ނާރެސް އިފްތިތާޙް ކުރުމާއި އޮޕަރޭޝަން ކުރަނގި ފޭސް 2 ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ޓެކްނޯލޮޖީ ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅު

`

ނާރެސް އިފްތިތާޙް ކުރުމާއި އޮޕަރޭޝަން ކުރަނގި ފޭސް 2 ފެށުމުގެ ރަސްމިއްޔާތުގައި  މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ޓެކްނޯލޮޖީ ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅު

 (19 ޖުލައި 2024)

 

 

ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ޙަމްދާ ޝުކުރުކުރަން. އަޅުގަނޑުމެންގެ ރަސޫލާ މުޙައްމަދު އަށް ޞަލަވާތާ ސަލާމް ލެއްވުމަށް އެދި ދުޢާކުރަން. މިޞަލަވާތާ ސަލާމުގައި އެކަލޭގެފާނުންގެ އާލުއަސްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފު، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސު، ބޭރުގެ ދައުލަތްތަކުގެ ސަފިރުން، ވަޑައިގެން ދެއްވި އެންމެހާ ޢިއްޒަތްތެރިން، ކައުންސިލްތަކުގެ އެންމެހާ މެމްބަރުން، ހޯމްޓީމުގެ އެންމެހާ މެމްބަރުން،ރައްޖޭގެ ލޮބުވެތި ރައްޔިތުން.

السلام عليكم ورحمة الله وبركاته. 

އާދެ! ރައީސުލްޖުމްހޫރިޔާ މިރަސްމިއްޔާތަށް ވަޑައިގެން އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބައިވެރިވެ ވަޑައިގަތުމަކީ އަޅުގަޏޑުމެނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. އެކަމަށްޓކައި ރައީސުލްޖުމްހޫރިއްޔާއަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރަން. ރަޢީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމަށްފަހުގައި މިހޯމްޓީމަށް ދެއްވި ވަރަށް ބޮޑު ޒިންމާތަކެއް އެބަހުރި. އޭގެ ތެރޭގައި ދިވެހިރާއްޖެ މަސްތުވާ ތަކެތީގެ ވަބާއިން އެއްކޮށް ސަލާމަތް ކުރުމާ ދިވެހިރާއްޖޭގައި ގޭންގު ހަދައިގެން ކުށްތައް ކުރުމުން ދިވެހިރާއްޖޭ ސަލާމަތް ކުރުމާ އަދި ހަމައެއާއެކު ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ރައީސުގެ އެންމެ މުހިންމު ތިން މަސައްކަތްކަމަށް އަޅުގަނޑުމެންނާ ހަވާލުކުރެވިފައިވާ މަސައްކަތް. މިގޮތުން މިމަސައްކަތް ފުރިހަމަ ކުރުމަށްޓަކައި ދިވެހިރާއްޖޭގައި އަލަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީއެއް ހައްދަވާ މިމިނިސްޓްރީގެ އަނބުރެއްލާގެ ދަށުން މިކަމާ ގުޅޭ ހުރިހާ އިދާރާތަކެއް ގެންނަވާ މަސައްކަތްތަށް ތަރުތީބު ކުރެއްވި. އެކުރެއްވި ހިސާބުން ފެށިގެން އަޅުގަނޑުމެނަށް ފަސޭހަކަމާއެކު މަސައްކަތް ކުރެވޭނެ މަގުތައް ކޮށިގެންދިޔަ. މިގޮތުން މިރޭ މި ލޯންޗްކުރެވުނު އެޕް ނުވަތަ ނާރެސްއަކީ ރައްޔިތުންނާ ގާތުން މިދެންނެވި މަސައްކަތްތައް ކުރުމަށް އަޅުގަނޑުމެންނަށް މަގުފަހިވެގެންދާނެ އެޕްލިކޭޝަނެއް.

ފުރަތަމަކަމަކަށް އެޕްލިކޭޝަންގެ ޒަރީއްޔާއިން އައިޑީކާޑުތަކަށް މިހާރު އޮންލައިކޮށް އަމިއްލައަށް އެޕްލައި ނުކުރެވޭ ބޭފުޅުންނަށް ރަށްރަށުގަ ތިބެގެން ފަސޭހަކަމާއެކު ކާޑަށް އެޕްލައިކުރެވޭނެ މަގު ހުޅުވިގެން ދާނެ. އަޅުގަނޑުމެން ކުރީގަ އީފާސް މެދުވެރިކޮށް އޮންލައިކޮށް އައިޑީކާޑަށް އަމިއްލަ ނަފުސު ބޭނުންކޮއްގެން ނުވަތަ އަމިއްލަ ނަފުސަށް ހެދިފައިވާ ޔޫޒަރ އައިޑީ ޕާސްވޯޑް ބޭނުންކޮށްގެން އައިޑިކާޑަށް އެޕްލައި ކުރަމުން އަންނަނީ. އެހެންނަމަވެސް އުމުރުން ދުވަސްވީ ފަރާތްތަކާ އިންޓަރނެޓަށް އެކްސަސް ނުލިބޭ ފަރާތްތަކަށް މިއީ ފަސޭހަކަމެއްނޫން. އަޅުގަނޑުމެން މި ގެޕް ފިލްކޮށް ކައުންސިލްތަކާ ސީދާ ގުޅާލުމުން މިފުރުޞަތު ލިބިގެންދަނީ އެފަދަ ބޭބޭފުޅުންނަށް ފަސޭހަކަމާއެކު ރަށުގަ ތިބެގެން އައިޑޑީކާޑަށް އެޕްލައި ކޮށްލެވޭނެ ފުރުޞަތު.

ދެވަނަކަމަކަށް އެއައިޑީކާޑުގެ ސްޓޭޓަސް ނޭގި އަޅުގަނޑުމެން މިމަސައްކަތާ ހަވާލުވި އިރުގައި ގާތްގަނޑަކަށް 3348 އައިޑީކާޑު ޕެންޑިގަ ޚިދުމަތަށް އެދިފަ ޕްރިންޓް ނުކުރެވިއޮތް. އުފަލާއެކު ފާހަގަ ކުރަން ބޭނުންވަނީ މިހާރު އަޅުގަނޑުމެންނަށް ޕެންޑިންގަ 24 ގަޑިއިރަށްވުރެ ގިނައިރު އައިޑީކާޑެއް ނޮއޮންނާނެކަން. އަޅުގަނޑުމެން މި ދޭންފަށާ ޚިދުމަތުގެ ޒަރީއާއިން އައިޑީކާޑަކަށް އެޕްލައި ކުރާ ރައްޔިތަކަށް މި އެޕް މެދުވެރިކޮށް އެމީހާގެ އައިޑީކާޑުގެ މިހާރުގެ ސްޓޭޓަސްއަކީ ކޮބައިކަން ބަލާލެވޭނެ. ރާއްޖެތެރޭގަ ކިތަންމެ ދުރެއްގަ، ރަށެއްގަ ހުރެގެންވެސް  އެޕްލައި ކުރާ އައިޑީކާޑު މާލޭން ޕްރިންޓް ކުރެވި އެރަށާ ހިސާބަށް ދެވެންދެން މިހާރު އޮތީ ކޮން ހިސާބެއްގަތޯ އެނގިގެންދާނެ. ހަމައެއާއެކު ރަށުގަ ތިބެގެން އައިޑީކާޑު އިޝޫ ކުރެވިގެންދާނެ.

އަޅުގަނޑުމެން މިއަދު މި ދޫކުރި ފިންގަރ ޕްރިންޓް މެޝިންތައް ބޭނުންކޮށްގެން ކައުންސިލް ތަކުން އޮޕަރޭޝަން ކުރަނގި ފޭސް 2 ކުރިއަށް ދާއިރުގަ ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން އައިޑެންޓިފައި ކުރުމަށްޓަކައި މުޅިރަށުގަ ތިބޭ ބިދޭސީންގެ ފިންގަރ ޕްރިންޓް ނެގުމުގެ މަސައްކަތް ކުރިއަށްދާނެ. މިގޮތުން ރަށްރަށުގަ ތިބެގެން ބިދޭސީންގެ ފިންގަރ ޕްރިންޓް ނެގުމާއެކު އަޅުގަނޑުމެންގެ ހެދިފައިވާ ސެންޓްރަލް ޑޭޓާބޭސްއަށް މި ޑޭޓާ އަޅުގަނޑުމެން ޕުލް ކުރާނަން. އެއްފަހުގަ ކައުންސިލްތަކަށް އޮޓޯއިން އެސިސްޓަމުގެ  ޒަރީއާއިން ލިބިދޭނެ އެރަށުގަ ތިބި ބިދޭސީންގެ ދަފުތަރު. ބިދޭސީންގެ ދަފުތަރު އެކުލަވާ ލުމަކީ ކައުންސިލްތަކަށް ގާނޫނީގޮތުން ދީފައޮތް ޒިންމާއެއްކަމުގައި ވީނަމަވެސް މިދެންނެވިފަދަ ވަސީލަތްތައް ނެތި މިއޮތްހާދުވަހު މިކަން ކުރުމަށް ތަންކޮޅެއް އުނދަގޫ ކަމަށް އަޅުގަނޑު ފާހަގަކުރަން. ބައެއް ރަށްރަށުގަ ކައުންސިލް ތަކުން އެބަ ބަލަހައްޓަވާ ދަފުތަރު. އެއީ ސަތޭކަ ދުއިސައްތަ ވަރަކަށް މީހުން ތިބެންޏާ. އެހެން ނަމަވެސް ހާހުން ދެހާހުން ބިދޭސީން ތިބި ރަށްރަށުގަ މިކަން ކުރުމަކީ ފަސޭހަކަމެއްނޫން. އެކަން އަޅުގަނޑުމެން ގަބޫލުކުރާ ހާލު އޮޕަރޭޝަން ކުރަނގީގެ  2ވަނަ ފޭސް   މިދަނީ މިކަމަށް މަގުފަހިކޮށްދެމުން. ގަވާއިދާ ޚިލާފަށް އުޅެމުންދާ  ބިދޭސީންގެ އަދަދު ކަށަވަރުކޮށް އެއީ ކޮންބައެއްކަން ދެނެގަނެ އެމީހުންނާ ދޭރެތޭގަ އަޅަންޖެހޭ ގާނޫނީ ފިޔަވަޅު، އެއީ ގާނޫނީ އިމުގެ ތެރެއަށް އެމީހުން ގެނައުން ކަމަށް ވިޔަސް އަދި އެމީހުން ރާއްޖޭން ފުރުވާލުން ކަމުގައި ވިއަސް މިކަމަށް މަގު ފަހިވެގެންދާނީ މިހިންގޭ އޮޕަރޭޝަންގެ ޒަރީއްޔާއިން ރާއްޖޭގަ ތިބޭ ބިދޭސީން ސަތޭކަ ޕަސެންޓް ބަޔޯމެޓްރިކަލީ އައިޑެންޓިފައި ކުރެވިގެން.

އަޅުގަނޑުމެންގެ މިހާރު ހެދިފަހުރި ޑޭޓާބޭސްތަކުގަ އެތަކެއް އަހަރުތަކެއްވީ، ސަރުކާރުތަކުން އައިސްއަ ބައެއް ފަރާތްތަކުގެ އިހުމާލުތަކާއެކުގަ. މިއީ ހިތާމައާއެކު ދަންނަވަންޖެހޭ އެއްޗެއް. އެހެން ނަމަވެސް ކަމުގަ ހަގީގަތް ބަޔާންކުރުމަކީ އެކަން އޮތްގޮތްކަން އަޅުގަނޑު ގަބޫލުކުރަން. އިހުމާލުތަކާއެކުގައި އަޅުގަނޑުމެންނަށް އަޅާނުލެވި އޮތްއޮތުން އެއީ މިމައްސަލައަށް މިހާވަރަށް ކޮންޓްރިބިއުޓް ވެފައޮތް ސަބަބަކީ. އަޅުގަނޑުމެން އޮޕަރޭޝަން ކުރަނގީގެ  ފޭސް 1 ގައި މިފެށީ މިކަމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލައި އަދި ބައެއް ރަށްރަށުގަ މިކަން އޮތް ހާލަތު ދެނެގަނެ އެޕްލިކޭޝަންތައް ޑިވެލޮޕްކުރަން.  ފޭސް 2ގެ ޒަރީއްޔާގަ އަޅުގަނޑުމެން މިހާރު ޑިވެލޮޕް ކުރެވިފައިވާ އެޕްލިކޭޝަން ތަކުގެ ސީދާ އެކްސެސް އަޅުގަނޑުމެން ކައުންސިލްތަކަށް ދޭނަން. އޭރުން ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ނުވަތަ ޝައްކު ކުރެވޭ ބީދޭސީއެއްނަމަ ކައުންސިލްގެ މެމްބަރުންގޮސް އެމީހާގެ ފޮޓޯނަގާލާ ހިސާބުން އެ އެޕްލިކޭޝަންގެ ޒަރީއާއިން އެއީ ކާކުކަން، ކީއްކުރާ މީހެއްކަން، ކޮން ކުންފުންޏެއްގެ ނަމުގަ އައިސް އިން މީހެއްކަން،  އެންމެފަހުން ވިސާ ދެއްކީ ކޮންއިރަކުކަން އެނގިގެންދާނެ. ނުވަތަ އެމީހާ ކައުންސިލަށް ހާޟިރުކޮށް އޭނަގެ ފިންގަރ ޕްރިންޓް ނެގުމުންވެސް މިދެންނެވި މަޢުލޫމާތު އެނގިގެންދާނެ.  ހަމައެއާއެކު ލޯއެންފޯސް ކުރުމަށްޓަކައި ފުލުހުން ރަށްރަށުގަ މަސައްކަތް ކުރާއިރުގަ ފުލުހުންވެސް ފޯނުގެ ޒަރީއާއިން ފޮޓޯއެއް ނަގާލުމުން އެމީހާ އައިޑެންޓިފައި ވެގެންދާނެ. މީ އަޅުގަނޑުމެން ފޭސް 1  ގަ ކުރިމަސައްކަތް އަދި ފޭސް 2 ގަ ކައުންސިލްތަކަށް މިބާރުވެރިކަން ދިނުމުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް މީހުން އުޅެމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގަ ފުރަތަމަ ބައި ނިމުނީ. ސަތޭކަ ޕަސެންޓްމީހުން އައިޑީ ކުރުމަށް އަޅުގަނޑުމެން ކަނަޑައަޅާފައި އޮތް ޓައިމް ލައިންނަކީ އެއް އަހަރުދުވަސް. ޖެހިގެން އަންނަ 2 ވަނަ އަހަރާ 3 ވަނަ އަހަރަކީ މިގޮތުން އައިޑެންޓިފައި ކުރެވޭ މީހުން ގާނޫނީ އިމުގެ ތެރެއަށް ގެނައުމުގެ މަސައްކަތް ކުރާނެ ދެއަހަރުދުވަސް. ﷲގެ އިރާދަފުޅާއެކު ރައީސްގެ އިންސްޓްރަކްޝަނާއެކު އަޅުގަނޑުމެން މިމަސައްކަތް ކުރަނީ 3 އަހަރު ތެރޭގައި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އެއްކޮށް ދާއިމީ ހައްލެއް ގެނައުމަށް.

ގާނޫނު ތަންފީޒުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ކޮންމެހެން އަންގަވާފައިވާ މަސައްކަތް. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އެންމެ އިސްކަންދީގެން ކުރަމުންދާނީ ގާނޫނު ތަންފީޒް ކުރުމުގެ މަސައްކަތް. ދިވެހިރާއްޖޭގައި އެނގިވަޑައިގަންނަވާނެ ފުލުހުންނާ ޖަލުތައް ބަލަހައްޓަވާ ފަރާތްތަކާ ކަސްޓަމްސްއާ އަދި އިމިގްރޭޝަން. ޔުނިފޯމްއެޅި ހަތަރު މުއައްސަސާވެގެން ގާނޫނުތައް މިވަގުތު ދަނީ ވަރަށް ބާރަށް ތަންފީޒް ކުރަމުން. މިގޮތުން އިމިގްރޭޝަން ކޮންޓްރޯލާގެ ބެއްލެވުމުގެ ދަށުން އިމިގެރޭޝަނުން އެނގި ވަޑައިގަންނަވާނެ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ، ޚާއްޞަކޮށް ބިދޭސި ވިޔަފާރިކުރާ ތަންތަނަށް މިހާރު ރެއިޑް އޮޕަރޭޝަންތައް ދަނީ ހިންގަމުން. ފުލުހުން ދަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާމީހުނަށް ޚާއްސަކޮށްގެން އޮޕަރޭޝަން ތަކެއް ހިންގަމުން. ގޭންގު ހަދައިގެން ކުށްތައްކުރާ ފަރާތްތަކާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން މިދަނީ ކުރަމުން. މިކަމަށް ދާއިމީ ހައްލު ހޯދުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް އަޅުގަނޑުމެން މިހާރު މިދަނީ ޑްރާފްޓް ކުރަމުން. މާތް ﷲ އިރާދަފުޅާއެކު އަޅުގަނޑުމެން އަމާޒަކީ ކުރިއަށްއޮތް އަހަރެއްހާ ދުވަސްތެރޭގަ މިދެކަންތައްވެސް ހައްލަކަށް ގެނައުން.

ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަކީ ރައީސުލް ޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއް ވަޢުދުފުޅު. އަޅުގަނޑުމެން މިމަސައްކަތް ކުރަނީ މިހޯމްޓީމުގެ ފަރާތުން ދޭ ހުރިހާ ޚިދުމަތަކީވެސް ރައްޔިތުންނާ ވަރަށްގާތުންދެވޭ އަދި ރައްޔިތުން އެދޭ ގޮތަށް ދެމުންދާ ޚިދުމަތަކަށް ހެދުން. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ރަށްރަށުގައި އަދި ސިޓީތަކުގައި އަމާންކަމާއެކު އުޅެވޭނެ މާހައުލެއް ވަރަށް އަވަހަށް ގާއިމުކުރުން. އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހަކީ އިންޑިވިޖުއަލް ވަކި ފަރުދަކު އެއީ އަންހެން ކުއްޖަކަށް ވިއަސް ފިރިހެން ކުއްޖަކަށް ވިއަސް އުމުރުން ދުވަސްވީ މީހަކަށް ވިއަސް އުމުރުން ހަނގު ކުއްޖަކަށް ވިއަސް އެމީހާ ހުންނަ ގެއަކުން ވަކިރަށެއް ވަކި ސިޓީއެއް އިސްތިސްނާ ނުކޮށް ބޭނުންވާ ތަނަކަށް ބޭނުން އިރަކު އެކަނި މާއެކަނި ގޮސް އަނބުރާ އާދެވޭނެ މާހައުލެއް ރާއްޖޭގައި އުފެއްދުން.  އެއީ އަޅުގަނޑުމެންގެ މިޝަން ހާސިލުވާނެ ދުވަސްކަމަށް  އަޅުގަނޑު ގަބޫލުކުރަން. މި މަސައްކަތްތައް ކުރެވެމުން ދާއިރުގައި ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުން އަޅުގަނޑުމެނަށް ލިބިގެންދޭ . މިގޮތުން އަޅުގަނޑުމެންނަށް އެކިއެކި ވުޒާރާތަކުންދޭ އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަކުރަން. ހަމައެއާއެކު ރަށްރަށުގެ ކައުންސިލްތަކުން އަޅުގަނޑުމެނަށް މިހާރު މިދެމުންދާ އެއްބާރުލުމަކީ އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ފާހަގަ ކުރާކަމެއް.

ދިވެހިރާއްޖޭގައި ގާނޫނު ތަންފީޒް ކުރުމަށްޓަކައި އަޅުގަނޑުމެން  އެންމެން މިކުރާ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކީ ކަރަޕްޝަން. އެނގިވަޑައިގަންނަވާނެ ކޮރަޕްޝަންގެ ހާއްޔަކަށް ރާއްޖޭގެ ގިނަ މުއައްސަސާތައް އޮތީވެފަ. ހިތާމައަކީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގަވެސް ހުރި ބައެއް މުއައްސަސާތަކުގައިވެސް މިފަދަ ކަންކަން އޮތްކަން. އެހެންނަމަވެސް ރައީސްގެ ވަރަށް ކުލިއަރ އިންސްޓްރަކްޝަނެއް އަޅުގަނޑުމެންގެ ޒީރޯ ޓޮލަރެންސް އޮތްކަމެއް. އެއީ ޚާއްޞަކޮށް ޔުނިފޯމް އެޅި މުއައްސަސާތަކުގެ ތެރޭގައި މިފަދަ އެއްވެސް ކަމެއްގެ ޒައްރެއްގެ މިންވަރުވެސް ނުބޭއްވުން. އެނގިވަޑައިގަންނަވާނެ ވަރަށް ފަހުން މިކަމާ ގުޅިގެން އަޅުގަނޑުމެން ވާނެ ކަރެކްޝަނަލް ސަރވިސްގެ 18 އޮފިސަރުން. ކުރީގެއޮފިސަރުންނާއެކު ލައިގެން 18 އޮފިސަރުންނާ  ދޭތެރޭގައި މިހާރު ގާނޫނީ ފިޔަވަޅުއަޅަން ފަށާފަ. މިކަމަށް އިސްތިސްނާއެއް ނުވޭ ވަކި މުއައްސަސާއެއް ވަކި ފަރުދެއް. މިމިނިސްޓްރީގެ ދަށުގަ މަސައްކަތްކުރާ ހުރިހާ ބޭފުޅުންނަކީ ނަޒާހަތްތެރިކަމާއެކު މަސައްކަތްކުރާ މީހުންކަން އަޅުގަނޑުމެން ކަށަވަރު ކުރާނަން.

ރައީސުލްޖުމްހޫރިއްޔާއަށާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ އަޅުގަނޑުމެން މިނަޒާހަތްތެރިކަމާއެކު ރައްޔިތުންގެ ޚިދުމަތުގައި ދެމިތިބޭނެކަން. ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްއޮތުމަކީ އަޅުގަނޑުމެން އެންމެން އެދޭ އެދުން.

އަޅުގަނޑުގެ ދުޢާއަކީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން މިކުރާ ބުރަ މަސައކަތުގައި ބަރަކާތް ލެއްވުން އަދި ރާއްޖެއަކީ އަބަދުވެސް އަމާން ގައުމެއްގެ ގޮތުގައި ލެހެއްޓެވުން.

ކުރިއަށް ދިވެހި ގައުމު.

 

والسلام عليكم ورحمة الله وبركاته.