ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު

`

ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބުދުﷲ ދެއްކެވި ވާހަކަފުޅު

 (26 ނޮވެމްބަރ 2021)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ހުކުރުދުވަހުގެ އެންމެ މުހިންމު ބަރަކާތްތެރި ވަގުތު ކުޑަކުޑަ ހަފްލާއެއްގެ ގޮތުގައި އޮތްކަމުގައިވިޔަސް އަޅުގަނޑުމެންނަށް މީވަރަށް މުހިންމު ވަރަށް ބޭނުންތެރި ވަރަށް އުފާވެރި ހަފްލާއެއް. އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެން މިއަދު މިއެޅި ބިންގަލަކީ ރާއްޖޭގައި އެތައް އަހަރެއްވަންދެން ހައްލުނުވެއޮތް ބޮޑު އިޖްތިމާއި މައްސަލައެއް ހައްލުކުރުމުގެ ބިންގާ. އެބިންގަލުގެ މައްޗަށް ރާއްޖޭގެ އިޖްތިމާއީވެށި ހަރުދަނާ ކުރުމުގެ މުހިންމު ބިނާއެއް ބިނާ ކުރެވިގެންދާނެ ބިންގާ.

އާދެ! ދިވެހިރައްޖޭގައި އަޅުގަޑުމެން މިއަދުގެ ހާލަތުގައި ބޮޑެތި އިޖްތިމާއީ އެތައްކަމެއް އެބަހުރި، އެކަމަކަށްޓކައި އަޅުގަނޑުމެން ގިނަ މަސައްކަތެއް ކުރަންޖެހޭ. އާދެ! މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކަށް ބަލާލާއިރު އަޅުގަނޑުމެންގެ މިގައުމުގައި ކުރިއަރާ ތަރައްގީވެ ކުރިއަށް ދިއުމުގެ ގިނަ ވިސްނުންތަކެއް އެބަހުރި. އޭގައި އަޅުގަނޑުމެންނަށް އެންމެ ބޮޑަށް މިގަބޫލުކުރެވެނީ އިގްތިސާދީ ތަނަވަސްކަމާއި މާލީ ފުދުންތެރިކަމާއި ތިޔާގިކަން އޮތުންއެއީ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުމުގެ އެންމެ މުހިންމު ސަބަބެއްކަމުގައި. އެކަމައްޓަކައި އެންމެނަށް ވާދަކުރެވި ހުރިހާ ވަގުތެއް ހޭދަކުރެވި އަޅުގަނޑުމެންގެ ހުރިހާ އެނާޖީއެއް ދުއްވާލެވެނީ ތިޔާގިކަމާއި ތަނަވަސްކަމަށް. ލޮލަށް ފެންނަ ތަރައްގީއާއި ކުރިއެރުމަށް.

އާދެ! އެހެންނަމަވެސް އިންސާނީ މުޖުތަމައެއް އުފާވެރި ހިތްހަމަޖެހޭ މުޖުތަމައަކަށް ވާނީ އިގްތިސާދީ ތަނަވަސްކަމާއި ތިޔާގިކަމާއި އެއްވަރަށް ނުވަތަ އެއަށްވުރެ ކުރިއަށް އިޖްތިމާއީ ދުޅަހެޔޮކަމާއި ބަދަހިކަމާއި ރައްކާތެރިކަން ހޯދައިގަނެގެން. ދުނިޔޭގެ ކުރިއަރާފައިވާ މުޖުތަމަޢުތަކުގައި އުފެދިގެންދާ އިޖުތިމާއީ ރައްކާތެރިކަމާއި ބަދަހިކަމާއި ދުޅަހެޔޮކަމަކީ އެތަންތަނުގެ އިގްތިސާދީ ކުރިއެރުމަށްވުރެ ކުރިއަރާފައިހުރި ކަންތައްތައް.

އާދެ! އެހެންކަމުން އަޅުގަނޑުމެން ގައުމުގައިގައިވެސް ކުރިއަރާ އުފާވެރި މުޖުތަމައުއެއް ބޭނުންކަމަށްވާނަމަ އެމަގުން ހިންގުން އެއީ ކޮންމެހެން ކުރަންޖެހޭނެކަމެއް. ޝައްކެއްނެތް އަޅުގަނޑުމެން މިއަދު މިކުރިމަތިލާ މައްސަލަތަކަށް ހައްލުހޯދުމުގެ މަސައްކަތް ކުރެވޭނީ ހުރިހާ އެންމެން އެކުވެ ގުޅި ލާމެހިގެން. ރާއްޖޭގެ ވީރާނާވެ ހަލާކުވެފައިވާ އިޖްތިމާއީ ވެށި އަނބުރާ ރުޖޫއަ ކުރެވޭނީ ސަރުކާރާއި ރައްޔިތުންނާއި ޖަމްޢިއްޔާ ޖަމާއަތްތަކާއި މުޅި ދައުލަތުގައި ހިމެނޭ ހުރިހާ އެންމެން އެކުވެ ގުޅިލާމެހިގެން. އެއީ އަޅުގަނޑުމެނަށް ކުރިއަރައިގެން ދެވޭނެގޮތަކީ. އާދެ! ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް އެންމެ ފުރަތަމަ ބޭނުންވަނީ ރަނގަޅު ފަރުދެއްބިނާކުރުން އެއްއަށްފަހު އެފަރުދުގެ މައްޗަށް ބިނާވާ ހެޔޮލަފާ އާއިލާއެއް ބިނާކުރުން. އެއާއެކުގައި ބަދަހި ދުޅަހެޔޮ އިޖްތިމާއީ ރަނގަޅު މުޖުތަމައެއް ބިނާކުރުން. އޭގެ މައްޗަށް ގައުމެއް ބިނާވެގެންދާނީ. އާދެ! މީއަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެން އެކުވެ ގުޅިގެން މިކުރާމަސައްކަތަކީ. ސަރުކާރު އައުމާއެކު ރައްޖޭގައި މިއަދު މިއޮތްހާލަތު ޚާއްޞަކޮށް އަޅުގަނޑުމެން މިއެޑްރެސްކުރާ ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދީންގެ މައްސަލަ އަޅުގަނޑުމެން ދެނެގަނެ އެކަމަށް ހައްލު ހޯދުމަށްޓަކައި އެންމެ ފުރަތަމަވެސް މަސައްކަތް ފަށައިގަނެވުނު. އެގޮތުން އެނގިވަޑައިގަންނަވާނެ ޤާނޫނު ނަންބަރު 2019/18 ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ މައްޗަށް ކުރަމުންއައި މަސައްކަތުގެ މުހިންމު އެއްމަސައްކަތުގެ ބިންގާމީ. އަޅުގަނޑު ހިތުން އިރާދަކުރެއްވިއްޔާ މިމަސައްކަތް މިރަށުގަ ފެށިގެންގޮސް މިއަށް ރަނަގަޅު ކުރިއެރުމެއް ލިބިގެންދާނީ މުޅިރާއްޖޭގަ މިއޮތް މިމައްސަލައެއް ހައްލެއް ހޯދައިދިނުމުގައި ކުޑަހުވަދޫގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެކުވެރިކަމާއި އެހީތެރިކަމާއި އެކުގައި. އާދެ! މިރަށަކީ މިކަމަށް ވަރަށް ލާއިގު އެކަށިގެންވާ ގާބިލް ރަށެއްކަމަށް އަޅުގަނޑު އަމިއްލައަށް ގަބޫލުކުރަން. އަޅުގަނޑަށްއެނގޭ 2004 ވަނައަހަރުގެ ސުނާމީގައި މިއަތޮޅުގެ ކާރީގައި އޮތް ގެމެންދޫ އާއި ވާނީގެ ރައްޔިތުންނަށް މިރަށުގެ ރައްޔިތުންދިއްކޮށްލީ ވަރަށް ދީލަތި އަތެއް. އެދެރަށުގެ ރައްޔިތުންނާއިއެކު މިރަށަށް ކުރިއެރުމާއި ތަރައްޤީގެ ތަފާތުކަންކަން އަޅުގަނޑުމެނާ ހަމައަށް މިއޮތީ ބައްދަލުކޮށްފަ.

އާދެ! ރައްޖޭގަ މިހިރަ މައްސަލަތަކުން އަރައިގަނެ ރާއްޖޭގެ އުއްމީދީ މުސްތަގުބަލާދިމާއަށް ދަތުރުކުރުމަށްޓަކައި މިސަރަހައްދުގައި މިރަށްކުޅެނީ ވަރަށް މުހިންމު ދައުރެއް. އެހެންކަމުން ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކޮށް ރައްޖެއަށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި އަޅުގަނޑު ހިތުން މިރަށަކީ މިރަށުގެ ހުރިހާ މުއައްސަސާތަކާ ރައްޔިތުންނާއި އެކުގަ ގުޅިގެން މަސައްކަތްކުރަންވީ ރަށެއް. އަޅުގަނޑުމެން މިދަނީ އިރާދަކުރެއްވިއްޔާ އެދިމާއަށް. އަޅުގަނޑުމެންގެ މަންޒިލާއި ހަމައަށް ދިއުމަށްޓަކައި ތިޔަހުރިހާ ބޭފޫޅުންގެ އެހީތެރިކަމާއި އެއްބާރުލުން އަޅުގަނަޑުމެނަށް ބޭނުން. އަޅުގަނޑުމެން އެންމެން އެކުވެގެން މިކަން ކުރިއަށް ގެންދާނީ. އަޅުގަނޑު ޔަގީންކުރަނީ ﷲގެ ރަޙްމަތާއިއެކުގައި މިމަސައްކަތް ނިމި ނަތީޖާ ލިބިގެންދާއިރު މިރަށަށް މިއަތޮޅަށް އަޅުގަނޑުމެން މުޅިގައުމު އުފާކުރާފަދަ ނަތީޖާތަކެއް ނެރެވޭނެ. މިގައުމު ކުރިއަރުވާ މިގައުމު އުފެއްދުންތެރި ދަރީންތަކެއް އަޅުގަނޑުމެންނަށް  ބިނާކުރެވޭނެ. އަޅުގަނޑުމެންގެ ތެރޭގައިހުރި ގިނަ މައްސަލަތަކަށް ހައްލު އަޅުގަނޑުމެނަށް ހޯދައިދެވޭނެ.

އާދެ! އެމަޤްސަދުގައި އެޔަޤީންކަމުގައި އަޅުގަނޑުމެން މިއަދު މިބިންގާއެޅީ. އެކަމާއިގެން އަޅުގަނޑުމެން ކުރިއަށްދާނީ މިމަސައްކަތުގައި ޕްރޮޖެކްޓްގެ ބިލްޑިންގ ނުވަތަ އިމާރާތްކުރުން ކުރިއަށްދާއިރު ތިބޭފުޅުންނާއި އެކުގައި ގިނަގުނަ މަސައްކަތްތަކެއް ކުރާނެކަން އަޅުގަނޑަށް ޔަގީން. ޚާއްޞަކޮށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަރާތުން ތިބޭފުޅުންނާއި އެކު ތަފާތު ޕްރޮގްރާމްތައް ހިންގާ ތަފާތު ޕްރޮގްރާމުތަކުގައި އެންގޭޖްވެ އެންމެނާއެކުގައި މަސައްކަތްކޮށް މިއިމާރާތް ކޮޅަށްޖެހޭއިރު އިމާރާތުގެ ތެރެއިން ކުރަންޖެހޭ މަސައްކަތަށް އަޅުގަނޑުމެން އެންމެން ތައްޔާރުވެތިބެ ނަތީޖާއާއި ހަމައަށް ދިއުމަށް އެންމެން އެކުގައި މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް.

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވާ އަޅުގަނޑުމެންނަށް ކާމިޔާބު މިންވަރުކޮށްދެއްވާށި. ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބާއްޖަވެރި ދުވަހަކަށް އެދެން. ވަރަށް ބޮޑަށް ޝުކުރިއްޔާ

ވައްސަލާމުޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.