ނ. މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުން

`

ނ. މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބުދުﷲ ދެއްކެވި ވާހަކަފުޅު

 (30 އޮގަސްޓް 2021)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ، ޑެޕިއުޓީ ކޮމިޝަނަރ ޕޮލިސް ޢަބުދުލް މައްނާން ޔޫސުފް، ނ. އަތޮޅު ކައުސިލްގެ ރައީސް މުޙައްމަދު ބަޝީރު . މާފަރު ކައުންސިލްގެ ރައީސް ފުލުހުންގެ އެގްޒެކްޓިވް އޮފިސަރުން، ރަށުގެ މުއައްސަސާތަކުގެ އިސްވެރިން އަދި މިހަފްލާގައި ބައިވެރިވެވަޑައިގަންނަވާ އެއްމެހާ ލޮބުވެތި ޢިއްޒަތްތެރިން  އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

އާދެ! މިރޭ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެ ފުރަތަމަ ވަރަށްޚާއްޞަ ޝުކުރެއް މިރަށުގެ ކައުންސިލަށް އަދި ހުރިހާ ރައްޔިތުންނަށް އަރިސްކުރަންޖެހޭ. އަޅުގަނޑުމެންނަށް މިއަދާ މިރޭ ތިބޭފުޅުން އެރުވި މެހްމާންދާރީއަކި އަދި ބެހެއްޓެވި ގާތްކަމާއި މިހަފްލާއަށް ތައްޔާރުވި ތައްޔާރުވުމަކީ މިމުހިންމު މަސައްކަތް މިރަށުގައި ފެށުމަށްޓަކައި ތިޔަބޭފުޅުންގެ ހިތުގައި އުފެދިފައޮތް ލޯއްބާއި ގަދަރާއި އިޙްތިރާމް ވަރަށް ރީތިކޮށް ސިފަކޮށްދިން ކަމެއް. އެހެންކަމުން ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞް ތެރިކަމާއެކު އަޅުގަނޑުމެން މުޅިޓީމުގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް އަރިސްކުރަން.

އާދެ! އިންސާނީ މުޖުތަމެއްގެ ސަލާމަތާ ރައްކާތެރިކަން އަދި މުޖުތަމަޢުގެ ހަމަޖެހުން ކަށަވަރުވެފަތޮމުގެ އެންމެ މަތިވެރި ބަހާއަކީ އެމުޖުތަމައުގެ އެއްބައިވަންތަކަމާއި ބަދަހިކަން. މުޖުތަމައެއްގައި ބަދަހިކަމާއި އެކުވެރިކަމާއި އޯގާވެރިކަން އޮވެއްޖެނަމަ އެމުޖުތަމައަކީ އަމާން ރައްކާތެރި ޞުލްޙަވެރި މުޖުތަމައެއް. އެސަބަބަށްޓަކައި ރައްޖޭގެ ތާރީޚުގައި އަޅުގނަޑުމެންގެ މިކުދި ރަށްތަކަކީ ވަރަށްވެސް ސުލްޙަވެރި ވަރަށްވެސް ކުށްމަދު ވަރަށް އެކުވެރި މުޖުތަމައަކަށް ވެގެންދިޔަ.

އަޅުގަނޑު ހިތުން މިރޭ މިޖަލްސާގައި ރަށުކައުންސިލްގެ ރައީސް އެދެއްކެވި ވާހަކައިގައި އެންމެ ބޮޑަށް އިޝާރާތް ކުރެވިގެން އެދިޔައީ އެއަސްލުގެ މައްޗަށް. އާދެ! މިރަށުގެ ހުރިހާ މުއައްސަސާތައް ގުޅިގެން ކުރާމަސައްކަތަކީ އޭގެ ނަތީޖާއެއްގެ ގޮތުން ރަށުގެ ކުށުގެ މާހައުލު ރަނގަޅުވެ ކުށްމަދުވެ ރަށަކީ ޞުލްޙަވެރިކަމާއެކު އެންމެން އެކުގައި ކުރިއަރާ ތަރައްޤީވެ ފުރިހަމަ ބަދަހި އިޖްތިމާއީ ގުޅުމެއްއޮތް މުޖުތަމައަކަށް ވެގެން ދިއުން. އާދެ! އެހެންވެ އަޅުގަނޑުމެންގެ އިލްމުވެރިން ވިދާޅުވެފައިވޭ. މުޖުތަމައެއްގައި ކުށްކުރާމީހުން މަގުމަތީން  އާއްމުވެ ފެންނަނަމަ 04 މަރުހަލާއެއް ފެއިލް ވެއްޖެކަން ދަންނާށޭ. އާދެ! 04 ދިމާއަކުން ފެއިލް ވެގެންނޭ މުޖުތަމައެއްގައި ކުށްކުރާމީހުން އުޅޭތަން ފެންނާނީ. އެންމެ ފުރަތަމަ ފެށެނީ މުޖުތަމައުގެ އަފްރާދުންގެ އަމިއްލަ  ނަފްސުން. މުޖުތަމައެއް ސަލާމަތާއި ރައްކާތެރިކަމުގައި އޮތުމަށްޓަކައި ކޮންމެ ފަރުދަކު އެފަރުދެއްގެ ޒިންމާ ފުރިހަމައަށް އަދާކުރަންޖެހޭ. އާދެ! ކޮންމެވެސް ހިސާބަކުން ކޮންމެވެސް ގޮތަކުން އެފަރުދުގެ އަމިއްލަހާލަތުން ނެއްޓި އޭނަގެ އަސްލު ވިސްނުމުން އެއްފަރާތްވެގެން ދިއުމުގެ ނަތީޖާއަކަށްވަނީ މުޖުތަމައުގަ ގާއިމުކުރެވިފައި ހުންނަ އުސޫލުތަކާއި ހަމަތަކާއި އެންމެން ބަލައިގަންނަ މިންގަނޑުތަކާއި ޝަރީއަތާއި ގާނޫނު އޭނަ ފަހަނައަޅައިދިއުން.

އާދެ! އެހެންވެ ޢުމަރު ރަޟިޔަﷲ އަންހު ވިދާޅުވެފައިވަނީ "حاسبوا أنفسكم قبل أن تحاسبوا" ތިޔަބައިމީހުން ހިސާބު ބެއްލެވުމުގެ ކުރިން އަމިއްލައަށް ހިސާބު ބަލާށޭ.  މުޖުތަމައުގެ ކޮންމެ ފަރުދަކު އޭނަ އަމިއްލައަށް ރަނގަޅު ވެއްޖެނަމަ ދެން މުޖުތަމައުގައި ކުށެއް އޮންނާނެ ގޮތެއް ނޮއޮންނާނެ. އާދެ! އެ މަރުހަލާ ފެއިލްވެއްޖެނަމަ ދެން އޮތީ އޭނަގެ އާއިލާ އޭނަގެ މައިންބަފައިން އޭނަގެ އެއްބަނޑު މީހުން އެމީހުންގެ މައްޗަށް ލާޒިމުވެގެންވޭ ކޮންމެވެސް ގޮތަކުން އޭނަގެ އަމިއްލަ ހާލަތުންނެއްޓި ޝަރީއަތާއި ގާނޫނާއި އުސޫލުތަކާއި ހަމަތަކުންނެއްޓިއްޖެ ހިނދެއްގައި  އަވަހަށް ސަމާލުވެ އެންމެކާރިން އެކަންދެކެ އެހެންމީހުނާއި ހަމައަށް ދިއުމުގެކުރިން އޭނާއަކީ ހަމަތަކުގައި ހިފެހެއްޓޭ މީހަކަށްވޭތޯ މަސައްކަތް ކުރުމަކީ އާއިލާގެ ބޮޑުވެގެންވާ ޒިންމާއެއް. ކޮންމެވެސް ސަބަބަކާއިހުރެ އާއިލާވެސް ފެއިލް ވެއްޖެ. އާދެ! އެހިސާބުން ދެން އޮންނާނީ އޭނަގެ ވަށައިގެންވާ އަވަށްޓެރިން. އޭނައާއެއްކޮށް ދިރިއުޅޭ މުޖުތަމައު. އެ މުޖުތަމައުގެ އަހުލުވެރިން އެންމެން އެކުވެގެން އެންމެން ބައިވެރިވެގެން އެ ފަރުދު ކުށްތަކުން ސަލާމަތްކޮށް އޭނައަކީ ހެޔޮ މުއާތިނެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރަންޖެހޭ. އާދެ! ކޮންމެވެސް ގޮތަކުން އެކަމުންވެސް ނެއްޓިއްޖެނަމަ ދެން މިއައްނަނީ ނުރައްކާތެރި ހިސާބު. އާދެ! އެއީ ޝަރީއަތާއި ގާނޫނުގެ ތެރެއިން އަދަބު ލިބިގެންދާހިސާބު. އާދެ! މިއީ ހެޔޮލަފާ މުޖުތަމައެއްގެ ތެރޭގައި އޮވެގެންވާނެ ކަމެއްނޫން. އާދެ! އެހެންވެ ރަނގަޅު ޞުލްޙަވެރި މުޖުތަމައަކީ މީހުންނަށް އަދަބު ދޭންޖެހޭ މުޖުތަމައެއްނޫން. ބަންދުކުރަންޖެހޭ މުޖުތަމައެއްނޫން. އަދި ޖަލުތަކުގެ ފަހަތަށް ނުވަތަ ތޭރިތަކުގެ ފަހަތަށް އެމުޖުތަމައުގެ ބޮޑު އަދަދެއްލައިގެން އެކަމަށްޓަކައި ބޮޑެތި ހޭދަތަކެއްކޮށް އެމަށްޓަކައި މައިންބަފައިންނާއި ތިމާގެ މީހުން ކަރުނައަންނަން ޖެހޭކަމެއްނޫން. އެހިސާބަށް ނުގޮސް އަޅުގަނޑުމެންގެ މުޖުތަމައު ސަލާމަތްކުރެވޭނީ އަޅުގަނޑުހިތުން އަޅުގަނޑުމެން އެންމެން އެކުގަ މަސައްކަތްކޮށްގެން. އާދެ! ކޮންމެއަކަސް ދުނިޔެއަށް އަންނަމުންދާބަދަލުތަކަށް މިއަދުގެ ހާލަތު ނިޔާކުރާގޮތުން އަޅުގަނޑުމެންގެ ރާއްޖެއަށްވެސް މިއަދުމިވަނީ މިހާލަތާއި އެއްގޮތަށް ކަންކަން ކުރުން ލާޒިމުވެފައި. އެސަބަބަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ދެއްވާފައިވާ އިރުޝާދަކީ ކުރިއަށްއޮތް 03 އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމުގެ އިރުޝާދު. އާދެ! ވަރަށްވެސް ބޮޑުކަމެއް . އެކަމަށްޓަކައި ވަރަށްބޮޑު ހޭދައެއް ދައުލަތުން ކުރަންޖެހޭ ކަމެއް. އެހެންނަމަވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރައްޔިތުންގެ ހަމަޖެހުން ގާއިމު ކުރުމަށްޓަކައި  އަދި ރައްޔިތުންގެ އިޖުތިމާއީ ގުޅުންތަކާއި އިގްތިޞާދު ސަލާމަތް ކުރުމަށްޓަކައި މިއަދުގެ ހާލަތު ކޮންމެހެން ބޭނުންވާތީވެ އެކަންކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން. އާދެ! މިމަސައްކަތުގައި ކޮމިޝަނަރ އޮފް ޕޮލިސްއާއި ފުލުހުންގެ  މުއައްސަސާގެ ލީޑަރ ޝިޕްގެ ހުރިހާ ބޭފުޅުން އެކުވެގެން ކޮށްދެއްވަމުން އެގެންދަވަނީ ވަރަށްވެސް ބޮޑު މަސައްކަތެއް.  އާދެ! އެހެންކަމުން ފުލުހުންގެ މުޅި ލީޑަރޝިޕަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަނަނަވަން. އާދެ! މިއަދު އަޅުގަނޑުމެންގެ މަސައްކަތް ބައްޓަންކުރަމުން މިދާގޮތުން ސީޕީވެސް ވިދާޅުވިފަދައިން ފުލުހުންގެ ގާނޫނުގައިވެސް މިކަމަށް ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެވިފައިވާތީވެ އަތޮޅުތެރޭގައި ފުލުހުން ގާއިމުވެ ތިބުމުގައި  ޚިދުމަތްދިނުމުގައި ޚާއްޞަ ކުރިއެރުންތަކެއް ހޯދޭތޯ އަލުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވީއްޔާ މިމަހުގެ ތެރޭގައި އަޅުގަނޑުމެން މިހާރު މިޚިދުމަތް ދެމުންދާ ނިޒާމަށް މުހިންމު ބަދަލުތަކެއް ގެނެސް މިހާރު ގާއިމުކުރެވިފައިވާ 7 ޑިވިޝަނުގެ ބަދަލުގައި 5 ރީޖަން ކަނޑައެޅި އެރީޖަންތަކަށް ކޮމާންޑަރުންލެވި އެކޮމާންޑަރުންނަކީ އިތުރުބާރާއި ވަސީލަތްތަކާއި ޚިދުމަތް ދިނުމަތް ފަހިކުރެވިފައިވާ އިސްބޭފުޅުންކަމުގައި ހަމަޖެހިގެންދާނެ. އަޅުގަނޑުހިތުން މިކަމުގެ ނަތީޖާއަކަށްވެގެންދާނީ ރައްޔިތުނަށް ގާތުން ޚިދުމަތް ދިނުމުގައި، ފުލުހުންނަށް ފަސޭހަކަމާއި އަވަސްކަމާއި އެކުގައި ނިންމަންޖެހޭ މުހިންމު ނިންމުންތައް ނިންމާ ކުރިއަށްގެންދަންޖެހޭ މުހިންމު މަސައްކަތްތަކުގައި އެބޭފުޅުން ވަރަށް ހުނަރުވެރިކަމާއި ގާބިލުކަމާއިއެކުގައި ކުރިއަށް ދިއުމުގެ މަގުތަނަވަސް ވެގެން ދިއުން. އަދި ހުރިހާ ކަމެއްގައި މައިއިދާރާގެ މައްޗަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި ކަންކަން އަވަހަށް ނިންމުމުގައި ފަސޭހަތަކެއް ލިބިގެން ދިއުން. އަދި ސްޓޭޝަންތަކުގައި މަސައްކަތް ކުރައްވާ ފުލުހުންނަށްވެސް އެބޭފުޅުން އެކުގައި މަސައްކަތްކުރައްވާ އިސްބޭފުޅުންނާއެކުގައި ކަންކަންއަވަހަށް ނިންމާ ލިބެންވީ ޚިދުމަތްތައް ލިބުމަށް މަގުފަހިވެގެންދިއުން. އާދެ! މީގެ ނަތީޖާއަކަށްވާނީ އިރާދަކުރެއްވިއްޔާ ފުލުހުންގެ ފަރާތުން ރައްޔިތުން އުއްމީދުކުރާ ޚިދުމަތް ރައްޔިތުންނަށް ލިބުމަށް މަގުފަހި ވެގެންދިއުން. އާދެ! ރައްޔިތުންގެ ވަރަށްބޮޑު އުއްމީދެއް ވަރަށް ބޮޑު ޑިމާންޑެއް އެބައޮވޭ ފުލުލުންގެ ޚިދުމަތް އިތުރަށް ފަހިކޮށް ފުޅާކުރުމަށް. މިމަސައްކަތުގައި އަޅުގަނޑު ހަމައެންމެބޮޑަށް މިރޭ އެދިލަންބޭނުންވަނީ ކުރިންވެސް މިދެކެވުނު ވަހާކައަށް އިޝާރާތްވެސްކުރަމުން އާދެ! ކުށެއްހިންގުމުގެ ކުރިން ކުށްހުއްޓުވުމުގެ މަސައްކަތް ކުރަމާހިނގާށޭ. ފުލުހުންނަކީ ކުށްކުރުމަން ފިޔަވަޅުއަޅާ ބަޔަކަށް ވުމުގެ ބަދަލުގައި ކައުންސިލާ ރަށުގެ ހުރިހާ މުއައްސަސާތައް ގުޅިގެންއެކުގައި ޕްރިވެންޝަނަށް ބޮޑެތިމަސައްކަތްތަކެއް ކުރާބަޔަކަށްވަމާ ހިނގާށޭ. އޭރުން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން ގާއިމުވެތިބޭތިބުމުގައި ޞުލްޙަވެރިކަމާއި އުފާވރިކަން ގާއިމުވެ ދިވެހި ރާއްޖެއަކީ އެންމެ ހިތްހަމަޖެހިގެންއުޅޭ ރައްޔިތަކު ދިރިއުޅޭ ތަނަކަށްވާހިނދު މިއަދުވެސް ރާއްޖޭގައި އެހެނިހެން ގައުމުތަކުގެ ރައްޔިތުން އައިސް ހިތްހަމަޖެހުމާއި އުފާވެރިކަމާއި ހަމަހިމޭންކަމުގައި އަޅުގަނޑުމެންނާއި އެކު ވަގުތު ހޭދަކުރާފަދައިން އެކަމަށް މަގުފަހިވެގެން ދިއުމުގެ ފުރުޞަތު އިތުރަށް ބޮޑުވެގެންދާނެ. އާދެ! އޭގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ ތަނަވަސްކަމާއި ތިޔާގިކަން އިތުރުވެ ކުރިއެރުމަށް އިރާދަކުރެއްވިއްޔާ މަގުފަހިވެގެންދާނެ. އާދެ! މިރޭ މިހުޅުވިގެންދާ މާފަރު ސްޓޭޝަންގެ ސަބަބުން އަޅުގަނޑު އުއްމީދުކުރަނީ މިރަށުގެ ޞުލްޙަވެރިކަން އިތުރަށް ފަހިވެ ރަށުގެ އަމާންކަމާއި ރައްކާތެރިކަން ގާއިމުކުރެވި ރަށަކީ އުފާވެރި ހިތްހަމަޖެހޭ ބަދަހި މުޖުތަމައަކަށް ވެގެންދާނެކަމަށް.

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މިމަސައްކަތުގައި ބަރަކާތްލައްވައި އަޅުގަނޑުމެންނަށް ކާމިޔާބު މިންވަރުކޮށްދެއްވައި ދެދުނިޔޭގެ ބާއްޖަވެރިކަން އަޅުގަނޑުމެން އެންމެނަށް ދެއްވާށި. ވަރަށް ބޮޑަށް ޝުކުރިއްޔާ.

 ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ