ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމް އިފްތިތާހް ކުރުން

   

      `

 

ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް އިފްތިތާހްކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި  މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅު

(27 ފެބްރުއަރީ 2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

   މިނސްޓަރ އޮފް ހެލްތް އޮނަބްލް އަޙްމަދު ނަސީމް، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމްއެފެއާޒް އަހްމަދު މާހިރު ޢީސާ، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމްއެފެއާޒް ޢަލީ ނަޒީރު، ކޮމިޝަނަރ އޮފް ޕްރިޒްންސް އަހްމަދު މުޙައްމަދު ފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒްންސް އިބްރާހިމް މުޙައްމަދު ދީދީ ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒްންސް މުޙައްމަދު އާސިފް، މިހަފްލާއަށް ދައުވަތު އެރުވިގެން ވަޑައިގެން ތިއްބެވި ސަރުކާރުގެ ކުންފުނި ތަކުގެ އިސްވެރިން، ކަރެކްޝަނަލް ސަރވިސްގެ އިސް އޮފިސަރުން، މިރަސްމިއްޔާތު އެބަޔަކަށްޓަކައި ޚާއްޞަ ކުރެވިގެންވާ މިޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގަންނަވާ އެންމެހާ ބޭފުޅުން އައްސަލާމު އަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތުހޫ.

އާދެ! މިއަދަކީ ކަރެކްޝަން ސަރވިސްގެ ހަޔާތަށް، ޖަލުގަ ވަކިކުރެވިފައިތިބޭ ގައިދީން އަދި ބަންދުކުރެވިފައިވާ ގައިދީންގެ އާއިލާތަކަށް، ވަކިން ޚާއްޞަކޮށް އަޅުގަނޑުމެންގެ މިސަރުކާރަށް ވަރަށް އުފާވެރި ދުވަހެއް. މިއަދު އަޅުގަނޑުމެން މިފަށާ ޕްރޮގްރާމަކީ މިމަހުގެ 03 ވަނަދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވާ ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އެނަމިކުފާނުގެ ސަރުކާރުން މިއަހަރު ތެރޭގައި ކުރައްވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ހޯމްސެކްޓަރއާއި ހަވާލު ކުރައްވާފައިވާ މަސައްކަތުގެ ތެރެއިން ދެވަނަ މަސައްކަތް ފެށިގެންދާދުވަސް.

އާދެ! މިއަދު މިފެށިގެންދާ ޕްރޮގްރާމަކީ ޤާނޫނު ނަންބަރު 2011/17 ޖަލުގައި ބަންދުކުރެވިފައިތިބޭ މަސްތުވާތަކެތީގެ ފަރުވާ ދޭންޖެހޭ ފަރާތްތަކަށް ލާޒިމް ކޮށްފައިވާކުރުން ފުރަތަމަ ފަހަރަށް ފަށައިގަތްދުވަސް. އާދެ! 2011 ވަނަ އަހަރުން ފެށިގެން ޤާނޫނުގައި ވަރަށް ސާފުކޮށް މިކަން ކުރުމަށްވަނީ އަމުރުކޮށްފައި. އަޅުގަނޑު މިއަދު އުފާކުރަނީ ކޮމިޝަނަރވެސް ވިދާޅުވިފަދައިން ، މިނސްޓަރ ނަސީމްވެސް ވިދާޅުވިފަދައިން އަޅުގަނޑުމެން މިސަރުކާރާ ހަވާލުވީއްސުރެ މިކަން ފެށުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ފަށައިގަނެވުނު. އެހެންނަމަވެސް ކޮވިޑްގެ ދަތިކަމާހުރެ މިއާއިގެން ކުރިއަށް ދިއުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާވަގުތެއްގައި މިނިސްޓަރ ނަސީމް ވަޑައިގެން ހެލްތް މިނިސްޓްރީއާއި ހަވާލުވެ ވަޑައިގެންނެވި. އަދި އޭގެ ފަހުން އެންޑީއޭ ހެލްތް މނިސްޓްރީ ދަށަށް ގެންދެވި އެއާއެކުގައި އެންޑީއޭގެ ބޯޑުގެ ޗެއަރޕާސަން އެއްގެ ގޮތުގައި ޝަމާހު ސަޢީދު ހަވާލުވެޑައިގެން މިނިސްޓަރ ނަސީމުއާއި އެކުގައި ކަރެކްޝަންސް ސަރވިސްއާ އެއްކޮށް ވަރަށް ގިނަ މަސައްކަތްތަކެއް ފެއްޓެވި. އާދެ! މިކަމަށް ތައްޔާރު ވުމުގެ ގޮތުން ކުރަންޖެހުނު ވަރަށް ގިނަ ކަންތައްތަކެއްގެ  ވާހަކަ މިނިސްޓަރ އަދި ކޮމިޝަނރގެ ވާހަކައިގައި ވިދާޅުވެއްޖެ. އެމަސައްކަތް މިހިސާބަށް ގެންދެވި ތަފާތު ފަރާތްތައް މިކަމަށް ޚާއްޞަ ކުރެވި ޓްރޭންކުރެވި، އެފަރާތްތަކަށް ލައިސަންސްދެވި ޕްރޮގްރާމުގައި ބައިވެރިވާނެ ފަރާތްތައް ހޮވާ އިޚްތިޔާރުކުރެވި މިހިސާބަށް އައިސް އަޅުގަނޑުމެންނަށް މިއަދު މިފަށައިގަނެވޭގަތުމަކީ އަޅުގަނޑުހިތުން ﷲގެ ރަހްމަތާއެކުގައި އަޅުގަނޑުމެންގެ ރާއްޖެއަށް ކުރިމަތިވެފައި މިވާ މިބޮޑު މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެޅޭ ވަރަށްއުސް ފިޔަވަޅެއް.

އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގެ މިވޭތުވެދިޔަ ބައި ގަރުނެއްހާ ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖްތިމާއީ ބަލިމަޑުކަމުން އަޅުގަނޑުމެނަށް އަރައިގަނެވޭނީ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކާއި ޖަމުޢިއްޔާ ޖަމާއަށްތަކާއި އަދި މިކަމުގައި ބައިވެރިވެ ޝާމިލުވާންޖެހޭ އާއިލާތަކާއި މިހުރިހާ ފަރާތްތައް ގުޅިގެން ވަށާޖެހޭ ނިޒާމެއް ގާއިމުކޮށްގެން. އާދެ! މިއަދު އަޅުގަނޑުމެން މިފެށި ޕްރޮގްރާމަކީ މިދެންނެވި ވަށާޖެހޭ ދެކޮޅު ބައްދަލުވުމަށް ގާތްކޮށްދޭފަދަ ޕްރޮގްރާމެއް.

ލޮބުވެތި ހުޟޫރުން އަޅުގަނޑުމެން މިއަދު މިފެށި ޕްރޮގްރާމަކީ އޭގެ ހެޔޮ އަސަރު ﷲ އިރާދަކުރެއްވިއްޔާ ސީދާ ގޮތެއްގައި އަދި ނުސީދާ ގޮތެއްގައި ރައްޖޭގެ ކޮންމެ އާއިލާއަކަށް އޭގެ ހެޔޮ އަސަރު ފޯރާނެ ޕްރޮގްރާމެއް.  ﷲގެ ރަޙްމަތާއެކު އަޅުގަނޑުމެން މިއަދު މިފެށި ޕްރޮގްރާމް އޭގެ ސަބަބުން ޖަލުގަ ކަސްތަޅުއެޅުވި ބިކަވެ ނިކަމެތިވެ މާޔޫސްވެފައިވާ އާއިލާތަކާއެކު އުފާވެރި ދިލުންވެރި ހަޔާތެއް ލިބިދާނެކަމަށް ތައްސައްވަރުވެސް ނުކުރާ އެތަށް ޒުވާނަކަށް މިއަދު މިޕްރޮގްރާމުގެ ސަބަބުން އެޒުވާނުންގެ ކުރިމަގު އުޖާލާކޮށް އަލިކޮށްދޭނެ. ﷲ އިރާދަކުރެއްވިއްޔާ ޖަލުން ނުކުމެ ނަފާދާރު ޒިންމާދާރު އަމިއްލައަށް މަސައްކަތްކޮށްގެން ދިރިއުޅޭ އުފާވެރި ހަޔާތަކަށް ގެންގޮސްދޭނެމަގު މިޒުވާނުންނަށް އިރާދަ ކުރެއްވިއްޔާ މިޕްރޮގްރާމުން ކޮށައިދޭނެ. އަޅުގަނޑުމެން މިއަދު މިފެށި ޕްރޮގްރާމަށް ވަރަށް ގިނަ އުނދަގޫ ގޮންޖެހުންތަކެއް ހުރިކަން އަޅުގަނޑުމެން އެންމެން ގަބޫލުކުރައްވާނެ. މިނިސްޓްރީ އޮފް ހެލްތްގެ ބޭފުޅުން ކަރކްޝަނަލް ސަރވިސްގެ ބޭފުޅުން އަދިވެސް ސަލާމަތީ މުއައްސަސާތަކާއި އަދިވެސް މިޕްރޮގްރާމުގައި ބައިވެރިވާ ހުރިހާ ބޭފުޅުން ވަރަށް ވިސްނާ ސަމާލުކަން ދޭންޖެހޭކަމެއް.  މިމަސައްކަތަށް ހުންނާނެ އަންނާނެ ގޮންޖެހުންތައް. އާދެ! އެއީ މަސްތުވާތަކެތީގެ ވިޔާފާރިން ނަފާލިބި މުއަސަދިވެ ބާރުވެރިވެ އަނެކުންގެ ހިތްތަކަށް އެބައިމީހުންގެ ބިރުވެރިކަން ވައްދާފައިވާ ބޮޑެތި ނެޓްވޯކްތައް ރާއްޖޭގައި އެބައޮތްކަން މީ އަޅުގަނޑުމެން ހިތްދަތިކަމާއެކު ގަބޫލުކުރަންޖެހޭ ހަގީގަތެއް. މިފަރާތްތަކުން މިޕްރޮގްރާމް ފެއިލް ކުރުމަށް ރެއާއި ދުވާލު ހަފަރާތުން މަސައްކަތް ކުރާނެކަން އެނގިތިބެ އަޅުގަނޑުމެން މިމަސައްކަތާއި ކުރިމަތިލާންޖެހޭނީ.

އާދެ! އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު މިސަރުކާރުން މިއޮތީ ވަރަށް ސާބިތު ކަމާއެކުގައި ވަރަށް ކެރިގެން މިމުޅި މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ތައްޔާރަށް. އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އިސްނަންގަވައިގެން ޓާސްކްފޯސް ހައްދަވައިގެން މަސައްކަތް އެބަ ކުރައްވާ. އަޅުގަނޑު ހިތުން ދެންމެގަ މިތާނގަ ވާހަކަފުޅުދައްކަވާ ނިންމަވާލައްވާފަވެސް މިނިސްޓަރ ނަސީމު އިތުރަށް އެވިދާޅުވި  ތަންކޮޅަކީ އެމަނިކުފާނުގެ ހިތުގައި މިމައްސަލަ ހައްލުކުރުމަށްއޮތް އެދުމާއި ޝައުގުވެރިކަން ވަރަށް ސާފުކޮށް ސާބިތުކޮށްދިންކަމެއް. އާދެ! އެންމެފަހުން އެވިދާޅުވީ ތިމަން މަނިކުފާނު މިހުންނެވީ ކުރެވުނު ހުރިހާ ކަމެއްކުރުމަށް ތައްޔާރަށޭ. ހަމްދުސަނާވެސް ނިންމާލަމުން އެންމެފަހުން  އެހެން ވިދާޅުވެ ފައިބައިގެންދިޔައީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މާތްﷲ ރަހްމަތާއެކު މަސްތުވާ ތަކެއްޗާ ދެކޮޅަށް ފަށާފައިމިވާ ހަނގުރާމަ އަޅުގަނޑުމެން ނިންމާނީ ކާމިޔާބު ކޮށްގެން ﷲ އިރާދަކުރެއްވިއްޔާ.

އާދެ! މިކަމަށްޓަކައި އަޅުގަނޑުމެން ކުރަންހުރި ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. ދެންމެ ޕްރޮގްރާމުގަ އެގެނުވުނު ފަދައިން ޕްރޮގްރާމުގެ ފޭސްތަކުގެ ތެރެއިން ނިމިގެން އަޅުގަނޑުމެންދާއިރު އެންމެ މުހިންމުކަމަކީ  މިކަމުން އަރައިގަނެގެން މުޖުތަމައާގުޅި، މުޖުތަމައުތެރޭގައި ފެށިގެންދާއިރު ރަނގަޅުގޮތުގައި ވަޒީފާ އަދާކުރުރެވޭނެ މާހައުލެއް އެންމެ ރަނގަޅުގޮތުގައި ގާއިމިކޮށްދިނުން . އާދެ! ދެންމެ މިނިސްޓަރ ނަސީމުވެސް އިޝާރާތް ކުރައްވައިފި އަޅުގަނޑުމެން ގަބޫލުކުރަންއެބަޖެހޭ ކޮންމެވެސް ހިސާބެއްގައި މީބައްޔެއްކަން. އާދެ! އޭގަ ދެ ކޯޕޯނެންޓް އެބައޮތް. ކުށެއް އެހެންނަމަވެސް ފަހުން މިބަދަލުވެގެންދަނީ ބައްޔަކަށް. އެބަލިން އަރައިގަތުމުގައި، ވަޒީފާ އަދާކުރުމުގައި، ވަޒީފާ އަދާކުރާ ތަންތާގަ އުޅުމުގައި،  ދިމާވާ ބައެއްކަހަލަ ލޮޅުންތަކާއި ފުށުއެރުންތައް ބައެއްފަހަރު ދިމާވޭ. އެކަން ހައްލު ކޮށްދިނުމަކީ ޚާއްޞަކޮށް މިޕްރޮގްރާމްގެ ތެރޭގައި ބައިވެރިވެ ވަޑައިގެން އެޕްރޮގްރާމުގެ ބައިވެރިން ބެލެހެއްޓުމުގެ ކަންކަން ކޮށްދޭ މުއައްސަސާތަކުގެ ވަރަށް ބޮޑު ޒިންމާއެއް. ޚާއްޞަކޮށް ސްޕަރވައިޒަރުންގެ ގޮތުގައި ތިއްބަވާ ބޭފޫޅުން. ފަހަރުގައި ގަޑިއެއް ޖެހިދާނެ. ކޮންމެވެސް ކަމެއް އެންމެ ރަނަގަޅު ނޫންގޮތަށް އަތުންނައްޓާލާފާނެ . އެހެންނަމަވެސް ކުންފުނިތަކުގެ ވަޒީފާއަދާކުރާ އާދައިގެ މުވައްޒަފުންނަށް އަޅުގަނޑުމެން މިމުޅި މައްސަލައިން އަރައިގަތުމަށްޓަކައި އިޖްތިމާއީ ބޮޑު ޒިންމާއެއް އޮތްކަން އެންމެންގަބޫލުކޮށްގެން ޑީލްކުރާފަރާތްތަކަށް ތަފާތުކުރުމެއް ގެންގުޅެންޖެހޭ. ޚާއްޞަ އިހްސާން ތެރިކަމަކާއި އަޅާލުމާއި އޯގާވެރިކަމެއް ބާއްވަންޖެހޭ. އަދި އެފާރާތްތަކުގެ އާއިލާއަށް އެކަމުގައި ދޭންޖެހޭ  ފުރިހަމަ އެއްބާރުލުން   އެފަރާތްތަކަށް ފޯރުކޮށްދޭންވާނެ. އާދެ! އެގޮތަށް އެކަން ކުރެވިއްޖެނަމަ އަޅުގަނޑު ޔަގީންކުރަން އިރާދަ ކުރެއްވިއްޔާ މިނިސްޓަރ ނަސީމް އަޅުގަނޑުމެން މިފެށިމަސައްކަތް ކާމިޔާބު ވާނެކަން.  މިއަދު އަޅުގަނޑުމެން ޖަލުގެތެރެއިން މިދެކޭ ގާތްގަނޑަކަށް 1236 ،ދެފަސްއަހަރުތެރޭގައި އިރާދަ ކުރެއްވިއްޔާ ޖަލުގެ ތޭރިތަކުގެ ތެރޭގައި ހިތާމައާއިއެކު ތިބޭކަށް ނުޖެހޭނެ. އަޅުގަނޑުމެންގެ މިމުޖުތަމައުއަކި ދުޅަހެޔޮ އުފާވެރި ދިރުންހުރި މުޖުތަމައަކަށް އިރާދަ ކުރެއްވިއްޔާ ވެގެންދާނެ.

އަޅުގަނދުގެ ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަލުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވައި ކާމިޔާބު ދެއްވައި މިޕްރޮގްރާމުގެ ފުރިހަމަ ނަތީޖާ ނެރެވޭނެ މަގު ފަހިކޮށްދެއްވައި އަޅުގަނޑުމެނަށް ދެދުނިޔެގެ ބާއޖަވެރިކަން ދެއްވުން.