ޕޮލިސް އެކަޑަމީ ހުޅުވުން

                  `

 

ޕޮލިސް އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅު

(27 މާރިޗް 2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ  އިބްރާހިމް މުޙައްމަދު ޞާލިޙު، އަނބިކަނބަލުން ފަޒުނާ އަހްމަދު ، އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ އެސް ޖައިޝަންކަރު، މިނިސްޓަރ އޮފް ފޮރިންއެފެއާޒް ނިޝާން ޢިއްޒަތުގެވެރިޔާ އޮނަރަބްލް ޢަބުދުﷲ ޝާހިދު، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން، އައްޑޫސިޓީގެ މޭޔަރު ޢަލީ ނިޒާރު ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޗީފް އޮފް ޑިފެންސް ޢަބުދުﷲ ޝަމާލު، އިންޑިޔަން ހައިކޮމިޝަނަރ މޫނޫ މަހާވަރު، އައްޑޫސިޓީގެ ލޮބުވެތި ރައްޔިތުން ދައުވަތު އެރުވިގެން ވަޑައިގެން ތިއްބެއްވި އެއްމެހާ ލޮބުވެތި ހާޟިރީން އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

އާދެ! އަޅުގަނޑުމެން އެއްވެ މި ތިބީ ޒަމާންތަކެއް ވަންދެން ދެކެމުން އައި ފުވަފެނެއް ހަގީގަތަކަށްވާ  ދުވަސް ދެކެން. އާދެ! މިއަދަކީ ދިވެހިރާއްޖޭގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމެންޓް ވުޖޫދުވާ ދުވަސް. މިއަދު ގާއިމު ކުރެވިގެންދާ ފުލުހުންނާއި، ގާނޫނު ތަންފީޒުކުރާ އެހެނިހެން އިދާރާތަކުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދޭ މި މަރުކަޒަކީ މި މަރުކަޒުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ދާޚިލީ ރައްކާތެރިކަމާއި ރައްޔިތުންގެ ސަލާމަތް ކަށަވަރުކޮށްދިނުމަށްޓަކައި ހުޅުވިގެންދާ މުހިންމު މުއައްސަސާއެއް. މި މުއައްސަސާގެ ދަށުން ދިވެހި ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ފޯރުކޮށްދެވި ސަލާމަތާއި މިނިވަންކަން ހޯދައިދެވިގެންދާނެ.

އާދެ! މިއަދު އަޅުގަނޑުމެން މި އިފްތިތާޙް ކުރާ މި މުއައްސަސާއަކީ ވޭތުވެދިޔަ 3 ސަރުކާރުން އެކަމަށްޓަކައި މަސައްކަތް ކޮށް އެމަސައްކަތް މިހާތަނަށް ގެނެސްދީ މިކަމާމެދުގައި ދިވެހި ސަރުކާރުތަކުގެ މެދުގައި ދެބަސްވުމެއް ނެތް، އެންމެން އެއްބަސްވެވިފައިވާ ހަގީގަތެއް. އެހެންކަމުން މި މަސައްކަތުގައި ހުރިހާ ސަރުކާރުތަކުން ދެމިތިބެ ދިވެހި ފުލުހުންނަށްޓަކައި މި މުހިންމު ބިނާ ގާއިމްކޮށްދެއްވީތީ އެހުރިހާ ސަރުކާރުތަކުގެ އިސްވެރިންނަށް ހިތުގެ އެންމެ ފުންމިނުން އަޅުގަނޑު އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރަން.

އާދެ! ރަޙްމަތްތެރި އިންޑިއާ ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކުރައްވައިގެން އެތައް މިލިއަން ޑޮލަރެއް މި މަރުކަޒަށް އިންވެސްޓްކޮށް ހިލޭ އެހީއެއްގެ ގޮތުގައި މި މަސައްކަތް ކޮށްދެއްވާފައިވާތީވެ އިންޑިއާގެ ލޮބުވެތި ރައްޔިތުންނާ ސަރުކާރަށް ދިވެހި ލޮބުވެތި ރައްޔިތުންގެ ނަމުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަކިން ޚާއްސަކޮށް ދިވެހި ފުލުހުންގެ ނަމުގައި ހިތުގެ އެންމެ އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރަން.

އާދެ! ދިވެހި ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ ތަޞައްވަރަކީ ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވަރެއް ކަމުގައި ވެގެންދިޔަހިނދު މިއަދު މި ޤާއިމްކުރެވޭ މަރުކަޒުގެ ސަބަބުން މުޅި ރާއްޖޭގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ ތަމްރީނާއި ހުނަރު ލިއްބައިދެވޭނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އުފެދިފައިވާ ފުލުހުންގެ މުއައްސަސާއަށް އެންމެ ބޭނުންތެރިވަނީ ފުރިހަމަ ތަމްރީނާއި ހުނަރު. މި މުއައްސަސާއަކީ އޭގެ ނަތީޖާއެއްގެ ގޮތުން ޒަމާނީ ތަމްރީނު ފޯރުކޮށްދެވި ޒަމާނީ ޚިދުމަތް ރައްޔިތުންނާ ހަމައަށް ގެނެސްދެވޭނެ މުއައްސަސާއެއް.

މި މުއައްސަސާއަކީ އައްޑުއަތޮޅުގައި ގާއިމް ކުރެވިގެންދާ މުއައްސަސާއަކަށް ވުމާއެކު އައްޑޫ ސިޓީގެ ރައްޔިތުންނަށް ކައިރީގައިވާ އަތޮޅުތަކުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާތަނަށް ކުރިމަތިވެފައިވާ އިންސާނުންނާއި އެހެންނިހެން ވަސީލާތްތަކުގެ މަދުކަން އިރާދަކުރެއްވިއްޔާ މި މުއައްސަސާ ގާއިމްވެގެން ދިއުމުން ފުރިހަމަވެގެންދާނެ. އަދި ވަކިން ޚާއްސަކޮށް މި އަތޮޅުތަކުގެ ރައްޔިތުންނާ ގާތުން އިޖުތިމާއީ ޚިދުމަތެއްގެ ގޮތުން މަދަނީ ފުލުހުންގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް މިކަމުން މަގުފަހި ވެގެންދާނެ.

   އިއްޒަތްތެރި ހުޟޫރުން. 1933 ވަނަ އަހަރު މާޗު މަހު އޮނަތިރީސް ވަނަ ދުވަހު އައްސުލްތާން މުޙައްމަދު ޝަމްސުއްދީން ހަވަނަ ދިވެހިރާއްޖޭގެ ފުލުހުންގެ ޚިދުމަށް ފެއްޓެވީއްސުރެ މި ވޭތުވެގެންދިޔަ 88 އަހަރުގެ ތެރޭގައި ވަކިން ޚާއްސަކޮށް 2004 ވަނަ އަހަރު ދިވެހި ފުލުހުންނަކީ މަދަނީ މުއައްސަސާއަކަށް ބަދަލުވުމަށްފަހު ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި ފުލުހުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗާއި ތަކްލީފަކީ ފުލުހުންގެ ތަމްރީނުދޭ އަމިއްލަ މަރުކަޒެއް ނުވަތަ އަމިއްލަ ޓެރެއިނިން ސެންޓަރެއް ނެތުން. އިރާދަކުރެއްވިއްޔާ މިއަދު މި ގާއިމް ކުރެވޭ އެކަޑަމީއާއެކު އެއީ ފުލުހުންނަށް މާޒީއަކަށް ވެގެންދާނެ. މިއަދު މި ފެށޭ ޕޮލިސް އެކެޑަމީއާއެކުގައި ފުލުހުންގެ ޚިދުމަތްތައް ދިނުމުގައި ޒަމާނީ ފެންވަރަށް މި ޚިދުމަށް ބައްޓަން ކުރެވި ކުރިއަރައިގެން ދާނެ.

   ކުރިންވެސް އަޅުގަނޑު ފާހަގަ ކޮށްލި ފަދައިން އަޅުގަނޑުމެން މިއަދު މިފަށާ ކޮލެޖަކީ ހަމައެކަނި ދިވެހި ފުލުހުންނަށް ޚާއްސަ ކުރެވޭ ކޮލެޖެއް ނޫން. ދިވެހިރާޢްޖޭގެ ލޯ އެންފޯސްމެންޓާ ގުޅޭ ހުރިހާ މުއައްސާތައް ގުޅިގެން ތަމްރިނު ކުރުމަކީ، ތަމްރީނު ދިނުމަކީ، ޓްރޭނިންތައް ހެދުމަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ދިވެހިރައްޔިތުންގެ ރައްކާތެރިކަމަށް އޮތް އެންމެ މުހިންމު އެއް މަގު. އާދެ! އެހެންކަމުން ގުޅިގެން ކުރެވޭ ތަމްރީނާއި، އެންމެންގެ ވިސްނުމާއި ފިކުރު އެއްކޮށް އަޅުގަނޑުމެންގެ އެތެރޭގައި ހުރި ތަފާތުތައް ނައްތާލެވި ކުރިއަށް ދެވޭނެ މަގު ހޯދައި ދިނުމަކީ އަޅުގަނޑުމެން މި މުއައްސަސާތެރެއިން ކޮންމެހެން ނެރެންޖެހޭ މަގެއް.

   އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ރާއްޖޭގެ ރައްޔިތުންގެ އިގްތިޞާދީ ތަނަވަސްކަމާއި ހަމަޖެހުމަށް އެންމެބޮޑު ގުޅުމެއް އޮތީ ރައްޔިތުންގެ ރައްކާތެރިކަމާ. މިއަދު މި މުއައްސާގެ ސަބަބުން މިކަން ކަށަވަރު ކުރެވި ރައްޔިތުންގެ ސީދާ ދިރިއުޅުމާ ގުޅުންހުރި ކަމަކަށް މިކަން ބަދަލުވެގެންދާނެ. އާދެ! އެއީ އަޅުގަނޑުމެންގެ ކޮންމެ އަތޮޅަކަށް، ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް ލިބެގެންދާ ކުރިއެރުމަކަށް ވެގެންދާނެ. އަދި ދިވެހި ރައްޔިތުންގެ މުސްތަގުބަލް އުޖާލާ ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާނެ ކަމެއް.

  އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެންގެ ފުޅާވެ ތަނަވަސް ވަމުން އަންނަ އިގްތިޞާދު ބިނާވަނީ ރައްކާތެރިކަމާއި އަމާންކަމާއި ހަމަޖެހުމުގެ މައްޗަށް. ޓޫރިޒަމާއި ބޭރުން އަންނަ މެހުމާނުންނަށް ކަމޭހިތުމުގެ މައްޗަށް. އާދެ މިކަން ކަށަވަރު ކުރެވޭނީ އަޅުގަނޑުމެންގެ ގައުމުގައި އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްގެން. އާދެ! މިކަމުގައި ދިވެހި ފުލުހުންނަށް މި ލިބިގެންދިޔަ މުއައްސަސާއަކީ އެންމެ ބޮޑު އެއް އެހީތެރިކަން ކަމުގައި ވެގެންދާނެކަން އަޅުގަނޑަށް ޔަގީން.

   އާދެ! އަޅުގަނޑުގެ އެންމެ ފަހު ބަހަކީވެސް މިއަދު އަޅުގަނޑުމެންނަށް މި ލިބިފައިވާ މުއައްސާގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ޚިދުމަތް ފޯރުކޮށްދީ އަދި މިއަދު ހެދިފައިވާ ޒަމާނީ ޤާނޫނުތައް ތަންފީޒު ކުރުމަށް ބޭނުންވާ ފުރިހަމަ ހުނަރާއި ޤާބިލްކަން މި މުއައްސަސާގެ ތެރެއިން ހޯދައިދިނުމަށްޓަކައި ދުނިޔޭގެ ތަފާތު ގައުމުތަކާއެކު ވަކިން ޚާއްސަކޮށް އިންޑިއާގެ ނެޝަނަލް ޕޮލިސް އެކަޑަމީ، އަޅުގަނޑުމެންނާއެކު ވަޑައިގެން އެބައިންނެވި. ޕޮލިސް އެކެޑަމީގެ ޑިރެކްޓަރ އަތުލް ކަރޯ، ވަރަށް ދީލަތިކަމާއެކީގައި އަޅުގަނޑުމެންގެ ފުލުހުންނަށް މިއަދާ ހަމައަށްވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުން ވަޑައިގަންނަވާކަން.

   އާދެ! އަޅުގަނޑު އެދެނީ ހުރިހާ މުއައްސަސާތަކާއެކީ ގުޅިގެން ޒަމާނީ ފެންވަރުގެ ފުލުހުންގެ ޙިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންވާނެ އެންމެ ފުރިހަމަ ތަމްރީނު މި އިންސްޓިޓިއުޝަނުން ނުވަތަ މި މުއައްސަސާއިން ފޯރުކޮށް ދިނުމަށް.

   އަޅުގަނޑުގެ ދުއާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ މިމަސައްކަތުގައި ބަރަކާތްލައްވައި ދިވެހި ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ދިވެހިންގެ ތަނަވަސްކަމާއި ފާގަތިކަމަށް މަގު ފަހިކޮށްދޭނެ ފުރިހަމަބިނާއަކަށް މިބިނާވެގެން ދިއުމަށް. އަޅުގަނޑުމެން ދިވެހިރައްޖެއާއި އިންޑިޔާއާއި ދެމެދުއޮތް ގުޅުން އެންމެ ރަނަގަޅުގޮތުގައި ދެމިއޮތުމާއި ރައްކާތެރިކަމާއި ހިމާޔަތް ދެގައުމަށް ލިބިގެންދިއުމަށް. އަދި ދެގައުމުގެ ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަމާއި ރައްކާތެރިކަން ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރުކޮށްދެއްވުން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

  ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.