"އިމްޕްލިމެންޓޭޝަން އޮފް ޑައިވަރޝަން ފޮރ ޗިލްޑްރަން އިން ކޮންފްލިކްޓް ވިތް ދަ ލޯ" ގެ ނަމުގައި ބޭއްވި މަސައްކަތު ބައްދަލުވުން ހުޅުވުން

           `

 

"އިމްޕްލިމެންޓޭޝަން އޮފް ޑައިވަރޝަން ފޮރ ޗިލްޑްރަން އިން ކޮންފްލިކްޓް ވިތް ދަ ލޯ" ގެ ނަމުގައި ބޭއްވި މަސައްކަތު ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅު

27) ޖޫން 2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމްއެފެއާޒް ޢަލީ ނަޒީރު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އިސްބޭފުޅުން، ފުލުހުންގެ އިސްބޭފުޅުން، ޔޫއެންއޯޑީސީގެ ކޮންސަލްޓެންޓުން  ހާޟިރުވެ ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.  

 

އާދެ! ވޭތުވެދިޔަ ގާތްގަޑަކަށް ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ މުޅި އިޖްތިމާއީ ވެއްޓަށް އަންނަމުން ދިޔަ ބަދަލުތަކުގެ ތެރޭގައި އެންމެބޮޑު އެއް ބަދަލެއް އައިސްފައިވަނީ އަޅުގަނޑުމެންގެ އާއްމު ބަހުރުވައިން، ކުޑަކޮށް ސިޔާސަވަމުންދާ ކުޑަކުދީންނަށް ރަނަގަޅު ހައްލެއް ހޯދޭނެމަގެއް އަޅުގަނޑުމެންނަށް ރަނަގަޅަށް ހޯދިފައިނެތީމަ. މިމަސައްކަތް އެކި ސަރުކާރުތަކުން އެކި މިންވަރަށް ކުރަމުންގޮސް މިސަރުކާރު އައުމާއެކުގައި އެންމެ އިސްކަމެއްދިން އެއްކަމަކީ ކުޑަކުދީންގެ އަދުލުގެ ޤާނޫނު ވުޖޫދަށް ގެނައުން. ސަރުކާރުން ވުޖޫދުކުރި އެއްމެ ކުރީކޮޅުގެ ޤާނޫނުތަކުގެ ތެރޭގައި ކުޑަކުދީންގެ އަދުލުގެ ޤާނޫނު ހިމެނޭ. އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނަޑުމެންގެ މުޖުތަމައަށް ދިމާވެފައިވާ، ކުޑަކުދީންނަށް ދިމާވަމުންދާ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ރަނަގަޅު ޤާނޫނަކަށް އަޅުގަނޑުމެން ބޭނުންވެފައިވާތާ އެތަށް ދުވަހެއް ވެއްޖެ. އެމަސައްކަތްވެސް ކުރެވެމުންދިޔަތާ އެތަށް ދުވަހެއްވެއްޖެ. އެހެންނަމަވެސް ކުރިންދެންނެވިފަދައިން އަޅުގަނޑުމެން ސަރުކާރު އައުމާއެކު އެންމެ ކުރީކޮޅުގައި މިޤާނުނު   ވުޖޫދުކުރެވުނީ.

 

އާދެ! މިޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު އެޤާނޫނު އެންމެ ފުރިހަމަ ގޮތުގައި ތަންފީޛުކުރުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވޭ. ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މިއަދު މިމުއައްސަސާވެސް އޮތީ ކުރީގަ ޔުނިޓެއްގެ ގޮތުގައި. އަޅުގަނޑުމެން މިއަދު މިވަނީ ޑިޕާޓްމަންޓަކަށް ބަދަލުވެފައި. އަދި މިމުއައްސަސާ ފުޅާކުރުމަށް ވޭތުވެދިޔަ ދެތިން އަހަރެއްގެ ތެރޭގައި ކޮވިޑް ދަތި ހާލަތުގައިވެސް ވަރަށް ގިނަ މަސައްކަތްތަކެއްވަނީ ކުރެވިފައި. މި ޤާނޫނުގެ އެންމެ މުހިންމު އެއްމަސައްކަތް ކުރުމަށް ބޭނުންވާ ރެސިޑެންޝަލް ފެސިލިޓީސް އަދި ހާފްވޭ ހައުސް ހެދުމުގެ މަސައްކަތަކީ އެކަމަށް ވަގުތުކޮޅެއް ނަގާނެ ކަންކަންކަމުގައި ވިޔަސް އެމަސައްކަތް މިއަދު ވަނީ އިރާދަކުރެއްވީއްޔާ ފެށިފައި. އަޅުގަނޑު މި އުއްމީދުކުރަނީ މިއަހަރު ނިމިގެންދާއިރު ނޫނީ މިއަންނައަހަރު ކުރީކޮޅު އެމަސައްކަތުގެ އަމަލީ ނަތީޖާ އަޅުގަނޑުމެންނަށް ފެނި ރަނަގަޅަށް މިކަންތައް ފަށައިގަނެވޭނެކަމަށް.

 

އާދެ! ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ މަސައްކަތް ހާސިލުކުރުމަށްޓަކައި ކުރަންވީ އެންމެ މުހިންމު އެއްކަމަކީ ޑައިވާރޝަންގެ ޕްރޮގްރާމް ނުވަތަ ޑައިވަރޝަންގެ ނިޒާމުގާއިމުކޮށް އެނިޒާމު ފައްކާކުރުން. މިއަދު އަޅުގަނޑުމެންގެ މިޕްރޮގްރާމް ފެށިގެންމިދަނީ އެމަސައްކަތަށްޓަކައި އެދިމާލަށް. އާދެ! ދިވެހިރާއްޖޭގައި އަލަށް ފެށިގެންދާކަމެއްކަމުގައި ވީހިނދު މިކަމަށް އަޅުގަނޑުމެން އެންމެން ވަރަށް ބޮޑަށް އަޙުލުވެރިވާން އެބަޖެހޭ. އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވާން އެބަޖެހޭ. ވަރަށް ގިނަ ހުނަރުތައް ދަސްކުރަންޖެހޭ. އެކަންކުރެވޭނީ އަޅުގަނޑުމެން އެންމެން އެކުގައި އެންމެން ގުޅިގެން.

 

އާދެ! ކުޑަކުދީންގެ މުޅި އަދުލުގެ ނިޒާމު ފުރިހަމަކުރުމަށްޓަކައި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް އެކުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެނަށް ނަތީޖާއަކާ ހަމައަށްދެވޭނީ ގުޅުންހުރި ހުރިހާ މުއައްސަސާތައް އެކުގައި މަސައްކަތްކޮށްގެން.

 

އާދެ! މިޓްރޭނިންގތައް އަޅުގަނޑުމެން ކުރިއަށް ގެންދާއިރު މިމަސައްކަތުގައި ޔޫއެންގެ ތަފާތު އެޖެންސީ ތަކުން ޚައްޞަކޮށް ޔޫއެން އޯޑީސީގެ ފަރާތުން އަޅުގަނޑުމެންނަށް ދެއްވާ އެހީތެރިކަމަކީ އޭގެ އަގުވަޒަން ނުކުރެވޭފަދަ ބޮޑު އެހީތެރިކަމެއް. އެހެން ކަމުން ޔޫއެންގެ ތަފަތު އޭޖެންސީތަކަށް ޚާއްސަކޮށް ޔޫއެންއޯޑީސީއަށް ވަރަށް އިޚްލާސް ތެރިކަމާއެކު ޝުކުރު ދަންނަވަން.

 

އާދެ! މި މަސައްކަތް އަޅުގަނޑުމެން ކުރުމުގައި އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ވިސްނުން ބަހައްޓަންޖެހޭނީ އަޅުގަނޑުމެންގެ ހާލަތު އޮތްގޮތުން އެންމެ ކުއްޖަކު ރަނަގަޅު ކުރެވުނު ކަމަށް ވިޔަސް އެއީ އަޅުގަނަޑުމެނަށް މިމުޅި މައްސަލައިން އަރައިގަތުމަށް ނެރެވޭ މުހިންމު ނަތީޖާއެއްގެ ގޮތުގައިވާނެ. އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ތެރެއިން މިމަސައްކަތް ކުރައްވާ ބޭފުޅުންނަށް ހިތްވަރުލިބޭނީވެސް އެމަގަށް އަޅުގަނޑުމެންގެ ވިސްނުން ބައްޓަންކޮށްގެން. އާދެ! މުޅި މައްސަލަ އެއްދުވަހާއި އެއްފަހަރުން ނިމިގެންދާނެ ކަމަށް ގަބޫލުކޮށްގެން   އެމަސައްކަތް އަޅުގަނޑުމެން ކުރާނަމަ އަޅުގަޑުމެންހިތުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ނާއުއްމީދަކާއި މާޔޫސްކަމެއް އަންނާނެ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ލިބޭ ކޮންމެ ކާމިޔާބަކީ އަޅުގަނޑުމެންގެ މުޅި މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދެކިގެން އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަންފަށައިފިނަމަ އަޅުގަނޑު ހިތުން އަޅުގަނޑުމެނަށް ކާމިޔާބާހަމައަށް ދެވޭނެ.

 

އާދެ! އުފާކުރަން އަޅުގަނޑުމެން މިމަސައްކައް ފަށައިގެން ކުރިއަށްދާއިރު ދައުލަތުގެ ހުރިހާ މުއައްސަސާތަކުންވެސް މިހާހިސާބަށްވެސް އެންމެން އެކުގައި މަސައްކަތްކުރާ މިންވަރު އަދި ޚައްސަކޮށް ޓްރޭނިންގ ޕްރޮގްރާމް ތަކުގައި، އަޅުގަނޑުމެން އެކި ދިމަދިމާގައި މަސައްކަތްކުރަމުންދާ މިންވަރު އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަ ކުރަން. މިކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ފުޅުހުންނާއި ކޯޓްތަކާއި އަދިވެސް ގުޅުންހުރި ހުރިހާ މުއައްސަސާތަކެއް އާދެ! މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އަޅުގަނޑު ވަކިން ޚާއްސަކޮށް ފާހަގަކުރަންޖެހޭ. އަޅުގަނޑުމެން އެންމެން އެކުގައި މިކުރާ މަސައްކަތަކީ އޭގެ ނަތީޖާއާއި ހަމައަށް ދެވޭނެ މަސައްކަތެއްކަމުގައި އަޅުގަނޑު ކަށަވަރުކުރަން. އަޅުގަނޑުމެނަށް ކުރިއަށް މިއޮތް ގާތްގަނޑަކަށް އަށެއްކަ މަސްދުވަހުގެ ތެރޭގައި އަޅުގަނޑު އުއްމީދުކުރަނީ އަޅުގަނޑުމެންގެ އެންމެ މުހިންމު ފޭސްއާއި ހަމައަށް އާދެ! ސީދާ އަޅުގަނޑުމެންގެ ކުދިން އަޅުގަނޑުމެންގެ ކާރީގައި ބައިތިއްބާއިގެން ހިންގާ ޕްރޮގްރާމްތައް އަދި މިހާރު މިފެށިގެންދާ ޑައިވާޝަންގެ ޕްރޮގްރާމްތަކާއެކުގައި މަސައްކަތް ކުރައްވަން ފެށުމުން މިއަދު އަޅުގަނޑުމެނަށް މިދިމާވެފައިވާ އެންމެ ހިތްދަތި ދަތި ދުވަސްތަކުން އަރައިގަތުމަށް މަގުފަހިވެގެންދާނެކަމަށް އަޅުގަނޑު ޔަގީންކުރަން.

 

ﷲސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންގެ މަސައްކަތުގައި ބަރަކާތްލައްވައި ކާމިޔާބު ދެއްވާށި. ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބާއްޖަވެރިދުވަހަކަށް އެދެން.       

 

ވަރަށް ބޮޑަށް ޝުކުރިއްޔާ.

ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.