ލާމަރުކަޒީ ދުވަހުގެ ރަސްމިއްޔާތު

`

 

ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި  މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅު

(26 ފެބްރުއަރީ 2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޮނަރަބްލް ފައިސަލް ނަސީމް، ދައުލަތުގެ ވަޒީރުން، ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު ، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑުގެ މެމްބަރުން، ސިޓީ ކައުންސިލްތަކުގެ މޭޔަރުން، އަތޮޅު ކައުންސިލްތަކުގެ ރައީސުން، ރަށުކައުންސިލްތަކުގެ ރައީސުން، ކައުންސިލްތަކުގެ މެމްބަރުންނާއި ކައުންސިލްތަކުގެ އިސްވެރީން، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑުގެ އިސްވެރިންނާއި ހުނަރުވެރި މުވައްޒަފުން ، ޙާޟިރުވެ ވަޑައިގެންތިއްބެވި އެންމެހާ ބޭފުޅުން މިޖަލްސާ ދުރާގާތުން އައްސަވަމުން ބައްލަވަމުން ގެންދަވާ އެންމެހާ ލޮބުވެތި ރައްޔިތުން. އައްސަލާމް ޢަލައިކުމް ވަރަހްމަތުﷲ ވަބަރަކާތުހޫ.

އާދެ! ކޮންމެއަކަސް މިރެއަކީ ލާމަރުކަޒީ ނިޒާމަށް ވަރަށް އުފާވެރި ރެއެއް. ކޮވިޑްގެ ވޭނާއި ގިލަންވެރިކަމުގައިޖެހި ކަންގަތި އެވޯޑް ދިނުމުގެ ލޭފަވެތި ރަސްމިއްޔާތު 2 އަހަރެއްހާ ދުވަހު މެދު ކެނޑުމަށްފަހު އަލުން ފެށިގެންދާރޭ. އެހެންކަމުން އެންމެ ފުރަތަމަވެސް މިރޭގެ އެއެވޯޑް ޙާޞިލު ކުރައްވާ ކައުންސިލްތަކުގެ ޢިއްޒަތްތެރި ބޭފުޅުންނަށް ވަރަށް އިޚްލާޞް ތެރިކަމާއެކު މަރުޙަބާއާއި ޝުކުރު އަރިސްކުރަން. އާދެ! މިރޭގެ މިއުފާވެރި ހަފްލާ އެންމެ ފުރިހަމަވެގެންދަނީ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޅުގަނޑުމެންނާއެކުގައި ބައިވެރިވެވަޑައިގެން ދެއްވުމުން. ކުރިން ދެންނެވުނުހެން އަޅުގަނޑުމެން މިހަފަލާއަށް މިއާދެވުނީ ވޭތުވެ ދިޔަ ދުވަސްތަކުގައި ވަރަށް ގޮންޖެހުންތަކާއި ދަތިތައް ތަހައްމަލު ކުރުމަށްފަހު ކޮވިޑްގެ މިހާލަތުން މަޑުމަޑުން އަރައިގަތުމަށް މަގުފަހިވެގެންދާ ދިއުމާއެކު. އާދެ! މިހާލަތަށް އާދެވުނު އިރު އަޅުގަނޑުމެންގެ މުޅިގައުމުގެ ހާލަތާއި މުޅިގައުމުގެ ވެށްޓަށް އަޅުގަނޑުމެން ނަޒަރު ހިންގާލަންޖެހޭ.

 

އެނގިވަޑައިގަންނަވާނެ ފަދައިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު ލާމަރުކަޒީ ނިޒާމުވަނީ ކުރިތައް ގުރުޑުވެ ފަތްތައް މިލާމޯޅިވެ ހަފްސްވެ ކަފާސްވެގޮސްފަ. ނަމަވެސް  ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމާއިއެކު ލާމަމުކަޒީ ނިޒާމަށް ފެންދެއްވައި ހިޔާވަހިކަން ފޯރުކޮށްދެއްވައި މުޅި ނިޒާމު އަލުންރޯވެ ތާޒާވެ ހެދިބޮޑުވެ މޭވާއަޅާ ފައްކާވާނެ ހުރިހާ މަގެއްފަހިކޮށްދެއްވި. އާދެ! އަޅުގަނޑު މިއިޝާރާތް ކުރަނީ ލާމަރުކަޒީ ގާނޫނަށް 08 ވަނަ އިސްލާހް ގެނައުން. މިއިސްލާހް ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި ލޯކަލްގަވަމަންޓް އޮތޯރިޓީންނާއި އަދި ލާމަރުކަޒީ ކޮމިޓީންނާއި މުޅި ރައްޔިތުންގެ މަޖިލިހާއި ،ގުޅުންހުރި ހުރިހާ މުއައްސަސާ ތަކުން  ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާއިން މިއަދު އަޅުގަނޑުމެންނަށް ވަނީ މިހިސާބަށް އާދެވިފައި. އާދެ! އެނގި ވަޑައިގަންނަވާނެ ފަދައިން މިސަރުކާރު ހަވާލުވިއިރު އެތަށް ކައުންސިލަރުންނެއްވަނީ ސަސްޕެންޑް ކުރެވިފައި. އެތަށް ކައުސިލަރުންގެ މުސާރަވަނީ ކުޑަކުރެވިފައި. އެހެންނަމަވެސް ސަރުކާރު ހަވާލުވުމާއެކު މިކަންކަން އެއްކޮށް ބަދަލުކުރެވި ސަސްޕްންޑް ކުރެވިފައިވާ ކައުންސިލަރުން އަބުރާގެނެވި ކުޑަކުރެވިފައިވާ މުސާރަ ކައުސިލަރުންނަށް ދެވިގެންދިޔަ. އާދެ! ހަމައެހެންމެ ކައުންސިލް ތަކަށް ދެވިފައިވާ ބާރުތައް ނިގުޅައިގެނެވި މާލީ ތަނަވަސްކަން ކުޑަކުރެވި ކައުންސިލްތަކުގެ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވާނެ ބާރުވަނީ ކެނޑިގޮސްފަ. އެހެންނަމަވެސް ﷲގެ ރަޙްމަތްފުޅާއެކު ކުރިން ދެންނެވުނުހެން  ރައީސް އިބރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ވަޢުދާއި ވެރިކަމާއި ހަވާލުވުމާއި އެކުގައި މިނިޒާމު އިސްލާޙް ކުރުމަށް ކުރެވިގެންދިޔަ ގިނަގުނަ މަސައްކަތަކީ މިއަދު މިހިސާބަށް އައުމަށް އަޅުގަނޑުމެންނަށް މަގުފަހި ކޮށްދިން ކަންތައް.

 

އާދެ! މިނިޒާމުގެ ދަށުން  ލާމަރުޒީ ނިޒާމުއެއްކޮށް އާކޮށް ނިޒާމުގެ މަގުތައް ފަހިކޮށް މުޅިނިޒާމު ދިލާސާވެ ވިލާވުމަށް މަގުފަހިވެގެން ދިޔައީ 08 ވަނަ އިޞްޙާއެކު. އެނިމުމުގެ ނަތީޖާއެއްގެ ގޮތުން ހިންގުމުގެ ބާރުތައް އަލުން ކައުންސިލްތަކަށް އަނބުރާ ފޯރުކޮށްދެވުނު. މާލީ ތަނަވަސްކަމާއި މާލީ ބާރުވެރިކަމަށް މަގުފަހިވާނެގޮތަށް ބައްޓަން ވެގެންދިޔަ. ވަކިން ޚާއްޞަކޮށް ގޮތްނިންމުމާއި އަދި ހިންގުމުގެ ބާރު ކައުންސިލްތަކަށް މަތި ކުރެވިގެންދިޔަ. އަދި އެންމެ ޚާއްޞަވެގެންދާ އެއްސިފައަކަށް ވެގެންދިޔައީ ގޮތް ނިންމުމާއި ހިނގުމުގެ މައިދާނުގައި އަންހެނުންނަށް ފަހިކޮށްދެވުނު ފުރުޞަތަކީ ރަށްރަށުގެ ދުޅަހެޔޮ ފާގަތި އަދި އުފާވެރި ދިރި އުޅުމަކަށް މަގުފަހި ކުރުމަށް ލިބިގެންދިޔަ ވަރަށް މުހިންމު ފުރުޞަތެއްގެ ގޮތުގައި ފާހަގަ ކުރެވިގެންދިޔަ. އާދެ! ޑަބްލިޔު ޑީ ސީގެ ދައުރު އިތުރަށް ފުޅާކުރެވި ހަރުދަނާ ކުރެވި ރަށުގެ ތަރައްޤީއާއި ކުރިއެރުމުގެ މަސައްކަތުގައި އަންހެނުންގެ ދައުރު އިތުރަށް ފަހިކުރެވިގެންދިޔަ ދިއުމަކީ މިސަރުކާރުން މުޅި ނިޒާމަށް ގެނެސްދިން ވަރަށްބޮޑު ހެޔޮކަމެއްކަން އަޅުގަނޑު ގަބޫލުކުރަން.   

ލޮބުވެތި ހުޟޫރުން. މިއަދު އާދެވިފައިމިތިބަ ހިސާބަކީ ލާމަރުޒީ ނިޒާމުގެ ފޮނިމީރުކަން މުޅި ރައްޔިތުންނަށް ލިއްބައި ދިނުމަށް ކުރާ ނަލަރޯޅިއާއި ފައްސިޔަވައިޖެހޭ އަދި ދަތުރުކުރިއަށް އޮއިޖެހޭ ރާސްތާ މަންޒިލަކަށް. އާދެ! މިހިސާބުން އަޅުގަނޑުމެން މިނިޒާމުގެ ބޭނުން އެންމެ ހެޔޮގޮތުގައިހިފާ ރައްޔިތުންނަށް އޭގެ އެންމެ ފޮނި މީރުކަން ލިއްބައި ދިނުމަށްޓަކައި ކުރަންޖެހޭ ބުރަ މިންނެއް މަސައްކަތުގެ ހުރިހާ ޒިންމާއެއް އެޅުވިފައިވަނީ ކައުންސިލްތަކުގެ މެންމަބަރުންގެ ބޮލުގައި. މިވަގުތު މިކަމުގެ ބޭނުން އެންމެ ރަނަގަޅު ގޮތުގައި ހިފައި ރައްޔިތުންނަށް މިނިޒާމުގެ އެންމެ ފައިދާހުރިގޮތް ސަރުކާރާއި ކައުންސިލްތަކާއި ރައްޔިތުންނާއި އެކުގައި ގުޅިގެން ކުރިއަށް ގޮއްސިނަމަ އަޅުގަނޑު ގަބޫލުކުރަނީ ކުރިއަށްމިއޮތް ދުވަސްތަކަކީ ޚާއްޞަކޮށް އަތޮޅުތެރެ ކުރިއަރާ އުޖާލަވުމަށް ބޮޑެތި މަގުތައް ފަހިވެގެންދާނެ ދުވަސްތަކަކަށް. ލޮބުވެތި ކައުންސިލަރުން މިނިޒާމުގެ ބޭނުން މިދަނޑިވަޅުގައި އެންމެ ހެޔޮގޮތުގައި ނުހިފި މިކަމުގެ ބޭނުން ނުރަނަގަޅުގޮތުގައި ކުރެވޭ ހިސާބަށް ބައެއް ދިމަދިމާގެ ވިސްނުންތައް ބައްޓަން ވަމުންދާ ދިއުން  ފެނުން އެއީ އަޅުގަނޑުމެން ހިތާމަކުރާކަމެއް. ކައުންސިލްތަކުގެ ބައްއެއް ނިންމުންތަކުގެ ސަބަބުން ސަރުކާރުހިންގުމާއި ރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ޚިދުމަތްތައް ހެޔޮގޮތުގައި ލިބުމަށް ދަތިވެގެންދާގޮތަށް ކަންކަން ފަހިވެގެންދާތަން ފެނުމަކީ އަޅުގްނޑުމެން އެންމެން ކުރަމުން މިއައި މަސައްކަތަށް ވަރަށް ބޮޑު ހިޔަންޏެއް އެޅި ހިޔާވެގެންދާނެކަމެއް.

އާދެ! މިހާލަތުގައި އޅުގަނޑުމެން އެންމެން މަސައްކަތްކުރަންވީ. އަބަދުވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެވަގުތެއްގައި އޮންނަ ސަރުކާރަކާއި ވިސްނުންތަފާތު ކައުންސިލްތަކެއް އައިކަމުގައިވީނަމަވެސް ކައުންސިލްތަކާއި ސަރުކާރާއެކު މަސައްކަތްކޮށް ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަކީ އެއީ އަމިއްލަ ފަރުދީ ޒިންމާކަމުގައި ދެކި އެގޮތުގައި މަސައްކަތްކުރުމުން.

އާދެ! މިއުފާވެރިރޭގައި އަޅުގަނޑުގެ އިލްތިމާސާއެކު އަޅުގަނޑު ދުޢާ ކުރަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ މިނިޒާމުގެ ސަބަބުން މިދިވެހި ލޮބުވެތި މުޖުތަމައު އަމާން ރައްކާތެރި ޞުލްޙަވެރި އަދި އެކުގައި ދިރިއުޅޭ ފާގަތި މުޖުތަމައެއްގެގޮތުގައި ލެއްވުމަށް. ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ދިވެހީނަށް އަބަދުމެ ލިބިގެންދިއުމަށް. ﷲ ސުބުޙާނަހޫ ވަތަޢާލާ މިލޮބުވެތި ވަޠަން އަބަދުމެ ފާގަތިކަމާއި އުފާކަމާއި މިނިވަންކަންމަތީ ލައްހައްޓަވާށި ވަރަށް ބޮޑަށް ޝުކުރިއްޔާ.

ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.