ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ ޖަލްސާ

ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުން ފާހާގަ ކުރުމުގެ ޖަލްސާގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅު (29 އެޕްރީލް 2023)

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ދިވެހިރާއްޖޭގެ ޢިއްޒައްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން، ދިވެހިރާއްޖޭގެ އުއްތަމަ ފަޑިޔާރު އޮނަރަބްލް އަލްއުސްތާޛް އަހްމަދު މުޢުތަސިމް އަދުނާން، ދައުލަތުގެ ޢިއްޒަތްތެރި ވަޒީރުން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ ދެކަނބަލުން، ބޭރު ގައުމުތަކުގެ ޢިއްޒަތްތެރި ސަފީރުން، ވަޑައިގެން ތިއްބެވި ދައުލަތުގެ ޢިއްޒަތްތެރިންނާއި އިސްވެރިން، ފުލުހުންގެ އެގްޒެކްޓިވް އޮފިސަރުން، ފުލުހުންގެ ޚިދުމަތުގެ ހީވާގި އެންމެހާ އޮފިސަރުންނާއި މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތައް، މިރަސްމިއްޔާތު ދުރާއި ގާތުން އައްސަވަމުން ބައްލަވަމުން ގެންދަވާ އެންމެހާ ލޮބުވެތި ރައްޔިތުން  އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

އާދެ! މިއުފާވެރި މުނާސަބަތާ ގުޅިގެން އެންމެ ފުރަތަމަވެސް ފުލުހުންގެ ޚިދުމަތަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި މިރޭ ތަފާތު ފިލާތައް ހޯއްދަވާ ބޭފުޅުންނާއި އަދި ހުރިހާ ދިވެހި ފުޅުހުންނަށް ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ވަރަށް އިޚްލާޞްތެރިކަމާ އެކު އަރިސްކުރަން. 

ޝައްކެއްނެތް. ފުލުހަކަށްވުމީ އަނެކުންނާ ވަރަށް ތަފާތު ވާޖިބުތަކެއް މަސްއޫލިއްޔަތެއް ޒިންމާއެއް އަދާކުރަންޖެހޭ ބައެއް. އަދި ވަރަށް ތަފާތު އިހްސާސް ތަކަކާ ތަފާތު ޖަޒްބާތުތަކާއެކު ހަޔާތުގެ ކޮންމެ ދުވަހެއް ގަޑިއެއް މިނެޓެއް ސިކުންތެއް ހޭދަކުރަންޖެހޭ ބައެއް. ފުރިހަމަ ފުލުހަކަށްވުމަކީ އޭނާގެ ދިރިއުޅުމާއި އުޅުމާއި ގުޅުމާއި ބަސްމޮށުންތެރިކަމާއި މުއާމަލާތާއި އެހެންމީހުންނާއި މުޅިން ތަފާތު ބަދަލުތަކެއް ގެންނަންޖެހޭ ބައެއް. ލޮބުވެތި ހުޟޫރުން ބިންމަށްޗަށް ނޭވާލާ އިންސާނިއްޔަތެއް ދިރިއުޅޭ ކޮންމެ މުޖުތަމައަކަށް ކަށަވަރު ކޮށްދޭންޖެހޭ އެންމެ އަސާސީ ދެސިފައިން ކުރެ އެއްސިފައަކީ އިންސާނާގެ ފުރާނަޔާ ހަށިގަނޑާ މުދާ ރައްކާތެރިކަން ކަށަވަރު ކުރުން. އާދެ! މިއަދުގެ ދުނިޔޭގެ މުޖުތަމައުތަކުގައި މިޒިންމާ ހަވާލުކުރެވިފައިވަނީ ޔުނިފޯމް އަޅައިގެންތިބޭ ފުލުހުންނަށް. އާދެ! އެހެންކަމުން ބިންމަތީގައި އެންމެ ޝަރަފުވެރި އެންމެ ކަރާމާތްތެރި ޒިންމާއެއް އަދާކުރާ އެއްބަޔަކީ ފުލުހުންކަމުގެ ޝަރަފު ތިޔަބޭފުޅުންނަށް ލިބިގެންވޭ. އާދެ! މީ ވަރަށް ބޮޑު ޢިއްޒަތެއް ވަރަށް ބޮޑު ޝަރަފެއް އެއާއެކުގައި ވަރަށް ބޮޑު ޒިންމާއެއް ވަރަށް ބޮޑު އަމާނާތެއް. 

އާދެ! އެނގިވަޑައިގަންނަވާނެ ދިވެހި ފުޅުހުންގެ ޚިދުމަތް 1933 ވަނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުން ފެށިގެން މެދުނުކެނޑި މިއަދާހަމަށް 90 އަހަރުވަންދެން ދެމެމުން އައި އިރު މިޚިދުމަތުގެ ފަރާތުން ވަނީ ރައްޔިތުންނަށް ވަރަށް ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދީފަ. މިޚިދުމަތުގެ ތެރެއިންވަނީ އެތަށް ރައްޔިތުންގެ ފުރާނަޔާ ހަށިގަނޑާއި މުދާ ރައްކާތެރިކޮށްދީފަ. އާދެ! އެމަސައްކަތްތައް ދިގު މުއްދަތަކަށް ކުރެވެމުން އައިނަމަވެސް 2004 ވަނަ އަހަރާއި ހަމައަށް ދވެހި ފުލުހުންގެ ޚިދުމަތް ވަނީ އޭރުގެ ޑިފެންސާއި ނުވަތަ އެދުވަސްވަރުގެ އެންއެސްއެސްއާއި އެކުގަ ކުރެވެމުންއައި ޚިދުމަތަކަށްވެފަ. 2004 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 1 ވަނަދުވަހު މަދަނީ ޚިދުމަތެއްގެ ގޮތުގައި ޚިދުމަތް ވަކިން ކަނޑައެޅި ބަދަލުވެގެން ދިއުމަކީ ޒަމާނީ ފުލުހުންގެ ޚިދުމަތް ދިނުމުގެ ފެށުމެއް. އާދެ! މިޚިދުމަތް މިގޮތަށް ދެވެން ފެށުމުން ޚިދުމަތުގެ ތެރެއަށް ބޮޑެތި މުހިންމު ބަދަލުތަކެއް ގެނެވުނު. އެއާއެކުގައި  ރައޔިތުން ދެކޭގޮތާއި ތަސައްވުރުތަކަށްވެސް ބޮޑެތި ބަދަލުތަކެއް އައި.

ލޮބުވެތި ހުޟޫރުން. ފުލުހުންނާ މެދު މުޅި މުޖުތަމައުން ވަރަށް ހައި އެކްސްޕެކްޓޭޝަން ތަކަކާ ވަރަށް ފޮނި އުއްމީދު ތަކަކާ ވަރަށް ގިނަ ދެކުންތައް ދެކޭހިނދު އަދި ފުލުހުންގެ ޚިދުމަތުގެ ފެންވަރާ މެދުގައި ތަފާތު ތަސައްވަރުތަކެއް އޮންނަ ހިނދު ފުލުހުންގެ ޚިދުމަތް ކަޑައްތު ކޮށްފައިވާ ދަތި އުނދަގޫތަކާ ދަތުރުކޮށްފައިވާ ވާދީތަކާއި އުސްފަރުބަދަ ތަކުގެ ތާރީޚް އެނގުމަކީ އަޅުގަނޑު ހިތުން ސަބަބުވެރި ކޮންމެ އިންސާނަކު ވިސްނާ ފިކުރު ކުރަންޖެހޭކަމެއް. އާދެ! މިއަދު ފުލުހުންނާމެދު ވަރަށް ތަފާތު ފާޑު ކިއުންތަކާ  ތަފާތު ގޮންޖެހުންތަކާ ތަފާތު ބަސްތައް ރައްދުކުރެވޭއިރު ފުލުހުން އެ ދޭ ޚިދުމަތުގައި ފުލުހުންނަށް ކުރިމަތިވާކަންކަމަކީ އަޅުގަނޑުމެންނަށް ރަނގަޅަށް އެގެންޖެހޭނެކަމެއް. 

އެނގިވަޑައިގަންނަވާނެ 2004 ވަނައަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ކުރިން އަޅުގަނޑު ދެންނެވިފަދައިން ފުލުހުން މަސައްކަތް ކުރަމުން، ނުވަތަ  ފުލުހުންގެ ޚިދުމަތް ހެދި ބޮޑުވެ ފުރިހަމަވަމުންއައީ  މިލިޓަރީ ފަސްގަނޑަކުން ކާނާލިބި މިލިޓަރީ ވިސްނުމާ ފިކުރުގެ ޖައްވާ އޮއިވަރުގެ ތެރޭގައި. އެހެންނަމަވެސް 2004 ގައި މިވިސްނުން ބަދަލުކުރަން ޖެހޭ ހިސާބަށްދިޔައީ. 2003 ވަނައަހަރު ރާއްޖޭގައި އުފެދިގެންދިޔަ ސިޔާސީ އޮއިވާރާ ހަލަބޮލިކަމާ ޑިމޮކުރަސީ ވިސްނުން ތަކުގެ ތެރެއިން ފުލުހުންގެ ޚިދުމަތަކީ އިންސާނީ ހައްޤާއި ކަރާމާތައް އިސްކަން ދެވިގެން ފޯރުކޮށްދޭންޖެހޭ މަދަނީ ޚިދުމަތެއްގެ ގޮތުގައި އޭރުގަ ތިއްބެއްވި އިސްވެރިން  ރުހުމާ ނުރުހުމުގެ ތެރެއިންވެސް ގަބޫލުކުރަންޖެހުނު. އޭގެ ނަތީޖާއެއްގެ ގޮތުން 2004 ވަނައަހަރު މަދަނީ ޚިދުމަތަކަށް ބަދަލުވެގެން ދިޔަ. އާދެ! 2004 ވަނައަހަރު މަދަނީ ޚިދުމަތަކަށް ބަދަލުވުމަށްފަހު ދެން ފުލުހުންނާ ކުރިމަތިލާން ޖެހުނު ދުވަސްތައް ވަކިން ފަސޭހައެއްނޫން. އެނގިވަޑައިގަންނާވާނެ 2004 ކުން ފެށިގެން އަށެކާ ދެމެދު ފުލުހުން ހޭދަކުރަންޖެހުނީ، 2008 ގެ އިންތިޚާބާ އަމައަށް ފުލުހުން މަސައްކަތް ކުރަން ޖެހުނީ  އާދަޔާ ޚިލާފު ޖައްވެއްގެ ތެރޭގައި. އާދެ! އެވަގުތުތައް ސިފަކުރުން މިވަގުތު އަޅުގަނޑަށް  ދައްޗޭ ބުންޏަސް މައްސަލައެއްނެތް. 2004 ކުން އަށެކާ ދޭތެރޭގައި. 

އާދެ! 2008 ން 12 ގެ ނޮވެމްބަރާއި ހަމައަށް އަނެއްކާ ފުލުހުން އުފުލަން ޖެހުނު ބުރައާއި ދައްޗަކީ މުޅިން އާކަންތައްތަކެއް. 2012 ން 2013ގެ ނޮވެންބަރާ ހަމައަށް ފުލުހުން ހުރަސްކުރަން ޖެހުނީ ކަށިބޯ ޖަންގައްޔެއް. 2013 ގެ ނޮވެންބަރުން 2018 ގެ ނޮވެންބަރަށް ފުލުހުން ކުރިމަތިލާންޖެހުނީ ވަރުގަދަ ތޫފާނަކާ. އާދެ! މިދަތިތަކާއެކުވެސް ފުލުހުންގެ ޚިދުމަތް އެއްދުވަހުން އަނެއް ދުވަހަށް ބައްޓަންކޮށް ތަރައްގީކޮށް ކުރިއަރަމުން މިއައިގޮތް އަޅުގަނޑުމެން އިހްސާސް ކުރަންޖެހޭ. 

ލޮބުވެތި ހުޟޫރުން. މިދިޔަ ދަތި އުނދަގޫ ދުވަސްތަކުގައި ފުލުހުން ކަޑައްތުކުރި ދަތި ވޭންތަކާއެކުގައި އެބޭފުޅުންގެ ހުރިހާ ބޭފުޅުން، އިސްވެ ދިޔަ ކަމިޝަނަރުންނާ އެގްޒެކްޓިވް ޓީމާ އަދި ހުރިހާ އޮފިސަރުން އެކުގައި ރައްޔިތުންގެ ފުރާނަޔާ މުދަލަށް ރައްކާތެރިކަން ހޯދާދިނުމަށްޓަކައި ކުރެވުނު މަސައްކަތަކީ ގާތުން ދެކި ބަލާ ކޮންމެ މީހަކު ސެލިއުޓް ކުރުން ހައްގު މަސައްކަތެއް. ދެންމެ ކަމިޝަނަރވެސް ކުޑަކުޑަކޮށް އިޝާރާތް ކޮށްލެއްވި. އަޅުގަނޑުމެން މިވޭތުވެ ދިޔަ 04 އަހަރާ 05 މަހުގެ ތެރޭގައި އެކި ރަށްރަށަށް ދަތުރުކޮށް ފުލުހުންނާ ބައްދަލުކުރެވޭ ހިނދު ފުލުހުންގެ ދިރިއުޅުމުގެ ކަންކަން ހުންނަގޮތާ މަސައްކަތުގެ މާހައުލާ ނިދަން ޖެހޭ ތަނަށް ބާލާލުމުން އަސަރުކުރޭ. އާދެ! އަޅުގަނޑަށް މިއަދު ބުނެވިދާނެ ޖަލުގެ ހާލަތު ރަނގަޅުކޮށްތިބޭ ގައިދީންނަށްވުރެ އަތޮޅުތެރޭގެ ފުލުހުން ނިދާ ކައިބޮއި ހަދަން ޖެހޭތަނުގެ ހާލުބޮޑު. އެހެންނަމަވެސް އެ ޚިދުމަތް ދިނުމުގައި ފަރުވާ ކުޑަކުރުމެއްނެތި ކޮންމެދުވަހަކު އެކުރާ މަސައްކަތަކީ އަޅުގަނޑުމެން ބަލައިގަންނަން ޖެހޭކަމެއް. އާދެ! ފުލުހުންގެ މިދަތި ދުވަސްތައް ފުލުހުން ކުރަންޖެހޭ މަސައްކަތުގެ ބުރަތައް އިހްސާސް ކުރެވޭތީ މިހަގީގަތް ފުރިހަމައަށް ގަބޫލުކުރާތީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރައީސްކަމަށް ވަޑައިގެންނެވީ ފުލުހުން ފުލުހުންގެ ހައިބަތާ ގަދަރާ ކަރާމަތް އަނބުރާ ހޯދާ ދިނުމުގެ ފުރިހަމަ ތަސައްވުރަކާގެން. އަދި ފުލުހުންނަށް ރައްޔިތުން އިތުބާރާއި އިޙްތިރާމާއި ލޯބި ހޯދާ ދިނުމަށްޓަކައި ކުރަންޖެހޭ ގިނަ މަސައްކަތާ ދަތިތައް އުފުލުމުގެ ބުރަ މަސައްކަތުގެ ޒިންމާ ނަގައިގެން.

އާދެ! މިވޭތުވެ ދިޔަ ދުވަސްތަކުގައި ވޭތުވެ ދިޔަ 04 އަހަރާއި 05 މަހުގެ ތެރޭގައި ގާތްގަޑަކަށް ބައިބައިވެފައިވާ ސަފުތައް އެއްކޮށް ބަލިކަށިވެފައިވާ ލީޑަރޝީޕް ވަރުގަދަކޮށް މާޔޫސްވެ ނާއުއްމީދު ވެފައިވާ އެތައް އޮފިސަރުންނާއެކު މިއަދާ ހަމައަށް އަޅުގަނޑުމެން ކުރަން ޖެހުނީ ކަނޑުގަދަ ދަތުރެއް. އާދެ! މިހިސާބަށް އާދެވުނު އިރު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތާއެކު މިދަތިތަކާއެކުވެސް އަމާން އައްސޭރިއެއްގެ މަލަމަތި އަޅުގަނޑުމެނަނަށް ފެންނަ ހިސާބަށް އާދެވިއްޖެއޭ ބުނުމަކީ އަޅުގަނޑު ހިތުން ކުށަކަށް ނުވާނެ. އާދެ! މިވޭތުވެ ދިޔަ 04 އަހަރާއި 05 މަހުގެ ތެރޭގައި ފުލުހުންގެ ޚިދުމަތަށް ޚާއްޞަކޮށް ރައީސް އިސްނަންގަވައިގެން ރައީސް އިސްވެ ހުންނަވައިގެން ކޮށްދެއްވި ބޮޑެތި ބުރަ މަސައްކަތަކީ އަޅުގަނޑުހިތުން ކޮންމެ ސަބަބުވެރި އިންސާނަކު ބަލައިގަންނަންޖެހޭ ހެޔޮކަމެއް. މިވޭތުވެ ދިޔަ 05 އަހރުދުވަހުގެ ތެރޭގައި 90 އަހަރު ތެރޭގައި ފުލުހުންގެ އަދަދު އިތުރުވި މިންވަރަށް ބަލާއިރު 05 އަހަރު ދުވަހުގެ ތެރޭގައި މުޅި ފުލުހުންގެ އަދަދުގެ %25   މިދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި ފުލުހުންނަށް އިތުކޮށްދީފި.  މިވޭތުވެ ދިޔަ 05 އަހރުދުވަހުގެ ތެރޭގައި ފުލުހުންގެ 6000 ވުރެ ގިނަ ތަމްރީނު ހަދާދީފި. އާދެ! ޕޮލިސް އެކަޑަމީ ހުޅުވި އިރާދަކުރެއްވީތީ އެމަސައްކަތް އިތުރު އެތަށް ގުނައަކަށް ބޮޑުވެގެން ގޮއްސަވީ. 

ފުލުހުންގެ ބަޖެޓް އިތުރުވަމުން އައި ނިސްބަތަށް ބަލާއިރު ގާތް ގަނޑަކަށް %25 މިދިޔަ 05 އަހރު ދުވަހުގެ ތެރޭގައި އަހަރުން އަހަރަށް ބޮޑު ކުރަމުން ވަޑައިގެންނެވީ. މިކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވޭތުވެ ދިޔަ 04 އަހރާއި ބައިގެ ތެރޭގައި 02 ޓަނާއި ގާތްކުރާ މަސްތުވާތަކެތި ފުލުހުންހޯދާ ނާއްތާލައިފި. އެނގިވަޑައިގަންނަވާނެ މިވޭތުވެ ދިޔަ މުއްދަތުގެ ތެރޭގައިވެސް ރާއްޖޭގައި މާރާމާރީތައްވެސް ހަމަހިނގާފައިވޭ. އެހެންނަމަވެސް ކުރިއާ ބަލާފަ ހޯދުނު ބޮޑު ކާމިޔާބަކީ ސީދާ މާރާމާރީއެއްގައި މަރުވާ މީހުންގެ އަދަދު ކުރިއާ ބަލާއިރުގައި %60 މަދު ކުރެވިފައިވޭ. އަދި މަރުވެފައިވާ މިފަދަ މަރުތައް  %60 ތަހުގީގުކޮށް މައްސަލަތައް ކޯޓާ ހަމައަށް ގެންދެވިފައިވޭ. 

އާދެ! އަތޮޅުތެރޭގައި ރައީސް އިޝާރާތް ކުރެއްވި ފަދައިން ފުލުހުންގެ ޚިދުމަތް ކޮންމެ މީހުން އުޅޭ ރަށެއްގައި ދިނުމަކީ މިއަދު ރައީސް އަޅުގަނޑުމެނަށް އެކަމަށް ހިތްވަރުދެއްވާ އެކަމަށް މަގުފަހިކޮށްދެއްވާ ކަމެއް. އާދެ! ފުލުހުންގެ ފަރާތުން،  ފުލުހުންގެ މަސައްކަތް ބައްޓަން ކުރުމަށްޓަކައި ގެނެވުނު އެންމެ ބޮޑު ބަދަލަކަށް ކޮމިޝަނަރ ދެންމެ އެވިދާޅުވިފަދައިން  އާގާނޫނު ވުޖޫދުކުރެވި އަތޮޅުތެރޭގެ ޚިދުމަތް ދޭގޮތުގެ ފެންވަރު އެތަށް ގޮތަކަށް ބޮޑު ކުރެވިއްޖެ. ފަސް ރީޖަނަކަށް ބަހާލެވި ކޮންމެ ރީޖަނަކަށް ފުލުހުންގެ ސީނިއަރ އޮފިސަރެއް ޒިންމާވާ ގޮތަށް ހުންނަވައިގެން ޚިދުމަތް ދިނުމުގެ މަސައްކަތް އަޅުގަނޑުމެނަށް ތަރުތީބު ކުރެވިއްޖެ. ފުލުހުންގެ އިންޓެލިޖެންސް މަސައްކަތް ދުނިޔޭގެ ޚާއްޞަކޮށް އަޅުގަނޑުމެންގެ ގާތުގައިވާ ގައުމުތަކުގެ މުއައްސަސާތަކުން ބަލައިގަންނަ މަސައްކަތަކަށް ހެދިއްޖެ. އަޅުގަނޑުމެން ރާއްޖޭގައި ހުރި އެހެން އިންޓެލިޖެންސް މުއައްސަސާތަކާ އެކުގަ މަސައްކަތް ކުރާނެ ރަނގަޅު ނިޒާމެއް އަޅުގަނޑުމެނަށް ގާއިމު ކުރެވިއްޖެ. މިހުރިހާ ކަމެއް ގުޅި ފުރިހަމަވެގެން ދިއުމުން އރާދަކުރެއްވިއްޔާ ރައްޔިތުންނަށް އަޅުގަނޑުމެނަށް ދެވޭ ޚިދުމަތް ބޮޑުތަނުން އިތުރުކުރެވި މިއަދު ރައްޔިތުންގެ %63 އިތުބާރުކުރެވޭ މިންވަރު ﷲ އިރާދަކުރެއްވިއްޔާ އަށްޑިހަ ނުވަދިހަ ޕަސެންޓަށް އަޅުގަނޑުމެނަށް ގެންދެވޭނެ. މިމަސައްކަތަކީ ކޮމިޝަނަރ އޮފް ޕޮލިސްއާއި އެމަނިކުފާނުގެ ޓީމާ ތިޔަހުރިހާ ފުލުހުން ގުޅިގެން ކުރައްވާ ބޮޑު ބުރަ މަސައްކަތެއް. އާދެ! އަޅުގަނޑުގެ ހިތުގެ އެންމެ އިޚްލާޞްތެރި ޝުކުރު ތިޔަ ހުރިހާ ބޭފުޅުންނާއި އާއިލާތަކަށް ހަމަހިފެހެއްޓުމެއްނެތި އަރިސްކުރަން.

އެނގިވަޑައިގަންނވާނެ މިއަދު މިހިސާބަށް ކަންކަން ދިޔައިރުވެސް ފުލުހުންނާމެދު އަލުގަނޑުމެންގެ ރައްޔިތުންގެ ގިނަ ޝަކުވާތަކެއް އެބަހުރި. އަދި އިތުރަށްކުރާ އުއްމީދުތަކެއް އެބަހުރި. ރައްޔިތުން ކިބައިން ބޭނުންވާ ވަރަށް ގިނަ ކަންކަން އެބަހުރި އާދެ! އެކަންކަމާ ހަމައަށް ދިއުމާ ދޭތެރޭގައި މާޔޫސްކަމެއްނެތި މަސައްކަތް ކުރަންޖެހޭ. ފުލުހުންގެ ފަރާތުން ނުވެދާ ކަންކަމީ މުޅި މުއައްސަސާ ޒިންމާވާންޖެހޭ ކަމެއްނޫން. އަދި ބައެއް ފަހަރު މުޅި މުއައްސަސާއިން ނުވާކަމަކީވެސް އެކަމުގެ ސަބަބުން މުޅި މުއައްސަސާ މާޔޫސްވާންޖެހޭ ކަމެއްވެސް ނޫން. ދެންމެ ކަމިޝަނަރ ވިދާޅުވި ޢެއްބަސް ހަމަ އަލުގަނޑު ހަނދާން އެބަހުރި. ނުކުރެވޭ ކަންކަމަށްވުރެވެސް ކުރެވޭ ކަންކަން މާބޮޑަށްވެސް ގިނަ. އެއިހްސާސާއެކު އެއަޒުމުގައި ނިކުމެ ކޮންމެ ދުވަހަކު އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭ. އެހެންނަމަވެސް ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ރަނގަޅުކޮށް ހުރި މައްސަލަތައް ހައްލުކުރުމަކީ ހުރިހާ ފުލުހުން ގަބޫލުކުރަންޖެހޭނެ ހަގީގަތެއް. ބައެއް މައްސަލަ އެބަހުރި އެކަންކަން ރަނގަޅުކުރެވޭނީ ރަގަޅުކުރުމުގެ ފުރިހަމަ ހިތްވަރާ އަޒުމާ ޔަގީނަކަން ކޮންމެ ފުލުހެއްގެ ކިބައިގެ އުފައްދައިގެން. ރައްޔިތުން މުއައްސަސާ އަކަށްވާއިރު ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭއިރު ރައްޔިތުންގެ ފަރާތުން ނޭދޭ ބަސްތަކާއި އުއްމީދު ނުކުރާ ބައެއްކަން އައުމަކީވެސް ގަބޫލުކުރަންޖެހޭކަމެއް. ބައެއްފަހަރު އެފަދަ ހާއްލަތްތަކާއި ކުރިމަތި ވެދާނެ. އެހެން ނަމަވެސް އެކަމަށް ބުރަ ހިތެއް ނެތި ޒިންމާ އަދާ ކުރުމަކީ އެއީ ފުލުހެއްގެ ހައިސިއްޔަތުން ކުރަންޖެހޭކަމަކީ. ނުރައްކާތެރި ހާލަތަކާ ކުރިމަތިލާހިނދު ކުށްކުރާމީހާއަށް ގެއްލުމެއް އަނިޔާއެއްނުދީ އޭނާގެ އިންސާނީ ކާރާމަތާއި އިއްޒަތަށް އަސަރުނުކުރާ ގޮތަށް ގާނޫނު ތަންފީޒުކުރުމަކީ ފުލުހުން ކުރަންޖެހޭނެކަމެއް. މިފަދަ ހާލަތްތައް އަޅުގަނޑުވެސް ފުލުހުންނާއެއްކޮށް ތިބޭތީ ހާދިސާ ހިނގާއިރު ސީދާ ނުފެނުނަސް ބައެއް ފަހަރު ވީޑިއޯ ތަކުން ފެންނައިރު ހަގީގަތުގައިވެސް އާދައިގެ މީހަކަށް އަސްލުގަ ނޭގޭނެ ކިތަނަމެ ހާލަތެއް ކުރިމަތިވޭ. ވިސްނާވަޑައިގެން ބައްލަވާ ވަޅިހިފައިގެން ދެފަރާތުން ނިކުމެ ދެބައިމީހުން އެކަކު އަނެކަކަށް ހަމަލާދޭ ވަގުތުގައި  ފުލުހުންގެ އޮފިސަރަކު ހަތިޔާރެއްނެތި އެކުރިމަތިލާވަގުތު އެކަން ހައްލުކުރުމަށް އޭނަ ސިކުތެއްގެ ތެރޭގައި ނަގަންޖެހޭނެ ޑިސިޝަން އަޅުގަނޑުމެން ވިސްނާލައްވާ. ދެމީހުން އަތުގައި ދެވަޅި ދެ މަރުތެޔޮ ދެ ފުރޯ އަނެކަކު އަތުގައި އެއްޗެއްނެތް. ފުލުހެއްގެ ހައިސިއްޔަތުން އެތަން ހުއްޓުވާ އެދެމީހުން ކޮންޓްރޯކޮށް އެދެމީހުންގެ ތެރެއިން ގޯސްހެދި މީހަކު އިންސާފުގެ ކުރިމައްޗަށް ގެންދިއުމަށް ހޯދަންޖެހޭ ހެއްކާއެކު ހުށަހެޅުމުގެ ޒިންމާ އިހްސާސާ ކޮއްލަމާ. މިވަގުތުގައި އަޅުގަނޑުމެން މިބުނަނީ އެކަކަށްވެސް އޭނަގެ ހައްގެއް ނުގެއްލި ކަރާމަތެއް ނުގެއްލި އެކަން ކުރާށޭ. މި ޒިންމާގެ އުނދަގޫ އިހްސާސް ކޮށްލަމާ. 

ދެމަފިރިއަކު ނުވަތަ މަންމައަކާ ބައްޕައެއް ނުވަތަ  ދަރިއަކާ ބައްޕައެއް ގެވެށި އަނިޔާއެއްގެ ހާލަތުގައި ކުރިމަތިލާންޖެހޭ ފުލުސް އޮފިސަރު އެދެމީހުނަށް އެއްވެސް ގެއްލުމެއް އަނިޔާއެއް ނުލިބި އެމައްސަލަ ހައްލުކޮށް އެކަމަށް ރަގަނޅު އިންސާފު ހޯދާ ދިނުމުގެ  އެހާލަތު އިހްސާސް ކޮށްލަމާ ހިނގާ. އެވަގުތުގާ އެނާޒުކުކަން. އެކަހަލަ ވަގުތެއްގައި އޭގެތެރެއިން ކޮންމެވެސް މީހެއްގެ ކަރާމަތަށް ކުޑަނަމަވެސް ގެއްލުމެއް ލިބުނީމާ ޕަބްލިކްގެ ހައްސިއްޔަތުން ކޮންމެވެސް އެއްޗެކޭ ބުނެވޭ.  ފުލުހުން އެކަން ތަހައްމަލުކޮށްދެއްވާ. އެހެންނަމަވެސް އެވަގުތުގައި ފުލުހުންކުރާ އެބުރަ މަސައްކަތުގެ އަގު އަޅުގަނޑުމެން ވަޒަން ކުރަން. އެކަން ހެޔޮހިތުން ބަލައިގަންނަން. އެހެންނަމަވެސް ފަހަރުގައި ބުރަ ބަހެއް އައިސްދާނެ. އެހެންކަމުން އަޅުގަނޑު ހުރިހާ ލޮބުވެތި ރައްޔިތުންގެ ކިބައިން އެދެން 90 އަހަރުވެފައިވާ މި މުއައްސަސާ އަކީ އަޅުގަނޑުމެން އެންމެންގެ މުއައްސަސާ. މީ އަޅުގަނޑުމެން އެމުއައްސަސާއަކަށް ލޯތްބާއި އިޙްތިރާމް ދޭންޖެހާ މުއައްސަސާއެއް. މި މުއައްސަސާގެ ކަރާމަތާއި އިއްޒަތް ނަގަންޖެހޭ މުއައްސަސާއެއް. މި މުއައްސަސާގެ ސަބަބުން މެނުވީ އަޅުގަނޑުމެނަށް އަރާމު ލޮލުފިޔައެއް ނުޖެހޭނެ މުއައްސަސާއެއް. އެހެން ކަމުން މުއައްސަސާގެ ކޮންމެވެސް  ފަރާތަކުން ކުރާ ކަމަކާހެދި މުޅި މުއައްސަސާ ބަދުނާމުކޮށް މުއައްސަސާއަށް ގެއްލުންވާފަދަ ކަމެއް ނުކުރުމަކީ އަޅުގަނޑުމެން ޒިންމާދާރު ރައްޔިތުންގެ ހައިސިއްޔަތުން ކުރަންޖެހޭނެ ކަމެއް.

ލޮބުވެތި ފުލުހުން އަޅުގަނޑު ހަމަ ނިންމާ ލަމުން ދަންނަވާލަން ބޭނުން މިދެންނެވި އިއްޒަތާއި ޝަރަފްވެރި މަސައްކަތް ކުރަމުން ދާއިރުވެސް ބައެއް ފަހަރަށް ބައެއް މަދު އޮފިސަރުންގެ ކިބައިން ރައްޔިތުންނަށް ލިބިދޭ އަނިޔާތަކާ ގެއްލުން ތަކަކީ އަދި ބައެއް ރައްޔިތުންނަށް ކުރިމަތިވާ ނުރައްކާތެރި ވަގުތު ތަކުގައި އިންސާފު ލިބިދެވޭ ގޮތަށް ރަނަގަޅަށް މަސައްކަތް ނުކުރުމަކީ ބައެއްފަހަރަށް ހިނގާކަމެއް. އާދެ! މިއީ ފުލުހުން ވަރަށް ރައްކާތެރިވާން ޖެހޭކަމެއް. ފަހަރެއްގައި ކުށްކުރާ ހުރިހާ މީހުން ހޯދާ އިންސާފު ގާއިމު ނުކުރެވުނު ނަމަވެސް ފުލުހެއްގެ ކިބައިން،  އަޅުގަނޑު ރިޕީޓް ކޮށްލަން ބޭނުންވޭ. ފުލުހެއްގެ ކިބައިން ރައްޔިތަކަށް އެއްވެސް އަނިޔާއެއް ލިބުމަކީ އެއީ އެއްވެސް ހައިސިއްޔަތަކުން ބަލައިގަނެވޭނެ ކަމެއްނޫން. އާދެ! މިކަން މާތްވެގެންވާ އިސްލާމް ދީނުގައި މާވަރުގަދަކޮށް އޮތީ. ގުދުސީ ޙަދީޘެއްގައި އައިސްފައިވަނީ ރަސޫލުﷲ  ޙަދީޘް ކުރައްވަނީ اتق دعوة المظلوم އަނިޔާ ލިބޭ މީހާގެ ދުޢާއާއި ދޭތެރޭގައި ރައްކާތެރިވެ ބިރުވެތި ވާށޭ. فإنها تحمل على الغمام ، يقول الله އާ އޭނާގެ ދުޢާއާ ދޭތެރޭގައި އެއްވެސް ހުރަހެއް ނުވެއޭ. އަދި އެދުޢާ ވިލާތަކުގެ މަތިން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ރައްދުވެއޭ. އެވަގުތުގައި ﷲ ވަޙީ ކުރައްވަނީ وعزتي وجلالتي لأنصرنك ولو بود هين ތިމަން ﷲ ޢިއްޒަތް ތެރިކަމާއި ގަދަފަދަ ވަންތަކަން ގަންދެއްވާ ވަޙީ ކުރައްވަމޭ ހިނދުކޮޅެއް ފަހުން ވިޔަސް ތިބާއަށް ނަސްރު ދެއްވާހުށީމޭ. އެހެން ޙަދީޘެއްގައި އައިސްފައިވަނީ استجاب الله دعاءك، حتى ولو كان المظلوم كافرا ކާފިރަކަށް ވިއަސް އަނިޔާ ލިބޭ މީހާގެ ދުޢާ ﷲ އިޖާބަ ކުރައްވާ. އާދެ! އެހެންކަމުން ރައްޔިތަކަށް އަނިޔާ ލިބިގެންދާހިނދު ބޮޑުކަމެއް ޖެހިގެންދާ ހިނދު އެރައްޔިތަކަށް ފުލުހެއްގެ ކިބައިން އިތުރު އަނިޔާއެއް ލިބިގެން ނުވާނެ . ފުލުހުން އެޒިންމާ ފުރިހަމަ ގޮތުގައި އަދާކޮށްދޭންވާނެ. އަޅުގަނޑު ގަބޫލުކުރަން ހަމަ ހަގީގަތުގައިވެސް ފުލުހުންގެ މުޅިމެޖޯރިޓީއޭ ބުންޏަސް މައްސަލައެއްނެތް. މަދު ފަރާތަކުން ކަންކަން ބައެއްފަހަރު ދޭ އެހެން ނަމަވެސް ވަކިން ޚާއްޞަކޮށް މިދިޔަ 04 އަހަރާއި ބައިގެ ތެރޭގައި ކޮމިޝަނަރ ކޮމިޝަނަރުގެ ޓީމާ އަޅުގަނޑުމެން އެކުގައި ވަރަށް ބޮޑަށް ބަލަމުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަކަމީ ފުލުހުންގެ ކިބައިން ރައްޔިތަކަށް އަނިޔާއެއް ނުލިބޭނެކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތް. އާދެ! މިކަމުގެ މައްޗަށް ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުންވެސް ވަރަށް ބައިވަރު މަސައްކަތްތައް މިއަދު މިދަނީ ކުރަމުން އެކަމުގެ ހެޔޮއަސަރު އިރާދަކުރެއްވީތީ އަޅުގަނޑުމެނަށް ބޮޑުތަނުން ފެނިގެންދޭ. މިއަދު ކުރިއާ ތަފާތުކޮށް ޖަލުގެތެރެއިން ޚާއްޞަކޮށް ބަންދުކުރެވޭ މީހުނަށް ވަރަށް މަދު ފަހަރަކު ނޫނީ އަނިޔާ ލިބޭ ޚަބަރު   އަޅުގަނޑުމެނަކަށް ނުލިބޭ. އެފަދަ މަޢުލޫމާތެއް ލިބިއްޖެ ކަމަށް ވާނަމަ އަޅުގަނޑު   ކޮމިޝަނަރ އާއި ކޮމިޝަނަރުގެ ޓީމާ އެކު އަޅަންޖެހޭ ފިޔަވަޅު އަޅަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ގެންދާނީވެސް އެހެން. 

އާދެ! އަދިވެސް އެއްފަހަރު މިއުފާވެރި ރޭގައި މިމުހިއްމު މުނާސަބަތުގައި ފުލުހުން ތިކުރައްވާ މަސައްކަތުގެ އަގުވަޒަންކޮށް ތިހުރިހާ ލޮބުވެތި އޮފިސަރުންނާއި މުވައްޒަފުންނާއި  އާއިލާތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މިލޮބުވެތި ވަޠަނަކީ އަމަން އޮމާން ރައްކާތެރި އުފާވެރި ފާގަތި ވަޠަނެއްކަމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރުކޮށްދެއްވާށި. އަޅުގަނޑުމެން އެންމެންގެ މަސައްކަތް ގަބޫލުކުރައްވާ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ކާމިޔާބު މިންވަރު ކޮސްދެއްވާށި.

ވަރަށް ބޮޑަށް ޝުކުރިއްޔާ.

ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.