36 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިންގ ނިންމުމުގެ ރަސްމިއްޔާތު

`

36 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިންގ ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ޓެކްނޯލޮޖީ ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅު

(29 މެއި 2024)

 

އިލްމު އުންގެނުމަށް އިންސާނާއަށް ފުރުސަތު ދެއްވެވި ﷲ ސުބްހާނަހޫ ވަތަޢާލާ އަށް ހަމްދާއި ޝުކުރުކުރަން. އިލްމުގެ ލިބިގަނެ އެ އިލްމުގެ ބޭނުން އިންސާނިއްޔަތަށް ޚިދުމަތްކުރުމަށް ބޭނުންކުރުމުގެ ނަމޫނާ ދެއްކެވި މާތް ރަސޫލާ މުޙައްމަދު ސަލަވާތާއި ސަލާމް ލެއްވުންއެދި ދުޢާކުރަން. މި ސަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލުންނާއި އަސްޙާބުން ޝާމިލުކުރަން.

ކަމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު، ސްރީލަންކާގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ދޭޝަބަންދު ތެއްނަކޫން، ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން، ސަރުކާރުގެ އިސްވެރިން، 36 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިންގ ކޯހުގެ މުދައްރިބުން، މިރޭގެ ޝަރަފްވެރިން ކަމުގައިވާ ކޯހުގެ ދަރިވަރުން، މި ކޯހުގެ ދަރިވަރުންގެ އެންމެހާ މައިންބަފައިން އަދި ދުރާއި ގާތުން މި ރަސްމިއްޔާތު ބައްލަވަމުންގެންދަވާ އެއްމެހާ ބޭފުޅުން. އައްސަލާމް އަލައިކުމް ވަރަހްމަތުﷲ ވަބަރަކާތުހޫ.

އިނިޝިއަލް ޓްރެއިނިންގ ކޯހެއް ނިމޭދުވަސް ނުވަތަ ޓްރެއިންޑް ފުލުހަކަށް ވާ ދުވަހަކީ ކޮންމެ ފުލުހެއްގެ ހަޔާތުގަވެސް އަންނަ އެއްމެ މުހިއްމު އެއް ދުވަސް. އަދި ޚިދުމަތުގެ ކުރީކޮޅު ފުލުހަކަށް ލިބިގެންދާނެ އެއްމެބޮޑު ކާމިޔާބީ. މިހެންކަމުން މިރޭ މި ތަމްރީނު ފުރިހަމަކޮށް ފުލުހުންގެ ސަފުތަކާއި ގުޅިގެންދާ ޓްރެއިންޑް ފުލުހުންނަށް  ދިވެހި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ވަރަށް މަރުހަބާ ދަންނަވައި އައްސަރިބަހާއި ސާބަސްދެން.

 އާދެ! ދިވެހި ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އަމާން މާހައުލެއް ހޯދައި ދިނުމަކީ އަދުގެ ސަރުކާރުގެ އެއްމެ މުހިއްމު އެއް އަމާޒު. ކުށް ކުރުން މަދުކޮށް ކުށަށް އަރައިގަންނަ މީހުންގެ މައްސަލަ އަވަހަށް ތަހުޤީގުކޮށް ރައްޔިތުންނަށް އިންސާފް ޤާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިއްމު އެއް ވާޖިބު. މިކަންކަން މިގޮތަށް ކުރުމަށްޓަކައި އެންމެ މުހިއްމު ދައުރެއް އަދާކުރައްވަންވާނީ ދިވެހި ފުލުހުން.

އާދެ! ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުން މިއަދު ދިވެހި ފުލުހުންގެ ފަރާތުން އެދޭ ގިނަކަންކަން އެބަހުރި. ކުރާ ފޮނި އުއްމީދުތަކެއް އެބަހުރި. ރާއްޖެއަކީ މަސްތުވާތަތެތިން އެއްކޮށް ސަލާމަތްވެފައިވާ މުޖުތަމަޢުއަކަށް ހެދުމާއި، ދިވެހި ރާއްޖެއަކީ ގޭންގު ހަދައިގެ ކުށްކުރަމުންދާ ވެށްޓެއްގޮތަށް އޮތް އޮތުން ބަދަލުކުރުމާއި ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބޭރުމީހުންގެ ކަންކަން ޤާނޫނީ އިމަށް ގެނައުމަށް އެހީތެރިވުމަކީ މީގެތެރެއިން އެއްމެ މުހިއްމު ކަންކަން. މިރޭ ތަމްރީނު ފުރިހަމަކޮށް ފުލުހުންގެ ސަފުތަކާއި ގުޅޭ ކުދިންގެ ފަރާތުން އަޅުގަނޑު އެދެނީ މި ދެންނެވި ކަންކަން ކާމިޔާބު ކުރުމަށް ތި ކުދިންގެ ވެރިންގެ އިރުޝާދާއި އެއްގޮތަށް ގަދައަޅައި މަސައްކަތްކޮށްދިނުމަށް.

މި ކަންކަން ވިޔަ ނުދިނުމަށް ދައުލަތުގެ އެތެރެއިންނާއި ބޭރުން އަދި މިކަންކަން ކުރުމުގައި ޝާމިލުވާމީހުންގެ ފަރާތުން ރިޝްވަތު ހުށެހެޅުމާއި، އިންޒާރުދީ ބިރު ދެއްކުމާއި ފުރައްސާރަ ކޮށް ތިކުދިންގެ މަސައްކަތަށް ހުރަސް އެޅުމަށް މަސައްކަތް ކުރާނެ. ތަމްރީނުގެ ބޭނުމަކީ އަދި ފުލުހުންގެ އަޒުމުގެ މަތީގައި ނުގުޑާ ތިބުމަކީ އަދި ކުރާ ހުވަޔާއި އެއްގޮތަށް އަމަލު ކުރުމަކީ މިފަދަ ހުރަސްތަކުގެ ތެރެއިންވެސް އަޅުގަޑުމެންގެ މަޤްސަދުތައް ހާސިލުކުރުން. ތި ކުދިންގެ ފަރާތުން މިކަން މިގޮތަށް ކުރާތަން ފެންނާނެކަމާއިމެދު އަޅުގަނޑު ޝައްކެއް ނުކުރަން.

އަޅުގަނޑު މިއަދު ދިވެހި ރައްޔިތުންނަށް އަދި ދިވެހި ފުލުހުންނަށް ދޭން އޮތް ޔަގީންކަމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ އަދި އަޅުގަނޑު ތިޔަބޭފުޅުން މި މަސައްކަތްތައް ކުރުމަށް މި ޚިދުމަތްތައް ދިވެހި ރައްޔިތުންނަށް ދިނުމަށް ބޭނުންވާ އެއްމެހާ އެހީތެރިކަމާއި އެއްބާރުލުން ދޭނެކަން.

މިރޭ ކޯސް ފުރިހަމަކުރާ ފުލުހުންގެ ލޮބުވެތި ބެލެނިވެރިން. ދަރިއަކު ވިހާ ބޮޑުކޮށް، ތައުލީމާއި ތަރުބިއްޔަތު ދީ، ޤައުމީ ޚިދުމަތައް އެކުއްޖާ ނެރުމަކީ މި ޤައުމަށް ކޮށްދެވޭ އެއްމެ އަގުބޮޑު އެއް ޚިދުމަތް. ތިޔަ މައިންބަފައިން ފަހުރުވެރިވާފަދަ އަދި މި ޤައުމު ފަޚުރުވެރިވާފަދަ ކުދިންނަށް މިކުދިން ވެގެންދާނެކަން އަޅުގަނޑަށް ޔަގީން.

ޚިދުމަތުގައި އެކުދިންނަށް ދިމާވާގޮންޖެހުންތަކުގައި ސާބިތުވެ ތިބުމަށް އަބަދުވެސް ނަސޭހަތްދެއްވައި އެކުދިންގެ ހިތްވަރުކަމުގައި އަބަދުވެސް ތިއްބެވުމަކީ އަޅުގަނޑުއެދޭ އެދުމެއް. ތިޔަ ބޭފުޅުން ތިކޮށްދެއްވި އަގުހުރި ޤައުމީ ޚިދުމަތަށްޓަކައި ރައީސުލްހުމްހޫރިއްޔާގެ ނަންފުޅުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރު ދަންނަވަން.

އާދެ! ޤައުމެއްގެ އިޤްތިސާދީ ތަރައްޤީއާއި ކުރިއެރުމަށް އެއްމެ މުހިއްމު އެއްކަމަކީ އެ ޤައުމެއްގައި އޮންނަ ހަމަޖެހުމާއި އަމަން އަމާންކަން އަދި ސުލްހަވެރިކަމާއި އަދުލު އިންސާފް. މިކަންކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކައި ހަރުދަނާ ފުލުހުންގެ ޚިދުމަތެއް ޤާއިމުވެ އޮތުމަކީ ވަރަށް މުހިއްމުކަމެއް. އިންވެސްޓަރުންގެ ކޮންފިޑެންސް އިތުރުކުރުމާއި ޤައުމަށް އަންނަ ފަތުރުވެރިން އިތުރުވުމަށްޓަކައި ފުލުހުންގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތައް އޭގެ އެއްމެ މަތީ ފަންތީގައި ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އަދި ޚިދުމަތް ދިނުމުގައި އިންސާނީ ކަރާމާތް އިސްކޮށް ދިވެހިރައްޔިތުންނާއި ވީހާވެސް ގާތުން އޯގާތެރިކަމާއި އެކު ޚިދުމަތް ދިނުމަކީ ފުލުހުންގެ އަމާޒަކަށް ވާންވާނެ. މިކަންކަން ކަޝަވަރުކުރުމަށްޓަކައި އަދުގެ ކަމިޝަނަރ އޮފް ޕޮލިސް އަދި އެއްމެހާ ފުލުހުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރަން.

އާދެ! މި ދެންނެވި ފަދަ ގޮތަށް ޚިދުމަތް ދިނުމަށް ޒަމާނީ އަދި މަތީ ފަންތީގެ ތަޢުލީމާއި ތަމްރީނަކީ ވަރަށް މުހިއްމު ކަމެއް. މިއަދު ނިމިގެންދާ ކުދިންނާއި އަދި އެއްމެހާ ފުލުހުންވެސް މަސައްކަތްކުރަންވާނީ އެ ފުލުހަކާއި ހަވާލުކުރެވޭ މަސައްކަތް އެއްމެ ފުރިހަމަގޮތުގައި ކުރުމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު ލިބިގަތުމަށް. މިފަދަ ފުރުސަތުތައް ފުލުހުންނަށް ފަހިކޮށްދީ މިކަމަށް ބާރު އެޅުމަކީ ފުލުހުންގެ ވަޒީރުގެ ހައިސިއްޔަތުން އަޅުގަނޑު އިސްކަންދޭނެކަމެއް.

އާދެ! ތަޢުލީމާއި ތަމްރީނު ދިނުމަކީ ފަސޭހަކަމެއްނޫން. އެއީ އެ މަސައްކަތުގައި ގިނަ ވަގުތު ހޭދަވާ ހަށްޓަށް ބުރަ އަދި އުނަދަގޫ މަސައްކަތެއް. ޚާއްސަކޮށް އިނިޝިއަލް ޓްރެއިނިންގ ކޯހެއްގެ މުދައްރިބުންނަކީ މިކަންކަން އެތައް ގުނައަކަށް އިތުރަށް ތަހައްމަލް ކުރައްވާ ބައެއް. މި ފުރުސަތުގައި 36 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިންގ ކޯހުގެ ބައިވެރިންނަކީ ސިފަވަންތަ އަޚްލާގު ރަނގަޅު ޒަމާނަށް ލޯހުޅުވިފައިވާ ބަޔަކަށް ހެދުމަށް މިކޯހުގެ އެއްމެހާ މުދައްރިބުން ކުރެއްވި ބުރަ މަސައްކަތާއި އަދި ހޭދަކުރެއްވި ގިނަވަގުތަށް ޝުކުރު އަދާކުރަން. ހަމަ އެއާއިއެކު މި ކޯސް ކާމިޔާބު ކޯހަކަށް ހެދުމަށްޓަކައި ކަމިޝަނަރާއި، އެންމެހާ ފުލުހުން އަދި ދައުލަތުގެ މުއައްސަސާތަކުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް އެފަރާތަތަކަށްވެސް ޝުކުރު އަދާކުރަން. 

އަޅުގަނޑުގެ ދުޢާ އަކީ ދިވެހިރާއްޖޭގެ އަމަން ބެލެހެއްޓުމަށްތަކައި ފުލުހުން ކުރަމުންދާ ބުރަ މަސައްކަތުގައި މާތްﷲ ބަރަކާތްލެއްވުން. އަދި މިރޭ ތަމްރީނު ނިމިގެންދާ  ފުލުހުންނަށް ސާބިތުކަން ދެއްވައި މި ޤައުމުގެ ޚިދުމަތުގައި އެކުދިން ކުރާ މަސައްކަތުގައި މާތްﷲ ބަރަކާތްލެއްވުން. ކުރިއަށް ދިވެހި ޤައުމު.

ވައްސަލާމު އަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.