ގައުމީ ދުވަސް

`

 

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅު

) 27 ސެޕްޓެމްބަރ 2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

 

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދު ، ދައުލަތުގެ ޢިއްޒަތްތެރި ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން ، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިން، ހއ. އަތޮޅުކައުންސިލްގެ ރައީސް މޫސާ ޝަފީޤު ، ހއ. އުތީމް ކައުންސިލްގެރައީސް ޢަބުދުﷲ ރަޝީދު އަދި ކައުންސިލްގެ މެމްބަރުން ، އުތީމުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އަޒީމާ ޢަބުދުއްޞަމަދު ، އެކޮމިޓީގެ މެމްބަރުން ، އުތީމުގެ މުއައްސަސާތަކުގެ ލޮބުވެތި ވެރިން ، ދައުވަތު އެރުވިގެން ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، މިރަށުގެ ލޮބުވެތި ރައްޔިތުން، ގައުމީ ދުވަހުގެ މިޝަރަފްވެރި މަހިފިލްގެ އަޑު ދުރާ ގާތުން އަޑުއައްސަވަމުން ބައްލަވަމުންދާ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުން. އައްސަލާމު އަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތުހޫ.

 

އާދެ! މިއަދަކީ ދިވެހިރާއްޖޭގެ ގައުމީދުވަސް ފާހަގަ ކުރަންފެށިތާ 80 ވަނަ ގައުމީދުވަސް. ގައުމީ ދުވަހުގެ ތަހާނިޔާ ގުލްހާރުތައް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނަބަލުންނަށް އަރިސްކުރަނީ ގައުމީ ކުލަތަކުން ޖަރީވެގެންވާ ގުލްދަސްތާގެ ޢަބީރުތަކުން. ގައުމީ އުފަލުގެ  ތަރާނާތައް ހުރިހާ ދިވެހި ލޮބިވެތި ރައްޔިތުންނަށް އަރިސްކުރަނީ ގައުމީ ޝައުގާ ޖޯޝުން އުފެދޭ ނަލަކުލަތަކުގެ ބަނޅިދާ ކޮކާތަކުން. 80 ވަނަ ގައުމީ ދުވަސް އުތީމުގައި ފާހަގަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދައުލަތުގެ ޢިއްޒަތްތެރި ވަފުދު ވަޑައިގެންނެވުމުން އުތީމުގެ ލޮބުވެތި ރައްޔިތުން ކައުންސިލްގެ އިސްނެގުމާއެކު ކިއުއްވި މަރުހަބާއާއި އަދާކުރެއްވި މެހްމާންދާރީއަށް ތިޔަ ގެންގުޅުއްވާ އޯގާވެރި ލޮބުވެތި ހުޅުވިފައިވާ ހިތްތަކަކީ އަޅުގަނޑުމެން ގައުމު މިއަދުވެސް އުތީމު ތަކުރުފާނުގެ ދުވަސްވަރު ފަދައިން ފަޚުރުވެރިވާކަމެއް. އާދެ! އެހެންކަމުން ކައުންސިލްގެ ރައީސާއި ކައުންސިލްގެ މެމްބަރުންނާއި ޑަބްލިޔު.ޑީ.ސީ ހިމެނޭގޮތުން އުތީމުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑުމެން މުޅިގައުމުގެ ނަމުގައި އައްސަރިބަހާއި ސާބަހާއި ޝުކުރު ދަންނަވަން.

 

އާދެ! މިއަދަކީ ގައުމީ އަބުޠާލުންގެ ޒިކުރާ އާކުރެވޭދުވަސް. އެއަބުޠާލުން ގައުމަށްޓަކައި ކުރެއްވި މަތިވެރި ޖިހާދާއި ވެވަޑައިގެންނެވި މަތިވެރި ގުރުބާނީ ތަކުގެ ހަނދާންތައް ހިތްމައްޗަށްގެނެސް ހަނދާން އާކުރާދުވަސް. ދިވެހި ގައުމަށްޓަކައި ގުރުބާންވެވަޑައިގެންނެވި ހުރިހާ އަބުޠާލުންގެ ނަންފުޅުތައް ހަނދާންކޮށް މާތްﷲ އެބޭކަލުންނަށް ހެޔޮރަޙްމަތް ލައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަން.

 

ލޮބުވެތި ހުޟޫރުން.  2500 އަހަރު ކުރިން ޖެހެމުންއަންނަ ދިވެހި ތާރީޚުގެ ފަތްފުށް ތަކުގައި ދިވެހި ގައުމިއްޔަތާއި ގުޅޭ ކުދިބޮޑު އެތައް ހާދިޘާތަކެއްވަނީ ނަކަލު ކުރެވިފައި. އެބީދައިން ކަންހިނގަމުން ދިޔަ ނަމަވެސް ދިވެހިރައްޖޭގެ ގައުމީދުވަހުގެ ގޮތުގައި އަނދިރި އަނދިރީންގެ އަނިޔާވެރި ވަކިތަކުން ބޮޑުތަކުރުފާނު ދިވެހި ގައުމު ސަލާމަތްކުރި ދުވަސް އާދެ! ރަބީޢުލްއައްވަލު މަހުގެ އެއްވަނަ ދުވަސް ދިވެހި ގައުމީދުވަހުގެ ގޮތުގައި ކަނޑައެޅި ގަރާރުކުރެވި ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ލިޔެވިގެންދިޔައީ ދިވެހިންގެ ތާރީޚުން ފެންނަން އޮތް އެންމެ އަލިގަދަ އެންމެ ވިދާ ބަބުޅާ އެންމެ އުޖާލާ އެންމެ ފަޚުރުވެރި ޝަރަފްވެރި ދުވަހަކީ އެދުވަސްކަމުގައި ދިވެހިން ގަބޫލުކުރި. ދިވެހި ތާރީޚަށް ބަލާއިރު ދިވެހިން އެންމެ ބޮޑު އަޅުވެތި ކަމަކާއި ނިކަމެތި ކަމަކާއި ހިތްދަތިކަމާއި ބިރުވެރިކަމާއި ނާމަންކަން ތައްހައްމަލުކުރީ ޕޯޗްގީޒުން ރާއްޖެ އިސްތިޢުމާރުކޮށްގެންތިބި 15 އަހަރާއި 6 މަސްދުވަހު. ވަކިން ޚާއްޞަކޮށް ދިވެހިންގެ ދީންބަދަލުކޮށް ދިވެހީންގެ ކަރަށް ރާއަޅަން ނިންމީ އެއުރެން.

 

ލޮބުވެތި ހުޟޫރުން. އެނގިވަޑައިގަންނަވާނެފަދައިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ދުވަސް ފާހަގަ ކުރެވުނީ 01 ރަބީޢުލްއައްވަލު 1365 ވަނައަހަރު އެއީ މީލާދީ ސަނަތުން 04 ފެބްރުއަރީ 1946 . އާދެ! ބޮޑުތަކުރުފާނު ޕޯޗްގީޒުންގެއަތުން ރާއްޖެ މިނިވަން ކުރެއްވިތާ 384 އަހަރުފަހުން ރާއްޖޭގެ ގައުމީ ދުވަހުގެ ގޮތުގައި އެދުވަސް ހަމަޖެހިގެން ދިއުމުގެ ގޮތުގައި ގިނަ ސަބަބު ތަކެއް އޮންނާނެކަން ކަށަވަރު. އާދެ! 19ވަނަ ގަރުނުގެ ފަހުބަޔާއި 20 ވަނަ ގަރުނުގެ ކުރީބައި ވެގެންދިޔައީ ދުނިޔޭގެ ގިނަގައުމުތައް ވަކިން ޚާއްޞަކޮށް އެފްރިކާއާއި އިރުމަތީ ގައުމުތައް އިސްތިޢުމާރީ ބާރުތަކުން މިންޖުވެ އަމިއްލަ މިނިވަންކަމާއި އިސްތިގްލާލު އަނބުރާހޯދުމަށް ގަދައަޅާ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރެއް. އެދުވަސްވަރު ވެގެންދިޔައީ ގައުމުތަކުގައި ހުއްބުލްވަޠަނުގެ ޖޯޝާއި ފޯރިއާލާކޮށް ގައުމީ ރޫޙް ދިރުވާ އާލާކުރުމުގެ ގައުމީ ކެންޕޭނީ މޫސުމަކަށް. އެދުވަސްވަރު ދިވެހި ރާއްޖެ އޮތީ އަޅުވެތިކަމެއްގައި ނޫންނަމަވެސް އިންގިރޭސީންގެ ހިމާޔަތުގައިކަމުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދާދިނުން އޮތީ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވިފައި. އެހެންކަމުން ސުމުވުއްއަމީރު މުޙައްމަދު ދޮށިމޭނާ ކިލެގެފާނު ދިވެހި ގައުމިއްޔަތަށް ޚާއްޞަ އިސްކަމެއް ދެއްވި. ދިވެހިންގެ މިނިވަންކަމުގެ ރޫޙް ވަރުގަދަ ކުރައްވާ ދިވެހި ގައުމިއްޔަތު ދިރުވުމުގެ މަސައްކަތް އާއުދަރެހަކަށް ގެންދިޔަ. އެގޮތުން 1365 ވަނައަހަރު ރަބީޢުލްއައްވަލު މަހުގެ  01 ވަނަދުވަހު އެއީ ގައުމީދުވަސް ކަމުގައި ކަނޑައަޅުއްވާ ފުރަތަމަ ފަހަރަށް ވަރަށް ކުލަގަދަ ގޮތެއްގައި ގައުމީ ދުވަސް ފާހަގަ ކުރެއްވި. އެދުވަހުގެ ގައުމީ ޖަލްސާގައި ފުރަތަމަ ފަހަރަށް ގައުމީ ސަލާމް ކުޅެވިގެންދިޔަ. އާދެ! އެދުވަހުގެ ފަހުން މިއަދާ ހަމައަށް ގައުމީ ދުވަސް އެކި ސިފަތަކުގައި ފާހަގަކުރަމުންއާދޭ.

 

ލޮބުވެތި ހުޟޫރުން. ޕޯޗްގީޒުންގެ އަނިޔާވެރިކަން ރަމްޒުކޮށްދިނުމަށް ދިވެހިން ބުނެ އުޅުނު އެންމެ އަސަރުގަދަ އިބާރާތަކީ ދިވެހި ދަރީންގެ ލެއިން ދިވެހި ކަނޑުތައް ރަތްވެގެންދިޔަ ދުވަސްވަރު. އާދެ! މިހާލަތުގައި ދިވެހިރާއްޖެ އޮތްވައި ރާއްޖޭގެ އެންމެ އުތުރުގެ އެންމެ ކުޑަރަށުގެ އާދެ! މިއުތީމު ފަސްގަނަޑުން ނެރެ ދެއްވި ދިވެހި ބަޠަލަކީ ދިވެހި ތާރީޚުގައިވެސް އާދަޔާ ޚިލާފު ޖިހާދެއް ކުރެއްވި ކޮމާންޑަރެއް. ބޮޑުތަކުރުފާނަކީ އާދަޔާ ޚިލާފަށް ނެވިކަމާއި ހެވިކަން ދަސްކުރައްވައިގެން ހުންނެވި އަދި އެމައިދާނަށް ނިކުންނެވި ކޮމާންޑަރެއް. އިސްނެންގެވުމާއި ކެރިވަޑައިގަތުމާއި ޖެހިލުންކުޑަކަމުގެ ސިފަ  ލިބިވަޑައިގެންހުންނެވި ވަރުގަދަ ލީޑަރެއް. އިލްމުވެރިކަމާއި ޙިކުމަތްތެރިކަމާއި ކެތްތެރިކަމާ އޯގާވެރިކަން އިސްކުރެއްވި ރަސްކަލެއް. އޯގާވެރި ލޯބިވެތި ފިރިއެއް. ބައްޕައެއް. ހުނަރުވެރި މުޢައްލިމެއް މުރައްބީއެއް. ބޮޑުތަކުރުފާނުގެ ހަޔާތްޕުޅު ދިރާސާކުރުމުން ހެޔޮލަފާ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ފުރިހަމަ ހުރިހާ ސިފަތަކެއް ވަރަށް ރީތިކޮށް މިސާލުން ފެންނަން ހުނާނާނެ.

 

ލޮބުވެތި ހުޟޫރުން. ކޮންމެ ގައުމެއްވެސް ބިނާވަނީ  އެގައުމެއްގެ ގައުމިއްޔަތުގެ ބަހާތަކާއި އަސާސްތަކާއި ރުކުންތަކުގެ މައްޗަށް. ދިވެހި ގައުމިއްޔަތުގެ ބަހާތަކަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ބަހާއި ދިވެހި ތާރީޚާއި ސަގާފަތާއި އާދަކާދައިގެ ތަރިކަ. އަންނަން އޮތް ޖީލުތަކަށް ދިވެހި ގައުމިއްޔަތު ގައުމިއްޔަތެއްގެ ގޮތުގައި ފޯރުކޮށްދެވޭނީ މިއަދުގެ ޖީލުން ދިވެހި ގައުމިއްޔަތުގެ ބަހާތައް ފުރިހަމަ ގޮތުގައި ނަގަހައްޓާ ދަމަހައްޓައިގެން. އުފެދި ބޮޑުވަމުން އަންނަ ޖީލުތަކުގެ ހިތްތަކުގައި އިސްލާމް ދީނުގެ ޞައްޚަ އަގީދާ ކަނޑައަޅާ ބިންވަޅުނަގައިގެން. އީމާންކަމުގެ ރުކުންތަކާއި އިސްލާމްކަމުގެ ރުކުންތައް ފުރިހަމައަށް ދަސްކޮށްދީގެން. ފަރުޟު ފަސްނަމާދަށް ރައްކާތެރިވުމީ ހަށިގަނޑާއި ރޫޙު ސާބިތުކުރާ އަސާސްކަމުގައި ހަދައިގެން. އިސްލާމީ ރިވެތި އަޚްލާގުގެ ފޭރާމުން ފޭރާންލައި ޖަރީވެގެން. ދިވެހި އަދަބިއްޔާތާއި ބަސްމޮށުންތެރިކަމަށް ސަމާލުކަމާއި އިސްކަން ދެވިގެން. ދިވެހި ތާރީޚާއި ސަގާފަތާއި އާދަކާދަތައް ނަގަހައްޓާ ދަމަހައްޓައިގެން. 

 

ލޮބުވެތި ހުޟޫރުން. ގައުމެއް ކުރިއަރާ ތަރައްޤީވާނީ އެގައުމެއްގެ ދަރިން ބިނާކޮށް ތަރުބިއްޔަތުކޮށް މީހުނަށް ހަދައިގެން. މީހުން ބިނާ ކުރުމުގައި ބޮޑުތަކުރުފާނު ގެންގުޅުއްވި ފަލްސަފާއަކީ އެންމެ ކާމިޔާބު އެއްފަލްސަފާކަން މިއަދު އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. އާދެ! ބޮޑުތަކުރުފާނުގެ ފަލްސަފާއަކީ މީހުން މީހުނަށްވަނީ މީހުނަށް ހެދީމަ. އާދެ އަޅުގަނޑު އުއްމީދުކުރަނީ އާލާ ފަހުން އަރާވަޑައިގެން މިވާހަކައަށް އިތުރަށް އަލިއަޅުވާ ލައްވާނެކަމަށް. އާދެ! ދުވާފަރު ދަންޑެހެލުގެ ވާހަކައަށް އަޅުގަނޑު މިއިޝާރަތް ކުރީ. އާދެ! ވަރަށް ކުޑަކުޑަ މަދު ބޭފުޅުންކޮޅެއް ނެރުއްވައިގެން ތަރުބިއްޔަތު ކުރައްވާ އެބޭފުޅުންނަށް ހިތްވަރާއި އަޒުމު ދެއްވައި ނިކުމެ ވަޑައިގެން  05 އަހަރު ދުވަހު ނޫނީ 05 އަހަރަށްވުރެ ގިނަ ދުވަހު ތާރީޚީ ޚިލާފު ތަކުން 05 އަހަރާއި 08 އަހަރާއި ދެމެދު ކަމަށް އަޅުގަނޑުމެނަށް ފާހަގަކުރެވޭ. އާދެ! 05 އަހަރަށްވުރެ ގިނަ ދުވަހު އަޅުގަނޑުމެނަށް މިފެންނަ ކަނޑުމަތި، އަނގަމަތި މަސްދޯންޏެއްގައި ކަނޑުމަތީގައި ރެއާދުވާލު ވާރެއާ ވިއްސާރައިގަ 05 އަހަރަށްވުރެ ގިނަދުވަހު އެކުޑަ ޖަމާޢަތް ނުވަތަ ކުޑަ ލަޝްކަރު ގޮވައިގެން ހޭދަކުރައްވާ ރަށްރަށަށް ކޮންމެރެއަކު އަރުއްވާ ޕޯޗްގީޒުން މަރުއްވާ އެމީހުންގެ ވަކިތައް ނޮޅުއްވާ ބަލިކުރައްވާ ރާވެރިންނަށް އިސްކަންދެއްވާ  ރަށްރަށުގައި ތިބި ބަލިކަށި މީހުނަށް އެހީތެރިވެ ދެއްވާ ރަށްރަށް ފަތަޙަ ކުރައްވަމުން ވަޑައިގެން ރާއްޖެ އިސްލާމްކޮށްދެއްވާ މުޅި ރާއްޖޭގައި އަދުލުވެރި އިންސާފުވެރި ވެރިކަމެއް ގާއިމުކޮށްދެއްވާ ރާއްޖޭ ރައްޔިތުންނަށް އުނގަންނާދެއްވައި ދަސްކޮށްދެއްވައި ތަރުބިއްޔަތުކޮށްދެއްވައި ރާއްޖޭގައި ގައުމިއްޔަތެއް ބިނާ ކުރެއްވި. އާދެ! އަޅުގަނޑުމެން މިއަދު މިތިބީ އަންނަންއޮތް ޖީލަށް މިގައުމު ގެންގޮސްދިނުމުގެ ބޮޑު ޒިންމާ އަދާކުރުމާއިގެން. ޢިއްޒަތްތެރި ރައީސުލްޖުމޫރިއްޔާ މިކަމުގައި އަޅުގަނޑުމެން އެންމެނާއިގެން ތިކުރައްވާ މަސައްކަތަށް އަޅުގަނޑު ހަގީގަތުގައިވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

 

އަޅުގަނޑުގެ ދުޢާއަކީ ﷲ ޞުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މިދީބު އަބަދުމެ އިސްލާމްކާމާއި މިނިވަންކަން މަތީ ދެމެހެއްޓެވުން. ދިވެހިންނަކީ އެއްބައިވަންތަ އެކުވެރި އޯގާވެރި ބައެއްގެ ގޮތުގައި ލެއްވުން. ދިވެހިންނަށް ފާގަތި އުފާވެރި ދިރިއުޅުމެއް މާތް ﷲ ޞުބުޙާނަހޫ ވަތަޢާލާ ތަނަވަސްކޮށްދެއްވުން. ދެދުނިޔޭގެ ބައްޖަވެރިކަން އަޅުގަނޑުމެން އެންމެނަށް މިންވަރުކޮށްދެއްވުން . ވަރަށް ބޮޑަށް ޝުކުރިއްޔާ.  

ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.