ގައުމީދުވަސް

`

ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ޖަލްސާގައި މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބުދުﷲ ދެއްކެވި ވާހަކަފުޅު

 07)      އޮކްޓޫބަރ 2021)

أعوذ بٱللَه من ٱلشيۡطَن ٱلرجيم. بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

އުތީމު ކައުންސިލްގެ ރައީސް އަލްއަޚް ޢަބްދުﷲ ރަޝީދު، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްއަޚް އަޙްމަދު ޢަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޝިފާޢު، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤް، އަޕާ ނޯތް ޕޮލިސް ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމް، ކައުންސިލްތަކުގެ މެންބަރުން، ހޯމްމިނިސްޓްރީގެ އިސްވެރިންނާއި ރަށުގެ މުއައްސަސާތަކުގެ އިސްބޭފުޅުން، އުތީމުގެ ލޮބުވެތި ރައްޔިތުން، ލޮބުވެތި ދަރިވަރުން، އައްސަލާމު އަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

އާދެ! މިއަދަކީ ދިވެހިރާއްޖޭގެ ފަޚްރުވެރި ޤައުމީދުވަސް. އެހެންކަމުން ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާގެ ދެކަނބަލުންނަށާއި ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އެންމެ އިޚްލާޞްތެރި ހިތަކުން އަރިސްކުރަން. މިއަދު އަޅުގަނޑުމެން މިރަށަށް ޒިޔާރަތްކުރި ހިނދު މިރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް ކިއުއްވި ހޫނު މަރުޙަބާއާއި އެރުއްވި ދީލަތި މެހްމާންދާރީ އަށްޓަކައި މިރަށުގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރަން.

ލޮބުވެތި ހުޟޫރުން. މިއަދަކީ ދިވެހި ރާއްޖޭގެ ތާރީޚްގެ ފަތްފުށްތަކަށް  ރަނގަޅަށް ނަޒަރު ހިންގާލާއިރު އެތާރީޚުގެ ފަތްފުށްތަކުގެތެރޭގައި އެންމެ ވިދާ އެންމެ ބަބުޅާ އެންމެ އުޖާލާ އެއްދުވަސް. 15 އަހަރާއި 06 މަސްދުވަހާއި 14 ދުވަހުގެ އަޅުވެތިކަމުގެ ވޭނާއި ކެކުޅުމާއި ހިތާމައާއި އާހުގެ އަޑުތަކުން މިނިވަންއިސްލާމީ ޖައްވަކަށް އަލުން އަރޯކަމާއެކު ނޭލާންފެށިތާ 462 ނުވަތަ 448 އަހަރު ފުރޭދުވަސް. 1946 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ޤައުމީ ދުވަހުގެ ގޮތުގައި ރަބީއުލްއައްވަލު މަހުގެ 01 ވަނަ ދުވަސް ފާހަގަކުރަނީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމުގައި ދެގޮތެއްނުވެ ދިވެހީން ސާބިތުވެ ތިބޭނެކަމުގެ ރަމްޒެއްގެ ގޮތުގައި. ލޮބުވެތި ހުޟޫރުން ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮންނާނީ ޤައުމަށްޓައި ކާބަފައިން ވެވަޑައިގެންފައިވާ ބޮޑެތި ޤުރުބާނީތަކާއި ޒިކުރާތައް އާކޮށް، އެޤުރުބާނީތަކަށް ފަޚްރުވެރިވާބަޔަކު ޤައުމުގައި ދެމިތިބެގެން. ކާބަފައިން ހިފަހައްޓާފައިވާ މަތިވެރި ހަމަތަކާއި ސިފަތައް ބަލައިގަނެ ދަމަހައްޓައިގެން. ކާބަފައިންގެ ފުށުން ވާރުތަ ކޮށްފައިވާ ހިތްވަރާއި ޢަޒުމާއި ރިވެތި އަޚްލާޤީ ސިފަތަކުގެ މައްޗަށް ހެދިބޮޑުވާ ޖީލުތައް ބިނާކޮށް ތަރުބިއްޔަތުކޮށްގެން.  ލޮބުވެތި ހުޟޫރުން ދިވެހި ސަރުކާރުން މެދުކެނޑުމެއްނެތި އުތީމުގައި ޤައުމީ ދުވަސް ނުވަތަ ޤައުމީޖަލްސާ ބައްވަމުން މިގެންދަނީ ބޮޑުތަކުރުފާނަށް އެރުވޭ މަތިވެރި އިޙްތިރާމަކާއި ޝަރަފެއްގެ ގޮތުގައި. އެތަކުރުފާނު އުފަންވެ ވަޑައިގެންނެވި ރަށުގެ ރައްޔިތުންނަށް އަދާކުރެވޭ އަދަބު ތައުޟީމެއްގެ ގޮތުގައި. އެތަކުރުފާނުގެ ކިބައިން ހިތްވަރުލިބިގަނެ މިޤައުމު އަބަދަށްޓަކައި މިނިވަންކަންމަތީ ބޭއްވުމަށް ޖިހާދުކުރުމުގެ ހިތްވަރާއި ޢަޒުމު އާކުރާނެ ބައެއްގެ ގޮތުގައި މިރަށުގެ ރައްޔިތުންނާއި ރާއްޖޭގެ ރައްޔިތުން ދެމިތިބުމަށް ހިތްވަރުދިނުމަށް.  އާދެ! މެދުކެނޑުމެއްނެތި ބޮޑުތަކުރުފާނުގެ ހަނދާންތައް ދަމަހައްޓަމުން އެތަކުރުފާނުގެ ގަނޑުވަރު ރައްކާތެރިކުރަމުން މިހިސާބަށް ގެނެސްދިންކަމަށްޓަކައި މިރަށުގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރާއި ވެދުންތައް އަރިސްކުރަން.

ލޮބުވެތި ރައްޔިތުން. މިއަދު އަޅުގަނޑުމެން މި އިފްތިތާޙްކުރި ނުވަތަ ހުޅުވި ބޮޑު ތަކުރުފާނު ފިލްމަކީ އަންނަންއޮތް  ޖީލުތަކަށްޓަކައި ބޮޑުތަކުރުފާނު ކުރެއްވި މަތިވެރިވެގެންވާ ޖިހާދާއި ޤުރުބާނީތައް ޒަމާނުގެ ވިސްނުންތަކާއި އެއްގޮތަށް ޒަމާނުގެ ލޯތަކަށް ޅަދަރިންނާއި ހަމައަށް އެޖިހާދުގެނެސްދިނުމަށްޓަކައި އަޅުގަނޑުމެން ފެށި ވަރަށް ބޮޑު ޕްރޮޖެކްޓެއް. ނުވަތަ ވަރަށް މުހިންމު މަސައްކަތެއް. އާދެ! އަޅުގަނޑުމެންނާއި އެކުގައި މިމަސައްކަތުގައި އުޅުއްވި ބޭފުޅުނަށް އިޙްސާސް ކުރެވޭނެ ޙަޤީގަތުގައިވެސް ކަން ދިމާކުރިގޮތުން އަޅުގަނޑަށް އެންމެ ފުރަތަމަ ބޮޑުތަކުރުފާނުގެ ވާހަކަ ރަނގަޅަށް ކިޔާލުމާއި ހަމައަށް ދެވުނީ ޖަލުގައި ހުރެގެން. ފަސްފަހަރު އަޅުގަނޑު އެސްޓޯރީ އެއްކޮޅުން އަނެއްކޮޅަށް ކީން. ކޮންމެ ފަހަރަކުމެ ކިޔަމުންދާއިރު އެކުރެއްވި ބޮޑު ޖިހާދުގެ އެވަރުގަދަ ޤުރުބާނީގެ އާވިސްނުންތަކެއް އާ އިޙްސާސްތަކެއް ކުރެވޭ.

ދެންމެ މިތަނުގައި ވާހަކަދެއްކެވި ބޭފުޅުން އެފާހަގަކުރެއްވި ފަދައިން އޭގެ ކޮންމެ ހާދިސާއަކީ އޭގެ ކޮންމެ ކަމަކަށް ނަޒަރު ހިންގާވިސްނާލާއިރު އޭގެއިން ބޮޑެތިވެގެންވާ ޢިބުރަތްތަކެއްލިބި ދީނާއި ޤައުމަށްޓަކައި އަމިއްލައަށް ޤުރުބާންވާންޖެހޭ ކަމުގެ ފުރިހަމަ އިޙްސާސްތައް ރަމްޒުކޮށްދޭ ކިތަންމެ މިސާލުތަކެއް ފެނިގެންދޭ. އާދެ! މިއަދު ވާހަކަ ދެއްކެވި ބޭފުޅުންވިދާޅުވި އެއްޗެއް އަޅުގަނޑުވެސް ކުރިން ވިސްނުމަށް ނައިސްހުރިއެއްޗެއް އެއީ. ބުޅާފާފާތުމާ ކޮނޑަށްލައްވައިގެން ވަޑައިގެންނެވިއިރު އެތަކުރުފާނުގެ ވިސްނުމުގެ ވާހަކަ. ހަޤީގަތުގައިވެސް އެސިފަކުރެއްވީ އެހެންނަމަވެސް އަޅުގަނޑަށް ފާހަގަ ކުރެވިގެންދިޔަ އެންމެ މުހިންމު އެއްކަމަކަށްވެގެން ދިޔައީ މުޅި ޖިހާދުގެ ތެރެއިން މުޙައްމަދު ތަކުރުފާނަކީ މީހުން ބިނާކޮށް އުފެއްދި ބޭފުޅެއް. ވަރަށް ސާފު. ދަންޑެހެލުގެ މައްސަލާގައި ވިދާޅުވީ މީހުންމީހުނަށް ވާނީ މީހުނަށް ހެދީމައޭ. އާދެ! ހަމަޔަޤީން އަޅުގަނޑުމެންގެ މިގައުމުގަ މިރަށުގަ ދަންޑެހެލުފަދަ އެތަށް ދަރިއަކަށް ފުރުޞަތު އެބައޮތް. އެތަށް ދަރިއަކު ނެރުމުގެ ޖާގަ އެބައޮތް. ޤައުމަށްޓަކައި ޤުރުބާންވެ ތައްޔާރުވާންތިބި އެތައް ދަރީންތަކެއް އެބަތިބި އެކަމަކު އެދަރީން ދަރީންނަށް ހަދަންޖެހޭނެ. އުފާކުރަން މިރަށު ސްކޫލުގެ ކެޕްޓަން އެދެއްކެވި ވާހަކަފުޅަށް. އަޅުގަނޑުމެންގެ މިއަދުގެ ހާލަތާއިމެދު ވިސްނާފިކުރުކޮށް  އަޅުގަނޑުމެންގެ ޤައުމާއިގެން ކުރިއަށް ދިއުމަށް މުހިންމު  މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަންޖެހޭ. އަޅުގަނޑުމެންގެ ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް ބިނާކުރަންޖެހޭ.

ލޮބުވެތި ޙުޟޫރުން. އަޅުގަނޑުމެން ދުނިޔޭގެ ކާމިޔާބު ތަކާއި ނަތީޖާ ނެރެފައިވާ މީހުންގެ ވާހަކަތަކާއި އެމީހުންގެ ބަޔޯގްރަފީއާއި އަދި ދުނިޔޭގެ ކާމިޔާބީތައް ނެރުއްވުމުގެ ފަލްސަފާވެރިންގެ ބަސްތަކަށް ބާލާއިރު އެންމެން އެއްބަސްވާ ވަރަށް ބޮޑު ޙަޤީގަތެއްއެބައޮތް. އާދެ! ފުރިހަމަ ބޮޑުކާމިޔާބީއެއް ގެނެވޭނީ އަމިއްލަ ނަފުސުން ވަރަށް ބޮޑު ޤުރުބާނީ ތަކެއްވެގެން. ވަޑައިގެންބައްލަވާ ބޮޑު ތަކުރުފާނުގެ މުޅި ސްޓޯރީއަށް. މަތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމަށްޓަކައި އެވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއަށް ތައްޔާރުވުމަށްޓަކައި އިންސާނަކަށް ވެވަޑައިގެންނެވޭނީ އެހާވަރެއްގެ ޤުރުބާނީއެއް. އާދެ! މިއަދު ވަރަށްގިނަފަހަރު ގިނަވާހަކަތަކުގައި އެކަންކަން ޒިކުރު ކުރެވިގެން ހިގައްޖެ. ކިޔަވާ ވިދާޅުވުމަށް ވަޑައިގެންނެވީކީ ފަހަރެއްގައިވެސް ވަޑައިގަންނަވާ ހިތަކުންނެއްނޫން. ލޮލުން ކަރުނަ އޮއްސަމުން ހިތާމަކުރަމުން ރޮމުން ބައްޕަ ފޮނުވާލީތީ ވަރަށް އުދާސްތަކާއެކުގައި. އެކަމަކު ކުރިއަށް އޮތް ދުވަސްތައް އިހުސާސް ކުރެވޭ. ކުރިއަށް އޮތްތަނުގެ ނާޒުކުކަމާ ނުރައްކާކަން ގަބޫލުކުރެވޭ. އެހެންވެ އެވަޑައިގެންނެވީ. އެނބުރި ވަޑައިގެން މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމަށްޓަކައި ވެވަޑައިގަންނަވާޖެހޭ ބޮޑު ޤުރުބާނީއަށް ތައްޔާރުވުމަށްޓަކައި. އެދުވަސްވަރުގެ ނިސްބަތުންބަލާއިރު 4 އަހަރު ދުވަހުގެ ތެރޭގައި ލިބިވަޑައިގެންނެވި ތަޢުލީމާއި ހޯއްދެވި ތަޖްރިބާއާއި ހުނަރުތަކާއި ގާބިލުކަމަކީ އެންމެ މަތީދަރަޖައިގެ ހުނަރާއި ޤާބިލުކަން. ނެވިކަމާއި ހެވިކަން ދަސްކުރެއްވި އޭގެ އެންމެ މަތީދަރަޖައިގައި ރާއްޖެ ފަޅެއް ކަނޑެއް ކަނޑުއޮޅިއެއް ގިރިއެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ތަނެއްނެތް. އާދެ! މީ އެޒަމާނުގެ ބަހުރުވައިން ބަލާއިރު އެޒަމާނުގެ ހާލަތަށް ބަލައިފިކަމަށްވާނަމަ އަޅުގަނޑުމެންގެ ޖީޕީއެސްއާ އެއްވަރަށް އެދަސްކުރައްވައިގެން ހުންނެވީ. ރޭގަނޑު ކަޅުއަނދިރީގައި ދަންވަރު އެންމެ ގަދަ ވިއްސާރައިގައި. ވިއްސާރާއިގެ ކޮޅިގަނޑާއި ވައިގެ ބާރުމިން ޖައްވުގައި ދުވާވަހުން ވަޒަން ކުރައްވާ. ޖައްވުގެ ވަހުން ވަޒަންކުރައްވާ ކޮޅިގަނޑު އަންނަ ސްޕީޑް. ނަގަންވީ ރިޔާ. ރިޔާ ތިރިކުރަންވި މިންވަރު ޖައްވުގެ ވަހުން ވަޒަންކުރައްވާ. އެހެންވީމަ އެދުވަސްވަރުގެ ގާބިލުކަމާއި ހުނަރަށް ބަލައިފިކަމަށްވާނަމަ ވަރަށް މަތިވެރި ދަރަޖައިގެ ގާބިލުކަމާއި ހުނަރުހުރި.  އާދެ! ވަޑައިގެން ވަރަށް ޕްރެކްޓިކަލް މަސައްކަތްތަކެއް ކުރެއްވި. ވަރަށް ރަނގަޅަށް ދެނެވަޑައިގެންނެވި ކޮބައިތޯ އަދާވާތްތެރިންގެ، ޕޯޗްގީޒުންގެ ބަލިކަށިތަނަކީ، ބަލިކަށި ދިމާއަކީ، އެމީހުން މަސައްކަތްކުރާ ގޮތަކީ، އެމީހުން މަސައްކަތުގައި ގެންގުޅޭ ސްޓްރެޓީޖަކީ. ވަރަށް ރަނގަޅަށް ދިރާސާ ކުރައްވާ ދަސްކުރެއްވި. ރަނގަޅަށް ވަޑައިގެން ބައްލަވާ ބޮޑު ތަކުރުފާނުގެ ތާރީޚަށް. އެބަލައިފިކަމަށްވާނަމަ އަޅުގަނޑުމެންގެ އަސްކަރީ ބޭފުޅުން ދިރާސާ ކުރައްވައިފިކަމަށްވާނަމަ މިޒަމާނުގަވެސް އަޅުގަނޑުމެން ބޭނުންނުކުރާ ލެވަލްއަށް އިންޓެލިޖަންސް ބޭނުންކުރެއްވިކަން އެބައެނގޭ.

އަދިރިއަދިރިން މަރާލިރޭ އޭނަގެ އެންމެ ކައިރީގަހުރީ ދަންޑެހެލުގެ ބެސްޓް ފްރެންޑް. ކީއްކުރަން؟ ތަންމަތިއަޅާ ރާފޮދު އަރުވަން. އެންމެކާރިއަށް ދެވޭނެވަރުތާއެއީ މީހަކަށް. ތަންމަތިއަޅާ ރާފޮދު އަރުވަންހުރީ ދަންޑެހެލުގެ ބެސްޓް ފްރެންޑް ބަރާބަރަށް އިންފޮމޭޝަން އެކްސެސްކުރޭ. މުޅިޖިހާދުގެ ހުރިހާ ކަމެއްގައި ހުރިހާ ދިމާލަކުން ނަންގަވަންޖެހޭ މަޢުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ނަންގަވާ ކޮންމެރެއަކު ކޮންގަޑިއެއްގެ ކޮންތަނަކަށްތޯ އަހައި ހަމަލާދޭނީ ރަނގަޅަށް ބެއްލެވުމަށްފަހު ހަމަލާ ދެއްވަމުން ގެންދެވީ. އެހެންވެ ޕޯޗްގީޒުންގެ ވަރުގަދަ ނާތަކުގެ އަމާޒުތަކުގެ ތެރެއިން ސަލާމަތްވެ ރައްކާތެރިވެގެން ހަމަލާ ދިނުމަށްފަހުގައި ޕޯޗްގީޒުންގެ އެތައްބަޔަކު މަރާލުމަށްފަހުގައި ފަތިސްވާއިރަށް ސަލާމަތުން ވަޑައިގެންނެވުނީ ރަނގަޅަށް އިންޓެލިޖެންސް  އެއްކުރެވިފައިފައި ހުރީމަ. އާދެ! އަޅުގަނޑު ހިތުން އަޅުގަނޑުމެން މިއަދު މިފެށި މަސައްކަތް އަޅުގަނޑު އުއްމީދު ކުރަނީ އިރާދަކުރެއވިއްޔާ  އެހިސާބަށް ގެންދެވޭނެކަމަށް. ރާއްޖޭގެ ޒުވާނުންގެ ލޮލުގެ ކުރިމައްޗަށް ބޮޑުތަކުރުފާނު ކުރެއްވި ޖިހާދު ގެނެސްދެވޭ ހިސާބަށް ސިފަ ކޮށްދިނުމަށް މާތްﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ތަޢުފީޤް ދެއްވައި އެކަން ކާމިޔާބު ކުރެވޭނެ.

ތިޔަހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން މިޕްރޮޖެކްޓަށް އެހީތެރިވުމަށް އަޅުގަނޑު އެދެން. އާދެ! އަޅުގަނޑުހިތުން ދިވެހި ރާއްޖެއަކީ ﷲސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތާއި މަދަދު ލިބިގެންވާ މުސްލިމް ރައްޔިތެއް ނުވަސަތޭކައެއްހާ އަހަރު ނުވަތަ ހާހަކާ ކައިރި ވަރަކަށް އަހަރު  ދެމިތިބި ގައުމެއް. ޚާއްޞަކޮށް އިސްލާމްވިފަހުން  ﷲސުބުޙާނަހޫ ވަތަޢާލާގެ ބަރަކާތާއި ރަޙްމަތުން މިބިން ފުރިގެންވާކަން އިބްނު ބަޠޫޠާގެ ބަސްކޮޅުތަކުން ވަރަށް ރަނގަޅަށް ސިފަވެގެންދޭ.  އިބްނު ބަޠޫޠާ ސިފަކުރައްވަނީ ދިވެހީންނަކީ އަޖާއިބެއްފަދަ ބައެކޭ. އެމީހުންނަކީ ދުނިޔޭގެ އެހެން ގައުމުތަކާއަޅާބަލާއިރު  ހަށިގަނޑުކުޑަ ބަލިކަށި ނާޒުކުގޮތެއްގައި އުފެދިފައިތިބި ބައެކެވެ. އެބައިމީހުންގެ މައްޗަށް އަދާވާތްތެރި ބަޔަކު އަތުވެއްޖެނަމަ އެންމެން މިސްކިތަށް އެއްވެ ދުޢާކޮށްހަދައެވެ.  ﷲސުބުޙާނަހޫ ވަތަޢާލާ އެބައިމީހުންގެ މައްޗަށް ނަޞްރު ދެއްވައެވެ. އާދެ! އަޅުގަނޑުމެން މިތިބީ އެފަދަ އުފާވެރި މިނިވަން ގައުމެއްގެގޮތުގައެވެ. މާދަމާއާއި ހަމައަށް މިގައުމު މިގޮތަށް ގެންގޮސްދިނުމަކީ އަޅުގަނޑުމެން މިޖީލު ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ވާޖިބެއް، މަސްއޫލިއްޔަތެއް. އަޅުގަނޑު ޙަޤީގަތުގައިވެސް ރާއްޖޭގެ ދީނީ ޤައުމީ އަދި ސިޔާސީ މަސައްކަތުގައި ވަރަށް ގިނަ ޕޯޑިއަމްތަކުގައި ހުއްޓިއްޖެ. މިއަދަށްވުރެ އުފާވެރި ހިތްހަމަޖެހޭ ޕޯޑިއަމެއްގައި އަދި ނުހުއްޓޭ. ޝައްކެއްނެތް މިއަދުވެސް އަޅުގަނޑުމެންނާއި ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ މިގޮންޖެހުންތަކުގެ ކުރިމަތީގައި ކާމިޔާބު ހޯދޭނެފަދަ ގާބިލް އެތައް ޒުވާނުންތަކެއް ދިވެހިރާއްޖޭގައި އެބަތިބި. ﷲ ސުބުޙާނަހޫ ވަތަޢާލާ  އެކަމަށް އަޅުގަޑުމެންއެންމެނަށް ތަޢުފީޤް ދެއްވާށި. އަޅުގަނޑު ދުޢާއަކީ  ﷲ ސުބުޙާނަހޫ ވަތަޢާލާ މިދީބު އަބަދުގައި އިސްލާމްދީންމަތީ މިނިވަންކަންމަތީ ލެހެއްޓެވުން. މިޤައުމު ދިފާއުކުރުމުގެ ފުރިހަމަ އަޒުމާއި ހިތްވަރާއި ޤާބިލުކަން އަޅުގަނޑުމެން އެންމެނަށް މިންވަރުކޮށްދެއްވުން. ދިވެހި ޤައުމަކީ އުފާވެރި ހިތްހަމަޖެހޭ އެކުވެރި ޞުލްޙަވެރި ރައްޔިތަކު އުޅޭ ގައުމެއްގެ ގޮތުގައި އަބަދުމެ ލެހެއްޓެވުން. އަޅުގަނޑުމެން އެންމެނަށް މާތްﷲ ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރު ކޮށްދެއްވާށި.

ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.