ގައުމީ ދުވަސް

`

 

ޤައުމީދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި  މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅު

(28 އޮކްޓޫބަރ 2019)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން، ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި  ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމުގެ ދެކަނބަލުން. ދަޢުލަތުގެ ޢިއްޒަތްތެރި ވަޒީރުން، ދަޢުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރި ބޭފުޅުން، ރައްޔިތުން މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ ޝަރަފްގެ އެކިއެކި މަޤާމް ލިބިވަޑައިގެންތިއްބެވި ދައުލަތުގެ ޝަރަފްވެރިން، އެކުވެރި ދަޢުލަތްތަކުގެ ސަފީރުން، ހާޒިރުވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ޖަލްސާ ދުރާ ގާތުން ބައްލަވަމުން އައްސަވަމުން ގެންދަވާ ދިވެހި އެއްމެހާ ލޮބުވެތި ރައްޔިތުން. އައްސަލާމްއަލައިކުމް ވަރަޙްމަތު ﷲ ވަބަރަކާތުހޫ

 

އާދެ! މާދަމާ އަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަސް. އެހެން ކަމުން ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރަން. ވަޠަންދެކެ ލޯބިވުމަކީ ޤައުމަށް އުފަންވާ ޒިންމާދާރު ކޮންމެ މުއާތިނެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއް. ތިމާ އުފަންވެ ހެދި ބޮޑުވާ ވަޠަނުގެ ކަރާމަތާއި އިސްތިޤްލާލާއި މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެމީހެއްގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާ ކުރުމަކީ ޤައުމުގެ ކޮންމެ ދަރިއެއްގެ ޒިންމާއެއް، އަމިއްލަ ވަޠަނަށްޓަކައި ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ބޮޑުވެގެންވާ ޒިންމާއާއި މަސްއޫލިއްޔަތަކީ ޤައުމީ ދުވަހު އަޅުގަނޑުމެން އެންމެން އެކަމާއި މެދު ވިސްނާ ފިކުރު ކުރަންޖެހޭ ކަމެއް. ލޮބުވެތި ރައްޔިތުން، ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮންނާނީ ޤައުމުގެ ހިމާޔަތުގައި ފިދާވެ ޤުރުބާންވާނެ ދަރިންތަކެއް ތިބެގެން، ދިވެހިރާއްޖޭއަކީ މާސިންގާ އިންޑިއާ ކަނޑުގެ މި ސަރަހައްދުގައި އިސްތިއުމާރީ ބާރުތަކުގެ ތެރޭގައި އެތައް ސަތޭކަ އަހަރުތަކެއްވަންދެން މިނިވަންކަމާއި އިސްތިޤްލާލްގެ މަތީގައި ދެމި އޮތުމުގެ ސިއްރަކީވެސް އެއީ، ދިވެހި ތާރީޚަށްޓަކައި ދިވެހި ޤައުމަށްޓަކައި ޤުރުބާންވާނެ އެތަށް ކާބަފައިން މި ޖީލްދެކެފައިވޭ. އެހެންކަމުން ޤައުމީ އަބްޠާލުންގެ ޒިކްރާ އާކުރުމަކީ އެއްޖީލުން އަނެއްޖީލަށް ނަގުލު ކުރަމުން ގެންދަންޖެހޭ ޤައުމީ ރިވެތި އާދައެއް. އާދެ! މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދާ ޤައުމީ ދުވަހަކީ އައްސުލްޠާނު ޤާޒީ މުޙައްމަދު ތަކުރުފާނު އަލްއައުޒަމް ދިވެހި ޤައުމަށްޓަކައި ވެވަޑައިގެންފައިވާ މަތިވެރި ޤުރުބާނީގެ ޒިކްރާ އާކުރުން. އާދެ! އަޅުގަނޑުމެން ކޮންމެ ދިވެއްސަކު ދިވެހި ތާރީޚުގެ ސޮފްޙާތަކުގެ ތެރެއަށް ގޮސް ދިވެހި ޤައުމަށްޓަކައި އެބޭފުޅުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާންތައް ދިރާސާކޮށް ދަސްކުރަންޖެހޭ. އެކަމުން ފިލާވަޅާއި ޢިބްރަތް ލިބިގަނެ އަޅުގަނޑުމެންގެ ޖީލްގައި ޤައުމުގެ ހިމާޔަތަށް ކުރަންވީ ކަންކަމާއިމެދު ވިސްނާ ފިކުރު ކުރަންޖެހޭ.  އާދެ! ވިސްނާ ފިކުރުކޮށްލަމާ އަނގަމަތި މަސް ދޯންޏެއްގައި 5 އަހަރުވަންދެން މާސިންގާ ބޮޑެތި ރާޅުތަކުގެ ތެރޭގައި އެބޭފުޅުން ވެވަޑައިގެންނެވި ޤުރުބާނީއަކީ ދިވެހި ޤައުމަށް މިނިވަންކަން ގެނެސްދިނުމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީއެއް. އާދެ! މުޙައްމަދު ތަކުރުފާނު އެކަންޏެއްނޫން ދިވެހި ޤައުމަށްޓަކައި ދޮންބަންޑާރައިންނާއި ޝަހީދު އަލި ރަސްގެފާނު ފަދަ، އެތަށް ބޭފުޅުންނެއް މި ޤުރުބާނީ ވެވަޑައިގެންފައިވޭ. އަޅުގަނޑުމެންގެ ކުރިމަތީގައި އިހަށްދުވަހު ޝަހީދު ހުސައިން އާދަމް އަޅުގަނޑުމެންގެ މި ޤައުމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީ، ވެވަޑައިނުގެންނެވިނަމަ މިއަދު މިހިސާބަށް މިޤައުމު އަންނާނީ ކިހިނެއްތޯ، އާދެ! އެހެން ކަމުން އެބޭފުޅުންގެ ޒިކްރާ އާކޮށް އެބޭފުޅުންނާއި މެދުގައި ވިސްނާފިކުރުކުރުމަކީ އަޅުގަނޑުމެންގެ ޤައުމީ މަސްއޫލިއްޔަތެއް. އަދި ހަމަ މިހިނދުގައި އެހުރިހާ ބޭފުޅުންގެ ފުރާނަފުޅަށް ﷲ ސުބުޙާނަހޫވަތަޢާލާ ސުވަރުގޭގެ ދާއިމީނިޢުމަތް ދެއްވުންއެދި ދުޢާކުރަން. ލޮބުވެތި މުޢާތިނުން، ކޮންމެ ޤައުމެއްވެސް މިނިވަން ކަމާއިއެކު ދެމި އޮންނަނީ އެޤައުމެއްގެ ޤައުމިއްޔަތުގެ އަސާސްތަކެއް އޮވެގެން. ދިވެހި ޤައުމިއްޔަތުގެ މިނިވަންކަމުގެ އަސާސްއަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ބަސް އަދި ދިވެހިންގެ ފަޚުރުވެރި އާދަކާދައާއި ސަޤާފަތް. އެހެންކަމުން ދިވެހި ދައުލަތުގެ މިނިވަންކަމާއި ރައްކާތެރިކަމަށްޓަކައި ޤައުމިއްޔަތުގެ އަސާސްތައް ދިރުވާ އާލާކުރުމަކީ އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެއް. އާދެ! ބަވަނަވެފައިވާ ދުނިޔޭގައި މިއަދު އަޅުގަނޑުމެން ކުރިމަތިލާންޖެހިފައިވަނީ ކުރީގައި ދިމާވިފަދަ ކަންކަމަކާއެއް ނޫން. އެހެން ކަމުން އެކަންކަމުން އަރައިގަނެ ދިވެހި ޤައުމިއްޔަތު ހިމާޔަތްކޮށް ޤައުމުގެ މުސްތަޤްބަލު އާރާސްތުކުރުމަށްޓަކައި އަޅުގަނޑުމެން އެކަންކަމާއި ކުރިމަތިލާންޖެހެނީ މިއަދުގެ ވިސްނުމާއި ފިކުރާއި ޒިންމާގެ ތެރެއިން. ދިވެހި ލޮބުވެތި ރައްޔިތުން، މާތް ވެގެންވާ އިސްލާމްދީނަށް  ކުޑައިމިސް ބަސް ރައްދުކުރުމާއި ދިވެހިންނާއި މެދުގައި، ދީނާ މެދުގައި، ޒުވާނުންގެ ހިތުގައި ޝައްކުއުފެދޭފަދަ ވާހަކަ ދެކެވުމާއި ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި އަނިޔާވެރި ޢަމަލުތަށް ހިންގުމަކީ މިއަދު ދިވެހި ޤައުމު، ދިވެހި ޤައުމިއްޔަތު ދިރުވުމަށްޓަކައި އަޅުގަނޑުމެން ފަރުވާކުރަން ޖެހިފައިވާ މައްސަލައެއް. މިކަމުގައި އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ހިކްމަތްތެރި ވިސްނުންތެރި ގޮތްކޮޅު، ޙިކްމަތްތެރި ވިސްނުންފުޅު އިސްކުރައްވާ ގޮތްކޮޅަކީ މިކަމުން ދިވެހިރާއްޖެ ސަލާމަތްކުރުމުގައި މުހިއްމު ވެގެންވާ ސިފަތަކެއް. އާދެ، އެހެން ކަމުން މި ނުރައްކާތެރި ކަންކަމުން އަރައިގަތުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް އެއްބާރުލުން ދީގެން ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއެކުގައި ޤައުމުގެ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް އަޅުގަނޑު މިމުނާސަބަތުގައި ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރަން. އާދެ! ޤައުމިއްޔަތުގެ އުފަލަކީ އެއްމެންގެ އުފަލެއް. ޤައުމިއްޔަތުގެ ލޯތްބަކީ އެއްމެންގެ ލޯތްބެއް. ޤައުމިއްޔަތު ދިރުވުމަކީ މިޤައުމުގެ ހުރިހާ ރައްޔިތުންގެ ޒިންމާއެއް. އާދެ! އަޅުގަނޑުމެން މި މުނާސަބަތުގައި އެޒިންމާ ހަނދާންކުރުމުން، އެޒިންމާގެ ޒިކްރާ އާކުރުމުން، އަންނަން އޮތްޖީލުތަކަށް، އަޅުގަނޑުމެންގެ ޤައުމު ގެންގޮސްދިނުމުގައި ކޮންމެ ފަރުދެއްމެ އެފަރުދެއްގެ ފުރިހަމަ ޒިންމާ އަދާކުރުމަކީ ޤައުމީދުވަހުގެ މުނާސަބަތުގައި އަޅުގަނޑުމެން އެއްމެން އަޒުމް ކަނޑައަޅަންޖެހޭ ކަމެއް. އާދެ! އަޅުގަނޑުމެންގެ ޤައުމިއްޔަތު ދިރުވާ އާލާކުރުމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ދެއްވާ އިރުޝާދާއި، މަޝްވަރާއަށްޓަކައި އެމަނިކުފާނަށް މި މުނާސަބަތުގައި އަޅުގަނޑު ވަރަށް އިޚްލާސްތެރި ޝުކުރަކާއި މަރުޙަބާ އަރިސްކުރަން. އާދެ! މިރޭ މީގެ ފަހުން ގެންދާނެ މުހިއްމު އެއް އައިޓަކީ ޤައުމީ ތަފާތު އިނާމްތައް ދިނުން ޤައުމީދުވަހުގެ މިމުނާސަބަތަށް، ބަދަލުކުރުމަކީ ދިވެހި ޤައުމިއްޔަތަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ އިސްކަމުގެ މުހިއްމު ދަލީލެއް. އާދެ! އަޅުގަނޑު އުއްމީދުކުރަނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރަމުންދާ މަސައްކަތްތަކަށް ﷲ ސުބުޙާނަހޫވަތަޢާލާ ހެޔޮތައުފީޤު މިންވަރުކޮށްދެއްވުން. އަޅުގަނޑުމެންގެ ޤައުމު މިނިވަންކަމާއި އެކު އަބަދަށްލެހެއްޓެވުން. އަޅުގަނޑުމެންނަށް އެކުވެރި ސުލްޙަވެރި މާހައުލެއް މިންވަރުކޮށްދެއްވުން.