ޖުވެނައިލް ޑިޓެންޝަން ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތު

`

ޖުވެނައިލް ޑިޓެންޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބުދުﷲ ދެއްކެވި ވާހަކަފުޅު

 (30 ޖެނުއަރީ  2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމް، މިނިސްޓަރ އޮފް ސްޓޭޓްފޮރ ހޯމްއެފެއާޒް ޢަލީ ނަޒީރު، ކޮމިޝަނަރ އޮފް ޕްރިޒްންސް އަޙްމަދު މުޙައްމަދު ފުޅު، ޖުވެނައިލް ކޯޓުގެ އިސްޤާޒީ ޙުސެއިން ސަޢީދު އިބްރާހީމް، ހިންމަފުށީ ކައުންސިލްގެ ރައީސް، ދައުވަތު އެރުވިގެން ވަޑައިގެންތިއްބެވި އެހެން މުއައްސަސާތަކުގެ އިސް  ބޭފުޅުން، ކަރެކްޝަނަލް ސަރވިސްގެ އިސްއޮފިސަރުން، އެންމެހައި ޙާޟިރީން، އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

އާދެ! އަޅުގަނދުހިތުން މިކޮވިޑްގެ ދަތިހާލުގައި ނުވަތަ އުދަނގޫ ވަގުތުގައި އަޅުގަނޑުމެނަށް މިކުޑަ ރަސްމިއްޔާތު ބޭއްވޭނެކަން ނުވަތަ ނުބޭއްވޭނެކަންވެސް ނޭގޭހާލަތުގައި ތިބެގެންވެސް މިއަދު އަޅުގަނޑުމެން މިހިސާބަށްއައިސްގެން ބޭއްވޭ މިކުޑަ ރަސްމިއްޔާތަކީ ރާއްޖޭގެ އަދުގެ ހާލާތަށް ވަރަށް ބޮޑު ރަސްމިއްޔާތެއް. ރާއްޖޭގައި ކުށަށް ހުށަހުށަހެޅޭ އަދި ކުށްކުރާކުދިންގެ މައްސަލައަށް އެކަށީގެންވާ ޙައްލެއްނުހޯދި ގިނަދުވަސްތަކެއްވެ އިޖްތިމާއީގޮތުން އާއިލާތަކާއި ރަށްތަކަށް ބޮޑެތިގޮންޖެހުންތަކާއި ދަތިތައް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި މިބޮޑުމައްސަލައަށް ޙައްލެއް ހޯދުމަށް އަދުގެ ސަރުކާރުފެށުނީއްސުރެ ކުރަމުންއައި މަސައްކަތުގެ ވަރަށް މުހިންމު ފިޔަވަޅެއް އެޅިގެންދާދުވަހެއް. އަޅުގަނޑުމެން އެންމެން ހަނދާން ހުންނާނެ  2018 ވަނައަހަރުގެ ނޮވެމްބަރ 17 ގައި ސަރުކާރުއައުމާއެކު 2019 ވަނައަހަރު ފެށިގެންދިޔަ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ އެއްމަސައްކަތް އެއީ ކުޑަކުދިންގެ އަދުލުގެ ޤާނޫނު ވުޖޫދުވެގެން ދިއުން.

އާދެ! ކުޑަކުދިންގެ އަދުލުގެ ޤާނޫނު ވުޖޫދުވެގެން ދިއުމަށްފަހުގައި މުޖުތަމަޢުގައި ދިރިއުޅޭ ކުށަށްހުށަހެޅޭ އަދި ކުށްކުރާ ކުޑަކުދިންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ޒަމާނީ ހަމަތަކާއި އުސޫލުތަކަށްފެތޭ އަދި ދުނިޔޭގެ ގެންގުޅޭ މިންގަޑުތަކަށް ބަލައިގެން ހޯމްމިނިސްޓަރުގެ ހައިސިއްޔަތުން އަޅުގަނޑުގެ މައްޗަށް 06 ވައްތަރެއްގެ މަރުކަޒު ޤާއިމުކުރުމަށް ލާޒިމްކޮށްފައިވޭ. އާދެ! އަޅުގަނޑުމެން މި އިފްތިތާހުކުރަނީ އޭގެތެރެއިން އެއްމަރުކަޒު. މިމަރުކަޒު ފެށިގެންދާއިރު މިމަރުކަޒުން ކުރެވޭ މަސައްކަތުގެ ނަތީޖާ ނިކުމެގެންދާނީ މިކަން ހިންގުމުގައި އެކިގޮތްގޮތުން ޝާމިލުވާ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން މުހިއްމު 05 މުއަސަސާއެއް އެކުގައި މަސައްކަތްކޮށްގެން.

އާދެ! އަޅުގަނޑުމެން ކުރިން މިދެންނެވިހެން ރާއްޖޭގެ ކޮންމެ ކަންކޮޅަކަށް ބަލާލުމުން ވޭތުވެދިޔަ ގާތްގަޑަކަށް 40 ހަކަށް 50 ހަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ކުށްކުރާކުދިންގެ އަދި ކުށަށް ހުށަހެޅޭ ކުދިންގެ އުމުރާއި މިޒާޖާއި ހުށަހެޅޭ ކުށާއި މިހުރިހާކަންކަމަކަށް ބަލައިލުމުން ބޮޑު ޙައްލެއް ނުވަތަ އިންގިލާބީ ބަދަލެއް އެކަމަށް ގެންނަންޖެހިއްޖެކަން އެއީ އަޅުގަނޑުމެން އެންމެން ގަބޫލުކުރާކަމެއް. މިމައްސައްކަތާއި ހަވާލުވެތިބި ހުރިހާ މުވައްސަސާތައް ގުޅިގެން މިކަމަށް ހައްލެއް ހޯދުމަށްޓަކައި ރަނގަޅު މަސައްކަތެއް ކުރެއްވިއްޖެކަމަށްވާނަމަ އަޅުގަނޑުހިތުން މި މަރުކަޒާއި ދެންވެސް އިރާދަކުރެއްވިއްޔާ މިއަހަރުތެރޭގައި އަޅުގަނޑުމެން ފަށައިގަންނާނީ އެހެން ބައެއް މަރުކަޒުތަކާ އެކުގައި އިރާދަކުރެއްވިއްޔާ މިމައްސަލައަށް ހައްލެއް ލިބިގެންދާނެ.

އާދެ! އަޅުގަނޑުމެން އެދެން ދިވެހި މުޖުތަމައަކީ ކުށްމަދު، ކުށުން ސަލާމަތްވެފައިވާ، ވަކިން ޚާއްޞަކޮށް ކުޑަކުދިން ކުށަށް ހުށަހެޅޭމިންވަރު، ކުށްކުރާމިންވަރު މަދު މުޖުތަމައަކަށްވުން. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާހިނދު އަދި އަޅުގަނޑުމްނެގެ ސަގާފަތާއި އަދަބިއްޔާތު އެއްގޮތެއްގައި ހިފެހެއްޓިގެންދާހިނދު އަޅުގަނޑުމެންގެ މުޖުތަމައު ފެންނަން ނުޖެހޭ މިންވަރަށް މިކުށްތައް އޮތުން މީ އަޅުގަނޑުމެން ކަންބޮޑުވާކަމެއް. އެކަމުން ސަލާމަތްވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ   އަޅުގަނޑުހިތުން އަޅުގަނޑުމެންގެ މައްޗަށްއޮތް ދީނީ ގައުމީ ވާޖިބެއް.

އާދެ! ޚާއްޞަކޮށް އުފެދި ބޮޑުވަމުން އަންނަ ކުޑަކުދިން ކުށުން ސަލާމަތްކޮށް އެކުދިންނަކީ ހެޔޮބަޔަކަށް ހަދާ މުޅިމުޖުތަމައަށް ފައިދާއާއި ލާބަ ހޯދާދޭ ބަޔަކަށް ހެދުމަކީ އަޅުގަނޑުމެން އެންމެން ކުރަންޖެހޭ ކަމެއް. އެސަބަބަށްޓަކައި ޚާއްޞަކޮށް ކުޑަކުދިންނަށް އޯގާވެރިވެ ރަޙްމުކޮށް އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރު އެޅިފައިވޭ. ވަކިން ޚާއްޞަކޮށް ކުޑަކުދިންނަށް އޯގާވެރިވެ ކުލުނުވެ ހަމްދަރުދީވުމަށް އިސްލާމްދީންނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވޭ. އެހެންވެ ރަސޫލުﷲ ގެ  ޙަދީޡް ފުޅެއްގައި އައިސްފައިވަނީ " من لم يرحم صغيرنا ولم يوقر كبيرنا فليس منآ"  އަހަރުމެންގެ ތެރެއިން ކުޑަކުދީންނަށް އޯގާވެރިކޮށް ކަންތައް ނުކުރާ ބޮޑެތިމީހުންނަށް އިޙްތިރާމް ނުކުރާ މީހުންނަކި  އަހަރުމެންގެ ތެރެއިންވާ ބައެއްނޫނޭ. މާނައަކީ ފުރިހަމަ މުސްލިމުންނެއް ނޫނޭ.

އާދެ! ގަބޫލުކުރަންޖެހޭ ޙަޤީގަތެއް ކޮންމެ މުޖުތަމައެއްގައިވެސް އެމުޖުތަމައުގެ ހަމަތަކާއި އުސޫލުތަކުން ބޭރުވާ ކޮންމެވެސް މިންވަރެއްއްގެ ކުދިންވެސް އަދި މީހުންވެސް ތިބެދާނެ. އެކުދިންނާއި ނުވަތަ އެފަދަ ފަރާތްތަކައި މުޢާމަލާތް ކުރުމުގައި ވަކިން ޚާއްޞަކޮށް އެފާރާތްތަކަށް ރިއާޔަތްކޮށްގެން މުއާމަލާތްކުރުމަކީ އެއީ އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެނަށް ދަސްކޮށްދޭކަމެއް. އާދެ! މިއަދުގެ ހަމަތައް ހަމަޖެހިފައިވާގޮތުން މި ޒިންމާ ދިވެހިރައްޖޭގައި އަދާކުރަން ޖެހިފަ މިއޮތީ ކަރެކްޝަނަލް ސަރވިސްގެ ބޭފުޅުންނަށް. އާދެ! މިއަދު ތިބޭފުޅުންނާއި ހަވާލުކުރެވޭ ކުދީންނަކީ މިކުދިންގެ ތެރެއިން ގެންގެޅުމުގައި އެންމެބޮޑަށް ސަމާލުވާންޖެހޭ ކުދީން. އަދި އެކުދިން އަނބުރާ މުޖުތަމައުއަށް ހެޔޮގޮތުގައި ނެރުމަށްޓަކައި ގިނަމަސައްކަތްތަކެއް ތިބޭފުޅުން ކޮށްދެއްވަންޖެހޭ ކުދިން. އާދެ! އަޅުގަނޑު އެދެނީ ދެންމެގަ ކޮމިޝަނަރވެސް ވިދާޅުވިފަދައިން މިމަރުކަޒުހިންގުމަށްޓަކައި ވަކި އޮފިސަރުންކޮޅެއް އައްޔަންކުރެވި އެބޭފުޅުންނަށް ވަކި ތަމްރީންނުތަކެއް ދެވި  އެބޭފުޅުންނަށް ވަކި އުސޫލުތަކެއް ހެދިފައިވުމުން މިކަމަށް ކުރެވޭ މަސައްކަތް ހާމަވެގެން މިދަނީ. އަޅުގަނޑުގެ އިލްތިމާސަކީ މިމަރުކަޒު ބަލަހައްޓަވަން ތިއްބަވާ އޮފިސަރުންނަކީ އެހެންބޭފުންނަށް ވުރެވެސްބޮޑަށް، ހުރިހާއެންމެން ކިބައިގަވެސް އަށަގަންނަވަންޖެހޭ އަޚްލާޤް، އެކަމަކު ޚާއްޞަކޮށް މިފަދަ ކުދިންކޮޅެއް ބަލަހައްޓަވަންޖެހޭތީވެ ތިޔަ ބޭފުޅުންގެ ކެއްތެރިކަމާއި އިޙްސާނތެރިކަން އިސްކޮށް އެކުދިންގެ ކިބައިން ފެންނަ ތަފާތު ކަންތައްތަކުން އެކުދިން ސަލާމަތްކޮށް އެކުދިންއަނބުރާ މުޖުތަމައަށާއި އާއިލާކާރިއަށް ދިއުމަށްޓަކައި ތައްޔާރުކުރެވޭ ބަޔަކަށްހަދާ  އެކުދިންނަށް އެންމެ ހެޔޮގޮތުގައި މުޢާމަލާތްކުރެވި އަޚްލާޤް ދަސްކޮށްދެވި އެކަންކަމަށް ތިބޭފުޅުން ސަމާލުކަން ދެއްވާށޭ. އަޅުގަނޑު އެދެނީ އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތްލައްވައި އަޅުގަނޑުމެންގެ މިދިވެހި މުޖުތަމައަކީ އަމާންއޮމާން ރައްކާތެރި އަދި ޚާއްޞަކޮށް ކުޑަކުދިންނަކީ ހެޔޮބައެއްކަމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރުކޮށްދެއްވުން. އަޅުގަނޑުމެނަށް ދެދުނިޔޭގެ ބައްޖަވެރިކަމާއި ކާމިޔާބު ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރުކޮށްދެއްވުން. ޙަޤީގަތުގައިވެސް ކުރިން ދެއްނެވިފަދައިން ވަރަށް ކުޑަކުޑަ ބައްދަލުވުމެއްވިޔަސް އަޅުގަނޑުކާރީގައި މީވަރަށް ބޮޑު ބައްދަލުވުމެއް. އަދި ޚާއްޞަކޮށް ޕްރޮސެކިއުޓަރ ޖެނެރަލްއާއި އަދި ޖުވެނައިލްކޯޓުގެ އިސްޤާޟީ އަދި ޑީޖޭޖޭގެ ޑިރެކްޓަރ ޖެނެރަލް މިބޭބޭފުޅުން އަދި ޕޮލިސްގެވެސް އެފް.ސީ.ޕީގެ އިސްބޭފުޅުން ވަޑައިގެންދެއްވުމަކީ އަޅުގަނޑުހިތުން އަޅުގަނޑުމެން މިކަމަށް ސަމާލުކަން ދޭމިންވަރު ވަރަށް ބޮޑަށް އަންގައިދޭކަމެއް. ވީމާ މިކުރެވޭ މަސައްކަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އިރާދަކުރެއްވިއްޔާ ބަރަކާތްލައްވައި އަޅުގަނޑުމެންގެ މިއަދުގެ މިހާލަތުން އަރައިގަތުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ  ތަޢުފީޤް ދެއްވާށި. ވަރަށް ބޮޑަށް ޝުކުރިއްޔާ .

ވައްސަލާމުޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.