ޔޫތް ލީޑަރސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު

     `

 

ޔޫތު ލީޑަރސް ފޯރަމް 2022 – ށ.މިލަންދޫ ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅު

(19 މެއި 2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢަލީ ރިޟާ، ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ރާޝިދު، ށ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް، މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް، ށ.އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ވަޙީދު މިލަންދޫ ޑަބްލިއުޑީސީގެ ރައީސާ ފާތިމަތު ހަނިއްޔާ، މިލަންދޫ މުއައްސަސާތަކުގެ އިސްވެރިން، ހޯމް މިނިސްޓްރީގެ އިސްވެރިން އަޅުގަނޑުމެންގެ ޔޫތު ލީޑަރސް ނެޓްވޯކްގެ ހިތްވަރުގަދަ ބަޠަލުން، މި މުހިންމު ފޯރަމްގައި ބައިވެރިވުމަށް މި ރަށުންނާއި މިއަތޮޅުގެ ރަށްތަކުން ވަޑައިގެން ތިއްބެވި އެންމެހައި ލޮބުވެތި ބައިވެރިން، ދައުވަތު އެރުވިގެން ވަޑައިގެން ތިއްބެވި އެންމެހައި އިއްޒަތްތެރިން އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

އާދެ! ޝައްކެއް ނެތް. މިރެއަކީ ށ. މިލަންދޫ އަށާއި ހޯމް މިނިސްޓްރީއަށް އަދި ށ. އަތޮޅުގެ ރަށްތަކުގެ ޒުވާނުންނާއި ޤައުމަށް އުޖާލާ މުސްތަޤްބަލެއް ލިބުމަށް އެދޭ، ދަހިވެތިވާ ކަތުންނަށް ވަރަށް ވިލުންވެރި ރެއެއް. މި އުފާވެރި ރެއާ ގުޅިގެން އަޅުގަނޑު އެއްޗެއް ދަންނަވާލުމުގެ ކުރިން ހަމަ ހިތައް އެރީ މިދިޔަ ދެތިންދުވަހު މިކަމާގުޅިގެން، މިހިނގައިދިޔަ ކަންކަމާ ގުޅިގެން ކުޑަކުޑަ ވާހަކައެއް ކިޔައިދޭނަމޭ. އާދެ! މީ ފަހަރުގައި އަޅުގަނޑާއެއްކޮށް ގިނަ ދުވަސްތަކެއްގައި އުޅެފައި ތިބި ނުވަތަ އުޅުއްވި ބޭފުޅުންނަށް އާ ވާހަކަ އަކަށް ނުވާނެ. އެހެން ނަމަވެސް ހަމަ ހިތަށް އެރީ މިއަދު މިވާހަކަ ކުޑަކޮށް ކިޔާލަންޖެހޭ.

އާދެ! ވާހަކައެއް. އެހެން ނަމަވެސް ހަގީގީ ޙާދިސާއެއް. އަޅުގަނޑަށް އެންމެ ފުރަތަމަ މި ވާހަކަ ކިޔައިދެއްވީ ޢިރާގު ބޭފުޅެއް. އުސްތާޛެއް. އެހެން ގައުމެއްގައި. އޭރުގައި ކިޔައިދެއްވީމަ ހިތައް އެރީ ހަމަ ޚިޔާލީ ވާހަކައެކޭ. ފަހުން އަޅުގަނޑުމެން މަދީނާގައި ކިޔަވަން ގޮސް، އެތަނުގެ އެހެން އުސްތާޒަކު ވިދާޅުވީމަ ތާރީޚު ބެލި އިރުގައި ހިނގާފައި އޮތް ޙާދިސާއެއް.

އާދެ! މިވާ ގޮތަކީ އައްބާސީންގެ ވެރިކަމުގެ ދުވަސްވަރު ވަރަށް ވަރުގަދަ، ތަންކޮޅެއް ނުކަސިޔާރު ރަސްކަލެއްގެ ކައިރީގައި ހުރި ވަރަށް ހެޔޮލަފާ ޞާލިހު ވަޒީރެއް. ވަޒީރަކީ ވަރަށް ރަނގަޅު މީހެއް. ރަސްގެފާނަކީ ތަންކޮޅެއް ނުކަސިޔާރު ބޭފުޅެއް. އާންމުކޮށް ހިންގާ ކަންކަމާއި ތަފާތު އެއްވެސް ކަމެއް، އެއީ ފަހަރުގައި ވަރަށް ހިތްހަމަ ޖެހޭ ކަމަކަށް ވިއަސް، ތަންކޮޅެއް ނުތަނަވަސް އުނދަގޫ ކަމަކަށްވިއަސް ހަމަ ބޮޑު ކަމެއް ދިމާވާއިރަށް ވަޒީރު ވިދާޅުވަނީ "އިންޝާ ﷲ ފީ ޚައިރް" މި ބަސް ދަސްކުރަންވާނެ. ހުރިހާ ބޭފުޅުން. އާދެ! "އިންޝާ ﷲ ފީ ޚައިރް" ﷲ އިރާދަ ކުރެއްވިއްޔާ ތިކަމުގައި ކޮންމެވެސް ހެވެއް އޮންނާނެ. އެހެންވީމަ ކޮންމެ ބޮޑު ކަމެއް ދިމާވާއިރަށް ވަޒީރު މި ވިދާޅުވަނީ ކީކޭ. ﷲ އިރާދަ ކުރެއްވިއްޔާ ތިކަމުގައި ކޮންމެވެސް ހެވެއް އޮންނާނެ. "އިންޝާ ﷲ ފީ ޚައިރް" ދެން ރަސްގެފާނު މާބޮޑަކަށް އަޅައެއް ނުލައްވާ ވަޒީރު މިކިޔަނީ ކޯއްޗެއްތޯ. ވަރަށް ތަފާތު ބޭފުޅެއް މީ.

މިހެން ދަމުންގޮސް މި ދިމާވާ ގޮތަކީ އެއްދުވަހަކު ރަސްގެފާނުގެ ކަނާއަތުގެ ޝަހާދަތް އިނގިލި ބުރިވަނީ. ހަމަ ބުރިވާއިރަށް ވަޒީރު ކައިރިގައި ހުރެފައި ވިދާޅުވަނީ ކީކޭ. އިންޝާ ﷲ ފީ ޚައިރް" ﷲ އިރާދަ ކުރެއްވިއްޔާ ތިކަމުގައި ކޮންމެވެސް ހެވެއް އޮންނާނެ. އެހިސާބުންތާ ރަސްގެފާނަށް އަދި ކިރިޔާ މި ރޭކާލީ. މި ކީކޭކަން މިކަޔަނީ. ބަލަ މަގޭ ކަނާތު ޝަހާދަތް އިނގިލި ބުރިވީމަ ކޮން ހެވެއްހޭ އޮންނާނީ. ތަޅާ ގެންގޮސް ޖަލަށް ލާށޭ. ނިމުނީ. ކޯޓުގެ ޙުކުމް. ރަސްގެފާނު ވިދާޅުވީމަ އިތުރު ޝަރީޢަތެއްވެސް ނޯންނާނެ. ތަޅާ ގެންގޮސް ޖަލުގައި. ވަޒީރު ޖަލުގައި. ގާތްގަނޑަކަށް ދެއަހަރެއްހާ ދުވަސްވަންދެން ވަޒީރު އޮތީ ޖަލުގައި. ރަސްގެފާނު ހަނދާނެއްވެސް ނެތް.

ކޮންމެއަކަސް ދެއަހަރެއްހާ ދުވަސް ފަހުން ރަސްގެފާނު މި ނުކުންނަނީ ރަސްގެފާނުގެ ހުރިހާ އައުވާނުން ގޮވައިގެން، ރަހުމަތްތެރިން، ވަރުގަދަ މީހުން ގޮވައިގެން ސަހަރާތެރެއަށް މަޖާ ކޮށްލަން. ވަރަށް ބައިވަރު މުދާތަކާ އެއްޗެހި ހިފައިގެން. ސަހަރާގެ ތެރެއަށް މަޖާ ކުރަން. ކޮންމެއަކަސް މިގޮތަށް މަޖާކޮށް ސަކަރާތްޖަހާ، ދެން އެދުވަސްވަރުގެ ކަންތައް ހުންނާނެ ގޮތް ކޮންމެވެސް ވަރަކަށް ބައެއް ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މިހެން ދަނިކޮށް މިވާ ގޮތަކީ މި އަންނަނީ ވަރަށް ވަރުގަދަ މަގުފޭރޭ ލަޝްކަރެއް. އައިސް ހުރިހާ އެންމެން ހިފައި ހައްޔަރު ކޮށްފި. އަތުގައި ހުރި ޖަވާހިރުތަކާ މުދާތައް ނަގައިފި. ދެން މީހުންގެ ކަންތައް އޮންނަ ގޮތަކީ އެގޮތަށް ހިފާ ބައެއްގެ ތެރޭގައި ނުކުޅެދޭ މީހަކު ހުރެއްޖެއްޔާ އެމީހަކު ދޫކޮށްލަނީ. އެހެން ހުރިހާ އެންމެން، ހަމަ ފަހަރަކު ބޮލެއް ކަނޑަމުން ގޮސް އެންމެން ނިންމާލަނީ. މިހެން ބަލަމުންދިޔައިރު އެބަހުރި ނުކުޅެދުންތެރިކަން ހުރި މީހެއް. އަތުގެ ޝަހާދަތް އިނގިލި މަދު. މީނަ ދޫކޮށްލައިފި.  ދޫކޮށްލުމާއެކު އަވަހަށް އަހަށް އަރައިގެން ރަށަށްގޮސް ރަށުގެ ރައްޔިތުންކާރިން ފުރަތަމަވެސް އެހީ ކޮބައިހޭ މަގޭ ވަޒީރު. ހާދަހާ ރަނގަޅު ވިސްނުން ތޫނު ބުއްދިވެރިއެކޭ މަގޭ ވަޒީރަކީ. ހެޔޮ ނުވާނޭ އޭނަ ގެންނާށޭ. ސިފައިންނަށް އަންގައިގެން ވަޒީރު ގެނެސްފި. ގެނައިރު ކަމަކުދާކަށް ނެތް. މީހާގެ ސިފަ ބަދަލުވެފަ. ހިކި އަނަރޫފަ ވެފަ. ވަޒީރުގެ ހާލެއް ނެތް. ހަމަ ފެނުނުއިރަށް ބައްދައި އޮޅުލައި ވަޒީރު ކިބައިން މާފަށް އެދެފި. ވަޒީރު އަހައިފި. ރަސްގެފާނު ބަލަ ކިހިނެއް ވެގެންހޭ ތިއުޅެނީ. ވަޒީރަކީވާ ހާދަހާ ބޮޑު ހިކުމަތްތެރިއެކޭ. ހާދަ ރަނގަޅު ވާހަކައެކޭ އެވިދާޅުވީ. މަގޭ އިނގިލި ބުރިވުން އެއީ ހާދަހާވާ ބޮޑު ހެވެކޭ. ވަޒީރު އައްސަވައިފި. ބަލަ ކިހިނެއްތޯއޭ ވެގެން ތިއުޅެނީ؟ ވާހަކަ ކިޔައިދެއްވައިފި. ކިޔައިދެއްވާފަ ވިދާޅުވަނީ ވަޒީރަށް އެނގިވަޑައިގަންނަވާތޯއޭ އެދުވަހު ތިމަންނަގެ އިނގިލި ބުރި ނުވިނަމަ މިއަދު އެންމެ ފުރަތަމަ މަރާލާ މީހުންގެ ތެރޭގައި ތިމަންނަ ހިނގައްޖޭ. އެހެންވީމަ މިއަދު ސަލާމަތް ވެގެން މިއާދެވުނީ އެދުވަހު އިނގިލި ބުރިވެފަ އޮތީމައޭ. އެކަމު އަޅެ ވަޒީރު ވިދާޅުވެބައްލަވާށޭ ވަޒީރަށް ލިބުނީ ކޮން ހެވެއްހެއްޔޭ؟ ވަރަށް ބޮޑު މައްސަލައެއްތާ މިއައީ. ވަޒީރު އޮތީ ދެއަހަރުވަންދެން ޖަލުގައިވިއްޔާ. އެހެންވީމަ ކޮން ހެވެއް ހެއްޔޭ ވަޒީރަށް ލިބުނީ؟ ވަޒީރު ވިދާޅުވަނީ ރަސްގެފާނޭ. އަޅެ އަދިވެސް ވިސްނާ ބަލާށޭ. ތިމަންނައަށްވާ ހާދަ ބޮޑު ހެވެކޭ ލިބުނީ. ރަސްގެފާނު ވަރަށް ވިސްނައި ވަޑައިގެންފި. ވިދާޅުވެއްޖެ. އުނހޫ. ތިމަންނައަކަށް ނުވިސްނުނޭ. ވަޒީރު ވިދާޅުވަނީ ރަސްގެފާނުއޭ. އެނގިވަޑައިގަންނަވާތޯއޭ. އެދުވަހު ތިމަންނަ ޖަލަށް ނުލީނަމަ ކިހިނެއް ވާނީ؟ ޝިކާރައަށް ނުކުންނައިރު ކަނާތްފަރާތުގައި ޖެހިގެން އެންމެ ކައިރީގައި ހުންނާނީ ތިމަންނައޭ. އެންމެ ފުރަތަމަ ބޯ ބުރިކޮށްލާނީ ތިމަންނައޭ. ދެމީހުން މި އެއްވީ ކީއްވެ؟ މިއަދު ތިމަންނަ ޖަލުގަ އޮތީމައޭ.

އަރޫމެންވާ ހާދަ ހިތްވަރު ގަދައޭ. މިރަށު ރައްޔިތުންވާ ހާދަ ހިތްވަރު ގަދައޭ. ހާދަ ހެވޭ. ތި ޒުވާން ކުދިން ހާދަ ސާބިތޭ. އަޅުގަނޑުމެން އެދުވަހު ކެންސަލް ކޮށްލިނަމަ މި ފޯރަމްގެ މުހިންމު ކަމެއް ނުވިސްނުނީސް. ތިބޭފުޅުން އަޅުގަނޑުމެންނަށް ދެއްވި ޝައުގުވެރިކަން އަޅުގަނޑުމެންނަކަށް ނޭގުނީސް. އަޅުގަނޑުމެންނަށް ކިއުއްވި މަރްހާބާއާއި މެޙްމާންދާރީގެ އަސްލު ފުންކަމެއް އިހުސާސެއް ނުކުރެވުނީސް. އަޅުގަނޑުމެން މިހުރިހާ ކަމެއް ކަޑައްތުކޮށް ތިބޭފުޅުންނާއެކީ މިއަދު ތިބުމަކީ ﷲ ލެއްވި ވަރަށް ބޮޑު ރަޙްމަތެއް. ވަރަށް ބޮޑު ހެވެއް.

އާދެ!. ދެންމެ މިދިޔަ ޙާދިސާއަށް ރަސޫލުﷲ ހަދީސަކުން ވަރަށް ފުރިހަމަކޮށް ބާރު ލިބޭ. ރަސޫލުﷲ ހަދީސް ކުރައްވަނީ "عَجَبًا لِأَمْرِ الْمُؤمنِ إِنَّ أَمْرَهُ كُلَّهُ لَهُ خَيْرٌ، وَلَيْسَ ذَلِكَ لِأَحَدٍ إِلَّا لِلْمُؤْمِنِ: إِنْ أَصَابَتْهُ سَرَّاءُ شَكَرَ، فَكَانَ خَيْرًا لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ، صَبَرَ فَكَانَ خَيْرًا لَهُ" މާނައީ: ތިމަން ކަލޭގެފާނު ހައިރާންވެ ވަޑައިގަންނަވަމޭ މުއުމިނާގެ ޙާލާމެދުގައި. މުއުމިނެއްގެ ކަންތައްތަކާމެދުގައި ޙައިރާންވެ ވަޑައިގަންނަވަމޭ. އޭނަގެ ހުރިހައި ކަމަކީވެސް އޭނައަށްވާ ހެވެކެވެ. މުއުމިނެއް ވެއްޖެއްޔާ އޭނައަށްވާ ހުރިހާ ކަމަކީވެސް އޭނައަށްވާ ހެވެކޭ. މުއުމިނެއް ނޫން އެހެން އެއްވެސް މީހަކަށް މިކަމެއް ނުލިބޭ. އެއީ އޭނަ އަށް އުފާވެވެރިކަމެއް ހިތްހަމަޖެހުމެއް ލިބިއްޖެއްޔާ އޭނަ ﷲ އަށް ޙަމްދު ކުރެއޭ. ޝުކުރު ކުރެއޭ. އެއީ އޭނައަށް ހެޔޮކަމުގެ މައްޗަށްވާ ހެވެކޭ. އަދި އޭނައަށް ދެރަކަމެއް ނިކަމެތި ކަމެއް ލިބިއްޖެއްޔާ އޭނާ ކެއްތެރިވޭ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނައަށް ދެއްވާ ވަރަށް ބޮޑު ހެވެކޭ. ވަރަށް މަތިވެރި ޘަވާބެކޭ. އަޅުގަނޑުމެންނަކަށް، ފުރިހަމަ މުއުމިނަކަށް އެއްވެސް ދެރަގޮތެއް ނެތް. އަޅުގަނޑުމެންގެ ކޮންމެ ހިނދެއްގައި ކޮންމެ ވަގުތެއްގައި ކެތްތެރިކަމާއެކު ޙަޔާތުގެ މަޤްޞަދުތައް ޙާޞިލް ކުރުމަށް ދާންވާނީ ކުރިއަށް.

ލޮބުވެތި ޙުޟޫރުން. އެއްވެސް ޤައުމެއްގެ މުސްތަޤްބަލް ބިނާވާނީ އެޤައުމެއްގެ ޒުވާނުންގެ މައިބަދައިގަ ވަރުހުރި މިންވަރެއްގެ މައްޗަށް. ހެދިބޮޑުވަމުން އަންނަ ޒުވާން ޖީލަކީ ހަށިގަނޑުހެޔޮ ޢިލްމީ ޤާބިލްކަމާއި ފަންނާއި ހުނަރުވެރިކަން ހުރި މަސައްކަތްތެރިކަމާއި މުރާލިކަންހުރި ރިވެތި އަޚްލާޤާއި ސުލޫކުން ޒީނަތްތެރިވެގެންވާނަމަ އެގައުމު ދާނީ ފަތުއަޑު ކިޔާފައި ބާރަށް ކުރިއަށް. ނަމަވެސް މި ދެންނެވި ސިފަތައް އެޤައުމެއްގެ ޒުވާނުންގެ ކިބައިން ގެއްލިއްޖެނަމަ އެޤައުމެއްގެ މުސްތަގްބަލާމެދު ހުރި ހިތާމައެއްގެ ބޮޑު ކަމާ.

ލޮބުވެތި ޒުވާނުން. އަޅުގަނޑުމެން ހޯމް މިނިސްޓްރީގެ ފަރާތުން ޔޫތްލީޑަރސް ނެޓްވޯކްގެ ނަމުގައި ނެޓްވޯކެއް އުފައްދައި ޒުވާން ލީޑަރުން ބިނާ ކުރުމަށް މިފަދަ ފޯރަމްތައް މިހިންގަނީ ހޯމް މިނިސްޓްރީއާ މަތިކޮށްފައިވާ ޤައުމުގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ ޤައުމުގެ ހެދިބޮޑުވަމުން އަންނަ ޒުވާން ޖީލަކީ އަދި އެޖީލުގެ ކިބައިގައި ރިވެތި މަތިވެރި ސިފަތައް އުފެއްދިގެން ކަމަށްވާތީ އަދި ޤައުމުގެ ޒުވާން ޖީލަކީ ހެޔޮ ލަފާ މުވާޡިނުން ކަމުގައި ހަދައިގެން މެނުވީ ޤައުމުގެ މުސްތަޤްބަލް އަޅުގަނޑުމެންނަށް ހޯދައި ނުފެންނާނެތީ.

ލޮބުވެތި ޒުވާނުން. ބައެއްގެ މެދުގައި ޢިލްމުވެރިކަން އާންމުވެ ފެތުރިއްޖެ ކަމުގައިވާނަމަ ޖާހިލުކަމާއި ނޭގުންތެރިކަން ނެތިވެ އިންދިރާސް ވެދާނެ. ތަނަވަސްކަމާއި ތިޔާގިކަން އާންމު ވެއްޖެނަމަ ފަޤީރު ކަމާއި ތަދުމަޑުކަން ފިލައިގެން ހިނގައިދާނެ. ބައެއްގެ މެދުގައި މުރާލިކަމާއި ކެރުންތެރިކަން ފެތުރިއްޖެނަމަ އެބައެއްގެ މެދުން ކަންނެތްކަމާއި ފިނޑިކަން ނެތިވެ ހިނގައިދާނެ. ބައެއްގެ މެދުގައި ޝަރީޢަތާއި ޤާނޫނަށް ތަބާވުން އަށަގެންފި ކަމަށް ވާނަމަ އެބައެއްގެ މެދުން އަނިޔާވެރިކަމާއި ކުށްކުރުމާއި ޖަރީމާތަކުން ނެތިވެ ސަލާމަތް ވާނެ. ލޮބުވެތި ޒުވާނުން. އަޅުގަނޑުމެން ބޭނުންވަނީ ބަލިވުމުގެ ކުރިން ފުރިހަމަ ސިއްޙަތާއި ޢާފިޔަތް ލިބިގަންނަން. ދުޅަހެޔޮ ރަނގަޅު ހެޔޮ ފަސްގަނޑެއްގައި ގޮވާން ހައްދަން. ކުށާއި ކުށްކުރުމުގެ ބިރުވެރިކަން އުފެދުމުގެ ކުރިން އަމާން ކަމާއި ރައްކާތެރިކަމާއި ފާގަތި މުޖުތަމައެއް ބިނާ ކުރަން.

ލޮބުވެތި ޒުވާނުން. އަޅުގަނޑުމެން ތިޔަ ޒުވާނުންގެ ކޮނޑުގައި މި އަޅުވަނީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް. އަޅުގަނޑުމެން އެންމެން އައިސް މިތިބީ ތިޔަ ޒުވާނުންނަށް، މިބޭފުޅުންނަށް ލިބިފައިވާ ޢިލްމަކާއި ހުނަރެއް ފޯރުކޮށް ދިނުމަށް. މާދަމައަށްޓަކައި އަޅުގަނޑުމެންގެ މި ރަށަށް ނުވަތަ ތިޔަ ކުދިންގެ ރަށަށް އަތޮޅަށް މުޅި ޤައުމަށް ތިޔަ ކުދިންގެ ފަރާތުން ކޮށްދޭނެ ބޮޑެތިވެގެންވާ ޚިދުމަތްތަކެއް ކުރުމަށް ތިޔަ ޒުވާނުން ތައްޔާރު ކުރުމަށް. އާދެ! އަޅުގަނޑުމެންގެ މި ޤައުމަކީ މިހާތަނަށް ޒުވާން ކާބަފައިންގެ ކިބައިން މިހާތަނަށް ރައްކާތެރިވެގެން ޙިމާޔަތް ކުރެވިގެން އައި ޤައުމެއް. އަޅުގަނޑުމެންގެ މެދުގައި، ތިޔަ ލޮބޮވެތި ޒުވާނުން ތާރީޚް ކިޔައިފިނަމަ ދިމާވި ކޮންމެ ބޮޑު ދަތި އުނދަގުލެއްގައި ރާއްޖެއަށް ދިމާވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި ކުރިމަތިލައިގެން ނުކުމެފަ ހުންނާނީ ޒުވާން ހިތްވަރުގަދަ ބަޡަލުން. ތިޔައިގެ ކޮންމެ ކުއްޖަކީ އެފަދަ ޒުވާނަކަށް ވުމުގެ ފުރުސަތު އެބައޮތް. އަޅުގަނޑު އެދެނީ ނުވަތަ ޔަގީން ކުރަނީ މި ދެތިންދުވަހުގެ ތެރޭގައި ތިޔަ ދަރިވަރުންނާ އެކީގައި މިހިންގާ ވޯކްޝޮޕްގައި ދެވޭ މައުލޫމާތާއި އަޅުގަނޑުމެންގެ ޙަރަކާތްތަކާއި ހުނަރުތަކުން އަޅުގަނޑުމެންގެ މުސްތަގުބަލަށް އުޖާލާ ކަމާއި އަލިކަން ގެނެސްދޭނޭ އެތައް ފިލާވަޅުތަކެއް ލިބި އޭގެން އެތައް ޢިބްރަތްތަކެއް ލިބި ކޮންމެ ކުއްޖަކު އެކުއްޖެއްގެ ރަށުގައި ކުރަންހުރި ކަންކަމުގައި އިސްނަގައިގެން ކުރިއަށް ދިއުން. އަދި ވަކިން ޚާއްސަކޮށް ކުރިންވެސް ދެންނެވިފަދައިން އަޅުގަނޑުމެން ހޯމް މިނިސްޓްރީއާ މަތިކޮށްފައިވާ ވަރަށް ބޮޑު ކަމެއް އެއީ އަޅުގަނޑުމެންގެ މުޖުތަމައަކީ ކުށް މަދު އަމާން ރައްކާތެރި މުޖުތަމައަކަށް ހެދުން. އަޅުގަނޑުމެންގެ މި ނެޓްވޯކުން އެ މަސްއޫލިއްޔަތު ތިޔަ ކުދިންނާއެކުގައި ކުރިއަށް ގެންދިއުމަށް މި މަސައްކަތް ކުރަނީ. އެހެންވީމާ އަޅުގަނޑު ޔަގީން ކުރަން އިރާދަކުރެއްވިއްޔާ މި ތިން ދުވަސް ނިމިގެންދާއިރު އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް މުހިންމު ތަޖުރިބާތަކެއް ޙިއްސާ ކުރެވި މުހިންމު ފިލާވަޅުތަކެއް ލިބި އޭގެން އަޅުގަނޑުމެންގެ ރަށާއި ޤައުމަށް އަލި ކުރާ ކަމެއް ކަމުގައި ވެގެން ދިއުން.

އަޅުގަނޑުގެ ދުޢާއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މި މަސައްކަތުގައި ބަރަކާތް ލައްވައި އަޅުގަނޑުމެންނަށް ކާމިޔާބު މިންވަރު ކޮށްދެއްވައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީގު މިންވަރު ކޮށްދެއްވުން. ދެދުނިޔޭގެ ބާއްޖެވެރިކަން އަޅުގަނޑުމެން އެންމެނަށް މިންވަރު ކޮށްދެއްވުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ.

ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.