ބޮޑީ ވޯން ކެމެރާ އިފްތިތާހް ކުރުން

`

ބޮޑީ ވޯން ކެމަރާ ޕްރޮގްރާމް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބުދުﷲ ދެއްކެވި ވާހަކަފުޅު

 (13 ފެބުރުއަރީ  2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ،ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިހުން،އަދި ޕޮލިސް އެގްޒެކްޓިވް އޮފިސަރސް ،ބައިވެރިވެ ވަޑައިގެންތިއްބެވި އެންމެހާ ބޭފުޅުން އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

އާދެ! މިއަދު މިފެށިގެންދާ މުހިންމު ޕްރޮޖެކްޓަކީ އަޅުގަނޑުހިތުން މި ސަރުކާރުގެ ކެމްޕެއިން ދުވަސްވަރުއްސުރެން ފެށިގެން އަދި ފުރަތަމަ ރައީސުލްޖުމްހޫރިއްޔާގެ ވައުދުތަކުން ފެށިގެން ފުލުހުންގެ ޚިދުމަތް ޒަމާނީކޮށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި އިޙްތިރާމް ލިބިގެންވާ މުއައްސަސާއަކަށް ހެދުމަށް ސަރުކާރުން ފަށައިގަތް މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ފެށިގެންދާ ދުވަސް.

އާދެ! ފުލުހުންގެ ނުވަތަ ޕޮލިސް ރިފޯމްގެ މުހިންމު ހަރުފަތްތަކުގެ ތެރެއިން ވަރަށް އުސް ހަރުފަތަކަށް އެރިގެންދާ ދުވަހެއް. ޝައްކެއްނެތް. ޒަމާނީ މުވައްސަސާއަކަށް ފުލުހުންގެ މުވައްސަސާ ހަދައި އެ މުވައްސަސާ މެދުވެރިކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން އެއީ ޒަމާނީ ދުނިޔޭގައި ކުރެވިގެންދާ މުހިންމު އެއް މަސައްކަތް. އަޅުގަނޑުހިތުން މިކަމަށް ސަރުކާރުން ދެއްވި އިސްކަމާއެކު ފުލުހުންގެ އެންމެ އިސްސަފުން، ކޮމިޝަނަރ އޮފް ޕޮލިސް، އަދި އެގްޒކްޓިވް އޮފިސަރސް ވަރަށް އިސްކަމެއް ދެއްވައިގެން ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންތެރެއަށް ލައްވައިގެން އެކަމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިގެން އެކަމަށް ބޭނުންވާ ފުރިހަމަ ތަމްރީނު ހޯއްދަވައިގެން މިއަދު މިމަސައްކަތް ފަށައިގަތުމުން އަޅުގަނޑުމެނަށް އަންގައިދެނީ ސަރުކާރު އެދޭގޮތަށް، ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ތައްޔާރުވެ އެކަމަށް ފުރިހަމައަށް ތައްޔާރުވަމުންދާ މުވައްސަސާއެއްކަން. ޝައްކެއް ނެތް. ފުލުހުންގެ ތެރެއިން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ފުލުހުންނަށް ދެވޭ ތަމްރީނުތައް ހަރުދަނާ ކުރުމަށް ފުލުހުންގެ އިސްސަފުން ދަނީ ވަރަށް ބޮޑެތި މަސައްކަތް ކުރަމުން. ޚައްސަކޮށް ކޮމިޝަނަރ އޮފް ޕޮލިސް އަދި އެގްޒެކްޓިވް އޮފިސަރސް. އާދެ! އެގޮތުން މިދިޔަ ހަފްތާގައިވެސް ނިންމާލެވުނު ފުލުހުންގެ ފުރަތަމަ ތަމްރީނު ބެޗާއެކުގައި އިތުރަށް ގެންދަން ހުރި ތަމްރިނުތަކުގެ ތެރެއަށް މިފަދަ މުހިންމު ބައިތައް އެއްކުރެވި އެއާބެހޭ ގޮތުން ލައިދެވެންޖެހޭ ފިލާވަޅުތަކާއި ތަމްރީނުތައް ލައްވައި ދެއްވުމަކީ އެއީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މިއެޅިގެންދާ ފިޔަވަޅުތަކަށް ލިބިގެންދާނެ ވަރަށް މުހިންމު ސަމާލުކަމެއް.

އާދެ! މިއަދު މި އިފްތިތާޙް ކުރެވިގެންދާ ބޮޑީވޯން ކެމެރާގެ ސަބަބުން އެންމެ މުހިންމު މަންފާއެއް ކުރާ އެއްބަޔަކީ ސީދާ ޙާލަތާ ބައްދަލުވާ ރައްޔިތު މީހާ. އާދެ! އެއާއެކު ކުރިމަތިލާ އޮފިސަރަށްވެސް ރައްކާތެރިކަން ލިގެންދޭ. އާދެ! އެހެންކަމުން ރައްޔިތުންނާ ފުލުސް އޮފިސަރަށްވެސް ރައްކާތެރިކަން ލިބިގެންދާނެ މުހިންމު  ވަސީލަތަކަށް މި ވަސީލަތް ވެގެންދޭ. ފުލުހުންގެ މައްޗަށް ވަކިވަކި ހާލަތްތަކުގައި ކުރެވޭ ތުހުމަތުތަކާއި ދިއްކުރެވިގެންދާ އިނގިލިތަކަށް ސާފު ޙައްލެއް މިކަމުގެ ސަބަބުން ހޯދައިދެވިގެންދާނެ.  މައްލައިގެ ހަގީގަތް ހާމަވެ އެކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތަކީ ކޮބައިކަން ވަރަށް ރީތިކޮށް ބުނެދޭނެ. އާދެ! މިކަން ރަނގަޅަށް ކުރެވިގެންދާނީ މި މަޝްރޫއު ރަނގަޅަށް ހިންގިގެންދާއިރު ދައުލަތުގެ ފަރާތުން އަދިވެސް އިތުރަށް ގާއިމްކޮށްދޭންޖެހޭ ވަސީލަތް ފުރިހަމައަށް ގާއިމްކޮށް ދިނުމުން. ދެންމެ ކޮމިޝަނަރވެސް ވިދާޅުވިފަދައިން ދުއިސައްތަ ވަރަކަށް ކެމެރާއިން ފެށުމަކީ އަދި މިހުރިހާ ޙާލަތަކަށް އަދި އެންމެ ރަނގަޅު ގޮތަކަށް ވެގެން ނުދާނެ. އަޅުގަނޑު މިހެން މި ދަންނަވަން ޖެހުނީ އަޅުގަނޑަށް އެބަ ތަޞައްވަރު ކުރެވޭ ދެން ހަމަ ކޮންމެ ކަމެއް ދިމާވާއިރަށް ރައްޔިތުންގެ ފަރާތުން އަންނާނެ، ކޮބާހޭ ބޮޑީ ވޯން ކެމެރާ! އާދެ! ހުރިހާ ފުލުހުން، ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ހުރިހާ ފުލުހުން ތިބޭނީ ކެމެރާ އަޅައިގެންނެއް ނޫން. އެހެންވީމާ އަޅުގަނޑު ހަމަ މިއަދުވެސް ހަނދާން ކުރަންބޭނުންވޭ ވަރަށް ބޮޑަށް ފުލުހުންނަށް އެވަރަށް ކެމެރާ ދެވިއްޖެނަމަ ކެމެރާ ނާޅައި ނުވަތަ އޮޕަރޭޝަނަށް ނުކުންނާނެ އެއްވެސް ފުލުހަކު ހުންނާކަށް ނުޖެހޭ. އެކަން ކަޝަވަރު ކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. އަޅުގަނޑު ހަމަ މި ނޭވާގައި ދަންނަވަން ބޭނުން މިއަދުވެސް އަޅުގަނޑުމެންނަށް ދުއިސައްތަ ކެމެރާއާއެކުގައި ފަށައިގަނެވުނަސް ކޮވިޑުގެ ދަތި ޙާލަތާއެކުގައި ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިޞާދީ ދަތިކަމާއެކުގައިވެސް މިހިސާބަށް މިކަން ގެނެސް ދެއްވުމަކީ ސަރުކާރުން ނެންގެވި ވަރަށް ހިތްވަރުގަދަ ފިޔަވަޅެއް. ދައުލަތުން މިކަމަށްޓަކައި ކުރީ ވަރަށް ބޮޑު ހޭދައެއް. އަޅުގަނޑު ހަމަ ފާހަގަ ކޮށްލަން ބޭނުން މި މަސައްކަތް ފަށައިގަނެވުނުއިރު ރައީސް އޮފީހުގައި ޕޮލިސީ ސެކްޓްރީއެއްގެ ހައިސިއްޔަތުން މިނިސްޓަރ ޝައުނާ އިންނެވީ މި މަސައްކަތުގައި އަޅުގަނޑުމެންނާއެކު ކުރިއަށް ވަޑައިގަންނަވަން. މިއަދު ކަމާގުޅުންހުރި މިނިސްޓްރީގައި އިންނަވައި މި ޕްރޮޖެކްޓް ފައްޓަވައި ދެއްވުމަށް ވަޑައިގަތުމުން މިކަމުގައި އެކަމަނާވެސް ގެންގުޅުއްވި އިޚްލާސްތެރިކަމާއި ނުވަތަ މަސައްކަތަށް ދެއްވި ސަމާލުކަން ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ފެނިގެންދޭ. އެހެންވީމާ ދަތިހާލަތުގައި އޮވެ ސަރުކާރުން ކުރި މުހިންމު ކަމެއް މިކަމަކީ. ބޮޑު ހޭދައެއް މިކަމަކީ. މިހޭދައިގެ ސަބަބުން ކަޝަވަރުވެގެން ދަނީ ކުރިން ދެންނެވިހެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން. އަދި ފުލުހުންގެ މަސައްކަތް ކުރުމުގެ ޒިންމާދާރުކަން. އަޅުގަނޑު ޔަގީން ކުރަނީ މި ޕްރޮޖެކްޓްގެ ސަބަބުން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ރައްޔިތުންނަށް ލިބިގެންދާ ޚިދުމަތްތަކުގައި މުހިންމު ފައިދާތަކެއް ކުރާނެ ކަމަށް އަދި އަޅުގަނޑުމެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރާ މަސައްކަތުގައި ﷲ ސުބްހާނަހޫ ވަތަޢާލާ ބަރާކާތް ލައްވައި އަޅުގަނޑުމެން އެންމެންނަށް އުފާވެރި ބާއްޖަވެރި ދުވަސްތަކެއް ﷲ ސުބްހާނަހޫ ވަތަޢާލާ މިންވަރުކޮށްދެއްވާށި. ވަރަށް ބޮޑަށް ޝުކުރިއްޔާ.

ވައްސަލާމް ޢަލައިކުމް ވަރަހްމަތުﷲ ވަބަރަކާތުހޫ.