ނ. މަނަދޫ ޕޮލިސް ސްޓޭޝަންގެ ބިންގާއެޅުމުގެ ރަސްމިއްޔާތު

`

ނ. މަނަދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބުދުﷲ ދެއްކެވި ވާހަކަފުޅު

 (30 އޮގަސްޓް 2021)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ، ޑެޕިއުޓީ ކޮމިޝަނަރ ޕޮލިސް ޢަބުދުލް މައްނާން ޔޫސުފް، ނ. އަތޮޅު ކައުސިލް ގެ ރައީސް މުޙައްމަދު ނަޝީދު. ނ. އަތޮޅު މަނަދޫ ކައުންސިލްގެ ރައީސް ޢަބުދުރަޙްމާން ޞަބީޙް، ކައުންސިލްތަކުގެ މެމްބަރުން، ފުލުހުންގެ އެގްޒެކްޓިވް އޮފިސަރުން، މިރަސްމިއްޔާތަށް ދައުވަތު އެރުވިގެން ވަޑައިގެން ތިއްބެވި މިރަށުގެ މުއައްސަސާތަކުގެ އިސްވެރިން، ވަޑައިގެންތިއްބެވި މިރަށުގެ އެއްމެހާ ލޮބުވެތި ރައްޔިތުން، ނޯތް ޕޮލިސް ކޮމާންޑަރ ޗީފްއިނިސްޕެކްޓަރ އޮފް ޕޮލިސް އިސްމާޢީލް ނަދީމް، މިއަތޮޅުގެ ނޯތްޕޮލިސްގައި މަސައްކަތް ކުރައްވާ ކޮމާންޑަރުން، ނ. މަނަދޫގެ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވާ އެންމެހާ ލޮބުވެތި ފުލުހުން. އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

އާދެ! މިއަދަކީ  ފުލުހުންގެ މިޚިދުމަތުގަ ވަރަށްވެސް އުފާވެރި ދުވަހެއް. ސިފައިންގެ ނުވަތަ އަސްކަރީ ޚިދުމަތުން މަދަނީ ފުލުހުންގެ ޚިދުމަތަކަށް ބަދަލުވިތާ 17 އަހަރު ފުރޭދުވަސް. ހަމައެއާއެކު ފުލުހުންގެ ޚިދުމަތް އިތުރަށް އަތޮޅުތެރޭގައި ފުޅާކޮށް ފުރިހަމަކުރުމަށްޓަކައި  މި އަތޮޅުގައި މުހިންމު ސްޓޭޝަންގެ ބިންގާ އެޅިގެންދާ ދުވަސް. އާދެ! އެހެންކަމުން މިދުވަހުގެ އުފަލުގައި އަދުގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އަދި ފުލުހުންގެ އެގްޒެކްޓިވް މެމްބަރުންނާއި ހުރިހާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ދުވަހުގެ އެންމެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން.

އާދެ! އަޅުގަނޑުމެން މިރަށަށް ޒިޔާރަތްކުރުމުން މިރަށުގެ ލޮބުވެތި ރައްޔިތުން، ކައުންސިލް އިސްވެއޮވެ އަޅުގަނޑުމެންނަށް ތިކިއުއްވި މަރުޙަބާއާއި އަދި މިހަފްލާއަށްޓަކައި ވެވަޑައިގެންފައިވާ ތައްޔާރީއަކީ އަޅުގަނޑުމެންގެ ހިތް އުފަލުން ފޮޅިގެން ދިޔަކަމެއް. އެހެންކަމުން ތިޔަ ހުރިހާ ބޭފޫޅުންނަށް އަޅުގަނޑުމެންގެ މުޅިޓީމުގެ ނަމުގައި ވަރަށް އިޚްލާޞްތެރި ޝުކުރެއް އަރިސްކުރަން.

އާދެ! މިއަދު ފުލުހުންނަށް 17 އަހަރު ފުރިގެންދާދުވަހު އަޅުގަނޑުމެން އަމާޒު މިހިފަނީ ފުލުހުންގެ މި މުއައްސަސާއަކީ ޤާނޫނީގޮތުން ފުރާ ފުރިހަމަވެ ޤާނޫނީ ތަސައްރަފް ފުރިގެންދާއިރު ފުލުހުންގެ މުއައްސަސާއަކީ 21 ވަނަ ގަރުނުގެ ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދީ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަންލިބި ރައްޔިތުންގެ ފުރިހަމަ ލޯބިލިބިގެންވާ މުއައްސަސާއަކަށް މިމުއައްސަސާ ހެދުމަށް ސަރުކާރުން  ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. ފުލުހުންގެ އާ ޤާނޫނެއް ވުޖޫދު ކުރެވިއްޖެ. އޭގެ ދަށުން ހެދިގެންދިޔަ ޤާނޫނުތައް ހެދިއްޖެ. އަތޮޅުތެރޭގައި ފުލުހުން އިންތިޒާމުވާގޮތް އިތުރަށް ތަރުތީބު ކުރެވިއްޖެ. ފުލުހުންނަށް ފުރިހަމަ ތަމްރީނާއި ތަޢުލީމް ލިބިގެންދާނެ ގޮތުގެ މަސައްކަތްތައް އަމުނާއެކުލެވި ހަރުދަނާ ނިޒާމެއްގެ ތެރެއަށް ފައްތާފުރިހަމަކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. ފުލުހުންގެ ރޭންކްތަކަށް ކުރިއަށް ވުރެބޮޑަށް ބަދަލުތައްގެނެވި މަސައްކަތް ކުރުމުގައި ޗޭން އޮފް ކޮމާންޑަށް އިތުރަށް ހަރުދަނާކަން ލިބިގެންދާނެގޮތަށް ތަރުތީބުކުރެވިގެންދިއުމުން ފުލުހުން ރައްޔިތުންނަށް ޖަވާބުދާރީވާނެ. ދައުލަތަށް ޖާވބުދާރީކުރެވޭނެ  ރަނގަޅުނިޒާމާއި އޮނިގަޑުތައް  އެކުލެވިގެންހިގައްޖެ. ފުލުހުންގެ ޚިދުމަތަކީވެސް ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ރައްޔިތުންނާއެކުގަ މަސައްކަތް ކުރަންޖެހޭ  މުއައްސަސާއެއްކަމަށް ސަރުކާރުން ގަބޫލުކުރާތީ އެގޮތަށް މުއައްސަސާ ބައްޓަން ކުރުމުގެ މުހިންމުމަސައްކަތްތަކެއް ކުރެވިގެން ހިގައްޖެ. އަޅުގަނޑު މިއަދު ހުރިހާ ލޮބުވެތި ފުލުހުންގެ އަރިހުން އެންމެ ބޮޑަށް އެދެން ބޭނުންވާ އެއްކަމަކީ އާދެ! ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ ފުރިހަމަ ލޯއްބާއި އިތުބާރާއި އިޙްތިރާމު ހޯދުމަށްޓަކައި ސަރުކާރުންކުރާ މަސައްކަތުގައި ގެންނަންޖެހޭ މުހިއްމުބަދަލުތައް ވަރަށް ލޯއްބާއި އިޙްތިރާމާއިއެކު ބަލައިގަންނަ މުއައްސަސާއަކަށް ބަލައިގަންނަ އޮފިސަރުންނަށް ތިބޭފުޅުން ވެވަޑައިގެންދެއްވާށޭ.  އާދެ! އޭގެ ނަތީޖާއެއްގެގޮތުން އަޅުގަނޑުމެންގެ މުއައްސަސާއަށް އިތުރަށް ކުރިއެރުމާއި ކާމިޔާބު ލިބިގެންދާނެ. އާދެ! މިމުއައްސަސާއަކީ ރައްޔިތުން އެދޭފަދަ މުއައްސަސާއަކަށް ވެގެންދާނެ. މީވަރަށްބޮޑު ވަރަށްބުރަ މަސައްކަތެއް. ފުލުހުންގެ ޚިދުމަތުގައި މިއަދުވެސް އަޅުގަނޑުހިތުން އެއްމުއައްސަސާގައި އެންމެގިނަ ގާބިލު މުއައްޒަފުން ތިބި މުއައްސަސާއަކަށް ވެގެންދާނެ ފުލުހުންގެ މުއައްސަސާ. އާދެ! މިމުއައްސަސާގައި ތިއްބެވި ގާބިލް ބޭފުޅުން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތްތައް އިތުރަށް ރައްޔިތުންނަށް އެނގި ހާމަވެ އެކަން ފުރިހަމަވެންދިއުމަކީ އަޅުގަނޑުހިތުން މި މުއައްސަސާއަށް ލިބިގެންދާ ލޯއްބާއި އިޙްތިރާމް އިތުރަށް ބޮޑުވެގެންދާނެކަމެއް. އާދެ! އެކަމަށް އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންޖެހޭނެ. އަޅުގަނޑު މިއަދު ލޮބުވެތި ރައްޔިތުންގެ ކިބައިން އެދެންއެންމެ ބޭނުންވާ އެއްކަމަކީ ދިވެހި ފުލުހުންނަކީވެސް ހަމަ އަޅުގަނޑުމެން ދިވެހީންގެތެރޭގައި  ދިވެހީންގެ ކިބައިން ދިވެހި އާއިލާތަކުން  އުފެދިފައިވާ މުއައްސަސާއެއް. އެހެންކަމުން ދިވެހިންގެ ތެރޭގައި ހުރިބައެއް އާދަތަކާއި ބައެއްކަހަލަ ސިފަތައް، މުއައްސަސާގައިކުރެވޭ ތަމްރީންތަކާއި ދެވޭހުނަރުތަކުންވެސް ކަނޑާނުލެވިގެންދާ ނުވަތަ ކެނޑިގެންނުދާ އޮފިސަރަކު ފަހަރުގައި ހުރެދާނެ. އޭގެ ތެރެއިން އެންމެ އޮފިސަރަކު ނުވަތަ ދެ އޮފިސަރަކު ކުރާކަމަކުން މުޅި މުއައްސަސާ ބަދުނާމުވެ މުއައްސަސާގެ ރީތިނަން ގެއްލިގެންދާ އެއްވެސްކަމެއް ނުކުރުމަށް އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންނަށް ގޮވާލަން.

އާދެ! ފުލުހުންގެ މުއައްސަސާގެ ލިޑަރޝިޕާއި އަދި އަތޮޅުތެރޭގެ ފުލުހުން ގުޅިގެން މިކުރެވޭ މަސައްކަތަކީ ރައްޔިތުންނަށްޓަކައި ކުރެވޭ ވަރަށް ބޮޑެތި މަސައްކަތްތަކެއް. ވަރަށް ގާބިލް މަސައްކަތްތަކެއް. ވަރަށް ގިނަ ވަގުތު ހޭދަކުރެވިގެން ވަރަށް ގިނަ ވިސްނުންތަކެއް ވިސްނައިގެން ބުރަ މަސައްކަތްކޮށްގެން ކުރެވޭކަމެއް. އެހެންކަމުން އެ މުއައްސަސާ ކުރިއަރައިގެން ދިއުމަކީ ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިގެންދާ ކުރިއެރުމެއް. ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ މުއައްސަސާއެއް. އެކަން އެގޮތުގަ ދެނެތިބެގެން ގަބޫލުކޮށްގެން މިމުއައްސަސާ އަބަދުވެސް ފަޚުރުވެރިކަމާއެކު ދެމިއޮންނަގޮތަށް މުއައްސަސާއަށް ރީތިނަން ލިބޭގޮތަށް ރައްޔިތުން މަސައްކަތް ކޮށްދިނުމަކީ އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދޭކަމެއް.

އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން މި ސަރުކާރުން ދަނީ ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން. ޚާއްޞަކޮށް އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ފުރިހަމަކޮށް، ދެވޭޚިދުމަތް އިތުރުކުރުމަށްޓަކައި ވަރަށް ގިނަކަންކަން ރޭވިގެންދޭ. އެގޮތުން ފުލުހުންގެ މުޅި ޚިދުމަތަށް ވޭތުވެދިޔަ 86 އަހަރުތެރޭގައި ނުކުރެވޭފަދަ ބޮޑެތި މަސައްކަތްތަކެއް މިސަރުކަރުން ކުރަމުން ގެންދާކަމީ ފެންނަންއޮތް ވަރަށް ސާފު ޙަޤީގަތެއް. އާދެ! އަޅުގަނޑު އެންމެބޮޑަށް އިޝާރާތްކޮށްލަން މިބޭނުންވަނީ މިއަދު އަތޮޅުތެރޭގައި 42 ރަށަށްވުރެ ގިނަރަށުގައި ސްޓޭޝަންތައް އެޅުމަށް ތައްޔާރުވަމުންދާ ދިއުމަކީ އަތޮޅުތެރޭގައި ފުލުހުންދޭ ޚިދުމަތް  އިތުރަށް ވަރުގަދަ ކުރުމަށްޓަކައި މިސަރުކާރުންކުރާ ވަރަށް ބޮޑުމަސައްކަތެއް.

އާދެ! މިއަދު ފުލުހުން އަތޮޅުތެރޭގެ ފަސް ރިޖަންގައި އެތުރި އެމުނިގެންދާއިރު މިސްޓޭޝަންތަކާއެކުގައި ވަސީލަތްތައް ގާއިމުކުރެވި ފުލުހުން ޚިދުމަތް ދިނުމަކީ އަޅުގަނޑުހިތުން ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން އަދި ކޮމިޝަނަރ އޮފް ޕޮލިސްވެސް އިޝާރާތްކުރެއްވި ފަދައިން އިޤްތިޞާދީ މަސައްކަތްތައް ޓޫރިޒަމާއި އެހެނިހެންވެސް އިޤްތިޞާދީ ދުވެލި ހަރުދަނާކުރުމަށްޓަކައި ކުރެވޭ މަސައްކަތް ހިމާޔަތް ކުރުމަށްޓަކައިދެވޭ ވަރަށް ބޮޑުޚިދުމަތެއް. އާދެ! އެހެންކަމުން މިސަރުކާރުން މިކުރައްވާ މަސައްކަތުގައި ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނާއި ފުލުހުންގެ ޚިދުމަތްދޭ ހުރިހާ އޮފިސަރުން އެއްކޮށް ގުޅިގެން މިމަސައްކަތް ކުރެވިއްޖެނަމަ އަޅުގަނޑު ހިތުން ފެނިގެންދާނީ ވަރަށް އުޖާލާ މުސްތަގުބަލެއް. އަޅުގަނޑުގެ އުއްމީދަކީ ފުލުހުންގެ މުއައްސަސާއކީ ރައްޔިތުން އެންމެ ލޯބިވާ އެންމެ އިތުބާރުކުރާ  އެންމެ އިޙްތިރާމްކުރާ މުއައްސަސާއެއްކަމުގައިވުމަށް.  އަދި އެމުއައްސަސާގެ ފަތާރުން ރައްޔިތުންނަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުވެގެންދިއުން. އާދެ! މި އުއްމީދާއެކު އަޅުގަނޑުމެން މިއަހަރު ފެށި މަސައްކަތް އިރާދަކުރެއްވިއްޔާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ދެންމެ ކޮމިޝަނަރ އޮފް ޕޮލިސް އިޢުލާންކުރެއްވި އެވޯޑްވެސް އަޅުގަނޑުމެން އަތޮޅުތެރޭގައި ތަޢާރަފް ކުރާނަން. އާދެ! މިމަހުން ފެށިގެން އަޅުގަނޑުމެން އަތޮޅުތެރޭގައި ކައުންސިލްތަކާއި ފުލުހުންނާއި ގުޅިގެން ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭ. އެކަމަށްޓަކައި ހެދެންޖެހޭ ގަވާއިދުތަކާއި އެކުލަވާލަންޖެހޭ އޮނިގަނޑުތައް އެންމެން އެކުގައި ގުޅިގެން މަޝްވަރާކޮށްގެން އޮނިގަނޑު އެކުލަވާލުމަށް އިރާދަކުރެއްވިއްޔާ މިހަމުގެތެރޭގައި މަސައްކަތްކުރާނެ. މިކަމުގައި އަތޮޅުކައުންސިލާއި ރަށުކައުންސިލްތަކާއި ފުލުހުންނާއި އެލްޖީއާއި އެންމެން އެކުގައި ކުރެވިގެންދާ މަސައްކަތްތަކީ  ރަށްރަށުގެ ރައްކާތެރިކަމާއި ސަލާމަތަށް އިތުރުފުރިހަމަކަމެއް ގެނެސްދޭނޭކަމެއްކަން އަޅުގަނޑު ޔަގީންކުރަން.

އާދެ އެހެންކަމުން އަޅުގަނޑުގެ ދުޢާއަކީ ﷲ ޞުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ބަރަކާތްލައްވާ، އަމާން އޮމާން ވެއްޓެއް ގާއިމުވެ އަޅުގަނޑުމެންނަކީ އެކުވެރި ލޮބުވެތިބައެއްކަމުގައި ﷲ ޞުބުޙާނަހޫ ވަތަޢާލާ މިންވަރުކޮށްދެއްވުން. އަޅުގަނޑުމެނަށް ދެދުނިޔޭގެ ކާމިޔާބުތައް މިންވަރުކޮށްދެއްވުން ވަރަށް ބޮޑަށް ޝުކުރިއްޔާ .

ވައްސަލާމުއަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.