކާ ގުޅިގެންދާ ފުލުހުން ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ގައުމުގެ މިވަތު އޮތް ޕޮލިސިންގ ޑިމާންޑާ އެއްވަރަށް އަދި ހުރިހާ ތަމްރީނެއް ނެހެދޭނެކަން. މީ އަސާސީ ތަމްރީނެއް. މީ އިނީޝިއަލް ތަމްރީނެއް. މިއަށް ފަހު ދެން ހޯދަންޖެހޭ ޚާއްޞަ ތަމްރީން ހޯދައިގެން ވަކިން ޚާއްޞަކޮށް ޓެކްނޮލަޖީއަށް މިއައި ބަދަލާ ގުޅިގެން ފުލުހުންގެ މުއައްސަސާ ޓެކްނޮލަޖީއަށް އަހުލުވެރިވެ ދިވެހިރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މިހާރު ޓެކްނޮލަޖީ ބޭނުންކުރަމުން މިދާގޮތަށް ބޭނުންކުރަން ދަސްކޮށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތްތައް ރައްޔިތުންނަށް ދިނުމަކީ ތަމްރީން އިތުރަށް ހޯދައިގެން މެނުވީ ކުރެވޭނެކަމެއްނޫން. އެހެންކަމުން މިއަދު ނިމިގެންދާ ހުރިހާ ފުލުހުން މާދަމާއިން ފެށިގެން ދެންހޯދަންޖެހޭ ޚާއްޞަ ތަމްރީނާއި ފުލުހުންގެ މުއައްސަސާ މިހާރުއޮތް ހިސާބަށް ފައިތިލަ ސާބިތުކޮށް ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް ތައްޔާރުވަމުން ދިއުމަކީ އަޅުގަނޑު ތި ހުރިހާ ފުލުހުންނަށް ދޭނަޞޭހަތެއް.
މިވަގުތު ސަރުކާރުން ތިޔަ ފުލުހުން ތަމްރީނުކޮށް ނެރުމަށްފަހުގަ ތިބޭފުޅުންނާއި ހަވާލުކޮށްފައޮތް ޚާއްޞަ މިޝަން ސެޓްތަކެއް އެބަވޭ. އެ މަސައްކަތަކީ ރާއްޖެއިން ޑްރްގުގެ ވަބާ އެއްކޮށް ނައްތާލުމާ ދިވެހިރާއްޖޭގަ ގޭންގް ހަދައިގެން ކުށްކުރަމުން މިއަންނަ ގުރޫޕްތައް އެއްކޮށް ގާނޫނުގެ ކުރިމައްޗަށް ގެނައުމާ އަދި އެމީހުންގެ ފަރާތުން މިމުޖްތަމައު ސަލާމަތް ކުރުމާއި ދިވެހިރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުމާއި އަދި ހަމައެއާއެކުގަ ކުށުގެ މާހަލުގަ އުޅެމުންދާ ތުއްތު ކުދިން ކުށުގެ މާހައުލުންނެރެ އެކުދިންނަށް ބޭނުންވާ ތަމްރީނާއި އެކުދިންނަށް ބޭނުންވާ އެކިއެކި އިންޓަރވެންޝަން ޕްރޮގްރާމްތައް ހިންގާ ކުށުގެ މާހައުލު އެއްކޮށް ނައްތާލުން. މިއީ ތިޔަ ފުލުހުން މާދަމާއިން ފެށިގެން ކުރަންޖެހޭ ޚާއްޞަ މަސައްކަތްތައް. މިކަމަށް ލޯހުޅުވި މިކަމަށް ފޯކަސްކޮށް ފުލުހުން މިހާރު އެކުރަމުގެންދާ މަސައްކަތަށް ތި ބެފުޅުން ތިނިކުންނަވަނީ. ކޮންމެ ދުވަހަކީ މިދެންނެވިފަދަ ނުރައްކާތެރި ފަރާތްތަކާ ނުރައްކާތެރި މާހައުލުތަކުގައި ފުލުހުން ޚިދުމަތް ކުރަންޖެހޭނެ ދުވަހެއް. މިކަމަށް ތިޔަ ފުލުހުން ތިޔަތިބީ ތައްޔާރަށް. މިކަމަށްޓަކައި މާދަމާއިން ފެށިގެން ކެނޑިނޭޅި މިމިޝަންތައް ހާސިލުވަންދެން މަސައްކަތް ކޮށްދެއްވުމަކީ ތިޔަ އެންމެހާ ފުލުހުންގެ ފަރާތުން އަޅުގަނޑު އެދޭ އެދުން.
ދިވެހިރައްޔިތުން އެދެނީ %70 އެއްނޫން. %80 އެއްވެސް ނޫން. ދިވެހިރައްޔިތުން އެދެނީ %100 ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އޮތުން. ދިވެހިރައްޔިތުން އެދެނީ ދިވެހިރައްޖޭގެ ކޮންމެ މަގަކީ، ކޮންމެ ގޯޅިގަނޑަކީ، ކޮންމެ ރަށަކީ، ކޮންމެ އަނދިރި ހިސާބަކީ ރައްކާތެރިކަން ކަށަވަރުވެފައޮތް އެމީހުނަށް މަގުހިނގާ އުޅެވޭނެ ސަލާމަތާއި ރައްކާތެރިކަމުގެ އިހްސާސް ވަމުންދާފަދަ މާހައުލު އޮތްތަނެއްކަން ކަށަވަރު ވެގެންތިބުން. އެ އެކްސްޕެކްޓޭޝަނަށް ފުލުހުން މަސައްކަތް ކުރައްވަން ޖެހޭނީ. އެ އެކްސްޕެކްޓޭޝަން އަޅުގަނޑުމެން މިއަދު ޑެލިވަރ ކުރަންޖެހެނީ. އަޅުގަޑަކަށް އެއްވެސް ޝައްކެއްނެތް މިއަދުގެ ފުލުހުންގެ މުއައްސަސާއިން އެކަން ކުރާނެކަން. މާތްﷲގެ އިރާދަފުޅާއެކު ތި ބޭފުޅުން ހުރިހާ އެންމެންގެ މަސައްކަތުން އަޅުގަނޑުމެންނަށް އެކަން ކާމިޔާބު ކުރެވޭނެ.
މިމަސައްކަތް ކުރަމުންދާއިރު ނުރައްކާތެރިކަމާ ކުރިމަތިލާންޖެހޭ މާހައުލަކަށް ވާއިރު ހަމައެއާ އެއްވަރަށް މިމާހައުލުގަ ކޮރަޕްޝަންވެސް އެބައޮތް. މީހުން ފައިސާ ބަހާނެ ފައިސާ ދިއްކުރާނެ. މީހުން މަގާމުގެ ކުރިއެރުމަށް ޕްރޮމިސްކުރާނެ. މީހުން އުފާވެރި ދިރިއުޅުންތަކާ ދަތުރުތަކަށް ޕްރޮމިސްކުރާނެ. އެހެން ނަމަވެސް ތިޔަ ހެއްދެވި ތަމްރީނާއި މިއަދު ތިތިބަ ސާބިތުކަން ދުއްވާލައިގެން ނުވާނެ. މިމުއައްސަސާގެ އެބްޒޮލިއުޓް ޒީރޯ ޓޮލެރެންސް އޮންނާނީ ކޮރަޕްޝަނަށް އެހެންވީމާ މިފަދަ ކަމެއްގައި އެއްވެސް ފުލުހަކު ނުޖެހުމަކީ އަޅުގަނޑުދޭ ނަޞޭހަތެއް.
އަޅުގަނޑުމެން މިގޮތުގައި މަސައްކަތް ކޮށްފިނަމަ މާތްﷲގެ އިރާދަފުޅާއެކު އަޅުގަނޑުމެން މިއެދޭފަދަ އަމާން ދިވެހިރާއްޖެއެއް ގާއިމުވެގެންދާނެ. ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަކީ ތިބޭފުޅުންގެ ފަރާތުން ދިވެހިރައްޔިތުންނަށް އެޚިދުމަތް ފޯރުކޮށްދިނުން.
އާދެ ދިވެހިރާއްޖޭގެ ފުލުހުންގެ ޚިދުމަތަށް ދިވެހި ދަރިއަކު ނެރުމަކީ އާއިލާއަކުންކުރެވޭނެ އެންމެ ބޮޑު ގައުމީ އެއް ޚިދުމަތް. ތި ހުރިހާ ލޮބުވެތި އާއިލާތަކުން ތިބޭފުޅުންގެ ތުއްތު ކުދިން ތަޢުލީމާއި އެކިއެކި ތަރުބިއްޔަތު ދެއްވާ މިއަދު ޒުވާނުންނަށް ހައްދަވާ ދިވެހި ފުލުހުންގެ ޚިދުމަތަށް ނެރެ ގައުމީ ޚިދުމަތަށް ދިވެހިރައްޔިތުންގެ ޚިދުމަތަށް ނެރެދެއްވިކަމީ އަޅުގަނޑު ތި އެންމެހާ އާއިލާތަކަށް ޝުކުރުވެރިވާ ހާލު ސެލިއުޓް އަރުވާ ކަމެއް. ގައުމީ ޚިދުމަތަށް ދިވެހި ދަރީން ނެރުމަކީ ގައުމަށްޓަކައި ކުރެވޭނެ އެންމެ ބޮޑު އެއް ކޮންޓްރިބިއުޝަން. މިކަމަށްޓަކައި ތިޔަ ހުރިހާ ލޮބުވެތި ބެލެނިވެރިންނަށް ތިޔަ ހުރިހާ ފަޚުރުވެރި މައިންބަފައިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން.
އަދިވެސް އެއްފަހަރު މިރޭގެ ފަޚުރުވެރި މިކޯހުގެ ގުރެޖުވޭޓުންނަށް ނުވަތަ ދަސްވެނިވި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުހަބާއާއި ޝުކުރު ދަންނަވަން. ތިބޭފުޅުން މާދަމާއިން ފެށިގެން ގައުމީ ޚިދުމަތަށް ނިކުންނައިރުގައި އާ ހިތްވަރަކާއި ރޫހަކާއި ޖޯޝަކާ އެކުގައި ދިވެހިރާއްޖޭގަ މިއޮތް ކުށުގެ މާހައުލާ ކުރިމަތިލުމަކީ އަޅުގަނޑުގެ އެދުން.
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ ބުރަ މަސައްކަތުގައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލެއްވުން. ދިވެހިރާއްޖެއަކީ އަބަދުމެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ވެފައިއޮތް ގައުމެއްކަމުގައި އެކަނލާގެ މިންވަރު ކުރެއްވުން.
ކުރިއަށް ދިވެހި ގައުމު.
والسلام عليكم ورحمة الله وبركاته.