ވިއަވަތި ރާއްޖެ ކޮންފަރަެންސް ހުޅުވުމުގެ ރަސްމިއްޔާތު

`

 

ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅު

(11 ސެޕްޓެމްބަރ 2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

 

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ދައުލަތުގެ ޢިއްޒަތްތެރި ވަޒީރުން، ރައްޔިތުންގެ މަޖިލިހުގެ ޢިއްޒަތްތެރި މެމްބަރުން، އެލްޖީއޭގެ ސިއޯ ފާތިމަތު އަފްޝަން ލަޠީފް، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިން، ޔޫއެސް އެމްބަސީގެ އިސްބޭފުޅުން، ޔޫއެންޑީޕީ އަދި އައިއާރުއައިގެ އިސްބޭފުޅުން، މިކޮންފަރެންސް އެބަޔަކަށް ޚާއްޞަވެފައިވާ ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުން އަދި ޑަބްލިޔު ޑީސީތަކުގެ ރައީސާއިންނާއި މެމްބަރުން އައްސަލާމް އަލައިކުމް  ވަރަޙްމަތުﷲ ވަބަރަކާތުހޫ.  

އާދެ! ލާމަރުކަޒީ ނިޒާމް ފައްކާކުރުން އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ވަޢުދެއްގެ ގޮތުގައި ވިދާޅުވެފައިވާ ބަސްފުޅެއްނޫން. އަދި ކިއެއް އެއީ މިޖަޒީރާ ރާއްޖޭގެ  ވެރިކަން ހިގަންޖެހޭނެކަމަށް އެމަނިކުފާނު އީމާން ވެވަޑައިގަންނާވާގޮތް. އެމަނިކުފާނުގެ ޕެޝަން އެމަނިކުފާނު ވެރިކަން ކުރެއްވުމުގެ ވަށްޓަފާޅިއާއި ސްޓައިލް.  ކޮންމެ ދުވަހަކު އަމަލީ ގޮތުން ދައްކަވަމުން ތަޖްރިބާ ކުރައްވަމުން ގެންދަވާ ހަގިގަތް. އާދެ! މި ކޮންފަރެންސްތަކަށް، ކޮންފަރެންސްތަކުގައި ދެއްކޭވަހަކައަށް، ނިންމާ ނިންމުންތަކާއި އަމަލުކުރެވޭގޮތް މީ މިކަމުގެ ފުރިހަމަ ހަގީގަތް. އަދި މިއަށްވުރެވެސް ވަކިން ޚާއްޞަކޮށް މިއަދު އެދެއްކެވި ވާހަކަފުޅުތައް މިކަމުގެ އަސްލެއްކަމުގައި ފުދޭ. ރައީސުލްޖުމްހޫރިއްޔާ ވިދާޅިވި ފަދައިން މިދައުރު ނިމުމަށްފަހު މިއަދު ރައީސް އަތޮޅުތަކަށް ފަތުރާލައްވާފައިވާ މިނިޒާމު އަނބުރާ އިންޗިއަކަށްވެސް ފަހަތަށް ޖައްސާލަން އެއްވެސް ބޭފުޅަކަށް ދެން ފުރުޞަތު ދެވިގެންނުވާނެ.

ލޮބުވެތި ޙުޟޫރުން ގައުމެއް ތަނަވަސްވިކަމަށްވާނީ އެގައުމެއްގެ ހުރިހާ ރައްޔިތުން ތަނަވަސްވީމަ. ގައުމަކަށް އުފާވެރިކަން ލިބިގެންދާނީ އެގައުމެއްގައި ހިމެނޭ އެންމެ ނިކަމެތި އެންމެ ފަގީރު މީހާވެސް އުފާވީމަ. ދިވެހި ރައްޖޭ ތަރައްގީވާނީ އަޅުގަނޑުމެން ދިރިއުޅޭ ހުރިހާ ޖަޒީރާތައް އެއްވަރަކަށް ތަރައްގީވީމާ. ހުރިހާ ޖަޒީރާތައް ތަރައްގީ ކުރެވޭނީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ރާއްޖޭގައި ގާއިމުކުރެވުނީމަ. މި ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ދެން ކުރަންއޮތް އެންމެ މުހިންމު ކަމަކީ  ރައީސުލްޖުމްހޫރިއްޔާ އެވިދާޅުވިފަދައިން ފުރިހަމަ ގޮތެއްގައި މިހުރިހާ ފަރާތެއް ހިމެނޭ ފުޅާދާއިރާގެ މަޝްވަރާ އެންމެ ރަނަގަޅުގޮތުގައި ކުރިއަށް ގެންދިއުން.

އާދެ! ޝައްކެއްނެތް ހެޔޮވެރިކަމެއްގައި ހުންނަންޖެހޭ އެންމެ މާތް އެންމެ މަތިވެރި އެންމެ މޮޅު އެންމެ މޮޅު ވިދާ ބަބުޅާސިފައަކީ ފުރިހަމަ ސިފައިގައި އެންމެން އެކުގައި މާޝްވަރާކުރުން. އާދެ! ކީރިތި ޤުރުއާނުގައި ފުރިހަމަ ވެރިކަމެއްގެ ނިޒާމުގައި މަޝްވަރާ ކުރުން އޮންނަންޖެހޭ މިންވަރު ވަރަށް ސާފުކޮށް ގެނެސް ދެއްވާފައިވޭ. އެހެންވެ ޚުދު ރަސޫލު ﷲ އެންމެ ބޮޑަށް އަމުރު ކުރައްވާފައިވަނީ އެކަމަށް. އެކަލޭގެ ފާނު ވެރިކަން ކުރެއްވިއިރު ވެރިއެއްގެ ސިފައިގަ އާދެ! އަޅުގަނޑުމެން މިކިޔާ ހެޔޮވެރިއެއްގެ ސިފައިގަ ހުންނަންޖެހޭ ސިފަތައް އެއްމެ އާޔަތެއްގައި ވަރަށް ރީތިކޮށް ސިފަކޮށްދެއްވާފައި. އެންމެ އާޔަތެއްގައި.  ވަރަށް ރީތި އިނގޭތޯ.  ރަސޫލު ﷲ އާމުޚާތަބުކުރައްވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ فبما رحمة من الله لنت لهم  ކަލޭގެފާނުގެ މައްޗަށްވާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އޯގާވެރިކަމުގެ ބޮޑުކަމުން  ކަލޭގެފާނު ވެވަޑައިގެންނެވިއޭ އެބައިމީހުންނަށްޓަކައި ވަރަށް އޯގާވެރި ބޭފުޅެއްކަމުގައި. ﷲ ގެ ރަޙްމަތުގެ ބޮޑުކަމުން ކަލޭފާނަކީ ކަލޭގެފާނުގެ ދަށުގައިތިބި ރައްޔިތުންނަށް ވަރަށް އޯގާވެރި ހެޔޮމީހެއްކަމުގައި ކަލޭގެފާނު ވެވަޑައިގެންނެވީ. ولو كنت فظا غليظ القلب لانفضوا من حولك ކަލޭގެފާނަކީ ހިތްހަރު ހަރުކަށި މީހެއްނަމަ އެ އެންމެން ކަލޭގެފާނު ދޫކޮށްލާފަ ދުރަށްގޮސް ފިލައިގެން ހިގައްޖެއީހޭ. ހަރުކަށި ހިތްހަރު މީހެއްނަމަ އެންމެން ފިލައިގެން ދުރައްގޮއްސިއޭ. فاعف عنهم واستغفر لهم ފަހެ އެބައިމީހުންނަށް ކުރެވޭ ބައެއްކަންކަމުގައި ހެދޭ ގޯސްތަކުގައި ކަލޭގެފާނު އެބައިމީހުނަށް މަޢާފުކޮށްދެއްވާށޭ. އަދި އެބައިމީހުންގެ ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރައްވާށޭ. ވަޝާވިރުހުމް އަދި ކަލޭގެފާނު އެބައިމީހުންނާ ގިނައިން މަޝްވާރާ ކުރައްވާށޭ. وشاورهم فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ އަދި މަޝްވަރާ ކުރެއްވުމަށްފަހު ވަކި ގޮތެއް ނިންމަވާ އަޒުމް ކަނޑައަޅުއްވައިފިއްޔާ ދެން ފަހަށް އެނބުރި ނުބައްލަވާ ﷲ އަށް ވަކީލުކުރައްވައިގެން ކުރިއަށް ވަޑައިގަންނަވާށޭ. إِنَّ ٱللَّهَ يُحِبُّ ٱلْمُتَوَكِّلِينَ ހަމަ ކަށަވަރުން ﷲ އީ ވަކީލުކުރާ މީހުން ދެ ލޯބިވެ ވޮޑިގަންނަވާ އިލާހެވެ. މިއީ ހެޔޮ ވެރިކަމެއްގައި ހުންނަންޖެހޭ ސިފަތައް. ރައްޔިތުންނާއި މެދު އޮންނަން ޖެހޭ އޯގާވެރިކަން ރައްޔިތުންނާ މެދު އޮންނަންޖެހޭ ގާތްކަން އާދެ! މިއަދުގެ މިވެރިކަމުން އެސިފަތައް އެންމެ ރީތިގޮތުގައި ފުރިހަމަ ގޮތުގައި ފެންނާތީ މި އެންމެން މިތަނަށް އެއްވެ މިތިބީ. އެކަން ކުރަން އަޅުގަނޑުމެން އައިސްމިތިބީ.  އެކަމުގެ ނަތީޖާ އިރާދަކުރެއވިއްޔާ އަޅުގަނޑުމެންނަށް ފެންނާނެ.

އާދެ! އަޅުގަނޑު ޔަގީންކުރަނީ މާތް ﷲގެ ރަޙްމަތާ އެކުގައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތްލައްވައި އަޅުގަނޑުމެންނަށް ކާމިޔާބު ދެއްވައި އަޅުގަނޑުމެންގެ ރާއްޖެއަކީ ވިއަވަތި ރާއްޖެއެއްގޮތުގައި ލެއްވުން . އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވުން.   

ވަރަށް ބޮޑަށް ޝުކުރިއްޔާ.

 

ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.