ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް

`

 

ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅު

                            (18 މާރިޗް 2023)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ދިވެހިރާއްޖޭގެ ޢިއްޒައްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ އުއްތަމަ ފަޑިޔާރު އަލްއުސްތާޛް އަހްމަދު މުޢުތަސިމް އަދުނާން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ، ޕޮލިސް ބޯޑުގެ ޗެއަރ ރިޓަރޔަރޑް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަޞީޙް، ޕޮލިސް ބޯޑުގެ ޢިއްޒަތްތެރި މެމްބަރުން، ދިވެހި ފުލުހުންގެ އެގްޒެކްޓިވް ބޯޑުގެ މެމްބަރުން، މިމުހިންމު ކޮންފަރެންސްގެ އެހީތެރިކަން ފޯރުކޮށް ދެއްވި މުއައްސަސާތަކުގެ އިސްބޭފުޅުން، ދައުވަތު އެރުވިގެން ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން މިމުހިންމު ކޮންފަރެންސްގެ ބައިވެރިން. އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ. 

 

އާދެ! އެންމެ ފުރަތަމަވެސް ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސަށް ދިވެހި ރައްޖޭގެ ރައިސުލް ޖުމްހޫރިއްޔާއާއި އުއްތަމަ ފަނޑިޔާރު ވަޑައިގެންނެވީތީ އެދެ ބޭފޫލުންނަށް ވަރަށް ޚާއްޞަ މަރުހަބާ އަކާއި ޝުކުރެއް އަރިސް ކުރަން. ޝައްކެއްނެތް މި ކޮންފަރެންސް ބޭއްވިގެން މިދަނީ ދިވެހިރާއްޖޭގައި މިފަދަ މަސައްކަތެއްގެ ފުރަތަމަ ތަޖްރިބާއެއްގެ ގޮތުގައި. އާދެ! ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް  ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ފަށްޓަވާފައިވާ ގިނަ މަސައްކަތަށް މުޅިން އާބޮޅެއް އިތުރުކުރެވިގެންދާ  ވަރަށް އުފާވެރި ދުވަހެއް އަޅުގަނޑުމެންނާއެކު ފެށިގެން މިދަނީ. 

 

އާދެ! ދިވެހި ފުލުހުންގެ ޚިދުމަތަށް ނުވަތަ ޕޮލިސް ރިފޯމް ކުރުމުގެ މަސައްކަތަކީ  ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އިންތިޚާބީ ވަޢުދެއް. އެހެންކަމުން ދިވެހި ފުލުހުންގެ މުއައްސަސާ ނުވަތަ ދިވެހި ފުލުހުންނަށް  ރައްޔިތުންގެ ފުރިހަމަ އިތުބާރާއި އިޙްތިރާމާ ލޯބި ހޯދުމަށް ކުރަން ޖެހިފައިވާ މަސައްކަތަކީ ނިޒާމީ ގޮތެއްގައި ވަރަށް ތަރުތީބުކުރެވިގެން ކުރަންޖެހިފައިވާ ވަރަށް ދަތި ގޮންޖެހުން ބޮޑު އުނދަގޫ މަސައްކަތެއް. އާދެ އެމަންޒިލަށް ވާސިލު ވުމަށްޓަކައި ދިގު ރާސްތާއެއް ކަޑައްތު ކުރަންޖެހޭ ކަށިތަކުން ފުރިގެންވާ ދިގުމަގެއް.

 

އާދެ! ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މިމަސައްކަތްފެށީ ކަމުގެ ޙަގީގަތް އެނގިތިބެ މިބުރަ މަސައްކަތް ކޮޅެއްގައި ޖެއްސުމަށް ވަރުގަދަ އަޒުމާއެކު. އާދެ! އެއްފިޔަވަޅަށް ފަހު އަނެއް ފިޔަވަޅު އަޅަމުންއައިސް މިއަދު އަޅުގަނޑުމެން މިފަށާ  ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސަކީ މިދިގުމަގަށް ފުލުހުންގެ މުއައްސަސާ ގޮވައިގެން ދަތުރުކުރަން ނިކުމެ ތިއްބެވި މަލިމީންނަށް އާދެ! ކޮމިޝަނަރ އޮފް ޕޮލިސްއާއި އެމަނިކުފާނުގެ އެގްޒެކްޓިވް ޓީމަށް މަގު ދައްކައިދޭނެ އަލިގަދަ ބައްތިއަކަށް އިރާދަކުރެއްވިއްޔާ މިކޮންފަރެންސް ވެގެންދާނެ.

 

އަޅުގަނޑު ކުރިން ދެންނެވިހެން ރާއްޖޭގައި ފުރަތަމަ ފަހަރަށް މަދަނީ މުއައްސަސާތަކުން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާތަކުން އިސްވެގެން ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ރަނަގަޅުކުރުމުގެ މަގުދައްކާ ދިނުމުގެ ރިސަރޗްގެ މަސައްކަތް ފެށިގެންމިދަނީ. އާދެ! މީގެ އަހަރެއްހާ ދުވަސްކުރިން ފެށިގެން ޕޮލިސްބޯޑުގެ އިސްނެންގެވުމާއެކު މިނިސްޓްރީއާއި ފުލުހުންނާ އެކުވެ ގުޅިގެން ގިނަ މަޝްވަރާތަކަކާއި މަސައްކަތަށްފަހު މިހިސާބަށް މިއާދެވުނީ ދައުލަތުގެ ވަރަށް ގިނަ މުއައްސަސާތަކުގެ އަދި ރާއްޖޭގައި ތިއްބެވި ދިރާސާކުރާ ގާބިލް ބޭފުޅުންގެ ވަރަށް ބޮޑެތި އެހީތެރިކަމަކާއެކު. އަޅުގަނޑު ހިތުން މިއަދު މިމަސައްކަތް ފެށިގެންދާއިރު ފުލުހުންގެ މަސައްކަތް ހަރުދަނާކޮށް ތަރުތީބު ކުރުމަށް 10 ފަރާތަކުން ރިސަރޗްކޮށް ޕޭޕަރު ހުށަހެޅުމަކީ އަޅުގަނޑުމެންގެ މިމަގަށް އަލިކޮށްދޭނެ ވަރަށް ބޮޑު އަލިކަމެއް. ފުރަތަމަފަހަރަށް ފުލުހުންގެ ޚިދުމަތް  ބައްޓަންކުރަންވީގޮތް އާއްމުރައްޔިތުން އެކުވެ ގުޅިގެން ދިރާސާކުރުމަށް ދިރާސާތެރިންގެ ހޯދުންތަކާއެކު ހުށަހަޅާދިނުމަކީ ރާއްޖޭގައި ކުރެވޭ އާތަޖްރިބާއެއް.

 

އާދެ! ރައްޖޭގައި މުއައްސަސާތައް ހަރުދަނާ ކުރުމަށް މިއަދު ފަށާފައިވާ މަސައްކަތުގެ ތެރެއިން ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށް މިކުރެވޭ މަސައްކަތް އަޅުގަނޑު ހިތުން ކުރިއަށް ގެންދެވޭނީ އިލްމީ ހަމަތަކާއި ދިރާސާތަކުގެ މަތިން ކޮންފަރެންސް ތަކާއި ސެމިނަރ ތަކާއި ވޯކްޝޮޕްތައް ބާއްވައިގެން. އެކަމުގައި ޔުނިވަރސިޓީތަކާއި ކޮލެޖްތަކާއި ރިސަރޗްކުރައްވާ ބޭފުޅުން ފުރިހަމައަށް އެންގޭޖްވެގެން. ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން.  އާދެ! ފުރިހަމަ ފުލުހުންގެ މުއައްސަސާއެއް ގާއިމުކުރުމަކީ އަޅުގަނޑުމެން އެންމެން އެދޭ އެދުން.  އަޅުގަނޑުމެން އެންމެން ބޭނުންވާގޮތް. އެހެންނަމަވެސް އެމަގަށް ދިއުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކުގެ ބޮޑުކަން ރައްޔިތުންނާއި ދިރާސާކުރާ ފަރާތްތަކަށް އެންމެނަށް އެކުގަ ތިބެ މަޝްވަރާކުރެވި އެގެންޖެހޭ.

 

އާދެ! އަޅުގަނޑުމެން ވަރަށް ފުރިހަމަ ޚިދުމަތަކަށް އެދުނު ކަމުގައިވިޔަސް ގަބޫލުކުރަންޖެހިފައޮތް ހަގީގަތަކީ ދުނިޔޭގެ ގައުމުތަކުގައި 250 ، 300 އަހަރުވެފައި ހުރި ފުލުހުންގެ މުއައްސަސާތައް ހުރިއިރު އަޅުގަނޑުމެންގެ މުއައްސަސާއަށް އަދި މިވީ އެންމެ 18 އަހަރު. މިމުއައްސަސާގެ ޚިދުމަތް ގޮންޖެހުން ބޮޑު ދުވަސްވަރެއްގައި ބައްޓަންކުރުމުގައި ކުރިމަތިލާންޖެހިފައިހުރި ދަތިތައް ވަރަށްވެސް ގިނަ. އާދެ! ފުލުހުންގެ މުއައްސަސާގެ އިސްވެރިން އެއްގޮތެއްގައި ހިފެހެއްޓުމަށްޓަކައި ވޭތުވެ ދިޔަ 10، 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވަރަށް ބޮޑެތި ދަތިތައް އެބަހުރި. މިކަމުން އަރައިގަނެ ފުލުހުންގެ އިސްސަފު ތަރުތީބުކޮށް ރަނަގަޅު އޮފިސަރުން ބައްޓަން ކުރުމަކީ އަޅުގަނޑު ހިތުން ދައުލަތުން އިސްކަން ދޭންޖެހިފައިވާކަމެއް.

 

ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައިދީ އެކަމަށް މަގު ފަހިވާނެ ގޮތްތައް ފަހިކޮށްދިނުމަކީ ސަރުކާރުތަކުގެ ބޮޑު  ޒިންމާއެއް. އާދެ! ހަގީގަތުގައިވެސް މިކޮންފަރެންސް ނިމިގެންދާއިރުގައި މިސަރުކާރުން މިކަމަށް ކޮށްފައިވާ މުހިންމު މަސައްކަތްތަށް ފެނިގެންދާނެކަން ޔަގީން.

 

އާދެ! ދެންމެގަ ފަށައިގަތުމުގެ ގޮތުންވެސް އެވިދާޅުވި ފަދައިން މިތިންދުވަހަށް ބަހާލެވިފައިވާ ކޮންފަރެންސްގައި އެންމެ މުހިންމު އެއްކަމެއް ހިނގައިގެންދާނީ  އަޅުގަނޑުހިތުން މިއަދު އެއީ މިކަމަށް ޚައްޞަކުރެވިގެންވާ 10 ރިސަރޗް ޕޭޕަރު މިއަދު އިރާދަކުރެއްވިއްޔާ ހުށަހެޅޭނެ. އަދި  މާދަމާ އަޅުގަނޑުމެންގެ މުހިންމު އެންގޭޖްމަންޓާއި ކޮމިއުނިޓީއާއި އެކުގަ އޮވެގެންދާނެ. މިތިންދުވަހުވެސް އެކްސްޕޯގެ ގޮތުގައި ސަލާމަތީ ޚިދުމަތްތައްދޭ ވަސީލަތްތައް ދައްކާލުމުގެ މުހިންމު މައުރަޒެއްގެ ގޮތުގައި އެކަން ހިމެނިގެންދާނެ.

 

އަޅުގަނޑުގެ ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މިމަސައްކަތުގައި ބަރަކާތްލައްވައި ފުލުހުންގެ މަސައްކަތަށް އެއްދުވަހުން އަނެއްދުވަހަށް ކާމިޔާބު މިންވަރުކޮށްދެއްވުން. ދިވެހި ރައްޔިތުން އެދޭ ، އުއްމީދުކުރާފަދަ ރަނގަޅު ޚިދުމަތަކަށް ފުލުހުންގެ ޚިދުމަތް ބައްޓަން ވެގެންދިއުން. ހުރިހާ ބޭފުޅުނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

  

ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.