"މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޯރމޭޝަން ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތު
`
"މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޯރމޭޝަން ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅު
(09 މެއި 2025)
ﷲ ސުބުޙާނަޙޫ ވަތަޢާލާ އަށް ޙަމްދާއި ޝުކުރުކުރަން. އެކަނލާގެ މާތް ރަސޫލާ މުޙައްމަދު ﷺ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެ ފާނުގެ އާލު އަޞްޙާބުން ޝާމިލް ކުރަން.
ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް، ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު މުއުތަސިމް އަދުނާން، އެސްޓޯނިޔާގެ ރައީސްގެ ޑިޖިޓަލް ކައުންސިލް މެންބަރ އަދި އީގަވަރނަންސް އެކަޑަމީގެ ފައުންޑަރ މރ. ލިނާރު ވިކް، ދައުލަތުގެ ވަޒީރުން، ބޭރު ދައުލަތްތަކުގެ ސަފީރުން، ވަޑައިގެން ތިއްބެއްވި އެންމެހާ ޢިއްޒަތްތެރިން، އަދި މި ރަސްމިއްޔާތު ބައްލަވަމުންގެންދަވާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން.
السلام عليكم ورحمة الله وبركاته.
"ދިވެހި ރާއްޖޭ 2.0" ނުވަތަ "މޯލްޑިވްސް 2.0" އިފްތިތާހް ކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެން ދެއްވި ކަމަށްޓަކައި ތިޔަ އެންމެހާ ބޭފުޅުންނަށް މަރުހަބާއާއި ޝުކުރު ދަންނަވަން. ވަކިން ޚާއްޞަކޮށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މި ރަސްމިއްޔާތަށް ވަޑައިގެން ދެއްވިކަމީ ދިވެހިރާއްޖެ އަށްޓަކައި އެމަނިކުފާނު ގެންގުޅުއްވާ ޑިޖިޓަލައިޒޭޝަންގެ ސިޔާސަތު ތަންފީޛް ކުރުމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުކަން ދައްކަވައިދޭ ކަމެއް. މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ހޫނު މަރުހަބާއަކާއި ޝުކުރެއް ދަންނަވަން.
"މޯލްޑިވްސް 2.0" އަކީ މުޅި ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހިމެނޭހެން އަދި ދައުލަތުގެ ތިން ބާރުވެސް ފުރިހަމައަށް ބައިވެރިވާގޮތަށް ފަރުމާ ކުރެވިގެން ކުރިއަށް ގެންދެވޭ ސިޔާސަތެއް. މިއަދުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ބައިވެރިވެވަޑައިގެން ދެއްވާކަމީ ދައުލަތުގެ ތިންބާރު އެއްކޮށް މިކަމުގައި މަސައްކަތް ކުރަމުންދާނެކަމުގެ އަލިގަދަ ހެއްކެއް. މިކަމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ ޢިއްޒަތްތެރި ރައީސް އަށާއި އުއްތަމަ ފަނޑިޔާރަށް ވަރަށް ބޮޑަށް މަރުޙަބާއާއި ޝުކުރު ދަންނަވަން.
ދިވެހިރާއްޖެ އިންގިލާބި ގޮތުން ޑިޖިޓަލައިޒް ކުރުމަށް އަދި އިންގިލާބީ ބަދަލުތަކެއް ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ރާއްޖެއަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ މިވަނީ ސިޔާސަތެއް ކަނޑައަޅުއްވާފަ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެގެވުމާއެކު އެކުލަވާލެވުނު އަދި ދުނިޔޭގެ މިދާއިރާގައި ކާމިޔާބު ހާޞިލްކޮށްފައިވާ ގައުމުތަކުގެ ފަންނީ ލަފާގެ މަތިން އަދި މި ދިވެހިރާއްޖޭގައި ތިބި މިދާއިރާގެ ފުންނާބުއުސް މާހިރުންގެ މަސައްކަތް ޕުޅާއެކު އެކުލަވާލެވުނު ސިޔާސަތު މިއަދު މި ތަންފީޒް ކުރަން ފެށިގެންދަނީ. މިރޭ މިސިޔާސަތު ތަންފީޒް ކުރަން ފަށާއިރު ދައުލަތުގެ ހުރިހާ އިދާރާތަކާއި ވުޒާރާތައް ހިމެނޭހެން "މޯލްޑިވްސް 2.0" ސަމިޓް މާދަމާ ފެށިގެން ދެ ދުވަހުގެ ނިޔަލަށް މި ވެނިއުގަ ކުރިއަށްދާނެ. މި ސަމިޓުގައި "މޯލްޑިވްސް 2.0" ގެ ދަށުން ރާއްޖެ ޑިޖިޓަލީ ޓްރާންސްފޯމް ވެގެންދާނެގޮތް ފުޅާދާއިރާއެއްގައި ބަހުސުކުރެވި ހުރިހާ އިދާރާތަކުން އެއްބަސްވާ ކަންކަން ނިމިގެންދާނެ އަދި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާ އެއްބަސްވެވިގެންދާނެ.
މާތްﷲގެ އިރާދަފުޅާއެކު ރައީސް ޑރ. މުޢިއްޒުގެ ޑިޖިޓަލައިޒޭޝަންގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ފެށިގެންދާނެ. މުޅި މަސައްކަތް ކުރިއަށް ގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޗެއަރ ކުރައްވާ މިދާއިރާގެ އެކްސްޕާޓުން ހިމެނޭ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ކައުންސިލްގެ ބެއްލެވުމުގެ ދަށުން.
މިސިޔާސަތު އެކުލަވާލާ ތަންފީޒްކުރުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލަޖީ އާއި އެންސީއައިޓީއާއި ޓްރޭޑް ނެޓްގެ އެންމެހާ ފަންނީ މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރަން.
އަދި މިހަފްލާގައި އަޅުގަނޑުމެންނަށް އެހީތެރިވަމުން ގެންދަވާ ބޭރުގެ ބައެއް ފަރާތްތައް ތިއްބެވުމާއެކު އެބޭފުޅުންނާ މުޚާޠަބުކޮށް އިނގިރޭސިބަހުން އެއްޗެއް ދަންނަވާލުމުގެ އިޒުނައަށް ދަންނަވަން.
I would like to express our gratitude to the team of experts from Estonia present here this evening, your valuable insights, professional consultations and input to this summit would help us pave our way forward more effectively in our digitalization journey. On behalf of the president, I thank you for the long hours of consultation and input you have provided to us. Special appreciation for Mr. Linar Vik, Member of Digital Council in the Office of President of Estonia and Co-founder of E-governances Academy for committing the time to visit the Maldives and guide our team in making Maldives 2.0 a success, thank you Mr Linar.
އާދެ! އަދިވެސް އެއްފަހަރު މިހަފްލާއަށް ވަޑައިގެން ދެއްވި ކަމަށްޓަކައި ތިޔަ އެންމެހާ ޢިއްޒަތް ތެރިންނަށް މަރުހަބާ އާއި ޝުކުރު ދަންނަވަން. އަޅުގަނޑުގެ ދުޢާއަކީ މިރޭ މި ތަޢާރަފް ކުރެވިގެންދާ މޯލްޑިވްސް 2.0 ގެ ސިޔާސަތާއި މާދަމާ ފެށިގެންމިދާ ސަމިޓް ކާމިޔާބުކަމާއެކު ތަންފީޒް ކުރެވިގެންގޮސް މިރާއްޖެއަކީ ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން އެންމެ ކުރިއަރާފައިވާ ގައުމެއްގެ ގޮތުގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ލެއްވުމުގެ ހެޔޮ ތަޢުފީޤް މިންވަރުކޮށް ދެއްވުން.
والسلام عليكم ورحمة الله وبركاته.