މިނިވަން ދުވަސް

 

 

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢިމްރާން ޢަބުދުﷲ ދެއްކެވި ވާހަކަފުޅު

(26 ޖުލައި 2023)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވާޙީދު ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާން، ދައުލަތުގެ ޢިއްޒަތްތެރި ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މިހަފްލާގައި ބައިވެރިވެވަޑައިގަންނަވާ ބޭރުގައުމުތަކުގެ ސަފީރުންނާއި ޢިއްޒަތްތެރި މެހްމާނުން، މިހަފްލާގައި ދައުލަތުގެ ޢިއްޒަތް އެރުވޭ އަދި ޝަރަފްވެރިކަމާއި ދިވެހި ދައުލަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެކި މަގާމުތައް އެރުވޭ ޢިއްޒަތްތެރި ބޭފުޅުން، މިހަފްލާގައި ބައިވެރިވެވަޑައިގަންނަވާ  އެންމެހާލޮބެވެތި ޢިއްޒަތްތެރިން އަދި މިޖަލްސާ ދުރާގާތުން އައްސަވަމުން ބައްލަވަމުން ގެންދަވާ ދިވެހި ލޮބުވެތި އަޚުންނާ އުޚުތުން އައްސަލާމު އަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

އާދެ! މިނިވަން އުފާ މުޅިރާއްޖޭގައި ފާހަގަކުރާ މިއުފާވެރި މިނިވަން ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ހިތުގެ އެންމެ އިޚުލާޞްތެރިކަމާއެކު ދަންނަވަން. މިއުފާވެރި ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވީތީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުންނަށާ އަދި ކުރީގެ ރައީސާއި އުއްތަމަފަނޑިޔާރު، ދައުލަތުގެ ޢިއްޒަތްތެރި ވަޒީރުން، ދައުލަތުގެ ޢިއްޒަތްތެރިން، ތިޔަ ހުރިހާ ބޭފުޅުނަށް އަޅުގަނޑުމެން މިމިނިސްޓްރީގެ ފަރާތުން މަރުޙަބާ ދަންނަވަނީ ހިތުގެ އެންމެ ފުން އިޚްލާޞްތެރިކަމާއެކު.

އާދެ! ކޮވިޑް 19ގެ ހިތިކަމާ ހިތްދަތިކަމުގެ ސަބަބުން ވޭތުވެ ދިޔަ 03 އަހަރު އަޅުގަނޑުމެން ފާހަގަކޮށްފައިވަނީ ތަންކޮޅެއް ހީނަރު ގޮތަކަށް. އެހެންނަމަވެސް ﷲގެ ރަޙްމަތާއެކު ކޮވިޑް 19ގެ ދަތިކަމުން އަރައިގަނެވި މިއަދު އާދެ! އަޅުގަނޑުމެންގެ މިއުފާވެރި މިނިވަން ދުވަސް، މިނިވަން އުފާ 2023 ފާހަގަ ކުރެވެމުން މިދަނީ މުޅިރާއްޖޭގައި ވަރަށް ކުލަގަދަކާމާއި އުޖާލާކަމާއެކު. ފުރަމާލެއާއެކު ރާއްޖޭގެ އިތުރު 09 ރަށަކާ 03 ސިޓީގައި މިނިވަން ދުވަހުގެ ހަރަކާތްތައް ވަރަށް ފުޅާކޮށް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރެވެމުން މިދަނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ހިމެނި ޝާމިލްވާގޮތަށް.

ލޮބުވެތި ޙުޟޫރުން މިނިވަން ކަމުގެ ޝުޢޫރަކީ އިންސާނީ ޠަބީއަތުގެ އެންމެ މަތީ އެއްސިފަ. އިންސާނާގެ ހިތުގައި އެންމެ ބާރަށް ޖަހާ ވިންދު. އެކަމައްޓަކައި އިންސާނާގެ މުދަލާ ފުރާނަ ގުރުބާންކުރާ އެންމެމަތީ ޖައުހަރު. ބައެއްފަހަރު މިނިވަންކަމުގެ އިހްސާސް މިނިވަންކަމުގެ އުފާ އިހްސާސް ކުރެވެނީ މިނިވަންކަން ގެއްލިގެން ދިއުމުން. އާދެ! އިންސާނަކަށް ލިބޭނެ އެންމެބޮޑު ނިކަމެތިކަމާ ބަލިކަށިކަމާ ދެރަކަމާ ހިތާމައަކީ އިންސާނާގެ ކުރިމަތީގައިވާ އަޅުވެތިކަން. އިންސާނަކު އިންސާނަކަށް އަޅުވެތި ވުމަށްވުރެ ވަކިން ބޮޑު ނިކަމެތިކަމެއް އިންސާނާގެ ހަޔާތުގައި ދުވަހަކުވެސް ކުރިމަތި ނުވާނެ. ވަކިވަކި ފަރުދުންނާ ގައުމުތަކުގެ އަޅުވެތިކަމުން އިންސާނީ މުޖުތަމައުތައް މިންޖުވުމަށް މަސައްކަތް ކުރަނީ މިސަބަބާހުރެ.

އާދެ! އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖެއަކީ ޒަމާނައްސުރެ މިނިވަންކަމަށް ލޯބިކުރާ އަޅުވެތިކަމަށް ނަފުރަތުކުރާ ރައްޔިތުން އުޅޭ ގައުމެއް. މިއަދުގެ އަޅުގަނޑުމެންގެ މިޖީލަށް މިނިވަންކަން އައިސްއައޮތީ އަޅުގަނޑުމެންގެ ކާބަފައިންގެ ހިތްވަރާ އަޒުމާ މިނިވަންކަމަށް ކުރި ލޯބީގެ މަތިވެރިކަމުން. ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ބޭރުގެ އުދުވާނުން މަސައްކަތްކުރި ކޮންމެ ހިނދެއްގައި މިނިވަން ކަމުގެ ދިފާއުގައި ދިވެހިން ތެދުވީ  ވަރަށް ހިތްވަރާ އަޒުމާއެކު. ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި އަޅުގަނޑުމެންގެ ކާބަފައިންގެ ތެރެއިން އިސްނަގައިގެން ތެދުވެ ވަޑައިގެންނެވި އެތައް އަބުޠާލުންގެ ޒިކުރާތައް އަޅުގަނޑުމެންގެ ތާރީޚުގެ ފޮތްފޮތް ތަކުން ދިރުވި އާލާ ކުރެވިފައިވޭ. މިއަދު އަޅުގަނޑުމެން މިހަނދާން ކުރަނީ އެޒިކުރާތައް.

ލޮބުވެތި ހުޟޫރުން މިނިވަން ކަމަކީ ސަރހައްދުގެ ބޮޑުކަމާއި އާބާދީގެ ގިނަކަމާ ގުޅިފައިވާކަމެއްނަމަ 1937 ން 1945 އަށް ޗައިނާ އިސްތިޢުމާގެ ދަށުގައި ނުއޮތީސް. އަދި 1858 ން 1947 ހަމައަށް އެއޮތްބޮޑު އިންޑިޔާ އިސްތިޢުމާރުގެ ދަށުގައި ބޯލަނބާނުލީސް. އެހެންނަމަވެސް މިނިވަންކަމަކީ މުވާޠިނުންގެ ހިތުގައި އަޅުވެތިކަމާ ދެކޮޅަށް އަޅުވެތިކަން ގަބޫލު ނުކުރުމަށް ކަނޑައަޅާ ވަރުގަދަވެގެންވާ އަޒުމެއް. އިސްތިޢުމާރީ ބާރުތަކަށް ބޯތިރި ކުރުމަށް ނުރުހިގެން ތެދުވާ ވަރުގަދަ ސާބިތުކަމަކާ ހިތްވަރެއް. މިނިވަންކަމަކީ މުވާޠިނުންގެ ހިތުގައި ގުރުބާންވާންޖެހޭ ކޮންމެ ހިނދެއްގައި ކޮންމެ ސިފައެއްގައި ތެދުވެ ގުރުބާން ވުމަށްޓކައި ލޭއޮރުވާލުމަށްޓަކައި ލެވޭ ހިތްވަރެއް. އަދި މިނިވަންކަމުގެ ދިފާއުގައި އެއްއިހްސާސެއްކުރާ  އެންމެން އެކުގައި ގޮވައިގެން ތެދުވާ ޙިކުމަތްތެރި ހިތްވަރުގަދަ ލީޑަރުންގެ މަސައްކަތުގެ ނަތީޖާ. އާދެ! މިއަދު އަޅުގަނޑުމެނާ ހަމައަށް އަޅުގަނޑުމެންގެ ކާބަފައިން ފޯރު ކޮށްދީފައި މިވާ މިނިވަންކަން ފަޚުރުވެރިކާމާއެކު އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުތަކަށް ބޮޑުވެގެންވާ ޒިންމާއެއް. އެޒިންމާތައް ފުރިހަމަ ގޮތުގައި އުފުލާ އެކަމުގެ ފުރިހަމަ އިހްސާސް ހުރިހާ ރައްޔިތުން އެކުގައި ކުރުމަކީ އަޅުގަނޑުމެން އަދާކުރަންޖެހޭ ގައުމީ ވާޖިބެއް.

އާދެ! މިއަދުގެ ސަރުކާރުން އެޒިންމާ ރައީސުލްޖުމްހޫރިއްޔާ ވަރަށް ވިސްނުންތެރިކަމާ ހިކުމަތްތެރިކަމާއެކު ނަންގަވަމުން ގެންދަވާ އެންމެ ބޮޑު އެއްމިސާލަކީ މިއަދުގެ ދުނިޔޭގައި މިނިވަންކަން ގެއްލިގެންދަނީ ގައުމުތަކާމެދު ބޭއްވޭ ގުޅުންތަކާ އެކަމުގައި ކަންކުރެވޭ ނުރައްކާތެރި ގޮތްތަކުގެ ސަބަބުންކަން އިހްސާސްކުރެވި ދުނިޔޭގެ ހުރިހާ ގައުމުތަކާއެކު ބޭއްވޭ ޞުލްޙަވެރި މަތިވެރި ގުޅުންތަކަކީ އަޅުގަނޑުމެންގެ ރާއްޖޭގެ މިއަދުގެ މިނިވަންކަމުގެ ރަމްޒު. މިގުޅުން މިގޮތުގައި ދެމިއޮންނާނީ ރާއްޖޭގެ ފުރިހަމަ ޚާރިޖީ ސިޔާސަތު ކަނަޑައެޅި އެސިޔާސަތު ދެމެހެއްޓުމުގެ މަތިވެރި ޒިންމާ އަދާކުރާ ބޭފުޅުންގެ އިއްޒަތާ ޝަރަފުވެރި މަސައްކަތުގެ ނަތީޖާއެއްގެގޮތުން.

އާދެ! މިއަދު އަޅުގަނޑުމެން ދިވެހިންނާއެކު ހުރިހާ ދިވެހިން ގުޅިގެންދާހިނދު އަޅުގަނޑުމެންގެ ސަލާމަތީ ޚިދުމަތްތަކާ ބާރުތަކުން ލޮބުވެތި ސިފައިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަކީ އަޅުގަނޑުމެން އެކަމަށް ފަޚުރުވެރިވާ ބޮޑު މިންނެތް މަސައްކަތެއް. އަޅުގަނޑުމެންގެ ރާއްޖެއާއިގެން ކުރިއަށްދާހިނދު މިނިވަންކަން ގެއްލިގެން ދާފަދަ ބައެއްކަންކަމުގައި އަޅުގަނޑުމެންނަށް ފަރުވާ ކުޑަކުރެވޭކަން ކޮންމެވެސް ވަރަކަށް ފެނުމަކީ އެކާމާމެދު ހުރިހާ ދިވެހިން ސަމާލުވާންޖެހޭކަމެއް. ރާއްޖޭގެ ރައްޔިތުންގެ މެދުގައި ބޮޑުތި ބައިބައިވުން އުފެދިގެންދާފަދަގޮތަކަށް އުފެދި އަށަގަންނަ ފިކުރުތަކުން ދުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް.

ދީނުގެ ނަމުގައި އުފެދިގެންދާ ހަރުކަށި ފިކުރުތަކާ އިސްލާމްދީނާ ދެކޮޅަށް އުފެދި ބޮޑުވާ ފިކުރުތައް ހުޢްޓުވާ މައިތިރި ކުރުމަކީ އަޅުގަނޑުމެން އެކުގައި ގުޅިގެން ކުރަންޖެހޭ  ކަމެއް. އާދެ! މިކުޑަކުޑަ ރާއްޖެ އަމާންކަމާ އޮމާންކަންމަތީ ދެމިގެންދާގޮތް މެދުވެރިކުރުމަކީ އަޅުގަނޑުމެން އެންމެން އެކުގައި އުފުލަންޖެހޭނެ ބޮޑު ޒިންމާއެއް.

އަޅުގަނޑުގެ ދުޢާ އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ މިލޮބުވެތި ވަޠަން އަބަދުމެ އަބަދު މާތްވެގެންވާ އިސްލާމްދީންމަތީ މިނިވަންކަމާއެކީ ލެހެއްޓެވުން. މިދިވެހި ލޮބުތި ރާއްޖެއަކީ އުފާވެރި އަމާން ރާއްޖެއެއްގެ ގޮތުގައި އަބަދުމެ ލެހެއްޓެވުން

ވަރަށް ބޮޑަށް ޝުކުރިއްޔާ   

ވައްސަލާމު ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތުހޫ