ބައިނަލްއަގުވާމީ ރަޙްމަތްތެރިންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅު - 30 ޖުލައި 2022 ހއ. ހޯރަފުށި

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

މިނިސްޓަރ އޮފް ސްޓޭޓްފޯރ ހޯމްއެފެއާޒް އޮނަރަބްލް މުޙައްމަދު މާހިރު ޢީސާ، ހޯރަފުށި ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު، ޑީޖޭޖޭގެ ޑިރެކްޓަރ ޖެނެރަލް ހުނާނާ ލަޠީފް، ކައުންސިލްގެ ނާއިބު ރަޢީސް، ކައުންސިލްގެ މެންބަރުން، ޑަބްލިޔު ޑީސީ ގެ މެންބަރުން، އަޅުގަނޑުމެންގެ ޓީމްގެ ލޮބުވެތި ޢިއްޒަތްތެރިން، އާދެ! މިއަދުގެ އަސްލުގަ މިހަފްލާ ޝަރަފްވެރިންކަމުގައިވާ ރަޙްމަތްތެރިންގެ ދުވަހުގެ މިރަށުގެ އިސްރަށްވެހިން. އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ. 

 

އާދެ! މިއަދަކީ އަޅުގަނޑު ހިތުން އަޅުގަނޑުގެ ހަޔާތުގައި ވަރަށް ފާހަގަ ކުރެވޭދުވަހެއް.  އާދެ! 2011 ވަނައަހަރު ޔޫއެންއިން ރަޙްމަތްތެރިކަން ފަތުރާ އާލާކޮށް ދިރުވައި ރަޙްމަތްތެރިކަމުގެ  ބަހާތައް އަށަގެންނެވުމަޓަކައި 2011 ވަނައަހަރު ފެއްޓެވި މަސައްކަތުގެ ތެރެއިން އާދެ! އަޅުގަނޑު މިއަދު ދެން އެހެން ކަމަކާވެސް ގުޅިގެން މިރަށަށްކުރެވުނު ދަތުރުގައި މިރަށުގެ އިސްރަށްވެހިންނާއި އެކުގައި ހަވީރުގެ މިހިތްގައިމު ވަގުތުކޮޅު ހޭދަކޮށްލަން ލިބުނު ލިބުންއެއީ އަޅުގަނޑު ހިތުން އަޅުގަނޑަށްވެސް އދި އަޅުގަނޑުމެންގެ މުޅިޓީމަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް. ވަރަށް ބޮޑު ޝަރަފެއް. އަދި ތިބޭފުޅުންނާއި އެކުގައި މަޑުކޮށްލަންޖެހުން އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެހެންކަމުން ކައުންސިލްގެ ރައީސާއި ހުރިހާ މެންބަރުންނަށް އަޅުގަނޑު ޓިމާއި ތިޔަ ހުރިހާ ބޭފުޅުންނަށްޓަކައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއިއެކު ޝުކުރު އަދާކުރަމުން މިދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ތިޔަހުރިހާ ލޮބުވެތި، ވަޙީދުގެ ބަހުރުވައިން ކަލުންނާއި ކަނބަލުންނަށް އަރިސްކުރަން.

 

އާދެ! ރަޙްމަތްތެރިކަމަކީ، ރަޙްމަތްތެރިޔަކީ އިންސާނަކަށް ދުނިޔެ މަތީގައި ލިބޭނެ އެންމެ އަގުބޮޑު އެއްޖަވާހިރު. އާދެ! ހެޔޮލަފާ ހެޔޮއެދޭ ހެޔޮރަޙްމަތްތެރިއަކީ އެއީ އޭނާގެ ދެދުނިޔެ ބާއްޖަވެރި ކުރުމަށް މަގުކޮށާދޭނެ އެންމެ މުހިންމު އެއްބަހާ.  އާދެ! އެހެންވެ ރަސޫލުﷲ ޙަދީޘް ކުރައްވާފައިވޭ ތިބާ މީހަކު ދެނެގަންނަން ބޭނުންނަމަ އަސްލު އޭނައަށް ނުބަލާށޭ.  އޭނައަށް ބަލަން އުޅެގެން އޭނަދައްކަފާނެ މުޅިން އެހެން މަންޒަރުތަކެއް. ބަލާށޭ އޭނަގެ އެންމެގާތް ރަޙްމަތްތެރިއަކީ ކަކުތޯ. އެއިރުން ތަންކޮޅެއްދުރުން ބަލާލެވޭނެ އެއީކާކުކަން. އެހެންވީމަ ރަޙްމަތްތެރިއަކަށްވީމަ މިވާގޮތަކީ އެދެމީހެއްގެ ހުރިހާ ސިފަތައް ހުރިހާ ބަހާތައް އެކައްޗަކަށްވެ  އެކަތިގަނޑަކަށް ވާނެޖެހޭ. އާދެ! ރަޙްމަތްތެރިކަމަކީ ހިތުގައި އުފެދިގެންދާ ޖަޒުބާތާއި ލޯތްބާއި ކުލުނުގެ ނަތީޖާ. އާދެ! އެހެންވެ ވަރަށް ގިނަފަހަރަށް ހަގީގީ ރަޙްމަތްތެރިއަކަށްވަނީ އެންމެ ކުޑައިރުއްސުރެން އެކުގަ އުޅެވި މަޖާކުރެވި ހިއްސާކުރެވި ހުރިހާކަމެއްގައި ދެމީހުންށް  އެއްކޮށްދެވޭކަމުގެ އިޙްސާސް ރަނަގަޅަށް ކުރެވުމުން.

 

އާދެ! ރަޙްމަތްތެރިކަމަށް އިސްލާމްދީނުގައި ވަރަށް ބޮޑުބާރެއް އެޅިފައިވޭ. އިސްލާމި މުޖުތަމައުގައި ހިމެނޭ ކޮންމެ ފަރުދަކީ އޭނަގެ ގާތްމީހަކަށް ވުމަށް ރަޙްމަތްތެރިއަކަށް ވުމަށް އެކުވެރިއަކަށް ވުމަށް  ބާރުއަޅާފައިވޭ. އާދެ! އޭގެ ނަތީޖާއެއްގެ ގޮތުން އިސްލާމީ މުޖުތަމައަކީ ރައްކާތެރި އަމާން ޞުލްޙަވެރި ހަމަހިމޭން މުޖުތަކައަކަށްވަނީ. އާދެ! އެކަކު އަނެކަކަށް ގޯނާއެއް ނުކުރުމަށް، އެކަކު އަނެކަށް ދެރަކަމެއް ނޭދުމަށް. ޖެއްސުމެއް ފުރައްސާރައެއް ނުކުރުމަށް މިފަދަހުރިހާކަމެއް ހިމެނިގެންވަނީ އިސްލާމްދީނުގައި ހިމެނޭ ރިވެތި ރަޙްމަތްތެރިކަމުގަ ސިފަތަކުގެ ތެރޭގައި. އާދެ! ޙަގީގީ ރަޙްމަތްތެރިއަކީ ދެންމެ މާހިރުބޭވެސް އިޝާރާތް ކުރައްވައިފި. އަދެ! އަޅުގަނޑުމެންގެ މުސްކުޅިންގެ މުހާވިރާގެ ތެރެއިންވެސް އާދޭ ރަޙްމަތްތެރިއަކީ އެމީހާލިބޭ ކޮންމެ އުފަލެއްގައި ބައިވެރިވާމީހާއޭ. އަދި ލިބޭ ކޮންމެ ހިތާމައެއްގައިވެސް ބައިވެރިވާމީހާއޭ. އާދެ! ހަމައެކަނި ލިބޭ އުފާވެރިކަމުގައި ބައިވެރިވާ ފަރާތަކީ ހަގީގީ ރަޙްމަތްތެރިއެއްނޫން. ހަގީގީ ރަޙްމަތްތެރިއަކަށް ވެވެނީ އުފަލާއި ހިތާމައިގެ ބައިވެރިވުމުން. ދަތި ދުވަސްތަކާއި ފާގަތި ދުވަސްތަކުގައި ބައިވެރިވީމަ. އާދެ! ގިނަފަހަރަށް މުއްސަނދި ކަމުގައި ހުންނައިރު، ބާރުގަ ހުންނައިރު، މަގާމުގައި ހުންނައިރު ވަރަށް ގާތްކޮށް ރަޙްމަތްތެރިކޮށް އުޅެފަ. ނިކަމެތިވީމަ ބަލިކަށިވީމަ ބަލިވީމަ އެކަން ގެއްލިޖެކަމަށްވާނަމަ އެހިސާބުން އެއީ ޙަގީގީ ރަހްމަތްތެރިކަމެއްނޫން. ރަޙްމަމަތްތެރިކަމުގެ ގުޅުމަކީ ގަދަހާލުގައްޔާއި ބަލިހާލުގައި އަދި ދަތިހާލުގައްޔާއި ފާގަތިކަމުގައި އެކުގަ އެއްކޮށް ދެމިތިބިކަމުގެ ރަނގަޅު ރޫހްއުފެއްދުން.

 

އާދެ! އަޅުގަނޑުހިތުން މިއަދު އަޅުގަނޑުމެންނާއިއެކުގައި މިބައްދަލުވާ ބޭފުޅުންގެ ހަޔާތުގައި ވަރަށް ދިގު ރާސްތާއެއް ވާނީ ކަޑައްތުކޮށްފައި. ތިހުރިހާ ބޭފުޅުންގެ ގާތްކަމާއި ރަޙްމަތްތެރިކަމާއި އޯގާވެރިކަން ހުންނާނީ ފެތުރިފައި. އާދެ! އެއާއެކުގަވެސް މާހިރުބެ ވިދާޅުވިފަދައިން މިއަދު އަޅުގަނޑުމެން ދައްކަންޖެހޭނީ އަޅުގަނޑުމެން ޅަދަރީންނަށް ނަމޫނާއެއް. އަޅުގަނޑުމެންގެ ކުދިންނަށް މަގު ދައްކައިދޭންޖެހޭނެ ކޮންގޮތަކަށްކަން  ރަޙްމަތްތެރިކަން އުފަދަންޖެހޭނީ.

 

އިސްލާމް ދީނުގައި މީހަކާއި ރަޙްމަތްތެރިކަން ބޭއްވުމުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވޭ ހަގީގަތުގައި ރަހްމަތްތެރިކަމާއި ގާތްކަން އުފައްދަންޖެހޭނީ ﷲ ސުބުޙާނަހޫވަތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބި ލިބުމުގެ މައްޗަށްކަން. އެހެންވެ ރަސޫލާ ޙަދީޘެއްގައި އައިސްފައިވޭ މީހެއްގެ ކިބައިގަ ތިންކަމެއް އޭނަގެ ހިތުގައި އަށަގެންފިއްޔާ  ﷲ ސުބުޙާނަހޫވަތަޢާލާގެ ރަޙްމަތުން އީމާންކަމުގެ ފޮނިކަން އޭނާއަށް ލިބޭނެ.  އާދެ! އޭއީ އެހެން ހުރިހާ ތަކެއްޗަކަށް ވުރެބޮޑަށް ހުރިހާ ފަރާތަކަށްވުރެ ބޮޑަށް ﷲ ދެކެލޯބިވުން. އަދި މީހަކުދެކެ ލޯބިވާއިރު. އޭނަ ރަޙްމަތްތެރިއަކަށް ހަދާހިނދު އޭނައެކަން އެކުރަނީ ﷲ އަށްޓަކާކަމުގައި އެރަހްމަތްތެރިކަން އުފެއްދޭނެ. އެހެންވީމަ ޢަޅުގަނޑުމެންގެ ރަޙްމަތްތެރިކަން ގާތްކަން  ލޯބި އުފެދިގެންދާންޖެހެނީ އެލޯބީގެ ސަބަބުން އެރަޙްމަތްތެރިކަމުގެ ސަބަބުން ﷲ  ސުބުޙާނަހޫވަތަޢާލާގެ ލޯތްބާއި ރަޙްމަތަށް އޭނާ ހުށަހެޅޭހިނދުގައި.

 

އާދެ! ތިންވަނަކަމަކީ އެޔޮލަފާ ރަނަގަޅުޞާލިޙެއްގެ ގޮތުގައި ހުރެފަ ނުބައި ކަމުގެތެރެއަށް ދިއުމަށް އޭނާ އަމިއްލަނަފްސަށް ނުރުހުމޭ. އަލިފާނަގަނޑަކަށް އެއްލާލުމަށް ނުރުހޭ ފަދައިން. އާދެ! އަޅުގަނޑުމެންގެ ޅަދަރިންނަށް އެމަގު ދައްކައިދޭންޖެހޭ. ޅަދަރީންނަކީ މިއަދު އަޅުގަނޑުމެންހިތުން، ކާފައިން މާމައިން މިތާތިއްބަވާނީ ދެއްތޯ. ހަގީގަތުގައި އަޅުގަނޑަށް ގިނަފަހަރަށްވަނީ ރަޙްމަތްތެރިކަން ތަންކޮޅެއް ބޮޑަށް ދިވެހިރާއްޖޭގެ ސަގާފަތުގައި ރަޙްމަތްތެރިކަމޭ ބުނީމަ ތަންކޮޅެއް ދުރު އެކުވެރިންނަށް ބޮޑަށްދަނީ. އެހެންނަމަވެސް އަސްލުގަ ހަގީގީ ރަޙްމަތްތެރިންނަކީ އޭގެމާނައިގެ އެންމެ ފުންމިނުގައި ރަޙްމަތްތެރިންނަށް މިވާންޖެހެނީ އޭނަގެދަރީން. ނުވަތަ މަންމައާއި ބައްޕައަކީ އެންމެގާތް ރަޙްމަތްތެރިން. ދެން އަސްލުގަ އަޅުގަނޑުމެނަށް ރަޙްމަތްތެރިކަމަކަށްނޫން ބަދަލުވަނީކީ. އަނބިފިރި ވަންތަކަމުގެ ގުޅުން ގާއިމުވީމަކާ. އޭގެ ކުރީގަ ރަޙްމަތްތެރިވަނީ. އެއެއްނޫން ވާންޖެހޭގޮތަކީ. އެންމެ ގާތްރަޙްމަތްތެރިއަކީ އެއީ. އެހެންނޫންތޯ. އެދެމީހުން އެންމެގާތް ދެރަޙްމަތްތެރިންނަކީ. އެއަށްފަހު ބައިންބަފައިން އެންމެގާތް ރަޙްމަތްތެރިންނަކީ. އެއްފަހު އެއްބަނޑު ތިމާގެ މީހުން އެނެމެގާތް ރަޙްމަތްތެރިންނަކީ. އާދެ! އެގޮތުން އެގުޅުންބޮޑުވެ އަވަށްޓެރީން ފެށިގެންގޮސް ރަށުގަ މުޅިމުޖުތަމައުގެ މީހުންނާއި ގާތްކަމާއި ރަޙްމަތްތެރިކަން އުފެދުނީމަ ހަގީގަތުގައި ޔޫއެންގެ މިރިޒަލޫޝަންގަވެސް މިބުނާފަދަ ރަޙްމަތްތެރި މުޖުތަމައުއެއް ރަޙްމަތްތެރި ސަގާފަތެއް. ރަޙްމަތެރި ގައުމުތަކެއް އުފެދިގެންދާނީ.

 

އާދެ! އަޅުގަނޑުގެ ދުޢާ އަކީ ﷲ  ސުބުޙާނަހޫވަތަޢާލާ އަޅުގަނޑުމެންގެ މިމަސައްކަތުގައި ބަރަކާތް ލައްވައި މިރަށުގައިވެސް ހަމަ ގާތްކަމާއި ރަޙްމަތްތެރިކަން އިތުރަށް އާލާވެ އިތުރުވެ އޭގެ ނަތީޖާއެއްގެ ގޮތުން ހަމަހިމޭންކަމާއި ރަތްކާތެރިކަމާއި ސަލާމަތްކަން ގާއިމުވެ އެންމެނަށް އުފާވެރި ބާއްޖަވެރި ހަޔާތެއް ﷲ ސުބުޙާނަހޫވަތަޢާލާ މިންވަރުކުރެއްވުން. އަދި އުޚުރަވީ ހަޔާތަށްވެސް އެކަމުގެ ހެޔޮއަސަރު ﷲ މިންވަރުކުރައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށް އުފާވެއްޖެ. ދެން އެބައޮތްކަމަށްވަނީ ރަޙްމަތްތެރިކަމުގެ ގޮތުންވެސް ބައެއްކަންކަން ކުރަންވެސް ދޮއްތޯ. އެހެންވިމާ ވަރަށް ބޮޑަށް ޝުކުރިއްޔާ. 

ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.