އެމްސީއެސް ގެ އަހަރީ ދުވަސް

`

 

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ހަފްލާގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅު

(06 ސެޕްޓެމްބަރ 2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ދައުލަތުގެ ޢިއްޒަތްތެރި ވަޒީރުން، ކޮމިޝަނަރ އޮފް ޕްރިޒްންސް އަޙްމަދު މުޙައްމަދު ފުޅު، މިނިސްޓްރީ ތަކުގެ ސްޓޭޓް މިނިސްޓަރުން ، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޙަމީދު ، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިން ، މޯލްޑީވްސް ކަރެކްޝަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުން ، މޯލްޑީވްސް ކަރެކްޝަލް ސަރވިސްގެ ޚިދުމަތްތެރި އޮފިސަރުންނާއި މުވައްޒަފުން،  އަދި ދައުވަތު އެރުވިގެން ވަޑައިގެންތިއްބެވި ޢިއްޒަތްތެރިން ، އެންމެ ލޮބުވެތި ޙުޟޫރުން އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

 

އާދެ! މިރެއަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހަޔާތުގައި  ވަރަށްވެސް އަލި ގަދަ ރެއެއް. މިޚިދުމަތުގެ މަސައްކަތް ކުރެވެމުން އަންނަތާ 51 އަހަރު ފުރުން ފާހަގަކުރާއިރު އަޅުގަނޑުމެން ދިޔައީ މިމުއައްސަސާއަށް 50 އަހަރު ފުރުން ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް މިދިޔައަހަރު މަސައްކަތްކޮށް ތައްޔާރުވަމުން. އަދި މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ދެފަހަރެއްގެ މަތިން އަޅުގަނޑުމެންނަށް ވަގުތު ދެއްވާ އެކަމަށް ތައްޔާރުވެސްވިން. އެހެންނަމަވެސް ކޮވިޑްގެ ދަތި ހާލަތުގައި އެދެފަހަރުވެސް ވަރަށް ވަގުތު ކާރިވެފައިވަނިކޮށް ކެންސަލް  ކުރަންޖެހުނީ. އެހެންނަމަވެސް މިޚިދުމަތުގެ މަސައްކަތަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ އިސްކަމާއި އަހްމިއްޔަތުކަމާއި ގާތްކަން ހާމަކޮށްދިނުމަށްޓަކައި އޮނަހިރު އަދަދަކަށް ވެގެން އައިރުވެސް އަޅުގަނޑުމިއަހަރު އެކަން ފާހަގަކޮށް އަޅުގަނޑުމެން މިދަނީ އެކަން ކުރިއަށް ގެންދަމުން. އާދެ ! މިޖަލްސާ ޝަރަފްވެރިކޮށްދެއްވައި މިމުހިންމު މުނާސަބަތުގައި ބައިވެރިވެ ވަޑައިގެންދެއްވުމަށްޓަކައި  ރައީސުލް ޖުމްހޫރިއްޔާ ވަޑައިގެން ދެއްވިކަމީ މުޅި މުއައްސަސާއަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ވަރަށް ބޮޑު ޝަރަފެއް. އެހެންކަމުން ރައީސުލް ޖުމްހޫރިއްޔާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު މުޅި މުއައްސަސާގެ ނަމުގައި ޝުކުރާއި މަރުހަބާ އަރިސްކުރަން.

 

އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން 50 އަހަރުގެ ތެރޭގައި މިމުއައްސަސާއަށް އައިސްފައިވާ މުހިންމު ބަދަލުތަކަކީ އަޅުގަނޑުމެން ދިވެހިން ދެކެމުން އަޑުއަހަމުން އައިބަދަލުތަކެއް. މިއަދު މިމުއައްސަސާ މިހިސާބަށް ގެނެވި މިބަދަލުތަކާ ހަމައަށް މިއާދެވުނީ ވަރަށް ގިނަ ބައެއްގެ ޚިދުމަތްތަކާއި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން. އެހެން ކަމުން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އިޚްލާޞްތެރި މައްސައްކަތުގައި ދެމިތިއްބެވި ހުރިހާ ބޭފޫޅުންނަށް ޚާއްޞަކޮށް ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވާފައި  ތިއްބެއްވި ކޮމިޝަނަރުންނާއި އަދިވެސް ޝަރަފްވެރި އެހެން މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއި އެކު ޝުކުރާއި މަރުހަބާ އަރިސްކުރަން.

 

އާދެ! ދިވެހިރާއްޖޭގެ ޖަލުތަކުގެ ނިޒާމު ރިފޯމް ކުރުން އެއީ  ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވައުދެއް. މިވަޢުދު ފުރިހަމަކޮށްދިނުމަށްޓަކައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ވޭތުވެ ދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި އެއްސަރުކާރަކުން ނުކުރެވޭހާ ގިނަ މަސައްކަތް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ކުރެވުނުކަމީ ގަބޫލުކުރަންޖެހޭ ފުރިހަމަ ހަޤީގަތެއް. އާދެ! ރައްޖޭގެ ޖަލުތަކަކީ ގައިދީނަނަށް އަނިޔާ ކުރުމާއި އަދި ނިކަމެތިގޮތްކާއި ކުރިމަތި ލާންޖެހިފައިވާ ކަމުގެ ތާރީޚަކާ ސަގާފަތެއް އޮތްތަނެއް. ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކަރުގައި އަޅުގަނޑުމެން ވާނީ އެކަން މާޒީގެ ޞަފުޙާ ތަކުތެރެއަށް ފޮނުވާލާފައި. ދިވެހި ރައްޖޭގެ ޖަލުތަކުގެ ގައިދީއަކަށް ގަސްދުގައި އެނގިހުރެ އަނިޔާކުރާ އެއްވެސް އޮފިސަރަކަށް ޖާގައެއްނެތްކަން އެއީ މިއަދު ހުރިހާ އޮފިސަރުން ރަނަގަޅަށް ދެނެ ތިބޭނެކަމެއް. އާދެ! އޭގެ ބައެއް ތަފްސީލްތައް ކަމިޝަނަރގެ ވާހަކަފުޅުގައި ގެނެސް ދެއްވައިފި.

 

ލޮބުވެތި ހުޟޫރުން. ދުނިޔޭގެ ނިސްބަތަށް ބަލާއިރުވެސް ދިވެހިރާއްޖެއަކީ ބަންދުމީހުނާ ގައިދީން ގިނަ ތަނެއްކަން އެއީ ގަބޫލުކުރަންޖެހޭ ހިތި ހަގީގަތެއް. ރާއްޖޭގެ ކަންކަން މިހިސާބަށް ދިޔައީ އެކަމަގެ ފަހަތުގައި ވަރަށް ގިނަ ކަންކަން ހުރުމުގެ ނަތީޖާއެއްގެ ގޮތުން. މިކަންކަމުން އަރައިގަތުމަށްޓަކައި އަޅުގަނޑުމެން ދައުލަތެއްގެ ސިފައިގައި ގައުމެއްގެ ސިފައިގައި ވަރަށް ގިނަގުނަ މައްސައްކަތްތަކެއް ކުރަންޖެހޭ. އާދެ! މިކަމުގަ ފަންނުވެރިން ސޯޝަލް އިންޖިނިއަރުންނާއި ކްރިމިނޮލޮޖިސްޓުން ވިދާޅުވަނީ މުޖުތަމައެއްގައި ކުށްތަކުން ސަލާމަތްވެ އަމާން މުޖުތަމައަކަށް ހެދުމަށްޓަކައި ފުރިހަމަ ތިންކަމެއް ކުރަންޖެހޭ. ނުވަތަ ތިންކަމެއް ފުރިހަމަގޮތުގައި އަދާކުރަންޖެހޭ. އެކަމަށްޓަކައި އެންމެ އެކަށީގެންވާ ބޭނުންތެރި ފުރިހަމަ ޤާނޫނެއް އެކުލަވާލާ ޤާނޫނީ ނިޒާމުގެ އޮނިގަނޑު ފުރިހަމަކުރަންޖެހޭ. އަދި ވަރަށް ފުރިހަމަ ސިފައެއްގައި އެޤާނޫނު ތަންފީޒުކުރަންޖެހޭ. އަޅުގަނޑުމެންނަށް ޤާނޫނެއް ހެދިދާނެ ރާއްޖޭގައި މިއަދު ވަރަށް ގިނަ ޤާނޫނު އެބަހުރި.  ޤާނޫނީ އޮނިގަނޑު މިއަދު ބަލިކަށްޓޭ  މުޅިން ބުނެވޭކަށްވެސް ނުއެއްނެތް. އެހެންނަމަވެސް ތަންފީޒް ކުރުމުގައި ގިނަ ގޮންޖެހުން ތަކެއް އެބަހުރި . އާދެ! އެކަންކަމުން އަރައިގަތުމަށް   މިއަދުގެ ސަރުކާރުން ރައީސްގެ އިރުޝާދާއެކުގައި އަޅުގަނޑުމެން ޚާއްޞަކޮށް ފުލުހުންނާއި ކަރެޝަނަލް ސަރވިސްގެ ތެރެއިން ދަނީ ވަރަށް ގިނަ މައްސަކަތްތަކެއް ކުރެވެމުން . އާދެ! ތިންވަނަ ކަމެއްގެ ގޮތުގައި އެބޭފޫޅުން  ފާހަގަކުރައްވަނީ  ވަރަށް ފުރިހަމަ ރީހިބިލިޓޭޝަންގެ ނިޒާމެއް ގާއިމުކުރަންޖެހެއޭ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކަރުން ހަވާލުވިއިރު ރައްޖޭގެ ޖަލުތަކުގެ ރިހިބިލިޓޭޝަންގެ ނިޒާމުވަނީ ބޮޑުތަނުން ރަނގަޅުކޮށް ފުރިހަމަ ކުރަން ޖެހިފައި. އަޅުގަނޑުމެން މިމސައްކަތުގައި ކުރަމުން ދިޔަ އެންމެ މުހިންމު އެއްމަސައްކަތަކީ ޖަލުތަކުގެ ރިހިބިލިޓޭޝަންގެ ނިޒާމު ފުރިހަމަ ކުރުމަށް ކުރި މަސައްކަތްތަކެއް. އާދެ! އެގޮތުން މުޅިން އަލަށް ކަރެކްޝަންސްގެ އެހެނިހެން ކޮމާންޑްތަކާއި އެލެވެލްގައި ރިހިބިލިޓޭޝަން ކޮމާންޑެއް އުފައްދާ ކަރެކްޝަންސްގެ ސްޓްރަކްޗަރގެ ތެރެއަށް އެކަން ގެނެސް އެކަމަށް ބޭނުންވާނެ މުވައްޒަފުން ގޮންޖެހުން ތަކާއެކުވެސް އަޅުގަނޑުމެންވާނީ ހޯދާފައި.

 

އާދެ! މިއަދު އަޅުގަނޑުމެންގެ އަމާޒަކީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ޖަލުތަކުގައިތިބޭ ހުރިހާ ގައިދީންނަކީ އާދެ! އެބޭފުޅުން ވިދާޅުވެއްޖެ ފަސްދޮޅަސް ޕަސެންޓޭ އެހެންނަމަވެސް އަޅުގަނޑުގެ އަމާޒަކީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ތިބޭ ހުރިހާ ގައިދީންނަކީ ރީހިބިލިޓޭޓްވާންޖެހޭނެ މީހުންކަމުގައި ހެދުން. އަޅުގަނޑަށް ކުރީދުވަހެއް ތަންކޮޅެއް މަޖާރާގެއްގައި ބުނެވުނު އެހެންނަމަވެސް އިތުރަށް ވިސްނާލާފަ ހިތަށްއެރީ ސީރިއަސްކޮށް ބުނަންޖެހޭ ވާހަކައެކޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީހަމަ ހަގީގަތެއް އިނގޭތޯ. އިމްރާން ޖަލަށް ލިއަސް ރައީސް ޔާމީން ޖަލަށް ލެވުނަސް ރީހިބިލިޓޭޝަން ޕްރޮގްރާމުގައި ބައިވެރިވާންޖެހޭނެ. އެއީ އެކަން އޮތްގޮތް އެކަން އަޅުގަނޑުމެން ކުރަންޖެހޭނެ. އެތަނަށް ދަނީ ކޮންމެވެސް މައްސަލައެއް ހައްލުކުރަންޖެހޭތީ. އާދެ! ބައެއް ފަރާތްތައް ގޭންގް މާރާމާރީ އަނެއްބައި ފަރާތްތައް ގޭންގް ކުށްތައް. އަނެއް ބައިފަރާތްތައް ސިޔާސީ ކުށްތައް ނުވަތަ އެނޫންކަމެއް. އެހެންވީމަ ކޮންމެވެސް މައްސަލައެއް އޮވެގެން އެތަނަށް ދިޔައިމަ އެތަނުގެ އެތެރެއިން ކޮންމެވެސް ޕްރޮގްރާމެއްގައި ބައިވެރިވެ އިޞްލާހީ ކޮންމެވެސް ފިލާވަޅެއް ދަރުސެއް ލިބިގެން އަނބުރާ މުޖުތަމައަށް އަންނަންވާނީ. އެކަން ކަށަވަރުކޮށްދިނުމަކީ ކަރެކްޝަންގެ ޒިންމާއެއް މަސްއޫލިއްޔަތެއް. ވަޖިބެއް ކަމުގައި އަޅުގަނޑުދެކެން.

 

އާދެ! އަޅުގަނޑުމެންގެ މިވަގުތުގެ ރިހިބިލިޓޭޝަން މަސައްކަތުގައި އެންމެ ބޮޑު ޖެހުމަކީ އަދި ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ އަޅުގަނޑު ހިތުން ރިހިބިލިޓޭޝަން މަސައްކަތަށް އަހުލުވެރިވެފައިތިބޭ   އޮފިސަރުން އުފެއްދުން. ދައުލަތުން މިކަމަށް ވަރަށް އިސްކަމެއް ދޭންޖެހޭ. ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ. ވަރަށް ބޮޑަށް މަގުފަހި ކޮށްދޭންޖެހޭ.  އަޅުގަނޑު ޔަގީން ކުރަނީ ރައީސުލް ޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން އެހީތެރިކަމާއެކު މިކަންކަން ރަނަގަޅަށް އަޅުގަނޑުމެންނަށް ކުރެވިގެންދާނެކަމަށް.

 

އާދެ މިސަރުކާރު އަޅުގަނޑުމެން ފެށީ ޖަލުތަކުގެ އިންފްރާ ސްޓްރަކްޗަރއާއި އިންގިލާބީ ބަދަލެއްގެންނަފަދަ ބަދަލަކާއެކު. ކޮވިޑް 19ގެ ދަތިކަމާއެކު ގޮންޖެހުންތައް ބޮޑުކަމުން އަޅުގަނޑުމެންނަށް މިކަން ކަމުގައި ދާންޖެހޭ ވަރާ ގާތަށްވެސް އަދި ކުރިއަށް ނުދެވޭ. އެހެން ނަމަވެސް އަޅުގަނޑުމެން ވާނީ މިދަތިތަކާއެކުވެސް ވޭތުވެދިޔަ ތިންއަހަރާ ބައިގެ ތެރޭގައި ގާތްގަނޑަކަށް 250 ހަކަށްޖާގަ ޖަލުތެރެއަށް އިތުރުކޮށްދީފަ. އާދެ! މިއަދު އަޅުގަނޑުމެން ޑިޒައިންކޮށް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށުމަށް އަޅުގަނޑުމެން މިއުއްމީދުކުރާ ހުޅުމާލޭ ޖަލު ކޮންޕްލެކްސްއަކީ ރާއްޖޭގެ ހަގީގަތުގައިވެސް ޖަލުގެ ނިޒާމަށް ނުވަތަ ޖަލުގެ ތާރީޚަށް އިންގިލާބީ ބަދަލެއް ގެނެސެދޭނެ ޕްރޮޖެކްޓެއް. މިޕްރޮޖެކްވަނީ ރަނގަޅަށް ފަރުމާކުރެވި ޑިޒައިން ކުރެވި ވަރަށް ރަނަގަޅަށް ބަލައިގެން އަޅުގަނޑުމެން ވަރަށް ކާރިން ދަސްކޮސްގެން އެނގިގެން އެކަން އަޅުގަނޑުމެން ވާނީ އެހިސާބަށް ގެންގޮސްފަ.

ﷲ ގެ ރަހްމަތާއެކު މިޕްރޮޖެކްޓް ކާމިޔާބު ކުރެވެމުން ރާއްޖޭގެ ޖަލުތަކަކީ މިހިސާބުގަނޑުގައި ފާހަގަ ކުރެވޭފަދަ ޖަލަކަށް ބަދަލުވެގެން ދާނެ. މާﷲ އަޅުގަނޑުމެންނަށް އެކަމުގައި ކާމިޔާބު ދެއްވާށީ.

 

އާދެ! ގައިދީން ބެލެހެއްޓުމަށް އެކަށިންގެންވާވަރަށް އޮފިސަރުން ނެތުން އެއީ މިކަމަށް އޮތް އެންމެ ބޮޑުއެއް ގޮންޖެހުން. އާދެ! އަޅުގަނޑުމެންގެ ކޮވިޑް 19ގެ ދަތިކަމާއި ރާއްޖޭގެ މިއަދު އޮތް އިގްތިޞާދުގެ ދަތި އުނދަގޫތަކާ އެކުވެސް އަޅުގަނޑުމެނަށް މިއަހަރު ބަޖެޓްގައި ހިމެނިފައި ނުވާއިރުވެސް ރައީސްގެ ވަރަށް ޚާއްޞަ އިސްނެންގެވުމުގެ ދަށުން 150 އޮފިސަރުން އަލަށް ނެގުމަށް އަޅުގަނޑުމެންނަށް ފުރުޞަތު ހޯއްދަވާ ދެއްވި. އާދެ! އޭގެ ތެރެއިން އަޅުގަނޑުމެންނަށް މިހާރު ގާތްގަނޑަކަށް 120 ސަކަށްއޮފިސަރުންވަނީ ރެކްރޫޓް ކުރެވިފައި. އެ އޮފިސަރުންނަށް ފުރިހަމައަށް ތަމްރީން ދެވުމުން އިރާދަކުރެއްވިއްޔާ މިހާރު މިއޮތް ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ. އެއީ އަޅުގަނޑުމެން މިކުރާމަސައްކަތަށް ވަރަށް ލުޔެއް ބޮޑުފަސޭހައެއް ވެގެންދާނެކަމެއް.

 

ލޮބުވެތި ޙުޟޫރުން ރައީސުލްޖުމްހޫރިއްޔާވެސް އިޝާރާތް ކުރައްވައިފި. ހަގީގަތުގައިވެސް ޖަލުތަކުގައި ނުރައްކާތެރި ގައިދީން ބެލެހެއްޓުމަކީ ވަރަށް ބިރުވެރި ދަތި އުނދަގޫ ވޭންހުރި މަސައްކަތެއް. މިމަސައްކަތް ކުރައްވަން ތިއްބެވި އޮފިސަރުންނަކީ ވަކިން ޚާއްޞަކޮށް ދިއްގު މުއްދަތެއްގައި އެތިއްބެވި އޮފިސަރުންނަކީ ވަރަށް ކެއްތެރި ވަރަށް ސާބިތު ވަރަސް އިޚްލާޞްތެރި ބައެއް. އެބޭފުޅުން އެކޮށްދެއްވަނީ ވަރަށް ބޮޑު ގައުމީ މަސައްކަތެއް. އަޅުގަނޑުމެންނަށް މިހާރު މިތިބެވޭ ވަރަށްވެސް. މިހާރުވެސް މައްސަލަ އެބަހުރި. އެހެންނަމަވެސް މިހާރު މިތިބެވޭ ވަރަށްވެސް ރޭގަނޑު ހަމަނިދާލެވެނީ އެބޭފުޅުން އެކުރައްވާ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން. އެހެން ނޫންނަމަ އަޅުގަނޑުމެންގެ މުޖުތަމައުގައި މިއަށްވުރެ ނުރައްކާތެރި ހާލަތު އޮންނާނެކަން ޔަގީން. އެހެންކަމުން ތިޔަ ކުރައްވާ ބުރަ މަސައްކަތަށްޓަކައި އަޅުގަނޑުމިރޭ ހަމަ ވަރަށް ޚާއްޞަ ޝުކުރެއް ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އަދަބުވެރިކަމާއެކު ވަރަށް އިކްލާޞްތެރިކަމާއެކު އަރިސްކުރަން. އާދެ! މިދަތި އުނދަގޫ މަސައްކަތް ކުރެވިގެންއެދަނީ އޮފިސަރުންގެ އާއިލާތަކުގެ އެހީތެރިކާމާއެކު. އެބޭފުޅުންގެ ކެތްތެރިކަމުން ދެއްވާ ހިތްވަރުން. އުފުއްލަވާ ބޮޑެތި ގުރުބާންތަކުން. އާދެ! އެހެންކަމުން މިމުހިންމު ރޭގައި އޮފިސަރުންގެ އާއިލާތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރާ މަރުހަބާ އަރިސްކުރަން. އާދެ! އޮފިސަރުންގެ މިބުރަމަސައްކަތުގެ އަގު ވަޒަންކުރާ ހިނދުވެސް އޮފިސަރުންނަށް ހަމަ ތަކުރާރުކޮށް ދަންނަވާލަންއޮތީ ތިޔަ ބޭފުޅުން  މިހާރަށްވުރެވެސް ބޮޑަށް ކެތްތެރިވެ ވަޑައިގަންނަވާށޭ. މިހާރަށްވުރެވެސް ބޮޑަށް ހިތް ތިރި ކުރައްވާށޭ. އޯގާވެރިކަމާއި ރަހްމް އިސްކުރައްވާށޭ. ގައިދީއަކަށް އަނިޔާ ކުރުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެކަމެއްނޫނޭ. ރައީސުލްޖުމްހޫރިއްޔާވެސް ވިދާޅުވިފަދައިން ގައިދީއްޔެއްކަމުގައިވިއަސް އޭނާގެ އިންސާނީ ހައްގާއި ކަރާމާތަކީ އަޅުގަނޑުމެންނަށް ނަގާލެވޭނެ އެއްޗެއްނޫން. އާދެ! ﷲގެ ޙަޟްރަތުގައި އެއީ ބޯޑުވެގެންވާ ފާފައެއް. އަނިޔާ ލިބިގެންވާ މީހާގެ ދުޢާއަކީ ވަރަށް ނުރައްކާތެރިއެއްޗެއް. އަޅުގަނޑުމެން އެއްވެސް އޮފިސަރަކު ގައިދީއަކަށް އެއްވެސް ހައިސިއްޔަތަކުން އަނިޔާ ކޮށްގެންނުވާނެ. އެމީހުން ބަލައްހައްޓަންވާނީ އޯގާވެރިކާމާއި ރަހްމާއި އެކުގައި.  އަދި އަޅުގަނޑުމެން އެމީހުންނަށް ކުރާ ޚިދުމަތުގެ އަގު އެމީހުން ޖަލުން ނިކުމެ ފެންނަން ދުވަހު ވަޒަންކޮށް އުފާވެރިކަމާއި ހިނުތުންވުމާއެކު ބައްދަލުވެލާފަދަ ގޮތަކަށް މުއާމަލާތް ކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. ހަމަޔާގީނުންވެސް އަޅުގަނޑު އެއްދުވަހު މުއާމަލާތްކުރި  ބޭފުޅުންގެ މުއާމަލާއް ވަރަށް އުފަލާއެކު ބަލައިގަންނަން. ޚައްޞަކޮށް އެހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

 

އަޅުގަނޑު ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައ ބަރަކާތްލައްވައި އަޅުގަނޑުމެންގެ ލޮބުވެތި މިމުޖުތަމައަކީ އަމަން އޮމާން ފާގަތި ރައްކާތެރި މުޖުތަމައެއް ކަމުގައި ލެއްވުން. އަޅުގަނޑުމެން އެންމެނަށް ދެދުނީގެ ރަހްމަތާއި ދަރުމަޔާއި ޘަވާބު މިންވަރުކޮށްދެއްވުން.

 

ވަރަށް ބޮޑަށް ޝުކުރިއްޔާ.

 

ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.