"މޯލްޑިވްސް 2.0" ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް އިފްތިތާހް ކުރުން
`
"މޯލްޑިވްސް 2.0" ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅު
(10 ނޮވެމްބަރ 2025)
ﷲ ސުބުޙާނަޙޫ ވަތަޢާލާ އަށް ޙަމްދާއި ޝުކުރުކުރަން. އަޅުގަނޑުމެންގެ މާތް ރަސޫލާ މުޙައްމަދު ﷺ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެ ފާނުގެ އާލު އަޞްޙާބުން ޝާމިލް ކުރަން.
ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ދައުލަތުގެ ވަޒީރުން، ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، އިމިގްރޭޝަންގެ އެންމެހާ އިސް އޮފިސަރުން، ދިވެހި ދައުލަތައް އަގުހުރި ޚިދުމަތް ކޮށްދެއްވާފައިތިއްބެއްވި އެންމެހާ ބޭފުޅުން، ޖަލްސާގެ އެންމެހާ ހާޟިރީން ، އިމިގްރޭޝަންގެ މުވައްޒަފުން، އަދި މި މިޖަލްސާ ދުރާގާތުން ބައްލަވަމުން އަޑު އައްސަވަމުން ބައްލަވަމުންގެންދަވާ އެންމެހާ ރައްޔިތުން.
السلام عليكم ورحمة الله وبركاته.
އާދެ! މޯލްޑިވްސް 2.0 ގެ، ރައީސުގެ އިނީޝިއޭޓިވްގަ އެންމެ ފުރަތަމަ % 100 ކޮމްޕްލައިންޓް އޭޖެންސީން އަކަށް މޯލްޑިވްސް އިމިގްރޭޝަން މިއަދު ވެގެންދާ ދިއުމަކީ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ޑިޖިޓަލައިޒޭޝަން އިސްކުރުމަށް އަދި ޑިޖިޓަލް ޚިދުމަތްތައް ތަޢާރަފް ކުރުމަށް ދެއްވާ އަހައްމިއްޔަތުކަން އިމިގްރޭޝަނުން ބަލައިގެން ޑެލިވަރ ކުރިކަން ފާހަގަ ކުރެވިގެންދާ މުހިންމު ދުވަހެއް މިއަދަކީ. މިކަމަށްޓަކައި މޯލްޑިވްސަ އިމިގްރޭޝަންގެ އެންމެހާ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. އަޅުގަނޑުމެން އެދެނީ ހުރިހާ މުއައްސަސާތަކުންވެސް ރައީސުގެ މި އިނީޝިއޭޓިވްއާ އެއްގޮތަށް އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތް މިޓައިމް ލައިންތެރޭގައި މި މޯލްޑިވްސް 2.0 ގެ އިނީޝިއޭޓުގެ ތެރެއިން ހާސިލް ކުރަންޖެހޭ އެންމެހާ ލަނޑުދަނޑިތައް ހާސިލުކޮށްގެން ކުރިއަށްދާ މަންޒަރު ފެނިގެންދިއުން.
އާދެ! މިއަދު މި ތަޢާރަފް ކުރެވިގެންދާ އެންމެ މުހިންމު އެއް ޚިދުމަތަކީ އިމިގްރޭޝަން އެންފޯސްމަންޓްގެ ޚިދުމަތަށް، އަދި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސިން ހޯދާ އެމީހުންގެ ކަންކަން ހަމަ މަގަށް އެޅުވުމަށް ކުރަމުންދާ މަސައްކަތަށް އިންގިލާބީ ބަދަލެއް ގެނެވިދާނެ އެޕްލިކޭޝަނެއް ތަޢާރަފްކުރުން. އެމްއައި ޗެކަރގެ ނަމުގަ އައިޑީޗެކަރގެ ނަމުގައި މިއަދު މި ތަޢާރަފް ވެގެންދާ އެޕްލިކޭޝަނަކީ އިމިގްރޭޝަންގެ މުވައްޒަފުންނާއި ދިވެހި ފުލުހުންނާއި އަދި ގާނޫނު ތައްފީޒްކުރާ އެހެނިހެން އިދާރާތަކަށް ޚާއްޞަކޮށް ލޭބަރ ރިލޭޝަން އޮތޯރިޓީ ފަދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީފަދަ ތަންތަނަށްވެސް މީގެ އެކްސެސް ދެވިގެންދާނެ އެޕްލިކޭޝަނެއް. ހަމައެއާއެކު ރަށްރަށުގެ ކައުންސިލްތަކުން އެ ރަށްރަށުގަ ތިބޭ ބިދޭސިން މައްސަކަތް ކުރަމުންދާ ސައިޓްތައް މޮނިޓަރ ކުރުމުގައި މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެތަނަށް ގޮސް ބަލާއިރު ވެލިޑް އައިޑެންޓިފިކޭޝަނެއްނެތި މީހުންތިބުން. އެހާލަތުގައި އެމީހުންނަކީ ކޮންބައެއްތޯ ކަށަވަރު ކުރެވޭނެ މަގެއްނެތުން. އަދި އެމީހުން އެތަނުން ދޭމަޢުލޫމާތައް ހަމައެކަނި ބިނާކޮށް ރަށްރަށުގަ ކަންކަން ބެލެހެއްޓުމަށް ކައުންސިލަރުންނަށް ދިމާވަމުންދާ ގޮންޖެހުންތައް. މިހުރިހާ ކަމަކަށް ޑިޖިޓަލް ސޮލިއުޝަނެއް މިއަދު މިލިބިގެން މިދިޔައީ. ހަމައެއާ އެކުގައި އަޅުގަނޑުމެންނަށް ވަރަށް ގިނައިން ދިމާވާ ކަމެއްމީ ބޭސްފަރުވާގެ ޚިދުމަތް ހޯދަންށާއި އަދި ބައެއް ހާލަތްތަކުގައި ނިޔާވެގެން ހޮސްޕިޓަލްތަކަށް ގެންދެވޭ ބިދޭސީންވެސް އައިޑެންޓިފައިކުރުމުގައި އަންނަ ޑިލޭ. އަދި މެޑިކަލް އިންޓަރވެންޝަން ހެދުމަށް ބޭނުންވާ އެންމެ މުހިންމު މަޢުލޫމާތުތައް ލިބުމުގައި ހުންނަ އުނދަގޫތައް މިކަންކަމަށްވެސް ވަގުތުން ވަގުތައް ހައްލު ލިބިގެންދާނެ ސޮލިއުޝަނެއް މިއަދު މިލިބުނީ.
މިމަސައްކަތަކީ އެނގިވަޑައިގަންނަވާނެ މީގެ ދޮޅު އަހަރުދުވަސް ކުރިން ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ލޯންޗްކޮށްދެއްވި މަސައްކަތެއްގެ ނަތީޖާގެ ކަންކަން މި ފެނިގެންދަނީ. ދިވެހިރާއްޖޭގައި ގާވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ހޯމްމިނިސްޓްރީގެ މައްޗަށް ރައީސް ޚާއްޞަ ކުރައްވައިގެން ދެއްވާފައިއޮތް އެއް މިޝަން. މިކަން ހައްލުކުރުމުގައި އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގައި އެއްކަމެއްގެ ގޮތުގައި އަޅުގަނޑުމެން މިގެންދަނީ "އޮޕަރޭޝަން ކުރނގީ" ގެ ނަމުގައު އޮޕަރޭޝަނެއް ހިންގަމުން. މިއޮފަރޭޝަނުގައި މިހާރު ގާތްގަނޑަކަށް އެއްލައްކަ ނުވަދިހަ ހާހެއްހާ މީހުން އަޅުގަނޑުމެން ވާނީ ބަޔޯ މެޓްރިކްސްނަގާ ސިސްޓަމްތައް އަޕްޑޭޓްކޮށްފަ. މި މަސައްކަތުގެ އަސްލު ނަތީޖާއަކީ މީގެ ދެވަނަ ފޭސްއަށް ދާއިރު ފެންނަކަމެއް. އަސްލު ނަތީޖާ ފެނުމަކީ ގަވާއިދާ ޚިލާފަށް މީގެތެރޭގައި ތިބިމީހުން ގަވާއިދުގެ ތެރެއަށް ވެއްދުން. އަދި ނުވެއްދޭ ހިސާބުގައި ތިބި މީހުން ރައްޖޭން ބޭރުކުރުން މިމަސައްކަތަށް މިލިބުނީ ބޮޑު ކުރިއެރުމެއް.
ޑިޖިޓަލައިޒޭޝަންގެ އެއްމެ ބޮޑު އެއް އޮބްޖެކްޓިވް އަކަށް ރައީސް ކަނޑައަޅުއްވާފައި މިވަނީ ޕޭޕަރލެސްކޮށް މުޅިރާއްޖޭގެ އިދާރާތަކުގެ ޚިދުމަތްތައް ރައްޔިތުންނަށް ލިބިގެން ދިއުން. މީގެކުރިން އަޅުގަނޑުމެންގެ އިމިގްރޭޝަނަށް ކުންފުނިތަކުންނާއި ވަކިވަކި ފަރުދުން ބިދޭސީންގެ ޕާސްޕޯޓްތައް ހިފައިގެން އަބަދު އައިސް ކިއޫގަޖެހި ޚިދުމަތް ހޯދަން ތިބޭ މަންޒަރު ފެނިގެންދޭ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބޭ ބިދޭސީން އެމީހުންގެ ޕާސްޕޯޓް އެހެން މީހުންގެ އަތަށް ދޫކޮށް އެޕާސްޕޯޓްތަކުގައި އިމިގްރޭޝަނުން ޖަހަންޖެހޭ ވިސާ ޖެހުމަށްޓަކައި ޕާސްޕޯޓް ދޫކޮށްލަންޖެހޭ.
އަޅުގަނޑުމެނަށް ފެނިފައި އެބހުރި ހިތާމަވެރި ހާދިސާތައް މީގެ ތެރޭގައި ޕާސްޕޯޓްތައް ގެއްލުމާއި އެކިހާދިސާތަކުގައި ޕާސްޕޯޓްތައް ނެތިގެންދިއުން ފަދަ ކަންކަން ދިމާވެފައިވާ މަންޒަރު. އުސޫލެއްގެ ގޮތުން ބަލާއިރު އެމީހާގެ ޕާސްޕޯޓަކީ އެމީހާގެ އަތުން ވަކިވެގެންދާ އެއްޗެއްނޫން. އެހެންމަނަވެސް ނިޒާމު އޮތްގޮތުން އެނޫންގޮތަކަށް މިޚިދުމަތް ދެވޭކަށްނެތް މިއޮތްހާ ދުވަހު. މިއަދު މި ގެނެވޭ ހައްލަކީ މިހުރިހާ ތަކްލީފްތަކަށް ދިވެހިރާއްޖޭގެ ކުންފުނިތަކަށާއި ވަކިވަކި ފަރުދުންނަށް ބިދޭސީން ގެނެސްގެން އެމީހުން ލައްވާ މަސައްކަތް ކުރުވާ މީހުންނަށާއި އަދި އެކިއެކި ކަންކަމުގައި ރާއްޖެއައިސް ދިގުމުއަދަތަށް އައިސްތިބޭ ފަރާތްތަކަށް ވިސާ ހޯދުމަށް މީގެ ކުރިން ވަރަށް ބޮޑަށް މެނުއަލްކޮށް އޮތް ސިސްޓަމެއް އެއްކޮށް އިލެކްޓްރޯނިކް ނިޒާމެއް ތެރެއިން ޑިޖިޓަލް ސަރވިސްއެއްގެ ގޮތަށް ދެވިގެން އަންނަ ދުވަސް މިއަދަކީ. މިކަން އެންވިޝަން ކުރެއްވީ ރައްޖޭގެ ޢިއްޒަތްތެރި ރަޢީސުލްޖުމްހޫރިއްޔާ.
އަޅުގަނޑުމެން ހަނދާންވޭ 2024 ވަނަ އަހަރުގެ ކުރީކޮޅުގައި ވިސާ ސްޓިކަރތައް ހުސްވާ ހިސާބަށް ގޮސްގެން އަލުން އޯޑަރކުރަން އަޅުގަނޑުމެން ރިކުއެސްޓްކުރި ދުވަސް. މިކަމާ ގުޅިގެން ބޭއްވުނު ޑިސްކަޝަނަށް ފަހުގައި ޢިއްޒަތްތެރި ރަޢީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިޚިދުމަތް ޑިޖިޓަލްކޮށްދެވޭނެގޮތެއް ހޯއްދަވާށޭ. އަދި މީ މިސަރައްހަދުގައިވެސް މިގޮތަށް ކުރާކަމެއްނޫން އެހެންނަމަވެސް ދިވެހިރާއްޖޭ މިވެގެންދަނީ މިއަދު މިސަރަހައްދުގަވެސް 100% އީ- ވިސާ ދޭން ފަށާ ފުތަރަތަމަ ގައުމަށް. މިކަމުން މި ދޭހަކޮށްދެނީ ލީޑަރެއްގެ ވިޝަން. އެވިޝަން ހުރެގެން އެބޭފުޅެއްގެ ދަށުން މަސައްކަތް ކުރަން ތިބޭ މީހުން ލައްވާ މިފަދަކަންކަން ކުރެވިދާނެކަން. އަޅުގަނޑުމެންގެ ރަޢީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ދައްކަވަނީ ކޮންމެ ދުވަހަކުވެސް މިމަގު. އަޅުގަނޑުމެންނަށް ހާސިލުވެވޭނެކަމުގެ ޔަގީންކަމާއެކުގައި ރައީސް އެދެއްވާ ޑައިރެކްޝަންސްތައް އަޅުގަނޑުމެންނަށް ދެއްވަނީ. އިރާދަކުރައްވައިގެން އިމިގްރޭޝަންގެ ހީވާގި ޓީމެއްގެ ވަރަށް ބުރަ މަސައްކަތުން އަދި ކަމިޝަނަރ ޖެނެރަލްގެ ވަރަށް ބުރަ މަސައްކަތުން ހާސިލްކުރެވުނު ލަނޑުދަނޑިއެއް މި ލަނޑުދނަޑިއަކީ. މިކަމަށް ޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށާއި އަދި މުޅިޓީމަށް ވަރަށް ބޮޑަށް މަރުޙަބާއި ޝުކުރުދަންނަވަން.
ޢިއްޒަތްރެރި ރައީސް. އަޅުގަނޑުމެން އިމިގްރޭޝަންގެ ޓީމަކީ 24 ގަޑިއިރު ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މަސައްކަތް ކުރަމުންއަންނަ އެއް އިދާރާ. މި އިދާރާގެ ހުރިހާ މުވައްޒަފުންނަކީ ރެއާދުވާލު ވަރުބަލިކަމެއް ނެތި މި މިޝަން ހާސިލުކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ފަރާތްތަކެއް. ރައީސް ދުވަހުން ދުވަހަށް ދެއްވާ އިރުޝާދުތައް އޭގެ އަސްލުގޮތުގައި ހާސިލްކުރުމުގެ މަގު ހޯދުމަކީ މިބޭފޫޅުން ކޮންމެދުވަހަކުމެ ކުރަމުންދާ މަސައްކަތް. މިކަމުގެ ނަތީޖާ މިއަދު މިފެނިގެންދަނީ. އެހެންކަމުން ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރަޢީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ތިޔަ ދެއްވާ އިރުޝާދުފުޅާއި ހަމައެއާއެކުގައި ތި ގެންގުޅުއްވާ ވިޝަން އަދި ވިޝަނަރީ ލިޑަރެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މަގު ދައްކަވަމުންދާ ދެއްކެވުމަށްޓަކައި ޢިއްޒަތްތެރި ރައީސަށް އަދިވެސް އެއްފަހަރު ޝުކުރު އަދާކުރަން.
އިމިގްރޭޝަންގެ ލޮބުވެތި މުވައްޒަފުން. މިއަދަކީ އަނެއްކާވެސް އަޅުގަނޑުމެންނަށް ކާމިޔާބީއެއް ހާސިލުކުރެވުނު ދުވަހެއް. ކޮންމެ ދުވަހަކީވެސް ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި އަދި ހަމައެއާއެކު ރާއްޖެތެރޭގަ އޮންނަ ސަލާމަތީ ހާލަތު ރަނަގަޅު ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރަންޖެހޭ ދުވަސް. ތި ބޭފުޅުން ދިވެހި ފުލުހުންނާއި ކަސްޓަމްސްއާ އިމިގްރޭޝަނާ ގުޅިގެން ކުރައްވާ މަސައްކަތަކީ އޭގެ ނަތީޖާ ދިވެހި ރައްޔިތުންނަށް އިރާދަފުޅުން ފެނިގެންދާ މަސައްކަތެއް. އެކަމަށްޓަކައި ތިޔަ އެންމެހާ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.
2023 ވަނަ އަހަރު ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު އެކިއެކި އިދާރާ ތަކުގެ ދަށުގައިއޮތް ދާޚިލީ ސަލާމަތާއިގުޅޭ ކަންކަން އެކިއިދާރާތަކުން ނުވަތަ ވުޒާރާތަކުގެ ދަށުން ނަންގަވާ އެއްވުޒާރާއެއްގެ ދަށަށް ގެންނަވާ. އަދި ރައީސް ދެކެވަޑައިގަންނަވަން ބޭނުންފުޅުވި އަމާޒެއްއޮތް. އެއަމާޒަކީ ޑްރްގްސްގެ މައްސަލަހައްލު ވެފައިވާ ރާއްޖެއަށް ފެނުމާއި ގޭންގުތަކުގެ މައްސަލަ ހައްލުވެފައިވާ ރާއްޖެއަށް ފެނުމާއި ގަވާއިދާއި ޚިލާފަށް އުޅެމުންދާ ބޭރުމީހުންގެ މައްސަލަ ހައްލުވެފައިވާ ރައްޖެއަށް ފެނުން. އެ ވިޝަން އެހިސާބުން އަސްލު ރައީސަށް ފެނިވަޑައިގަތީ މިގޮތަށް ތަރުތީބުކުރެވިފައި އޮތީމަ، މަސައްކަތްކުރަމުންދާ މާހައުލުގަ ރަނގަޅުކުރަންޖެހޭ ކަންކަން ފަސޭހަ ކަމާއެކު ރަނަގަޅުވެގެންދާކަން. މީ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިހާތަނަށް ދިވެހިރާއްޖޭގައި ފެނިފަނުވާ ވަރަށް މިލޯއެންފޯސްމަންޓް އެޖެންސީތަކުގެ ގުޅުން ރަނަގަޅުވެފަ ޚިދުމަތުގަ އެއްކޮށް މަސައްކަތް ކުރަމުންދާތަން ފެނަނަމުންދަނީ. މީ އަޅުގަނޑުން ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އާންމު މަސްލަހަތެއް ނުވަތަ އާއްމު ސަލާމަތާ ރައްކާތެރިކަން އާއްމު ހާލަތަކަށް އައިސްއަ އޮންނަ ދުވަސްތައް ދެއްކުމަށްޓަކައި ކުރަމުންދާ ބުރަ މަސައްކަތެއް.
އަދިވެސް އެއްފަހަރު ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް އަބަދުމެ ގައިޑް ކޮށްދެއްވަމުން ގެންދަވާ ކަމަށްޓަކައި އަދި ރައީސް ދާޚިލީސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ދެކިވަޑައިގަންނަވާ ވިޝަން ހާސިލުވަމުންދާތީ އެކަމަޓަކައި މަރުޙަބާ ދަންނަވަން. އަދި ހަމައެއާއެކުގައި އަޅުގަނޑުމެންނަށް އަބަދުވެސް ދެއްވާ އިރުޝާދުފުޅަށް ވަރަށް ބޮޑަށް ޝުކުރުއަދާ ކުރަން.
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެން މިކުރާ ބުރަ މަސައްކަތުގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ކާމިޔާބީ މިންވަރު ކުރެއްވުން. އަދި ދިވެހިރާއްޖެއަކީ އަބަދުމެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުވެފައިވާ ގައުމެއްގެ ގޮތުގައި އެކަނލާގެ ލެހެއްޓެވުން.
ކުރިއަށް ދިވެހި ގައުމު.
والسلام عليكم ورحمة الله وبركاته.