ލާމަރުކަޒީ ދުވަސް

`

ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބުދުﷲ ދެއްވި ޚިޠާބު

 (26 ފެބްރުއަރީ 2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

މިއަދަކީ ރަސްމީ ސިފައެއްގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގަން ފެށިތާ 11 އަހަރު ފުރި 12 ވަނަ އަހަރާ ކުރިމަތިލާ ދުވަސް. މި އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާއަށާއި އެންމެހައި ކައުންސިލަރުންނަށާއި އަދި މި ނިޒާމު ނަގަހައްޓާ ދެމެހެއްޓުމަށް ޤުރުބާންވަމުންދާ އެންމެހައި ފަރާތްތަކަށް ހިތުގެ އަޑިން ޝުކުރު ދަންނަވަން.

ލާމަރުކަޒީ އުސޫލުން އަތޮޅުތަކާއި ރަށްތައް ހިންގުމަކީ ސަރުކާރުން އިސްކަންދޭ އެންމެ މުޙިއްމު އެއް ސިޔާސަތު. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ފެށުމަށް 11 އަހަރު ފުރި، 12 ވަނަ އަހަރާ ކުރިމަތިލާއިރު، އެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި އުފައްދާފައިމިވާ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ބާރުވެރިކުރުވުމަށްޓަކައި ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ މުޙިއްމު ބަދަލުތައް ދެނެގަނެ، އެ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، އެހެނިހެން ޤާނޫނުތަކަށް ގެންނަންޖެހޭ މުޙިއްމު ބަދަލުތަކެއް ފާއިތުވި އަހަރުތަކުގައި ވަނީ ގެނެވިފައި.

އެގޮތުން މި ނިޒާމަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން، ރަށާއި ސިޓީ ކައުންސިލްތަކަށް ބިންތަކުގެ މިލްކުވެރިކަމާއި އެ ބިންތައް ތަޞައްރަފުކުރުމުގެ އިޚްތިޔާރުވަނީ ދެވިފައި. އަދި ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތަކަށް ބޭނުންވާ މާލީ ފުދުންތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ދައުލަތަށް ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޚާއްޞަކުރެވި، އެ ގޮތުގެ މަތިން ދެވޭ ފައިސާއަކީ ކައުންސިލަށް ބޭނުންވާ ކަންކަމަށް ޚަރަދުކުރެވޭ ގޮތަށް ދެވޭ ހިލޭ އެހީގެ ފައިސާކަމުގައި ވަނީ ހަމަޖައްސާފައި. މީގެ އިތުރުން، ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެން ވިޔަފާރި ކުރެވޭނެ ޤާނޫނީ ފުރުޞަތުވަނީ ހޯދައިދެވިފައި. ހަމަމިއާއެކު، އަންހެނުން ބާރުވެރިކުރުވައި، ސިޔާސަތު ކަނޑައެޅުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާ އެއްގޮތަށް ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ 33 އިންސައްތަ ވަނީ އަންހެނުންނަށް ޚާއްޞަކުރެވިފައި. މިކަމުގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި ދައުރުގައި ކައުންސިލަރުންގެ ގޮތުގައި އިންތިޚާބުކުރެވިފައިވަނީ 39 އަންހެން ބޭފުޅުން ކަމުގައި ވިޔަސް، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލާއެކު، ކައުންސިލްތަކުގެ ހިނގަމުންދާ މި ދައުރުގައި، ރަށު އަދި ސިޓީ ކައުންސިލްތަކަށް 388 އަންހެން ބޭފުޅުން ވަނީ އިންތިޚާބުކުރެވިފައި. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަކީ ހަމައެކަނި އަންހެނުން ވޯޓުލައިގެން ހޮވާ ކޮމެޓީތަކެއްގެ ބަދަލުގައި މުޅި އާބާދީގެ ވޯޓާއެކު އިންތިޚާބުކުރެވޭ ކޮމެޓީތަކަކަށް ބަދަލުކުރެވި، އެ ކޮމެޓީތަކަކީވެސް ކައުންސިލްތަކެކޭ އެއްފަދައިން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ އިންތިޚާބަކުން އިންތިޚާބުވާ ބައެއްގެ ގޮތުގައި ހަމަޖެހި، އެ ކޮމެޓީތަކުގެ މެންބަރުންނަށް އެކަށީގެންވާ އުޖޫރައެއް ދަނީ ދެވެމުން.

ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް މިންކޮށް، ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުވައި ކައުންސިލްތަކުގެ މެދުގައި ވާދަވެރި ރޫޙެއް އުފެއްދުމަށް، 2015 ވަނަ އަހަރުން ފަށައިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ދަނީ ކައުންސިލްތަކުގެ ޕަރފޯމަންސް އިންޑެކްސް އެކުލަވާލައި، އެ އިންޑެކްސްއިން ރަނގަޅު ނަތީޖާ ޙާޞިލުކުރާ ކައުންސިލްތަކަށް ކަންގަތި އެވޯޑު ދެމުން. އަދި 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ކައުންސިލްތަކުގެ ޕަރފޯމަންސް އިންޑެކްސްއިން ވަނަވަނައަށް އައިސްފައިވާ ކައުންސިލްތަކަށް މިދިޔަ ބުރާސްފަތި ދުވަހު އެވޯޑުތައް ދެވިފައިވާކަން ފާހަގަކޮށް އެ ކައުންސިލްތަކަށް އަދިވެސް އެއްފަހަރު ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކުރަން.

ކައުންސިލްތަކުގެ މަސައްކަތްތަކަށާއި ފޯރުކޮށްދޭ ޚިދުމަތްތަކަށް ޤާނޫނުން ގެނެވުނު ބަދަލުތަކާ ގުޅިގެން، ކައުންސިތަކުގެ ޕަރފޯމަންސް މިންކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އެ ނިޒާމު މުރާޖަޢާކުރުމުގެ މަސައްކަތް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ދަނީ ކުރަމުން.

ހަމައެހެންމެ، ކައުންސިލްތަކުން ފޯރުކޮށްދޭ މަސައްކަތްތައް ހަލުވިކޮށް ހިންގުން ހަރުދަނާކޮށް ޒަމާނީކުރުމުގެ ގޮތުން ކައުންސިލްތަކުގެ މަސައްކަތްތައް ޑިޖިޓައިޒްކުރުމަކީވެސް، ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރަމުންދާ އެއްމެ މުޙިއްމު އެއް މަސައްކަތް. އަދި ކައުންސިލްތަކުގެ ޚިދުމަތް ފަސޭހައިން ލިއްބައިދިނުމަށްޓަކައި "މައި ކައުންސިލް"ގެ ނަމުގައި މޯބައިލް އެޕެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން.

ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމަގޮތުގައި ހިންގޭނީ ކައުންސިލްތަކާއި ރައްޔިތުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުން އެކުގައި މަސައްކަތްކޮށްގެން. އަދި ކައުންސިލްތަކުގެ ޒިންމާތައް، ޤާނޫނުގައި ބުނެފައިވާ ބީދައިން އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމަށްޓަކައި އެ ހުރިހާ ފަރާތެއްގެ ޚިޔާލާއި މަޝްވަރާ ބޭނުންވޭ. ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ބިނާވެގެންދަނީ، ލާމަރުކަޒީ ޤާނޫނާ އެއްގޮތަށް ކައުންސިލްތަކުން ތައްޔާރުކުރާ 5 އަހަރުގެ ތަރައްޤީގެ ޕްލޭންތަކާއި ފައިނޭންޝަލް ޕްލޭންތަކުގެ މައްޗަށް. މިހާރު އިންތިޚާބުކުރެވިފައިވާ ކައުންސިލްތަކުން ތައްޔާރުކޮށްފައިވާ ތަރައްޤީގެ ޕްލޭންތަކަކީ، ރައްޔިތުންނާއި މަދަނީ ޖަމްޢިއްޔާތަކާއި ދައުލަތުގެ މުއައްސަސާތައް ހިމެނޭހެން ހުރިހާ ސްޓޭކްހޯލްޑަރުންގެ ބައިވެރިވުމާއެކު ތައްޔާރުކޮށްފައިވާ ޕްލޭންތަކެއް. އަދި މި ޕްލޭންތައް ހެދުމުގައި މޫސުމީ ބަދަލާއި، މިންތީގެ ހަމަހަމަކަމާއި، ރައްޔިތުންގެ ބައިވެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދީފައިވޭ.

މީގެ އިތުރުން، ކައުންސިލްތަކުގެ ބިންތައް ތަޞައްރަފުކުރުމުގެ ކުރިން ކައުންސިލްތަކުން ތައްޔާރުކުރަންޖެހޭ ބިނާވެށި ޕްލޭންތައް އެއްވެސް ވަރަކަށް ތައްޔާރުކުރެވިފައިނުވާ 43 ރަށެއްގެ ބިނާވެށި ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް، އެ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މާލީ އެހީތެރިކަމާއެކު، ދަނީ ކުރެވެމުން. މިގޮތުން ތައްޔާރުކުރެވޭ ބިނާވެށި ޕްލޭންތަކާއެކު، އެ ރަށްރަށުގެ ބިންތައް ޒޯނުކުރެވި، ޤާނޫނާ އެއްގޮތަށް ބިންތައް ތަޞައްރަފުކުރުމުގެ މިނިވަންކަން ކައުންސިލްތަކަށް ލިބިގެންދާނެ.

ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖެ ހިންގުމަށްޓަކައި ބޭނުންވާ އިދާރީ އަދި ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ދޭންޖެހޭ ތަމްރީނުތައް ކަނޑައަޅައި އެ ތަމްރީނުތައް ދޭނެ އިންތިޒާމު ހަމަޖެއްސުމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 58 ވަނަ މާއްދާއިން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް މަތިކޮށްފައިވާ ޒިންމާއެއް. އެ ޒިންމާ އަދާކުރުމަށް އޮތޯރިޓީން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްގެ ނަމުގައި ތަމްރީނުދޭ މަރުކަޒެއް ވަނީ ރަޖިސްޓްރީކުރެވިފައި. އަދި އެ މަރުކަޒުން ފޯރުކޮށްދޭނެ ތަމްރީނުތަކުގެ ކަރިކިއުލަމް ތައްޔާރުކުރެވި، ދިވެހިރާއްޖެއާއި ބައިނަލްއަޤުވާމީ ތަމްރީނުދޭ މަރުކަޒުތަކާ ގުޅިގެން، ލާމަރުކަޒީ ނިޒާމަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން.

ރާއްޖެ ދަތުރުކުރަމުން މިދަނީ ލާމަރުކަޒީ ނިޒާމުން އުފާ ފާގަތިކަން ގެނެސްދޭނެ މަންޒިލަކަށް. ޖަޒީރާވަންތަ ސިފަތަކާއިއެކު ރަށާއި އަތޮޅުތައް ތަރައްޤީ ވެގެންދާނެ މިސްރާބަކަށް. އަޅުގަނޑުގެ އުއްމީދަކީ ލާމަރުކަޒީ ނިޒާމުގެ ލާބަޔާ މަންފާ އެންމެ ހެޔޮގޮތުގައި ލޮބުވެތި ރައްޔިތުންނަށް ލިބިގެން ދިއުން. އެކަން ހާސިލްކުރުމަށްޓަކައި ޤައުމީ އިދާރާތަކުންނާއި ކައުންސިލްތަކުން ފުރިހަމައަށް މަސައްކަތްކޮށްދިނުން. އަޅުގަނޑުގެ ދުޢާއަކީ ލާމަރުކަޒީ ނިޒާމުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނަށް ލިބޭނެ ގޮތް މެދުވެރިކޮށްދެއްވުން. ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދެވޭނެ މަގު ތަނަވަސް ކޮށްދެއްވުން. ޤައުމުގެ ހިންގުން ހަރުދަނާވެ، ރަށްރަށުގެ ވެށި އަމާންވާނެ މަގު ތަނަވަސް ކޮށްދެއްވުން. ދުޅަހެޔޮ މުޖުތަމައެއް ބިނާވުން. ޤައުމުގެ ރައްކާތެރިކަން ލިބިގެން ދިއުން.