"މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޯރމޭޝަން ސަމިޓް ނިންމުމުގެ ރަސްމިއްޔާތު
`
"މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޯރމޭޝަން ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅު
(11 މެއި 2025)
ގަދަކީރިތިވަންތަ މާތްﷲ ސުބުޙާނަޙޫ ވަތަޢާލާ އަށް ޙަމްދާއި ޝުކުރުކުރަން. އެކަނލާގެ މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެ ފާނުގެ އާލު އަޞްޙާބުން ޝާމިލް ކުރަން.
ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް، ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާން، ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް، ދައުލަތުގެ ވަޒީރުން، ބޭރު ދައުލަތްތަކުގެ ސަފީރުން، ކުންފުނިތަކާއި ، މިނިވަން މުއައްސަސާތަކުގެ އިސްވެރިން، "މޯޑިވްސް 2.0" ސަމިޓުގެ އެންމެހައި ބައިވެރިން، މި ރަސްމިއްޔާތު ބައްލަވަމުންގެންދަވާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން.
السلام عليكم ورحمة الله وبركاته.
"މޯލްޑިވްސް 2.0" ގެ ސިޔާސަތު އަދި ދިވެހިރާއްޖެ ޑިޖިޓަލީ ޓްރާންސްފޯމް ކުރުމަށް ފެށިގެންދާ ބޮޑު މަޝްރޫޢު ފަށްޓަވައި ދެއްވުމަށާއި އަދި މިކަމުގެ ކިކްއޮފް އިވެންޓް ކަމުގައިވާ "މޯލްޑިވްސް 2.0" ފަށްޓަވައި ދެއްވުމަށްވެސް ވަޑައިގެން ހަމަ މިސަމިޓް ނިންމާ ރަސްމިއްޔާތަށް ދިވެހި ރައްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން ދެއްވިކަމީ އެމަނިކުފާނަށް މި ސިޔާސަތުގެ މުހިންމުކަން ބޮޑުކަން ދައްކުވައިދޭކަމެއް. "ދިވެހިރާއްޖެ 2.0" އަށް ޓްރާންސްފޯމް ކުރެއްވުމަށް ދެއްވާ އިސްކަމާއި މިކަމުން ދިވެހިންނަށް ލިބިގެންދާނެ ފައިދާގެ ބޮޑުކަން އެމަނިކުފާނު ތަސައްވަރު ކުރައްވާކަން. މިކަމަށްޓަކައި "މޯލްޑިވްސް 2.0" ގެ ކަންކަން ރާވާ ހިންގަވާ ޓީމުގެ ހުރިހާ މެމްބަރުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ހޫނު މަރުހަބާއަކާއި ޝުކުރެއް ދަންނަވަން. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އަދި އަޅުގަނޑުމެންގެ ދަޢުވަތު ގަބޫލުކުރައްވައި މި ޤައުމީ މަސައްކަތުގައި ބައިވެރިވެވަޑައިގެން، ދެއްވާ އެއްބާރުލެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރަށް ވަރަށް ހޫނު މަރުހަބާއަކާއި ޝުކުރެއް ދަންނަވަން.
އާދެ! 17 ނޮވެމްބަރ 2023 ވީ ދުވަހާއި ހަމައަށް ނިމިގެންދިޔަ 5 އަހަރު ރައްޖޭގައި ވެރިކަން ކުރެއްވި ސަރުކާރުގެ އިސްވެރިން ގަބޫލުކުރައްވާ ގޮތުގައި އޭރު ރާއްޖެ އޮތީ އެންމެ ޒަމާނީ ޓެކްނޮލަޖީގެ އެހީގައި ޑިޖިޓަލީ ޓްރާންސްފޯމްވެ ނިމިފައި އެބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ސަރުކާރުގެ ހިންގުމަށާއި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދެންކުރަން ބާކީ އޮތީ އެންމެ ކަމެއް. އެއީ އީ ވޯޓިންގ ނުވަތަ އިލެކްޓްރޯނިކް ވޯޓިންގ ނުވަތަ ޑިޖިޓަލް ސިސްޓަމްތައް މެދުވެރިކޮށް އިންތިޚާބުތަކުގައި ރައްޔިތުންގެ ނިންމުންތައް ނިންމެވުން. އެބޭފުޅުންގެ ވާހަކަފުޅުތަކުން އަޅުގަނޑަށް ދޭހަވަނީ އެބޭފުޅުންނަށް އިތުރު ފުރުސަތެއް ލިބިވަޑައިގެންނެވިނަމަ އެކަން ކުރައްވަން ތިއްބެވީ ނިންމަވައިގެން ކަމަށް. މިހެން ދަންނަވަން މިޖެހުނީ ރައީސް ޑރ. މުއިޒުގެ "މޯލްޑިވްސް 2.0" ގެ ސިޔާސަތު އިއުލާން ކުރެއްވި ދުވަހުން ފެށިގެން އަދި މި ސަމިޓް ފަށްޓަވައި ދެއްވި ރަސްމިއްޔާތަށް ފަހުގައި އޭރުގެ އެކި ވަޒީރުން "މޯލްޑިވްސް 2.0" ގެ މަގުޞަދަކީ ރާއްޖެއަށް އީ ވޯޓިންގ ތަޢާރަފްކުރުން ކަމުގައި ދަންނަވަމުންދާތީ.
ދަންނަވަންތޯ، އަޅުގަނޑު ރައީސް އަރިހުގައި މިއަހަރު ކުރީކޮޅު އެސްޓޯނިއާ އަށް ދިޔައިން. އެދަތުރުގައި އެގައުމުން ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކާއި ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކުގެ ވަރަށް ތަފްސީލީ މަޢުލޫމާތު ދެއްވި. މީގެ ތެރޭގައި އެބޭފުޅުން މިހާރު އެގައުމުގައި އިންތިޚާބު ތަކުގައި އާއްމު އުސޫލުން އަޅުގަނޑުމެން މިލާގޮތަށް ވޯޓް ކަރުދާސްކޮޅު ބޭނުންކޮށްގެން ވޯޓްލުމުގެ އިތުރުން ބޭނުންވާ ފަރާތްތަކަށް ޑިޖިޓަލް ސިސްޓަމުތައް ބޭނުންކޮށްގެން ވޯޓްލުމުގެ ފުރުސަތު ދެއްވާ ވާހަކަ ވިދާޅުވި. ހަމަ އެވަގުތު އަޅުގަނޑާއި ދެންތިއްބެވި ވަޒީރުންނަށް ރައީސް ވިދާޅުވީ އަޅުގަނޑުމެން މިހުރިހާ ކަމެއް މިގޮތަށް ކުރަންވާނެޔޭ. ނަމަވެސް ވޯޓްލާގޮތް ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ގެންގުޅެގެންނުވާނެ ކަމަށާއި އަޅުގަނޑުމެން މިހާރުވެސް ވޯޓްލަނީ ވަރަށް ދެފުށް ފެންނަ އަދި ފުރިހަމަ ނިޒާމަކުން ކަމަށާއި ދެންވެސް ކުރިއަށް ދާންވާނީ އެގޮތަށްކަމަށް ރައީސް ގަބޫލުފުޅު ކުރައްވާ ކަމަށް. އަދި ދަތުރުފުޅަށްފަހު ވަޒީރުންގެ މަޖިލިހުގައިވެސް ހަމަ މިވާހަކަ ވިދާޅުވެ އަދި "މޯލްޑިވްސް 2.0" ސަމިޓް ހުޅުވި ރަސްމިއްޔާތުގައިވެސް އެތާ ތިއްބެވި ބޭފުޅުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް މިވާހަކަފުޅު ތަކުރާރު ކުރެއްވި.
މިހެންވެ މިކަމުގައި ރައީސް ގަބޫލުފުޅު ކުރައްވާގޮތް ރައީސްގެ އިޒުނަފުޅާއެކު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ސާފުކޮށްލަދެން. "މޯލްޑިވްސް 2.0" ގެ އެއްވެސް މަގުސަދެއްގައި އީ ވޯޓިންގއެއް ނޯންނާނެ.
އާދެ! 17 ނޮވެމްބަރ 2023 ގައި ރައީސް ޑރ. މުއިޒް ސަރުކާރާއި ހަވާލުވެ ވަޑައިގެންނެވިއިރު ޑިޖަޓަލައިޒޭޝަންގެ މަސައްކަތްތައް ކުރެވިފައިހުރިވަރު ބަލާލުން ރަނގަޅު. ދައުލަތުގެ ގިނަ އިދާރާތަކުގައި ހުރީ އެތަނަކުން ދެމުންދާ ޚިދުމަތް ޕޯޓަލެއް މެދުވެރިކޮށް އެދޭގޮތަށް ހަދާފައި ނުވަތަ ފޯމުތައް ފުރާ އީމެއިލް މެދުވެރިކޮށް ޚިދުމަތަށް އެދޭގޮތަށް ހަދާފައި. އެއް އިދާރާއަކުން ދޫކުރާ ހުއްދަ ނުވަތަ ދޭ ސެޓްފިކެޓްގެ ކޮޕީ އަނެއް އިދާރާގެ ޕޯޓަލްއަށް އަޕްލޯޑް ކުރަންޖެހޭ. އަދި އެއީ އަސްލެއްތޯ ބެލުމަށް ދެއިދާރާ ދޭތެރޭ އީމެއިލްކޮށް އެތައް ދުވަހެއް ފާއިތުވޭ. ޚިދުމަތަށް އެދުމަށްފަހު ދަންނަމީހާ ނުވަތަ ފައިސާއަށް އަވަސްކޮށްދީފާނެކަމަށް ގަބޫލުކުރެވޭ މީހާ އަށް ގުޅަންޖެހޭ. ދައުލަތުގެ ކޮންމެ އިދާރާއެއްގައި ހުންނަނީ ވަކި ޑޭޓާބޭސްއެއް.
ކޮންމެ އިދާރާއެއްގައި ވަކި ފިޒިކަލް ސާވަރތަކާއި ޑޭޓާސްޓޯކުރާނެ ނިޒާމުތައް ހުންނަނީ ހެދިފަ. މައުލޫމާތު ރިޕީޓްވޭ. ގިނަ ސިސްޓަމްތަކަށް ވަކިވަކިން ޔޫސަރ އެކައުންޓްތައް ހެދިފައިވޭ. އަދި އެކިމީހުން އެކިފަހަރު މި އެކައުންޓްތައް ބޭނުންކުރޭ. ޓްރޭސެބިލިޓީ އަދި ޒިންމާދާރު އޮޑިޓެއް ނުކުރެވޭ. ސިސްޓަމްތަކުގަ ހުރި ޑޭޓާގެ ރައްކާތެރިކަމާއި ސިސްޓަމްތަކުގެ ސްޓެބިލިޓީ އަދި ސެކިއުރިޓީ ގާއިމުކުރެވިފައި ހުރީ އެތަނެއްގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އެވަގުތަކަށް ކުރެވުނު ވަރަކަށް. މުޅި ދައުލަތުގެ ވަކި ސްޓޭންޑާރޑްތަކެއް ނެތް. ކުރުކޮށް ދަންނަވަންޏާ ހުރީ ވަކިވަކި ސައިލޯތަކެއް. ވަކިވަކި ނިޒާމުތަކެއް. އަދި ވަކިވަކި ސިސްޓަމްތަކެއް. މިއީ ޚަރަދުބޮޑު، އުނދަގޫ އަދި ދެފުށް ނުފެންނަ އަދި ސަލާމަތީގޮތުން ބަލިކަށިކޮށް އޮތް ނިޒާމެއް. މިއީ ކޮރަޕްޝަނަށް އާދަޔާ ޚިލާފަށް މަގުފަހިވަގޮތަށް އޮތް ނިޒާމުތަކެއް. މިއީ މިއަދުގެ މިންގަނޑެއްނޫން. މިއީ ޒަމާނަށް ފެތޭ ނިޒާމެއްނޫން.
އާދެ! ރައީސް ޑރ. މުއިޒުގެ "މޯލްޑިވްސް 2.0" ގެ ސިޔާސަތު ގެނެވުނީ ތަންފީޒުކުރަން މިފެށުނީ މިސަބަބުތަކާއި ހެދި. މި ސިޔާސަތު ރައްޔިތުންނަށް އަދި ދިވެހިރާއްޖެއަށް ކޮންމެހެން މުހިންމުވަނީ މިހެންވެ.
"މޯލްޑިވްސް 2.0" ގައި އަޅުގަނޑުމެން ގާއިމުކުރާނީ ދެފުށް ފެންނަ ހާމަކަން ބޮޑު ނިޒާމުތަކެއް. އެއްވެސް ފަރުދެއް ރަށެއް ބާކީނުވާ ޚިދުމަތްދޭ ސިސްޓަމްތަކެއް. ދައުލަތުގެ ހުރިހާ އިދާރާތަކާއި ސިސްޓަމްތައް ގުޅިފައިވާ އެއް މައުލޫމާތެއް ދައުލަތުގެ އިދާރާތަކަށް ތަކުރާރުކޮށް ހުށަހަޅަން ނުޖެހޭ އިންޓަރއޮޕްރަބަލް ޑިޖިޓަލް ވިއުގަތަކެއް. ޚިދުމަތް ހޯދަން އަންނަ ރައްޔިތުމީހާ އިސްކުރާ ޚިދުމަތުގެ ފެންވަރު ރަނގަޅު ފަސޭހަކަމާއި އަވަސްކަމާއެކު ލިބެދޭ އޯގާތެރި ދައުލަތެއްގެ ސިފަ ލިބިފައިވާ ޚިދުމަތްތަކެއް. ސަލާމަތީގޮތުން ވަރުގަދަ ބައިނަލް އަގުވާމީ މިންގަނޑުތަކަށް ފެތޭ މިޒަމާނުގެ ޓްރެކާތަކަށް ރެސްޕޮންޑް ކުރެވޭ ސައިބަރ ސެކިއުރިޓީ ޔަގީންކުރެވޭ ނިޒާމެއް. އަދި ޒިއްމާދާރުކަމާއެކު ނަތީޖާ ނެރެވޭ ޚަރަދުކުޑަ، މަސައްކަތްކުރާ މުވައްޒަފުންނަށް ފްލެކްސިބަލް ޚިދުމަތުގެ ނިޒާމެއް.
އެއް ޑިޖިޓަލް އައިޑީ އަކުން އޮތެންޓިކޭޓްކުރެވި ޓްރާންސެކްޝަންތަކުގެ އިތުބާރު ގާއިމުކުރެވިފައިވާ ޑިޖިޓަލް ފަސްޓް ގައުމެއް. އާދެ! މިއީ "މޯލްޑިވްސް 2.0". މިއީ ރައީސް ޑރ. މުއިއްޒު ދިވެހި ރައްޔިތުންނަށް ގެނެސްދެއްވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން. މީގެ އެއްވެސް ހިސާބަކު އީވޯޓިންގެ ވާހަކައެއް ފާޅުގައިވެސް ފޮރުވިފައިވެސް ނޯންނާނެ.
އާދެ! "މޯލްޑިވްސް 2.0" ސަމިޓަކީ ދައުލަތުގެ ހުރިހާ އިދާރާތަކުން ވަރަށް ގިނަ ވަގުތު ހޭދަކުރައްވައިގެން ވަރަށް ކާމިޔާބުކަމާއިއެކު ބޭއްވިގެންދިޔަ ސަމިޓެއް. މިގޮތުން ސަމިޓުގެ މަސައްކަތްތައް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ސްޓޭޓް މިނިސްޓަރ ޑރ. ކިނާނަތާއި، ރައީސުލްޖުމްހޫރިއްޔާގެ ޑިޖިޓަލް ސްޓަރެޓެޖިސްޓް އަލްފާޟިލް ސިޔާހް ޚަލީލް އަދި ޓްރޭޑްނެޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ ސަޢީދާ ޢުމަރާއި މިނިސްޓްރީ އަދި އެންސީއައިޓީ އާއި ޓްރޭޑްނެޓްގެ އެންމެހާ ހީވާގި މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ސަމިޓުގައި ޕްރެޒެންޓޭޝަންތައް ދެއްވި އެކްސްޕާޓުން އަދި ޕެނެލިސްޓުންނަސްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި މި މަސައްކަތް އިތުރަށް ފުރިހަމަ ވެގެންދިޔައީ އެސްޓޯނިއާގެ އެކްސްޕާޓުންގެ ޓީމަކުން ވެދެއްވި ފަންނީ ވަރަށް ބޮޑު އެހީތެރިކަމާއިއެކު. އެހެންކަމުން އެބޭފުޅުންނާއި މުޚާތަބުކޮށް އިނގިރޭސިބަހުން އެއްޗެއް ދަންނަވާލާނަން.
On Behalf of the President of the Maldives I would like to thank the President and Government of Estonia for facilitating us in getting the team of experts to the Maldives in support of Maldives 2.0. Special thanks to Mr. Linar Vik, Ms. Jana Krimpe, Ms. Kedi Valba and Ms. Elsa Neeme for Spending a whole week with our team and sharing your experiences and expertise with the participants of the summit and the team of local experts working on Maldives 2.0.
އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު މިރަސްމިއްޔާތަށް ވަޑައިގެން މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑުމެންގެ މުޅި ޓީމުގެ ނަމުގައި އިޚްލާޞްތެރި ކަމާއެކު ޝުކުރު ދަންނަވަން.
والسلام عليكم ورحمة الله وبركاته.