ޖުމްހޫރީ ދުވަސް

`

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބުދުﷲ ދެއްކެވި ވާހަކަފުޅު

 10)   ނޮވެމްބަރ 2021)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ދެކަނބަލުން، ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމުގެ ދެކަނބަލުން، ދިވެހި ރައްޖޭގެ އުއްތަމަ ފަނޑީޔާރު އަލްއުސްތާޛް އަޙްމަދު މުޢުތަޒިމް އަދުނާން،  ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މިއުފާވެރި ހަފްލާގައި ބައިވެރިވެވަޑައިގަންނަވާ ބޭރުގެ މެހްމާނުން، ދައުލަތުގެ އިއްޒަތްތެރިން، ދައުލަތައް ގިނަދުވަހު ޚިދުމަތްކުރުމުގެ އިނާމުލިބިވަޑައިގަންނަވާ އެންމެހާ ޢިއްޒަތްތެރިން ، ދައުވަތު އެރުވިގެން މިޖަލްސާއަށް ވަޑައިގެންތިއްބެވި އެންމެހާ ޢިއްޒަތްތެރިން ، މިޖަލްސާ ދުރާގާތުން ބާއްލަވާ އަދި އަޑުއައްސަވާ އެންމެހާ ލޮބުވެތި ރައްޔިތުން އައްސަލާމުޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

އާދެ! އެންމެ ފުރަތަމަވެސް ދިވެހިރާއްޖޭގެ އުފާވެރި ޖުމްހޫރީދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ދެކަނބަލުންނަށާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން އާދެ! މިރޭ އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީދުވަސް. މީލާދީ ސަނަތުން 500 އަހަރުގެ ކުރިއަށް ތާރީޚުޖެހެމުން މިއަންނަ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ޖުމްހޫރީ ވެރިކަމަކަށް ބަދަލުވުމުގެ މުނާސަބަތު ފާހަގަ ކުރުމަކީ ގައުމުގެ ތާރީޚުގައި ވަރަށްވެސް މުހިންމުކަމެއް. އާދެ! 1943 ވަނަ އަހަރު ރާއްޖޭގެ ވެރިކަމުގެ ކޮއިލުގެތެރޭގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް  ނުވަތަ ރަސްކަމަށް ވަރަށް ބޮޑު ހުސްކަމެއް އައި. އޭގެ ނަތީޖާއެއްގެ ގޮތުން 1953 ވަނައަހަރު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޖުމްހޫރީވެރިކަމަކަށް އެންމެ ފުރަތަމަ ބަދަލުވެގެންދިޔައީ 01 ޖަނަވަރީ 1953 ވަނަ އަހަރު. ކޮންމެއަކަސް ކަން ދިމާކުރިގޮތުން ފުރަތަމަ ޖުމްހޫރީ ވެރިކަން ދެމިގެންދިޔައީ ގާތްގަޑަކަށް 7 މަހެއްހާދުވަހު. އެއަށްފަހު އަނެއްކާ ރަސްކަމުގެ ނިޒާމެއް ފެށިގެންދިޔަ. އެގޮތުން 1954 ން 1968 އާއި ހަމައަށް ރަސްކަމެއް އޮތުމަށްފަހު އަނެއްކާ 1968 އަހަރު ދިވެހީންގެ ވަރަށް ބޮޑު އަޣުލަބިއްޔަތަކުން ދިވެހި ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެންދިޔަ. އާދެ! އެގޮތުން ވަޒީރުލް ޢައުޟަމް ސުމުއްވުލް އަމީރު އިބްރާހިމް ނާޞިރު، ރަޢީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވީ 01 ނޮވެމަބަރ 1968 ގައި. އެދުވަހަށްފަހު އަޅުގަނޑުމެން މިދަނީ 11 ނޮވެމަބަރު ވާދުވަސް ދިވެހި ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން.

އާދެ! ޒަމާނުއްސުރެ ރާއްޖޭގައި ގަރާރުވެފައިއޮތް ވިރާސީ ވެރިކަމުގެ އުސޫލު. ވެރިކަންހިނގަމުން ދިޔަދިއުން. އެނިޒާމު އެކިއިރު އެކިގޮތަށް ބަދަލުވަމުންގޮސް ދިވެހިރާއްޖޭގައި ޖުމްހޫރީވެރިކަން ހިނގުމުގެ ނިޒާމަށް ބަދަލުވެގެން ދިޔަދިއުމަކީ ދިވެހީންގެ ތެރޭގައި  ދިވެހީންގެ ހޭލުންތެރިކަމާއި ވިސްނުމާއި ކުރިއެރުން ބަދަލުވެގެން އައިމިންވަރު ވަރަށް ރީތިކޮށް ރަމްޒުކޮށްދިންކަމެއް. ދިވެހީން ޒަމާނަށް ލޯހުޅުވި ތަރައްޤީއާއި ދިވެހީންގެ ކުރިއެރުމަށް އެކުގައި މަސައްކަތް ކުރަމުން ދިޔަކަން ދައްކާއިދިން ހަޤީގަތެއް. އާދެ! އެގޮތުން ދިވެހީންގެ ކުރިއެރުމާއި އިގްތިޞާދަށް ތަފާތު ބަދަލުތައްގެނެސް ދިވެހީން އެންމެން އެކުވެ ޝާމިލްވެ އެންމެން ގުޅިގެންހިންގާ ވެރިކަމުގެ ނިޒާމެއް ދިވެހިން ގާއިމުކުރި. އާދެ! މީ ދިވެހިން ޒަމާނާގުޅޭ ދިވެހިވަންތަ ވެރިކަމަކަށްޓަކައި ދިވެހިންގެނައި މުހިންމު ބޮޑު ބަދަލެއް.

އާދެ! ޖުމްހޫރީ ވެރިކަމަށް 54 އަހަރު ފުރިގެންދާއިރު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އަޅުގަނޑުމެނަށް މިއަދު މިސާބިތުކޮށްދެއްވަނީ ހަލަބޮލި ސިޔާސީ މާހައުލެއްގައި އިގްތިސާދީ ގޮންޖެހުންތައް ބޮޑު ވަގުތެއްގައި ނުތަނަވަސްކަމާއި ދަތިކަމުން އެއްކިބާވެ ޖުމްހޫރީ ވެރިކަމުގެ ހަމަތަކުގެ މަތިވެރިކަމާއެކު ހަލަބޮލިކަމާ ހަމަނުޖެހުމާނުލައި އަމާންރައްކާތެރި މަޑުމައިތިރިކަން އިސްކޮށް ދިވެހިސަރުކާރު ހިންގުމުގައި ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން ޖުމްހޫރީވެރިކަމެއް ކުރެވިދާނެކަމުގެ ފުރިހަމަ ހަޤީގަތް. އާދެ! ޖުމްހޫރީވެރިކަމުގެ އެންމެ މުހިންމު އަސާސަކީ ދައުލަތް ހިންގުމުގެ ބާރުތައް ރައްޔިތތުންގެ ކިބައިން ފެށުމާއި އެބާރުތައް ރައްޔިތުންގެ ކިބައިގައި ދެމިއޮތުންކަމުގައިވެފައި އެބާރު ހިންގުމުގައި ފުރުޞަތު އޮންނަންވާނީ އަބަދުވެސް ރައްޔިތުންނަށްކަން ގަބޫލުކުރާހިނދު މިކަމުގައި ދިވެހިން ސާބިތުވެތިބުމަކީ  ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތެއް.

އާދެ! ދިވެހިންގެ ވެރިކަން ދިވެހިން އެންމެން އެކުވެ ބައިވެރިވެގެން ހަމަޖެހުމާއި އޮމާންކަމާއި މަޑުމައިތިރިކަމާއިއެކު ކުރެވޭނެގޮތެއްގައި ޖުމްހޫރީ ވެރިކަން ނަގުލުކޮށް އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން މިޖީލުގެ ޒިންމާއެއް. އާދެ! ޖުމްހޫރީ ވެރިކަމުގެ ނިޒާމުގެ ތެރެއިން ލާމަރުކަޒީ އުސޫލުތައް ދިވެހިރާއްޖެއަށް ތަޢާރަފްކުރެވި، ރަށްރަށާއި އަތޮޅުތަކުގެ ހިންގުން ހަރުދަނާކުރެވި، ރަށްރަށުގެ ރައްޔިތުންނަށް އެބައިމީހުންގެ ކަންކަން ގާތުން ފަސޭހައި ކުރުމަށް ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވި، ލާމަރުކަޒީ ނިޒާމުގެ ސިފަތައް ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ މަސައްކަތްތަކަކީ ޖުމްހޫރީ ނިޒާމެއް ފުހިމަވެގެންދިއުމުގައި ވަރަށްވެސް މުހިންމުކަމެއް. އާދެ! އެކަމުގައި ޖުމްހޫރީ ނިޒާމުގެ ފޮނިކަމާއި ފުރިހަމަކަން ލިބުމަށްޓަކައި ލާމަރުކަޒީ ނިޒާމުގެ އެންމެ ފުރިހަމަ ސިފަތައް ޖެހިގެންވާ ފުރިހަމަ ނަފާ ރައްޔިތުންނަށް ލިބިގަތުމަކީ މުހިންމުކަމެއް. އާދެ! އެގޮތުން މިނިޒާމުގެ ތެރެއިން ހޯދެންއޮތް ހުރިހާ ފުރިހަމަ ސިފަތައް ހޯދުމަށްޓަކައި ސަރުކާރާއި ރައްޔިތުންނާއިއެކު ގުޅިގެން މަސައްކަތްކުރުމީ އަޅުގަނޑުހިތުން މުހިންމުކަމެއް. އާދެ! އެމަގަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް ފުރިހަމަގޮތުގައި ދެމިގެން ދިއުމުގެ ހެޔޮތަޢުފީޤް ﷲ މިންވަރު ކުރައްވާށި.

އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން 2013 ވަނައަހަރު އަޅުގަނޑުމެންގެ ޖުމްހޫރީ ނިޒާމުގައި ޖެހުނު ކުޑަގޮށެއްގެ ސަބަބުން ޖުމްހޫރީ ދުވަހަށްވަނީ ކޮންމެވެސް ވަރެއްގެ އައިބުކަމަކާއި ކިނލަބު ކަމެއް އައިސްސަ. އަޅުގަނޑު ޔަޤީންކުރަނީ ﷲގެ ރަޙްމަތްފުޅާއެކު 2023 ވަނައަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިގޮށްމޮއްސަވާދެއްވައި ޖުމްހޫރީދުވަހުގެ ހައިބަތާޢި ގަދަރާއި ޝަރަފް އަނބުރާ ގެނެސްދެއްވާނެކަމަށް. އާދެ! އެއިރުން ރައްޔިތުންނަށް ޖުމްހޫރީ ވެރިކަމެއްގެ ސަބަބުން ލިބެމުންދާ އުފާވެރިކަމާއި  ހިތްހަމަޖެހުމާއެކުގައި ދިރިއުޅެވޭނެގޮތްތައް މެދުވެރިވެގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މިދިވެހި ޤައުމު ރައްކާތެރި ތެދުވެރި ވެރިކަމެއްގެ ދަށުގައި ހެޔޮލަފާ ވެރިކަމަކާއިއެކުގައި ރައްޔިތުންނަށް، ޞުލްޙަވެރި އަމާން ފާގަތި ދުވަސްތަކެއް ﷲ ޞުބުޙާނަހޫ ވަތަޢާލާ މިންވަރުކޮށްދެއްވުން. އަޅުގަނޑުމެން އެންމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވުން. ވަރަށް ބޮޑަށް ޝުކުރިއްޔާ

ވައްސަލާމު ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތުހޫ.