މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮޓޯމޭޓެޑް އެއަރ ކާގޯ ކްލިއަރަންސް ސިސްޓަމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު

`

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮޓޯމޭޓެޑް އެއަރ ކާގޯ ކްލިއަރަންސް ސިސްޓަމް އިފްތިތާހު ކުރުމުގެ  ރަސްމިއްޔާތުގައި  މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ޓެކްނޯލޮޖީ ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅު

(08 ފެބްރުއަރީ 2024)

 

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުޙައްމަދު،  އެމްސީއެލްގެ މެނޭޖިންގ ޑައިރެކްޓަރ، އެމްޕީއެލް މެނޭޖިންގ ޑައިރެކްޓަރ، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރ ، އެމްސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ، ކަސްޓަމްސްގެ ސީނިއަރ އޮފިސަރުން، އަދި ކަސްޓަމްސްގެ އެންމެހާ މުވައްޒަފުން.

السلام عليكم ورحمة الله وبركاته. 

އާދެ! ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ އަދި އަޅުގަނޑުމެންނަށް ދެއްވާފައިވާ ޑައިރެކްޝަނަކީ ރައްޔިތުންނަށް އުދަނގޫ ނުވާގޮތަށް، އަވަހަށް ފަސޭހައިން ގާތުން ޚިދުމަތް  ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދިއުން.  އެގޮތުން ކަސްޓަމްސް އަކީ ގިނަ ރައްޔިތުންނަށް 24 ގަޑިއިރު ޚިދުމަތް ދެމުންދާ މުއައްސަސާއެއް ކަމަށްވާތިވެ މިމުއައްސަސާއިން ދެމުންދާ ޚިދުމަތްތައް މިދެންނެވި ބީދައިން ތަރުތީބުވެގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ދެއްވާފައިވާ މެންޑޭޓުން ހާސިލުވެގެންދާ ދިއުންކަމުގައި އަޅުގަނޑު ގަބޫލުކުރަން. މިއަދުގެ އެޗީވްމެންޓަކީ މިއަދު މިގައުމުގަ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ސްޓޭންޑަޑްކޮށް ދެއްވަން ބޭނުންފުޅުވާ އަވަހަށް ދެއްވަން ބޭނުންފުޅުވާ ޚިދުމަތްތައް އެގޮތުގެ މަތިން ކުރިއަށް ގެންދިއުން. 

ދެދުވަސް ތެރޭގައި ލިބެމުންދާ ޚިދުމަތް، އަޅުގަނޑު ދަންނަވާނީ އެއީ ދަންނަމީހަކު ހުރެގެން ގިނަފަހަރަށް، ނޫނީ ވާނުވާ ވަރަށް ރަނގަޅަށް އެނގޭ މީހަކަށް ދެދުވަސްތެރޭގަވެސް  މިކަން ކުރެވެންހުރީ. އެ ޚިދުމަތް ދެގަޑިއިރުތެރޭގައި ލިބޭގޮތަށް ބައްޓަން ވެގެން ދިއުމަކީ އެއީ އަޅުގަނޑުމެން ދެކެން  ބޭނުންވާ އަސްލު  ތަރައްގިއަކީ. އެއީ ރައްޔިތުންނަށް ދޭންޖެހޭ އަސްލު ޚިދުމަތަކީ. އެއީ އަޅުގަނޑުމެން ޚިދުމަތްދޭ ފަރާތުން ރައްޔިތުން އެދޭ ޚިދުމަތަކީ. އަދި އެއީ ދައުލަތުން މުސާރަ ނަގައިގެން ތިބޭ ދައުލަތުގެ މުވައްޒަފުންގެ ފަރާތުން ރައްޔިތުންއެދޭ އެދުމަކީވެސް.

އެހެންވީމަ މިއަދު މިމަސައްކަތުގަ ތި އެންމެ ބޭފުޅުން ތިކުރެއްވި މަސައްކަތުގެ ކާމިޔާބުގެ ފޮނި މީރުކަން އަޅުގަނޑުމެން ދިވެހި ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދޭ ހިނދު މި މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ފަށްފަށުން ޝުކުރުއަދާކޮށް އައްސަރިބަހާ ސާބަސް ރައްދުކުރަން. އަދި ހަމަ މިނޭވާގަ މިއަދުގެ ކޮމިޝަނަރ ޖެނަރަލް، ރައީސުލްޖުމްހޫރިއްޔާގެ މިވިޝަން ހާސިލުކުރެއްވުމަށް ކެނޑިނޭޅި ތިބޭފުޅުންނާއެކު ކުރައްވަމުން ގެންދަވާ  މަސައްކަތް އަޅުގަނޑު ފާހަގަކުރަން، ކޮމިޝަނަރ ޖެނެރަލްގެ ވަރަށް ގިނަ ވިސްނުންފުޅުތައް އަޅުގަނޑާ ހިއްސާ ކުރައްވާ އަދި ޚާއްޞަކޮށް ޓެކްނޮލަޖީ އެމެންޑް ކުރެވިގެން ރައްޔިތުންނަށް ގާތުން ،އަވަހަށް ޚިދުމަތް ދިނުމަށް ހޯއްދަވާ ޑިސިޝަންތައް ހޯއްދެވުމަށް ކުރައްވާ މަސައްކަތްތައް އަޅުގަނޑު ވަރަށް ފާހަގަކުރާ ކަމެއް. އަޅުގަނޑު އެދޭ އެދުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުންވެސް މި އުސޫލުގެ ތެރެއިން މިމޭރުމުން މަސައްކަތްކޮށްދެއްވުމަށް. އަޅުގަނޑުމެންނަށް ތަހައްމަލެއް ނުކުރެވޭ އާއްމުކޮށް މިސިސްޓަމް ތެރެއިން އަޅުގަނޑުމެނަށް ވާއުނދަގޫ.

ލޯއެންފޯސްމެންޓް އޭޖެންސީއެއްގެ ދައުރަކީ ޤާނޫނީ އިމުގެ ތެރެއިން  ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ދިނުން. އަދި ގާނޫނު ތަންފީޒް ކުރުން. އެއްވެސް ހާލަތެއްގައި ރައްޔިތުންނަށް އުނދަގޫ ކުރުމެއްނޫން. އެހެންވީމަ އަޅުގަނޑުމެން ތާއަބަދު ދޭތެރެދޭތެރެއިން އެބަޖެހޭ އަޅުގަނޑުމެންގެ ޚިދުމަތްތައް ރިވިއުކުރަން. ރިވިއުކުރާއިރުގައި މީމިވަގުތު އިންޑަސްޓްރީގެ އެންމެ އެދެވޭގޮތަށް ދެވޭ ޚިދުމަތެއެއްތޯ ކަށަވަރުކުރަންޖެހޭ . އިންޑަސްޓްރީގައި އާޓެކްނޮލޮޖީއެއް ތަޢާރަފްވެއްޖެތޯ. މިކަން މިއަށްވުރެ ރަނގަޅަށް ކުރާބަޔަކު ދުނިޔޭގަ އެބަތިބިތޯ. ރައްޔިތުންނަށް މިއަށްވުރެ ފަސޭހައިން މިއަށްވުރެ އަވަހަށް މިއަށްވުރެ ގާތުން މިޚިދުމަތް ދެވޭނެ މަގެއް އެބައޮތްތޯ. މީއަބަދު އަޅުގަނޑުމެން ރީއިންޖިނިއަރކޮށް ރީތިންކް ކުރަންޖެހޭ އިޝޫއެއް. އަޅުގަނޑުމެން އަބަދުމެ އޮބްޖެކްޓިވްއަކަށް ނުވަތަ ގޯލްއަކަށް ނުވަތަ އަމާޒަކަށް ވާންވާނީ ރައްޔިތުމިހާ ޚިދުމަތް ހޯދަންއައިސްއަ ފުށުއަރަންޖެހޭ ގޮތަށް ދިމާވާންޖެހޭ ވަގުތު ވީހާވެސް ކުޑަކުރުން. އެވަގުތު ކުޑަ ކުރިވަރަކަށް ނައަންނަން ޖެހޭ ޚިޔާލާ ނައަންނަންޖެހޭ ނުތަނަވަސްކަން ނައަންނާނީ. ގިނަވަގުތު އަޅުގަނޑުމެން ކުރިމަތީ ހޭދަކުރިވަރަކަށް އަޅުގަނޑުމެންނަށް އެފުރަސްޓްރޭޝަން އަންނާނެ. ކޮންމެ ޚިދުމަތެއްވެސް އެޚިދުމަތް ހޯދަން ތިބޭ މީހުނަށް ޚިދުމަތް ލިބިގަންނަން ނަގާ ވަގުތު ޖަސްޓިފައިކުރެވިފަ ތިބެންޖެހޭނީ. އެހެންވީމަ އަބަދުވެސް އަޅުގަނޑުމެން ވާންޖެހޭނެ ޓެކްނޮލަޖީގެ ޒަރީއާއިން ދުނީޔޭގަ ހޯދަމުން އަންނަ ކުރިއެރުންތައް އަޅުގަނޑުމެންގެ ސިސްޓަމުގެ ތެރެއަށް ރިފާ ކޮށްގެން ރައްޔިތުންނަށްދޭ ޚިދުމަތްތަށް އަވަހަށް ފަސޭހަކަމާއެކު ލިބޭތޯ ބައްޓަންކުރެވޭނެގޮތް ހަދަން. މިވަގުތު މިޚިދުމަތް އަޅުގަނޑުމެންނަށް މިބަދަލު ކުރެވުނީ ދެދުވަހުން، ދެގަޑިއިރަށް. ކުރިއަށް އޮތްތާނގާއި ދެގަޑިއިރުން ދެމިނިޓަށް ބަދަލުކުރެވޭ ކަމަކަށްވެސް ވެދާނެ. އެހެންވިމަ މި ޓެކްނޮލޮލަޖީގެ ތެރެއަށް މިއަންނަ ކުރިއެރުން އަޅުގަނޑުމެންގެ ޚިދުމަތަށްވެސް އެސްޕީޑުގަ އެބަ އަންނަންޖެހޭ. ޚާއްޞަކޮށް އެކަންކަމަކީ ބޮޑެތި އަދަދުތަކުން ފައިސާ ޚަރަދުވާ ކަންކަން ކަމަށް ވާނަމަ ވަގުތުން ވަގުތަށް އެކަން ކުރަންޖެހޭނެ. އަޅުގަނޑުމެންގެ ބައެއް ޕްރޮސެސްތަކަކީ ބައެއްފަހަރު ރައްޔިތުމީހާ ޚިދުމަތް ހޯދަން އައިސްއަ ހިތަށް އަރާނެ ތިމަންނާމެނަށް އުނދަގޫކުރަން ހަދައިގެން އުޅޭ ޚިދުމަތެއްބާއޭ. ނުވަތަ ޑިޒައިންކުރެވޭ ޕްރޮސެސްއެއްބާއޭ. އެފަދަ ހާލަތްތައް ދޭތެރެ ދޭތެރެއިން އަޅުގަނޑުމެންވެސް އެބަޖެހޭ ހިނގާލާފައައިސް އެޚިދުމަތް ހޯދަން. ދާދި ދެންމެއަކު އަޅުގަނޑު މިތަނަށް އަންނަން ކާރަށް އެރީ 10:27 ހިނގިއިރު. މިހިސާބަށް އަންނަންވެގެން އައިސް އެމްއެމްއޭ އާހަމައަށް އާދެވުނީ 10:45 ވިއިރު. 30 މިނިޓުވީ  އެހިސާބުގަ.  އެތާ  ހުއްޓިފައޮތްގޮތަށް 10:55 ވަންދެން އަޅުގަނޑު އެތާއިނިން. ތިބޭފުޅުންނަށް ލަސްވާތީ ކާރުން ފައިބައިގެން ހިނގާފަ އަޅުގަނޑު މިއައީ. އަޅުގަނޑު ހިނގަން ނިކުތީ ބޭރުމަގުން. ބޭރުމަގަށް ނިކުމެ ރައްޔިތުންނަށް ވާއުނދަގޫ އަޅުގަނޑަށް މިއަދު އިހްސާސްވި. އެހިސާބުން މިހިސާބަށް ހިނގާފަ އައިމަ. އެތަނުން ފެށިގެން މިހިސާބަށް އަޅުގަނޑުމެންގެ ފުލުހުންނެއް ނެތް. ހުސް ސަރަހައްދެއްމީ. އެހެންވީމަ ދައުލަތުގެ ވަޒީރެއްގެ ހައިސިއްޔަތުން ދޭތެރެދޭތެރެއިން މަގުހިގަންޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވިއްޖެ.  

 ތިބޭފުޅުންވެސް ދޭތެރެ ދޭތެރެއިން އަޅުގަނޑުމެން މިކިޔާ ގްރައުންޑަށް ފައިބަންޖެހޭ. އިސްވެރިންވެސް ގްރައުންޑަށް ފައިބަންޖެހޭ. އަޅުގަނޑުމެން ވަޒީރުން ފެށިގެން ތިބޭފުޅުންގެ ތެރެއިން ޖޫނިއާ އޮފިސަރާ ހިސާބަށް  ގްރައުންޑަށް ފައިބަންޖެހޭ. ފައިބައިގެން ރައްޔަތުމީހާ އެކުރާ އިޙްސާސް އަޅުގަނޑުމެންވެސް ކުރަންވީ. ކުރީމަ އަޅުގަނޑުމެންނަށް އިގެނީ މިއަށްވުރެ ރަނގަޅުވާނެ ގޮތަކަށް މިކަންކުރެވެންޖެހޭކަން.  ހަމައެއާއެކު އެ އިޙްސާސް ތައް ހިއްސާ ކޮށްލަންވީ އަޅުގަންޑުމެންގެތެރޭ ތިބޭ ސިނކުޑި ރަންގަޅު އެދާއިރާއިން ކިޔަވާފަތިބޭ ބޮޑެތި ކުދިންދޭނެ ރަނގަޅު ޚިޔާލު. ހުރިހާއިރަކު އަޅުގަނޑު މީ އެންމެ މޮޅު އެންމެ ރަނގަޅު ޚިޔާލު ދޭ މީހާ ކަމަށް ނުވެދާނެ. ވިމާ އަޅުގަނޑުމެންގެތެރޭގައި ތިބޭ މިހުންގެ ޚިޔާލުވެސް މީގެތެރެއިން  ހޯދައިގެން ، އާންމުރައްޔިތު މިހާގެ ޚިޔާލުވެސް ބައެއްފަހަރު ހޯދައިގެން ކުރިއަށް އޮތްތާގަވެސް ސިސްޓަމްތައް ޑިޒައިންކޮށް، ރީޑިޒައިންކޮށްގެން ކުރިއަށް ގެންދިއުމަކީ ތަކުރާރުކޮށް އަޅުގަނޑުއެދޭ އެދުމެއް.

އަދިވެސް އެއްފަހަރު މިކަމުގައި މަސައްކަތް ކުރެއްވި އެންމެ ބޭފުޅުންނަށް އައްސަރިބަހާއި ސާބަސް ދަންނަވަމުން ކޮމިޝަނަރ ޖެނެރަލްއަށާއި ޓީމަށް ކުރިއަށް އޮތްތާގައިވެސް މިފަދަ ކާމިޔާބީއަށް އަޅުގަނޑު އެދެން. އަދި މިފަދަ ކަންކަމުގައި އަޅުގަނޑުމެންނަށް އެހީތެރިކަން ދެއްވާ އެމްސީއެލް އާއި އެމްޕީއެލްއިން ގުޅިގެން މަސައްކަތް ކުރައްވާ ތަރުހީބު ދެއްވިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެން ގުޅިގެންދޭ ޚިދުމަތުން ރައްޔިތުންނަށް ބަދަލެއް މިފެންނަނީ . އެކިއެކި މުއައްސަސާތައް ގުޅިގެން ޚިދުމަތް ދޭންޖެހޭ ހާލަތްތަކުގައި އަޅުގަނޑުމެންގެ ވެރިންގެ ވިސްނުން އެއްގޮތްކުރެވިގެން އެއް އޮބްޖެކްޓިވްއަށް އެއްއަމާޒަށް މަސައްކަތް ކުރުމަކީ ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާނެ ކަމެއް. އެހެންވީމަ މިގޮތުން ޚާއްޞަކޮށް އަޅުގަނޑު ފާހަގަ ކޮށްލަން.   އަދުގެ އެމްޕީއެލް އަދި އެމްސީއެލްގެ މެނޭޖިންގ ޑިރެކްޓަރުން މި ވިސްނުމުގައި މަސައްކަތް ކުރައްވާކަން. މިހާތަނަށް އަޅުގަނޑާ ދިމާވި ދިމާވުން ތަކުގައިވެސް އަދި އޮޕަރޭޝަންސް ތަކުގައިވެސް އެވިސްނުން ފެނިފަހުރީ. އެވިސްނުން ނެރޭތަންވެސް ފެނިފަ އެބަހުރި. އެހެންވިމަ ރައީސުލް ޖުމްހޫރިއްޔާގެ އިންސްޓްރަކްޝަނާ އެއްގޮތަށް މިހުރިހާ މުއައްސަސާތަކުގެ ވެރިންވެސް މިއަދު އެބަ މަސަކަތްކުރާކަމަށް   އަޅުގަނޑު ގަބޫލު ކުރަން. ހުރިހާ ބޭފުޅުނަށް އެކަމަށްޓަކައި ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަދިވެސް އެއްފަހަރު ރައީސުލް ޖުމްހޫރިއްޔާ އަށާއި ތިބޭފުޅުންނަށް މިހޯއްދެވި ކާމިޔާބީއަށް ، އަދި ރައްޔިތުންނަށްޓަކައި ތިކޮށްދެއްވާ ބުރަ މަސައްކަތަށާ  ގެންނަވާ އިނޮވޭޝަންތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑު ދުޢާއަކީ ދިވެހިރާއްޖޭގެ ލޯއެންފޯސްމެންޓް އޭޖެންސީތަކުން މިކުރާ މަސައްކަތުގައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެނަށް މިއަދަށްވުރެ ފެހިފަހި  މާދަމާއެއް މިންވަރުކުރެއްވުން. އަޅުގަނޑުގެ ދުޢާއަކީ އަބަދުވެސް ތިކުރައްވާ މަސައްކަތުގައި ހެޔޮ ތައުފީގާއި ކުރިމަގު މާތްﷲ ދެއްކެވުން

ކުރިއަށް ދިވެހި ގައުމު

والسلام عليكم ورحمة الله وبركاته.