ގައުމީ ދުވަސް

`

ގައުމީ ދުވަހުގެ ޖަލްސާގައި މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބުދުﷲ ދެއްކެވި ވާހަކަފުޅު

 06)      އޮކްޓޫބަރ 2021)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ދެކަނބަލުން، ދިވެހި ރައްޖޭގެ އުއްތަމަ ފަނޑީޔާރު އަލްއުސްތާޛް މުޢުތަސިމް އަދުނާން،  76 ވަނަ އާއްމު މަޖިލިހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ފޮރިންމިނިސްޓަރ އޮނަރަބްލް ޢަބްދުﷲ ޝާހިދުގެ ދެކަނބަލުން ، ދައުލަތުގެ ވަޒީރުންނާއި އިސްވެރިން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ޤައުމީދުވަހުގެ މިއުފާވެރި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ ބޭރުގެ ޢިއްޒަތްތެރިން، ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ އެންމެހާ ޢިއްޒަތްތެރިން، މަތީދަރަޖަތައް ހޯއްދަވާފައިވާ ބޭފުޅުން، ކީރިތި ޤުރުއާން ހިތުދަސްކުރައްވާފައިވާ ޙާފިޟުން، ޢިއްޒަތްތެރި ހުޟޫރުން، މިޖަލްސާ ދުރާގާތުން ބާއްލަވާ އަދި އަޑުއައްސަވާ އެންމެހާ ލޮބުވެތި ރައްޔިތުން އައްސަލާމުޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

އާދެ! މިފަޚުރުވެރި އުފާވެރި ރޭގެ ފުރަތަމަ ވާޖިބެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ ދިވެހި ރައްޖޭގެ ފަޚްރުވެރި ޤައުމީދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރުމަށް. ޝައްކެއްނެތް ދިވެހި ރައްޖޭގެ ފަޚުރުވެރި ޤައުމީދުވަހާއި ދިމާކޮށް ގައުމަށް ބޮޑެތި ޚިދުމަތް ކުރައްވާފައިވާ އަދި ޚިދުމަތް ކުރައްވަމުންގެންދަވާ ބޭފުޅުންގެ އަގު ވަޒަންކޮށް އެބޭފުޅުންނަށް ޤައުމީ އިނާމު ދެއްވުމަށް މިފަދަ ހަފްލާއެއް ރާއްވަވާ، މިހަފްލާގެ ކަންތައް ވަރަށް ގާތުން ބައްލަވާ، ހުރިހާ އިންތިޒާމުތައް ކުރެއްވުމުގައި އެހީތެރިވެ ވަޑައިގެންދެއްވާ، މިހަފްލާ ޝަރަފްވެރި ކޮށްދެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންދެއްވިކަމީ ޤައުމުގެ ޝަރަފާއި ޢިއްޒަތް ދަމަހައްޓަވައި ގައުމިއްޔަތު ނެގެހެއްޓެވުމަށް އެމަނިކުފާނު ހިތްޕުޅުގައި އުފެދިފައިވާ ލޯބި ވަރަށް ރީތިކޮށް ތަމްސީލުކޮށްދޭ ވަރަށް އަލިގަދަ ދަލީލެއް. އެހެންކަމުން ހިތުގެ އެންމެ އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރަން.

ދުނިޔޭގެ އެންމެ ގިނަޤައުމުތައް ތަމްސީލުކުރާ ބޮޑު ޖަމުޢިއްޔާއެއްކަމުގައިވާ އދ ގެ އާންމު ޖަމުޢިއްޔާގެ ރައީސްކަމުގެ މަގާމަށް ފުރަތަމަފަހަރަށް ދިވެހި އުފަން މުއާތިނަކު އިންތިޚާބުވެވަޑައިގެން މިތާރީޚީ ދަނަޑިވަޅުގައި އެމަނިކުފާނު ރާއްޖެ ވަޑައިގެން ރާއްޖޭގެ ޤައުމީދުވަހުގެ މުނާސަބަތުގައި މިބޭއްވޭ ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްވުމަކި ހުރިހާ ދިވެހީންނަށް ލިބުނު ވަރަށް އުފަލަކާއި ޝަރަފެއް. އެހެންކަމުން ހުރިހާ ދިވެހީންގެ ނަމުގައި މަނިކުފާނަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް އަޅުގަނޑު އަރިސްކުރަން.

ޝައްކެއްނެތް ޤައުމީ އިނާމުތަކެއް ލިބުމާއި ހަމައަށް ޤައުމުގެ ޝަރަފެއް ލިބުމާއި ހަމައަށް ވަޑައިގެންނެވި ބޭފުޅުންނަށް މިވަޑައިގެންނެވުނީ ވަރަށް މަތިވެރި ޤުރުބާނީތަކަކާއި ގިނަމަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން. އާދެ! އެހެންކަމުން މިރޭ ޝަރަފުވެރިކަމުގެ ތަފާތު ދަރަޖަތަކަށް އިނާމުތައް ލިބިވަޑައިގަންނަވާ ބޭފުޅުންނަށް  ހޯމްމިނިސްޓްރީގެ ނަމުގައި ޝުކުރު އަދާކުރަން. އިއްޒަތްތެރި ޙުޟޫރުން އިންސާނުން ދިރިއުޅޭ ކޮންމެ ވަޠަނެއްގައި އެބައެއްގެ ޤައުމު ހިމާޔަތްކޮށް އިސްތިޢުމާރާއި އަޅުވެތިކަމުން ސަލާމަތްވެ މިނިވަންކަމާއި އިސްތިޤްލާލް ރައްކާކުރުމަކީ އިންސާނީ ކަރާމަތާއި އިއްޒަތުއްނަފުސުގެ  އެންމެމަތިވެރި އެއް އަސާސް. އަޅުގަނޑުގެ މިލޮބުވެތި ވަޠަނުގެ ލޮބުވެތި ކާބަފައިންވަނީ މިމަތިވެރި އަސާސް އެންމެ ފުރިހަމަގޮތުގައި ގާއިމުކޮށްދެއްވާފައި.

އިއްޒަތްތެރި ޙުޟޫރުން 1946 ވަނައަހަރު ފުރަތަމަ ފަހަރަށް ޤައުމީދުވަހެއް ފާހަގަ ކުރެވުނުއިރު 1573 ވަނައަހަރުގައި މުޙައްމަދު ތަކުރުފާނު ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވި މިހާދިސާއާއި ދިމާކޮށް ދިވެހި ޤައުމިއްޔަތުގެ ދުވަސް ފާހަގަ ކުރުމަށް ނިންމި ނިންމުމަކީ ދިވެހި ތާރީޚާއި ދިވެހި ޤައުމިޢްޔަތުގައި މިދުވަހުގެ އުޖާލާކަމާއި އަލިކަން އެންމެ ފުރިހަމަގޮތުގައި ފެންނަންއޮތްކަން ރަމްޒުކޮށްދޭ ކަމެއް. 15 އަހަރާއި 06 މަސްދުވަހުގެ އަޅުވެތިކަމަށްފަހު ދިވެހީން މިއަޅުވެތިކަމުން މިންޖުކޮށް އަޅުވެތިކަމުންނެރެ މިހިސާބަށް މިގައުމު ގެނެސްދިނުމަށްޓަކައި އެންމެ ބޮޑު ޤުރުބާނީއެއް ވެގެންދިޔަކަން މިކަމުން އަޅުގަނޑުމެނަށް ރަމްޒުކޮށްދޭ. އެދުވަހު އެބޭފުޅުން ކުރެއްވި ޖިހާދާއި ވެވަޑައިގެންނެވި ޤުރުބާނީއަކީ މިއަދާއި ހަމައަށް މިޤައުމު ގެނެސްދިން އެންމެ މަތިވެރި ރަމްޒު. އާދެ! އެހެންކަމުން ޤައުމީ ދުވަހަކީ ޝަރަފްވެރިކަމާއި ޢިއްޒަތް ލިބިގެންވާ މުހިންމު ދުވަހެއް. ޤައުމެއްގެ ހަޔާތުގައި ބޮޑުވެގެންވާ ދުވަހެއް.

ލޮބުވެތި ރައްޔިތުން ކާބަފައިން އެތަށް ބޮޑު ޤުރުބާނީތަކެއްވެ އަޅުގަނޑުމެންނާއި ހަވާލުކުރި މިމުހިންމު މަސްއޫލިއްޔާތައި އަމާނާތް  އަންނަންއޮތް ޖީލުތަކާއި ހަމައަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ދީނީ އަދި ޤައުމި ވާޖިބެއް.

ލޮބުވެތި ޙުޟޫރުން. ޤައުމީއްޔަތު ހިމާޔަތްކޮށް ސާބިތުކުރުމުގައި މިއަދު ކުރިމަތިލާންޖެހިފައިވާ ގޮންޖެހުމަކީ އެދުވަހު އަޅުގަނޑުމެންގެ ކާބަފައިން ކުރިމަތިލާންޖެހިފައިވާކަހަލަ ގޮންޖެހުންތަކެއްނޫން. ބަވަނަ ވެފައިވާ މިދުނިޔޭގައި މާސްމީޑިއާގެ ކަޅުވިލާތަކުގެ ކުރިމަތީގައި ރާޅުގަދަ ކަނޑުތަކުގެ ތެރެއިން ސަލާމަތްވެ ރައްކާތެރި އައްސޭރިއަކަށް ދިއުމަށްޓަކައި އަޅުގަނޑުމެން މިއަދު ހަރުދަނާ ޖީލެއް ބިނާ ކުރަންޖެހޭ. ދިވެހި ޤައުމިއްޔަތުގެ އެންމެ އަސާސީ ބަހާކާމުގައިވާ މާތްވެގެންވާ އިސްލާމްދީނަށް ޙުރުމަތްތެރިކޮށްހިތާ ދިވެހިބަހަށް ފަރިތަ ދިވެހި ބަހާއި ސަޤާފަތަށް ފަޚުރުވެރިވާ ދަރީންތަކެއް އަޅުގަނޑުމެން ބިނާކުރަންޖެހޭ. ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި އަށަގެންފައިވާ ރީތި އާދަތަކާއި ސިފަތައް ނަގަހައްޓާ ދަމަހައްޓަންޖެހޭ. ބޮޑެތިމީހުންނަށް އިޙްތިރާމްކުރާ ކުޑަކުދީންނަށް އޯގާވެރިވާ މާތް ސިފަތައް އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ކިބައިގައި އުފައްދަންޖެހޭ. ޒަމާނަށްސުރެ ދިވެހީން މަޝްހޫރުވެފއިވާ މެހްމާނުންނަށް ކަމޭހިތުމާއި އަވަށްޓެރިންނަށް ކަމޭހިތުމަކީ އަޅުގަނޑުމެންގެ އެންމެ މަތިވެރި އެއްސިފަ. އާދެ! މިއަދު އެސިފަތައް އަޅުގަނޑުމެން އެންމެ ފުރިހަމަގޮތުގައި ދިރުވާ ކާބަފައިން މިޤައުމަށް ވެވަޑައިގެންނެވިފަދަ ޤުރުބާނީތަކެއް ވުމަށް ތައްޔާރުވެ އަންނަން އޮތް ޖީލުތަކަށް މިޤައުމު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޖީލުގެ އެންމެބޮޑު ވާޖިބުކަމުގައި އަޅުގަނޑުދެކެން.

އަޅުގަނޑުގެ ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މިކުޑަކުޑަ ލޮބުވެތި ޤައުމު އަބަދުމެ މިނިވަންކަމާއި އިސްތިޤްލާލުގެ މަތީ އަމާންކަމާއި ސަލާމަތާއި އޮމާންކަމާއިއެކު ﷲ  ސުބުޙާނަހޫ ވަތަޢާލާ ރައްކާތެރިކަން މިންވަރުކޮށްދެއްވުން. އަޅުގަނޑުމެން އެންމެނަށް ބާއްޖަވެރިކަމާއި އުފާވެރިކަމާއި ފާގަތިކަން މިންވަރުކޮށްދެއްވުން.

 ވައްސަލާމް ޢަލައިކުމް ވަރަހްމަތުﷲ ވަބަރަކާތުހޫ.