ޑްރަގް ނައްތާލުމުގެ ރަސްމިއްޔާތު

`

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބުދުﷲ ދެއްކެވި ވާހަކަފުޅު

 (28 ޑިސެމްބަރ 2021)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

އެންމެހައި އިއްޒަތްތެރިން އައްސަލާމް އަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

އަޅުގަޑުމެން މިއަދު މި ކުރާ މަސައްކަތަކީ ގާތްގަނޑަކަށް ފަންސާހަކަށް އަހަރާ ގާތްކުރާ ބޮޑު މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި އަދުގެ ސަރުކާރުން ވަރަށް ސީރިއަސްކަމާއެކު މީގެ 3 އަހަރު ކުރިން ފެށި މަސައްކަތުގެ ބޮޅުތަކުގެ ތެރެއިން އެއް ބޮޅު. އަޅުގަނޑުހިތުން ފަންސާހަކަށް އަހަރާ ކައިރިވެފައިވާ މި މައްސަލައަށް ޙައްލެއް ނައިސް ދުވަހުން ދުވަހަށް ބޮޑުވަމުން ދަނީ އެކަމަށްޓަކައި ތަފާތު ސަރުކާރުތަކުން ގެންގުޅެވޭ ތަފާތު ސިޔާސަތުގެ ސަބަބުން. އާދެ! މިއަދުވެސް މި މައްސަލައަށް ޙަލެއް ގެނައުމަށްޓަކައި ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާހިނދު އަޅުގަނޑުހިތުން ފުލުހުންގެ ފަރާތުން މިއަދު ކުރަމުންދާ މަސައްކަތް ހަމަ ޔަގީނުންވެސް ކައިރިން ދެކޭ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ބަލައިގަނެ ޕޮލިސް ކޮމިޝަނަރަށާއި ޕޮލިހުންގެ އިސްވެރިންނަށާއި ޚާއްސަކޮށް ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ އިސްވެރިން ކުރައްވާ އިޚްލާސްތެރި މަސައްކަތަށް އަޅުގަނޑު ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރަން.

އެނގިވަޑައިގަންނާނެ، މި މައްސަލައަކީ ރާއްޖޭގައި އޮތް އިޖްތިމާޢީ އެންމެ ބޮޑު މައްސަލަ. މި މައްސަލައަށް ޙަލެއް ގެނައުމަށްޓަކައި ދައުލަތުގެ ގުޅުންހުރި ވަރަށް ގިނަ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ. އޭގެތެރެއިން އެއްވެސް ދިމާއަކުން ރަނގަޅުގޮތުގައި ކުރަންޖެހޭ މަސައްކަތް ނުކުރެވިއްޖެނަމަ މިކަމަށް ޙައްލެއް ހޯދުމަކީ ވަރަށް ބޮޑު ދަތިކަމެއް. އެހެންވެ މި މައްސަލައަށް ފުލުހުންގެ ފަރާތުން ހަމައެކަނި މަސައްކަތް ކުރުމަކީ އަދި މިއަށް އެންމެ ރަނގަޅު ނަތީޖާ ގެނެވޭނެ ކަމެއް ނޫން. އެހެން ނަމަވެސް ދެންމެ ކޮމިޝަނަރވެސް އެވިދާޅުވިހެން މިދިޔަ 3 އަހަރުދުވެހުގެ ތެރޭގައި ފުލުހުން މި 3 އަހަރު ދުވަހު ހޯދި އެއްޗެއްސާއި އަދި އޭގެ ކުރިން ހޯދިފައި ހުރި ތަކެއްޗާއެކު 1.8 ކިލޯގެ މަސްތުވާތަކެތި ނައްތާލުން އެއީ އޭގެ ޒާތުގައި ކުރެވުނު ބޮޑު ކަމެއް. އަދި މިހާރު ފަހަކަށްއައިސް ރާއްޖެއަށް އެތެރެކޮށް އަދި އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ރާއްޖެ ތްރޫކޮށް އެހެން ގައުމުތަކަށް ފޮނުވުމަށްޓަކައި ގެނެވޭ މަސްތުވާތަކެތި ހޯދައި، ނަގައި، އެތަކެތި ވަރަށް ޓްރާންސްޕޭރެންޓްކޮށް ނައްތާލެވުމަކީ އެއީ ފުލުހުންގެ ފަރާތުން ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް.

އާދެ! މި މުޅި މައްސަލައަށް ޙައްލެއް ނައިސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ މަގުމަތީގައި މަސްތުވާތަކެތީގެ ހާލަތު ނުވަތަ މަސްތުގެ ޙާލަތުގައި ތިބޭ ފަރާތްތައް ގިނަވެ އެކަމުގެ އުނދަގޫތައް ރައްޔިތުންނަށް އެކިމިންވަރަށް ފޯރަމުންގޮސް މުޅި މައްސަލައިގެ ސަބަބުން ރާއްޖޭގެ އިޖްތިމާޢީ އިގްތިޞާދީ ވެއްޓަށް ބޮޑެތި ގެއްލުންތައްވާތީ ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ މަސްތުވާތެތީގެ ވަބާއިން ސަލާމަތް ވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން މަސައްކަތް ކުރާ ޓާސްކްފޯހެއް އުފައްދަވައިފަ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އެފެއްޓެވި މަސައްކަތުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް އަހަރުގެ ފުރަތަމަ ހާފްގެ ތެރޭގައި ފެނިގެންދާނެ.

އާދެ! އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތް އިތުރު ކުރުމަށްޓަކައި އަޅުގަނޑުމެން ގުޅިފައިވާ ހުރިހާ، ކަމާގުޅޭ މުއައްސަސާތައް އެކުގައި ކުރާ މަސައްކަތަކީ އޭގެ ނަތީޖާއާ ހަމައަށްދެވޭ މަސައްކަތެއް. އާދެ! މިކަމުގައި އަޅުގަނޑު ހިތުން ރައްޔިތުންގެ ބައިވެރިވުންވެސް ވަރަށް ބޮޑަށް ބޭނުން. އަދި ޚާއްސަކޮށް އާއިލާތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ގިނައަދަދެއްގެ ޒުވާނުން އަދި ރައްޔިތުން، މިއަދު ހަމައެކަނި ޒުވާނުންނެކޭ ބުނެވޭކަށް ނެތް، 60 އަހަރާއި ހަމައަށް، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުމުރު ހިނގައްޖެ. ޒުވާން އުމުރުން ފެށިގެން ބޭނުން ކުރަމުން ހުއްޓުމެއްނެތިގޮސް އެމީހުން 60 އަހަރާ ހަމައަށް މިއޮތީ ގޮސްފަ.

އާދެ! މި ފަރާތްތައް މަސްތުވާތަކެތިން ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގައި މުޅި މުޖުތަމައު ބައިވެރިވާން ޖެހޭ. އެއީ ޚާއްސަކޮށް ކޮމިއުނިޓީގައި ބައިތިއްބައިގެން ފަރުވާދިނުމުގެ މަސައްކަތް ކުރެވޭނީ އެންމެން ގުޅިގެން ކަމުގައި ވާތީ. އާދެ! ހުރިހާ ފަރާތެއް ބަންދުގައި ބައިތިއްބައިގެން ނުވަތަ މަރުކަޒު ކޮށްގެން ފަރުވާ ދިނުމަކީ އެއީ މިކަމަށް އޮތް ހަމައެކަނި ޙައްލެއް ނޫން. އަދި ދައުލަތަށް އުފުލޭނެ ބުރައެއްވެސް ނޫން. އެއްވެސް ސަރުކާރަކަށް އެކަމެއް ނުކުރެވޭނެ. އެހެންކަމުން ސަރުކާރާ މުއައްސަސާތަކާއި ރައްޔިތުންނާ އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަކީ މި މައްސަލައަށް ޙައްލެއް ހޯދުމަށް އޮތް އެންމެ މުހިންމު މަގުކަމުގައި އަޅުގަނޑު ގަބޫލު ކުރަން.

އާދެ! އަޅުގަނޑުހިތުން މިއަދުގެ ސަރުކާރުން މިކަމަށް ދީފައިވާ އިސްކަމުން އެނގިގެންދަނީ މި މައްސަލައަށް ވޭތުވެދިޔަ ތިން އަހަރު ފުލުހުންނާއި އަދިވެސް އެހެން އެޖެންސީސްތަކުން ކުރި މަސައްކަތް މިހިސާބަށް އައުމަށްފަހު އިތުރު ހަރުފަތަކަށް ގެންދަން ޖެހިއްޖެކަމަށް ޚުދު ރައީސުލްޖުމްހޫރިއްޔާއަށް ގަބޫލުކުރެއްވިގެން ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ޓާސްކްފޯހެއް އުފައްދަވައި ހުރިހައި މުއައްސަސާތައް ގޮވައިގެން އެކުގައި މަސައްކަތް ކުރަން ފެށިފެށުން އެއީ މިކަމުން ސަލާމަތް ވުމަށް މި ސަރުކާރުން އިސްކަން ދެއްވާފައިވާ މިންވަރު އަޅުގަނޑުމެންނަށް އަންގައިދޭ ކަމެއް.

އާދެ! އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުން، މުޅި މައްސަލައިގެ ތެރެއަށް ވަދެގެންދާއިރު މިކަމަށް ޙައްލެއް ގެނައުމަށް އޮތް އެންމެ ބޮޑު ދައްޗަކީ މިކަމުގެ ސަބަބުން ނާޖާއިޒު ފައިދާ ނަގާ ވިޔަފާރި ނެޓްވޯކްތައް އެބަހުރި. މިކަމުގެ ސަބަބުން ނާޖާއިޒު ފައިދާ ހޯދާ ވަކިވަކި ސިޔާސީ ފަރާތްތައް އެބަތިބި. އާދެ މިއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ރައްޔިތުންގެ ޕްރެޝަރާހުރެވެސް އެފަރާތްތަކުން ނިންމަންޖެހޭ ކަމެއް.

ރައްޔިތުން އެބަ ދެނެގަންޖެހޭ ކޮންބައެއްކަން މިކަމުގެ ތެރޭގައި އުޅެނީ. ރައްޔިތުން އެބަ ފާހަގަ ކުރަންޖެހޭ މިކަމާ ކޮންބައެއްކަން އުޅެނީ. ކޮންބައެއްގެ ސަބަބުންކަން މުޅި ދައުލަތާއި ރައްޔިތުންނަށް މިވަރުގެ ގެއްލުމެއް ލިބެނީ. އަޅުގަނޑުމެން ސަރުކާރުގެ ފަރާތުން، ޚާއްސަކޮށް ޕޮލިހުންގެ ފަރާތުން ތަޙްގީގުކޮށް ބަލައި ހޯދައި، ޕީޖީއަށް ފޮނުވައި ކޯޓާހަމައަށް އެބަގެންދޭ. އާދެ! އެބައިތަކުގައި ހިމެނޭ ފަރާތްތަކާމެދުގައި ރައްޔިތުންގެ ސަމާލުކަން އޮންނަންޖެހޭ. ރައްޔިތުން މިއާދޭތެރޭ ވިސްނަންޖެހޭ. އޭރުން އެފަރާތްތަކުން މިކަންކަމާ ދުރުވެ އެފަރާތްތަކުގެ ވިޔަފާރިއާއި ސިޔާސީ މަސައްކަތުގައި މިފަދަ ނުބައި ކަންތައް ހިމަނައިގެން ކުރިއަށް ނުގެންދެވޭނެ. އެމަގަށް މިކަން ބައްޓަން ކުރުމުން ނޫނީ އަޅުގަނޑުމެންނަށް މީގެން ސަލާމަތްވެވޭނެ ގޮތެއް ނެތް. އަޅުގަނޑުހިތުން ސަރުކާރުން ދޭންވީ އެންމެ އިސްކަންދީގެން އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން. މިއަދު ބޭނުންވަނީ ހުރިހާ މުއައްސަސާތަކާއި ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކުރުން. އޭރުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މީގެން އަރައިގަތުމާ ހަމައަށް ދަތުރު ކުރެވިދާނެ.

އަޅުގަނޑުގެ ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވައި އަޅުގަނޑުމެންނަށް ކާމިޔާބު މިންވަރު ކޮށްދެއްވައި ދުޅަހެޔޮ ރައްކާތެރި މުޖުތަމައެއް އަޅުގަނޑުމެންނަށް މިންވަރު ކޮށްދެއްވުން ވަރަށް ބޮޑަށް ޝުކުރިއްޔާ.

ވައްސަލާމް އަލައިކުމް ވަރަޙްމަތުއްﷲ ވަބަރަކާތު.