ފުލުހުންގެ ޚިދުމަތުގެ ދުވަސް

`

 

ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅު

)01 ސެޕްޓެމްބަރ 2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު އޮނަރަބްލް ފައިސަލް ނަސީމް ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބުދުލް މައްނާން ޔޫސުފް ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، ފުލުހުންގެ އެގްޒެކްޓިވް އޮފިސަރުން، ޙާޟިރު ވަޑައިގެންތިއްބެވި އެންމެހާ ފުލުހުން،  ފުލުހުންގެ ވަޒީފާ އަދާކުރައްވާ ބޭފުޅުން އައްސަލާމު ޢަލައިކުމް ވަރަހްމަތުﷲ ވަބަރަކާތުހޫ.

ރައްޔިތުންގެ އަމަން އަމާން ކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި އަސްކަރީ ވިސްނުމާއި އަސްކަރީ ފަލްސަފާއިން ވަކިން މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ޤާއިމް ކުރެވުނުތާ 18 އަހަރު ފުރިގެންމިދާ އުފާވެރި މުނާސަބަތުގައި ފުލުހުންގެ އޭރުގެ ތިއްބެވި ބޭފުޅުންނަށާއި އަދި މިއަދުގެ ލީޑަރޝިޕަށާއި މިއަދުގެ މި ޚިދުމަތުގައި ތިއްބެވި ހުރިހާ އޮފިސަރުންނާއި އޮފިސަރުންގެ އާއިލާތަކަށް ވަރަށް އިޚްލާސްތެރިކަމާއެކު މަރްޙަބާ އާއި ޝުކުރު ދަންނަވަން.

އާދެ! ޝައްކެއް ނެތް. ﷲ ސުބްޙާނަހޫ ވަތަޢާލާ އުފައްދަވާފައިވާ މަޚްލޫގުންގެ ތެރެއިން އިންސާނުން ނޫން މަޚްލޫގު ތަކުން ހިމެނޭ ޖަމާއަތްތަކާއި އިންސާނީ މުޖުތަމައާ އެންމެ ބޮޑު ތަފާތު ކޮށްދޭ ކަމަކީ އިންސާނީ މުޖުތަމައުގައި އޮންނަ އަދުލުވެރިކަން. އިންސާނީ މުޖުތަމައުތަކުގެ ތެރޭގައި އޮންނަ އެކަކު އަނެކަކުގެ ޙައްގު ފުރިހަމައަށް އަދާ ކޮށްދިނުން. އިންސާނީ މުޖުތަމައުގެ ތެރޭގައި އޮންނަ އަމަން އަމާން ކަމާއި ސުލްޙަވެރިކަން. އިންސާނުން ދުނިޔެއަށް އައިއްސުރެ ފެށިގެން މި ހަމަތައް ނެގެހއްޓުމަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާ ރަސޫލުންނާއި ނަބިއްޔުން ފޮނުއްވައި އިންސާނީ މުޖުތަމައުގައި ޙައްޤާއި އަދުލުވެރިކަން ޤާއިމް ކުރުމަށް އަބަދުވެސް އަމުރު ކުރެއްވި.

އާދެ! މި ސިފަ، އަދުލުވެރިކަމާއި ކަމާއި އިންސާފާއި ހަމަހަމަކަން، ރައްކާތެރިކަން ގެއްލޭ ކޮންމެ މުޖުތަމައަކީ ވީރާނަވެ ފަނާވެ ހަލާކުވުމުގެ މުޖތަމައެއް ކަމުގައިވެގެންދޭ. މި މަސައްކަތް އިންސާނުންގެ ތެރެއިން ފެށުނީއްސުރެ ކުރާ ބަޔަކު ކޮންމެ މުޖުތަމައެއްގައި ދިރިއުޅެމުންދޭ.

އާދެ! މިއަދުގެ، 21 ވަނަ ގަރުނާ ހަމައަށް އާއިރު، މިހާރަކު ނޫން، މީގެ 200 ވަރަކަށް އަހަރު ކުރިން ފެށިގެން އިންސާނުންގެ މުޖުތަމައުތައް ހިންގަމުން އަންނަ ނިޒާމުތަކަށް އަންނަމުންދިޔަ ބަދަލުތަކުގެ ތެރެއިން މިއަދުގެ ދުނިޔޭގައި މި މސައްކަތް ކުރުމުގެ މަރުހަލާތައް، ނިޒާމުތައް ބެހިގެން ދިޔައިރު އެ މަސައްކަތް އެންމެ ބޮޑަށް އެބައެއްގެ ބޮލުގައި ނުވަތަ މި މަރުޙަލާގެ އަދުލުވެރިކަން ޤާއިމްކުރުމުގެ މަރުޙަލާގެ އެންމެ ފުރަތަމަ ޒިންމާ އަދާކުރަންޖެހޭ ބަޔަކީ އެމުޖުތަމައެއްގައި ތިބޭ ފުލުހުން.

އާދެ! އެހެންކަމުން އަޅުގަނޑުމެންގެ މި މުޖުތަމައުގެ އަދުލުވެރިކަމާއި އަމަން އަމާން ކަމާއި ރައްކާތެރިކަން މި މުޅި މުޖުތަމައަށް ކަށަވަރު ކޮށްދިނުމުގެ އެންމެ ފުރަތަމަ ސަފަކީ ފުލުހުންގެ ސަފު. އެހެންކަމުން މި ސަފުގައި ތިއްބަވާ ފަރާތްތަކުން އެ އަދާ ކޮށްދެނީ މުޖުތަމައަށްޓަކައި ވަރަށް ބޮޑު ޒިންމާއެއް. އެ އަދާ ކޮށްދެއްވަނީ މުޅި މުޖުތަމައުގެ ހުރިހާ ފަރުދުންގެ ޒިންމާ. އާދެ! އެޒިންމާއަށް ރައްކާތެރިވުން އެއީ އަޅުގަނޑުމެންގެ މުޅި މުޖުތަމައު ހެޔޮ މުޖުތަމައެއްގެ ގޮތުގައި ދެމިއޮތުމަށް ކޮންމެހެން އަޅުގަނޑުމެން އެންމެން ކުރަންޖެހޭ ކަމެއް.

އާދެ! މި ފުލުހުންގެ މުޖުތަމައު، ނުވަތަ ފުލުހުންގެ ތެރެއިން ކުރެވޭ މަސައްކަތް އެއްދުވަހުން އަނެއް ދުވަހަށް ހަރުދަނާ ކޮށް އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރުވައި އެއްދުވަހުން އަނެއް ދުވަހަށް ޚިދުމަތް ރަނގަޅު ކުރުމަކީ އެއީ ފުލުހުންގެ އެތެރެއިން ކުރަންޖެހޭ ކަމެއް. މި ޚިދުމަތް އެންމެ ރަނގަޅު ގޮތުގައި ދެމިއޮތުމަށްޓަކައި ހޯދައިދޭންޖެހޭ ވަޞީލަތްތަކާއި ލިއްބައިދޭންޖެހޭ ޤާބިލްކަން ލިއްބައިދިނުމަށްޓަކައި ދައުލަތުގެ ނިޒާމުގެ ތެރެއިން އެކަންކަން ފުރިހަމަ ކުރުމަކީ އެވަގުތެއްގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަންތިބޭ ވެރިންގެ ޒިންމާއެއް. އަދި އެޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ބަލައިގަނެ އެ ޚިދުމަތަށް އިޙްތިރާމާއި ލޯބިކޮށް ގަދަރު ކުރުމަކީ އެ މުޖުތަމައުގެ އަފްރާދުންގެ ޒިންމާއެއް. މިހުރިހާ ދިމާއަކުން މިކަން ފުރިހަމަ ނުވާނަމަ އެ މުޖުތަމައެއްގެ ތެރޭގަ ނުވަތަ ދިވެހި މުޖުތަމައު ތެރޭގައި އޮންނަންޖެހޭ އަމަން އަމާންކަމާއި ރައްކާތެރިކަމާއި ސުލްޙަވެރިކަމުގެ ސިފަތައް ފުރިހަމަ ނުވާނެ.

އަޅުގަނޑު މި ދެންނެވި ފަދައިން ފުލުހުންގެ ތެރެއިން މިކަންކަމާ ޚިލާފު ކަންކަން ފެންނަކަމުގައި ވާނަމަ އެއީ އެކަމުގައި އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތާމައެއް، ނިކަމެތި ކަމެއް. ސަރުކާރުގެ ފަރާތުން، ދައުލަތް ހިންގަވަން ތިބޭ ފަރާތުން އެކަމަށްޓަކައި ދޭންޖެހޭ ފުރިހަމަ ސަމާލުކަން ދެވި އެއަށްޓަކައި ދޭންޖެހޭ ހުރިހާ ވަސީލަތްތައް ޤާއިމް ނުކުރެވޭނަމަ އެއީ މި މުއައްސަސާ ބަލިކަށިވެ ނިކަމެތި ވެގެންދާނެ ކަމެއް. އަދި މުޖުތަމައުގެ އަފްރާދުންގެ ފަރާތުން އެ އިހްތިރާމާއި ލޯބި ނުލިބޭނަމަ އެއީ މުޖުތަމައުގެ ތެރޭގައިވާ ނިކަމެތި ކަމެއް، ބަލިކަށިކަމެއް. އެހެންކަމުން ތިންފަރާތުން އެކުގައި މި މަސައްކަތް ކޮށްގެންނޫނީ އަޅުގަނޑުމެން އެދޭ އުއްމީދު ކުރާފަދަ މުޖުތަމައަކަށް އަޅުގަނޑުމެންގެ މުޖުތަމައު ވެގެން ނުދާނެ.

އާދެ! ހަގީގަތުގައިވެސް ވަރަށް އުފާވެރި މަންޒަރުތަކެއް ދެންމެ ފެނިގެން އެދިޔައ. އަޅުގަނޑުމެންގެ މި މުއައްސަސާއަށް، ދައުލަތުގެ މި މުއައްސަސާއަށް ރައްޔިތުންގެ މުއައްސަސާއަށް ޚިދުމަތް ކުރިތާ، ބައެއް ބޭކަލުން، ޚިދުމަތް ކުރެއްވިތާ 28 އަހަރު، އަދި އެއަށްވުރެ ދުވަސްވީ ބޭފުޅުންވެސް އެބަތިއްބެވި. ކުރީގެ ސިފައިންގެ ތެރޭގައި ތިއްބެވި އިރުގައި. އެބޭފުޅުންނަށް ކުރިން ހަނދާނީ ފިލާ އެރުވިފައިވާތީ އަޅުގަނޑުހިތުން ބައެއް ބޭފުޅުންނަށް މިއަދު އެފުރުސަތު ނުލިބި އެދިޔައީ. އެހެން ނަމަވެސް އެއީ ވަރަށް މަދު އަދަދެއްގެ ބޭފުޅުން. ގިނައިން މި ތިއްބެވީ 25 އަހަރާއި 35 އަހަރާއި ދެމެދުގެ ބޭފުޅުން.

އާދެ!. ދައުލަތުގެ މުއައްސަސާއާއި، ރައްޔިތުންގެ މުއައްސަސާއާއި، ރައްޔިތުންގެ ކަރާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށް ޚިދުމަތް ކުރުމުގައި 25 އަހަރު ދެމި ތިބުން މީ ވަރަށް ބޮޑު ކަމެއް. މިއީ ޤައުމެއްގެ ޙަޔާތުގައި ހަތަރު ޖީލުގެ މަސައްކަތް. މި ޚިދުމަތް މި ގޮތުގައި ފުރިހަމައަށް އަދާކޮށް އެއްޖީލުން އަނެއްޖީލަށް ނަގުލުކޮށް އެއްޖީލުން އަނެއް ޖީލަށް ގެންގޮސްދޭ ކަންކަން ބަލައިގަތުމަކީ އެއީ އެބައެއްގެ ތެރޭގައި އޮތް ކުރިއެރުމުގެ ތަޞައްވަރު ފުރިހަމައަށް ހާމަ ކޮށްދޭ ކަމެއް. އާދެ! ދުނިޔޭގެ ކުރިއަރައިގެންދާ ގައުމުތައް ކުރިއަރައިގެން ދަނީ މިފަދަ ޚިދުމަތްތައް އެއް ޖީލުން އަނެއް ޖީލަށް ނަގުލު ކުރެވޭއިރު އެއް ޖީލަށްވުރެ އަނެއް ޖީލުގެ ޚިދުމަތް ފުރިހަމަ ކުރާނެ މަގުތައް ކޮށައިދީ ދައްކައިދިނުމުގެ ނަތީޖާއެއްގެ ގޮތުން.

އަޅުގަނޑުމެން މިއަދު ތި މުއައްސަސާގެ ތި އަގުހުރި ފިލާ، މެޑެލް ހޯއްދެވި ބޭފުޅުން، ތިބޭފުޅުންގެ ޚިދުމަތް ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ތިދަނީ އަންނަމުން. ރިޓަޔަރ ކުރާ އުމުރާ ހަމައަށް ތިދަނީ ގާތްވަމުން. މިއަދު ތިޔަބޭފުޅުންގެ ކިބައިން އަޅުގަނޑު އެދެނީ ތިޔަބޭފުޅުން ރިޓަޔަރ ކުރުމާ ހަމައަށް ދާއިރު ތިޔަބޭފުޅުން ކުރެއްވި ހުރިހާ ރަނގަޅު ކަމެއް ދެން އަންނަ ޖީލަށް އިތުރަށް ފުރިހަމަވާ ގޮތަށް ފޯރުކޮށްދިނުން. އަދި ތިޔަބޭފުޅުންގެ ޚިދުމަތުގެ ތެރޭގައި ހެދިފައި ހުރި ބައެއް ކަހަލަ ގޯސްތައް ނުވަތަ ކުށްތައް އިތުރަށް ރަނގަޅު ކުރާނެ މަގު ދައްކައިދެމުން އެކަންކަން ފުރިހަމަ ކުރެވޭނެ މަގު ފަހި ކޮށްދެމުން އަނެއް ޖީލަށް މި ޚިދުމަތް ޕާސް ކުރަމުން ވަޑައިގަންނަވަން.

އޭރުން އަޅުގަނޑުމެންގެ މިޤައުމު ދާނީ ކުރިއަށް. އަޅުގަނޑުމެން އެދޭފަދަ ޚިދުމަތެއް، ރައްޔިތުން އުއްމީދު ކުރާފަދަ ޚިދުމަތަކަށް މި ޚިދުމަތް ވެގެންދާނީ.

އާދެ! ހަގީގަތުގައިވެސް ވަރަށް ދިގުކޮށް ވާހަކަ ދެކެވިއްޖެ. އެހެން ނަމަވެސް އަޅުގަނޑު ހަމަ އެއް ޕޮއިންޓަކަށް އިޝާރާތް ކޮއްލަން ހިތައް އެރީ.

ކީރިތި ޤުރުއާނުގައި ހަގީގަތުގައިވެސް މިއިންސާނީ މުޖުތަމައުގެ އަމަން އަމާން ކަމާއި ރައްކާތެރިކަމާއި ސުލްހަވެރިކަން ކަށަވަރު ކުރުމަށްޓަކައި ޤުރުއާނުގެ އެތައް އާޔަތްތަކެއް، ރަސޫލާ ސ.އ.ވ. ގެ އެތައް ހަދީސްތަކަކުން މަގުދައްކައިދޭ.  އެގޮތުން ސުލައިމާން އަލައިހިއްސަލާމްގެ ދުވަސްވަރުގައި ސަބާގެ ވާހަކަ ގެނެސްދީފައިވަނީ އަމަން އަމާންކަމާއި ސުލްހަވެރިކަމާއި ރައްކާތެރި ކަމުގެ މިސާލެއްގެ ގޮތުން. ﷲ ސުބްޙާނަހޫ ވަތަޢާލާ އެލިހާށް ކިޔަމަންތެރިވެ ހެޔޮލަފާ މީހުންގެ ގޮތުގައި ތިބެ އެތަންތަނުގައި ސުލްހަވެރި މުޖުތަމައެއް ގާއިމްކުރި މީހުންގެ މުޖުތަމައަށް ﷲ ވަޙީ ކުރައްވަނީ، ތިމަން ﷲ އަނިޔާވެރިވި މީހުންނާއި ކާފިރުވެގަތް މީހުންނާ އެމީހުންގެ ސިޓީތަކުގެ ދޭތެރޭގައި ދުރު ޖާގަ ލެއްވީމެވެ. ކީއްކުރައްވަން؟ މި ދެބައި މީހުންނަކީ ވަކި ބައެއްކަން ފާހަގަ ކުރެއްވުމަށް. އާދެ! ސުލްހަވެރި ކަމާއި އަމަންއަމާން ކަމާއި ރައްކާތެރިކަން. އާދެ! އަޅުގަނޑަށް މިވަގުތު، ހީވަނީ ހަމަ ކުރުކޮށްލަން. އެކަމަކު މި ޕޮއިންޓުން. ﷲ ވަޙީ ކުރައްވަނީ 2 ސިޓީތަކުގެ ދެމެދުގައި، ތިޔަބައިމީހުން އަމަން އަމާންކަމާއެކު ހިނގާ ދަތުރުކޮށް އުޅޭށޭ ރައްކާތެރިކަމާއެކު. މި ސިޓީ ތަކުގައި. އަނެއް ބަޔަކީ އަމަން އަމާންކަމާއި ސުލްހަވެރިކަން ނެތް ތަންތަނޭ. ދުވަސްތަކެއްގެ ތެރޭގައި ދަތުރު ކުރެވޭހާ އަމަން އަމާންކަން ލެއްވީމޭ. އެކަމަކު އަނެއް ފަޅިއަކީ ސުލްޙަވެރިކަމެއް އަމާންކަމެއް، ރައްކާތެރިކަމެއް ނެތް ތަންތަނޭ. އާދެ! މީ އިންސާނީ މުޖުތަމައެއް. އަޅުގަނޑުމެން ސައްތައިން ސައްތަ މުސްލިމުން. ފަހަރެއްގައިވެސް ފުލުހުންގެ ބޮލުގައި އެކަނި މި ޒިންމާ އަޅުވާފައި އަޅުގަނޑުމެން ތިބުމަކުން މިކަމެއް ނުވާނެ. އަނެއްކޮޅުން ފުލުހުން ފުލުހުންގެ ޒިންމާ އެންމެ ހެޔޮގޮތުގައި އަދާނުކުރުމަކުންވެސް މިކަމެއް ނުވާނެ.

އަޅުގަނޑުމެންގެ ކާބަފައިންގެ ދުވަސްވަރު އޮތް އަމަން އަމާން ކަމާއި ރައްކާތެރިކަމާއި އެ އިހްސާސް ކުރުމަށްޓަކައި ވަރަށް ބައިވަރު މަސައްކަތް ކުރަން ޖެހިފައޮތީ. ދެންމެ ކޮމިޝަނަރ ވިދާޅުވިހެން މީގެ 18 އަހަރު ކުރިންވެސް ހުރި ބައެއް ކުށްތައް މަޑު ނުޖެހި ނުވަތަ އިތުރުވަމުންދާ ކަމުގެ އިޙްސާސަކީ އަޅުގަނޑުމެންގެ މުޅި މުޖުތަމައުގެ ކުރިއެރުމަށްޓަކައި އޮތް ވަރަށް ބޮޑު ބިރެއް. ނުރައްކަލެއް. މިކަމުން އަރައިގަތުމަށް ފުލުހުންނާއި ސަރުކާރާއި ރައްޔިތުންނާއި އެކުގަ ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށްޓަކައި މިއަދުގެ ޖީލުގެ މައްޗަށް އެޅުވިފައިވާ ވަރަށް ބޮޑު ޒިންމާއެއް.

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން ކުރާމަސައްކަތުގައި ބަރަކާތްލައްވައި ފުލުހުންގެ މަސައްކަތުގައި  ބަރަކާތްލައްވައި ފލުހުންނަށް ހެޔޮވިސްނުން ދެއްވައި މަސައްކަތަށް ތައުފީޤު ދެއްވައި އަޅުގަނޑުމެންގެ މިލޮބުވެތި ވަޠަންއަކީ އަމަންއަމާންކަމާއި ޞުލްޙަވެރިކަމާއި ފާގަތިކަމާއި އުފާވެރިކަމުން ފުރިގެންވާ ބައެއްކަމުގައި ލައްވާށި.

ވަރަށް ބޮޑަށް ޝުކުރިއްޔާ.

ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.