ަައއ. ތޮއްޑޫ ޕޮލިސް ޕޯސްޓް ހުޅުވުން

`

 އއ. ތޮއްޑޫ ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢިމްރާން ޢަބުދުﷲ ދެއްކެވި ވާހަކަފުޅު

 (05 އޭޕްރީލް 2021)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

 

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބުދުލް މައްނާން ޔޫސުފް ، ފުލުހުންގެ އެގްޒެކްޓިވް ބޯޑުގެ މެމްބަރުން، އަތޮޅުކައުންސިލްގެ ރައީސް އަޙްމަދު ޝަފީޤް، ތޮއްޑޫކައުންސިލްގެ ރައީސާ ޚަދީޖާ ނީޝާ، އަތޮޅުކައުންސިލާއި ރަށު ކައުންސިލްގެ ނައިބު ރައީސުން ، ރަށުގެ މުއައްސަސާތަކުގެ އިސްވެރިން އަދި ޙާޟިރުވެވަޑައިގެން ތިއްބެއްވި އެއްމެހާ ބޭފުޅުން  އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

އާދެ! އަޅުގަނަޑު ގަބޫލުކުރާގޮތުގައި މިއަދަކީ ތޮއްޑޫގެ ތާރީޚުގެ ޞަފްޙާތަކުގެ ތެރެއިން ވަރަށް މުހިންމު ޞަފްހާއެއް ހުޅިވިގެންދާ ދުވަހެއް. ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު މަސައްކަތްތަކެއް ހިނގަމުންމިދާ ރަށުގައި ފުލުހުންގެ ޚިދުމަތް ފެށިގެން ދިއުމަކީ އެމަސައްކަތްތަކަށާއި ރައްޔިތުންނަށް އަމާންކަން ކަށަވަރުވެގެން ދިއުމަށް އެޅިގެންދާ ހަރުދަނާ ފިޔަވަޅެއް.

އާދެ! ފުލުހުންގެ ޤާނޫނު 34/2020 ފެށިގެންދިޔައިރު ފުލުހުންގެ ޚިދުމަތަށް ގެނައުމަށް ވިސްނިފައިވާ އެންމެބޮޑު އެއްބަދަލަކީ ފުލުހުންގެ ޚިދުމަތް ލާމަރުކަޒީކޮށް ފޯރުކޮށްދިނުމުގެ ވިސްނުން. މިފަލްސަފާގެ ތެރެއިން ޚިދުމަތް ފެށިގެންމިދަނީ. ކޮންމެ ރައްޔިތަކައްމެ އެރައްޔިތަކު ހުރިތަނަކުން ، ކޮންމެ ވިޔަފާރިއެއް އެވިޔަފާރިއެއް ހުރިތަނަކުން ، ކޮންމެ ދަނޑަކަށް އެދަނޑެއްއޮތް ބިމަކުން ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި. އާދެ! ދައުލަތުގެ މައްޗަށް ރައްޔިތުންނާއި ރައްޔިތުންގެ މުދަލާއި ޚިދުމަތްތަކުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުން ލާޒިމްކޮށްފައި ވުމުގެ ނަތީޖާއަކަށްވަނީ ޚާއްޞަކޮށް މިސަރުކާރުން އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށް ބޮޑެތި މަސައްކަތްތަކެއްކޮށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުން. ދެންމެ ކޮމިޝަނަރ އޮފް ޕޮލިސް އެވިދާޅުވި ފަދައިން އަތޮޅުތެރޭގައި މިއިން ދުވަހަކު ގާއިމުކުރެވިފައިނުވާ ވަރަށް ފުލުހުންގެ އިންފްރާސްޓްރަކްޗަރ ބިލްޑް ކުރުމަށް މިކުރެވޭ މަސައްކަތަކީ ސަރުކާރުން އަތޮޅުތެރޭގައި ފުލުހުންޚިދުމަތް ހަރުދަނާ ކުރުމަށް އިސްކަން ދެވިފައިވާ މިންވަރު ހާމަކޮށްދޭކަމެއް. އާދެ! އެހެންކަމުން އަޅުގަނޑު ގަބޫލުކުރަނީ އިރާދަކުރެއްވިއްޔާ މި ޕްރޮޖެކްޓް ނިމިގެންދާއިރު ރައްޔިތުންނަށް އެރައްޔިތަކު ހުރިރަށަކުން ޚިދުމަތް ކަށަވަރުވެގެންދާނެކަމަށް.

ރައްޔިތުންގެ ސަލާމަތަށް ރައްޔިތުންގެ އަމާންކަމަށް ރައްޔިތުންގެ ޞުލްޙަވެރިކަމަށް ފުލުހުންގެ ފަރާތުން ލިބެންޖެހޭ ފުރިހަމަ ޚިދުމަތް ކާރިން އަވަހަށް ލިބިގެންދާނެގޮތަށް ކަންކަން ބައްޓަން ކުރެވިގެންދާނެކަމަށް އަޅުގަނޑު އުއްމީދުކުރަން. ކޮމިޝަނަރވެސް އިޝާރާތްކުރެއްވިފަދައިން އަދި ކައުންސިލަރ ވެސް އިޝާރާތް ކުރެއްވިފަދައިން މިރަށަކީ ފުޅާދާއިރާއެއްގައި ގެސްޓްހައުސްގެ  ޚިދުމަތް ދެވެމުން ދާރަށަކަށްވެފައި އަދި ދަނޑުވެރިކަމުގެ ތާރީޚެއްއޮތް ރަށަކަށްވާއިރު މިރަށުގެ ދަނޑުވެރިކަމަށާއި ޓޫރިޒަމްގެ ޚިދުމަތަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރާއި އަދި ޚާއްޞަކޮށް ފުލުހުންގެ މުއައްސަސާގެ މައްޗަށްއޮތް ވަރަށްބޮޑު ޒިންމާއެއް. މިޒިންމާ ފުރިހަމަކުރުމަށްޓަކައި ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި ފުލުހުންގެ ލީޑަރޝިޕްން ކުރަމުން އައި މަސައްކަތް އަޅުގަނޑު ގާތުން ދުށިން. އެބޭފުޅުންނާއި އެއްކޮށް މަސައްކަތް ކުރެވި، މިކަންރަސްމީކޮށް ފެށުމުގެ ކުރިންވެސް މިޚިދުމަތް މިރަށުގައި ގާއިމުކުރެވިފައިވުމީ ދެންމެ ކައުންސިލްގެ ރައީސާ ވިދާޅުވިފަދައިން އެކުގައި ކުރެވެމުން އައި މަސައްކަތުގެ ނަތީޖާ. އާދެ! މިއަދު މިރަށުގައި ޕޮލިސްޕޯސްޓެއް ރަސްމީކޮށް އިފްތިތާޙް ކުރުމުން މި ޚިދުމަތް އިތުރަށް ފުޅާވެ ހަރުދަނާވެ ރަސްމީކޮށް ޚިދުމަތް ދިނުމުގެ ވަސީލަތްތައް ގާއިމުކުރުން ފެށިގެންދާނެ. އަދި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އަތޮޅުތެރޭގައި  ގާއިމުކުރެވޭ ސްޓޭޝަންތައް ގާއިމުކުރުމުގެ ތެރެއިން  މިރަށުގައި އެވަސީލަތް ގާއިމުކުރެވިގެން ދާހިނދު މިރަށަށް، ރަށުގެ ރައްޔިތުންނަށް، ރަށުގެ މަސައްކަތް ތެރިންނަށް އެކަމުގެ އިހުސާސް ފުރިހަމަކުރެވިގެންދާނެކަމީ އަޅުގަނޑު ޔަގީން ކުރާކަމެއް އާދެ! ރަށުގެ ވެށިއަމާންކޮށް ރައްކާތެރިކުރުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ ފުލުހުންންނާއެކުގައި ރައްޔިތުން ބައިވެރިވެ މަސައްކަތް ކުރުން. ޚާއްޞަކޮށް ރަށުގެ ތަފާތު މުއައްސަސާތަކާއެކުގައި ފުލުހުންހިންގާ ޕްރޮގްރާމުތަކަކީ ރަށުގެ ރައްޔިތުން ހޭލުންތެރިވެ ރަށުގެ ވެށި އަމާންވެ ކުށްތަކުން ސަލާމަތް ވުމަށް މަގުފަހިވެގެންދާނެކަމެއް.

އާދެ! މިފަދަ ޕްރޮގްރާމުތައް އެންގޭޖްމަންޓްތައް ބޮޑުކުރެވިގެންދާނެ ގޮތަށް ފުލުހުންގެ މަސައްކަތް ބައްޓަން ކުރުމަށްޓަކައި ލޯކަލްގަވަންޓް އޮތޯރިޓީ އާއެކުގައި މިހާރު މިދަނީ މަޝްވަރާކުރެވެމުން. އަދި ފުލުހުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދު ހެދިގެން ދާއިރު ފުލުހުންނާއި ކައުންސިލްތަކާއެކުގައި މަސައްކަތް ކުރާނެ އޮނިގަނޑެއް  ކަނޑައެޅިގެންދާނެ. އެޢީ ފުލުހުންނާއި ކައުންސިލާއި ގުޅިގެން ރައްޔިތުންގެ އަމާންކަން ކަށަވަރުކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއްކަމުގައި އަޅުގަނޑު ގަބޫލުކުރަން. އާދެ! މިއަދު ގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ވިސްނުންގެންގުޅޭހިނދު ފުލުހުންގެ މަސައްކަތްވެސް ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ބައްޓަން ވެގެންދާއިރު އަތޮޅުތެރޭގައި ޚިދުމަތް ދެއްވަން ތިއްބަވާ އިސް ކޮމާންޑަރުންނަކީ މުއައްސަސާގެ އެންމެ އިސްސަފުގައި ގުނާލެވޭ ބޭފުޅުންކަމުގައި ވެގެންދާނެ. މިބަދަލާއެކުގައި ރަށްރަށުން ދެވޭ ޚިދުމަތަށް ބޮޑު ކުރިއެރުމެއްއައިސް މަސައްކަތުގެ ފެންވަރު ކުރިއަރައިގެން ދާދިއުމަކީ އަޅުގަނޑުމެން އުއްމީދުކުރާގޮތް. އަދި އެދޭގޮތް. މިކަމަށްޓަކައި ފުލުހުންގެ ލީޑަރޝިޕުން ވަމުން އަންނަ ތައްޔާރީތައް ސަރުކާރުން ވަރަށް ބޮޑަށް ބަލައިގަންނަން . އެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ތާއީދާއި އެއްބާރުލެއްވުން އެބޭފުޅުންނަށް ވާނީ އަރުވާފައި. އަދި ކުރިއަށް މިއޮތް 3 އަހަރު ދުވަހުގެ ތެރޭގައި ރައްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަށް ވަނީ އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައި.  އާދެ! މީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު ހުރިގޮތް ވަރަށް ސާފުކޮށް ހާމަކޮށްދޭކަމެއް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިތިބީ ކޮމިޓްމަންޓްގައި ފުލުހުން މިދަނީ އެކަމަށް މަސައްކަތް ކުރަމުން ހުރިހާ ސަރުކާގެ ވަސީލަތްތައް އިރާދަކުރެއްވިއްޔާ އެކަމަށް ތަނަވަސް ކޮށްދެވޭނެ. އޭރުން އަޅުގަނޑުމެން ދިވެހިން ތާރީޚުގައި ފާހަގަ ކުރެވެމުން އައިފަދަ ވަރަސް ވެސް ޚުލްޤު ހެޔޮ ރިވެތި އަޚްލާގު ހުރި އަމާން ޞުލްހަވެރި އެކުވެރި އެއްބައިވަންތަބަޔަކަށް ދިވެހީންގެ ކަންކަން ހަމަޖެހިގެންދާނެ. މި ވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި ދެންމެ ބައެއްބެފުޅުން އިޝާރާތް ކުރެއްވި ފަދައިން ޚާއްޞަކޮށް މަސްތުވާތަކެތީގެ ސަބަބުން މިރަށް ރަށައް އައިސްފައިމިވާ ނުތަނަވަސް ކަމާއި ރަށުގެ ވެއްޓަށް އައިސްފައިވާ ބަދަލުން ރަށުގެ ވެށި ސަލާމަތް ކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުށް މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ޚާއްޞަކޮށް މަސްތުވާތަކެތިން ދިވެހިރާއްޖެ ސަލާމަތް ކުރުމަށްޓަކައި ފުލުހުންކޮށްފައިވާ މަސައްކަތްތަކަކީ ފާހަގަ ކޮށްލެވޭ ވަރުގެ ޝުކުރު ޙައްގު މަސައްކަތްތަކެއް. އެހެންކަމުން މި ދަނޑިވަޅުގައި ފުލުހުންގެ ހުރިހާ ޚިދުމަތްތައް ފާހަގަކުރުމާއެކުވެސް ޚާއްޞަކޮށް މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި ފުލުހުން ކުރައްވާ މަސައްކަތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞް ތެރިކަމާއެކު މުޅިމުއައްސަސާއަށް ޚާއްޞަކޮށް ޅީޑަރޝިޕަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

އާދެ! ހުރިހާ ބޭފުޅުން ވިދާޅުވިފަދައިން އަޅުގަނޑުމެނަށް މިއަދު މިހިސާބަށް މިއާދެވުނީ މިރަށުގެ ކައުންސިލާއި ރައްޔިތުންނާއި މިއަތޮޅުގެ މަސައްކަތް ކުރައްވާ ފުލުހުންނާއި ހުރިހާ އެންމެން އެކުގަ ގުޅިގެން ކުރި މަސައްކަތުން. މިތަން މިވަނީ ވަރަށް ފުރިހަމަގޮތަކަށް ތައްޔާރު ކުރެވިފައި. މިޕެންޑަމިކްގެ ދަތި ވަގުތުގައިވެސް މި އިންތިޒާމުމިގޮތަށް ކުރެވިގެންދިއުމަކީ ހަމަވަރަށް ބޮޑެތި މަސައްކަތްތަކުގެ ނަތީޖާ. އެހެންކަމުން މިކަމުގައި އެހީ ތެރިވެ ދެއްވި ހުރިހާ ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އާދެ! ކޮމިޝަނަރވެސް ވިދާޅުވިފަދައިން ރޯދަމަސް މިވަނީ ވަރަށް ކާރިވެފައި. އަޅުގަނޑުމެން ރޯދަމަހަށް ތައްޔާރުވެ އަދި މިރަށަކީ ވަކިން ޚައްޞަކޮށް ރޯދަމަހަށް  ތައްޔާރުވާރަށެއް. އަޅުގަނޑުމެންނަށް މިރަށުން މަރުޙަބާ ކީވެސް ތައްޔާރީ ތަކާއެކުގައި. އާދެ! އެހެންކަމުން ރޯދަމަހުގެ ދުވަސްތައް އަޅުގަނޑުމެންނާއި ބާއްޖަވެރިކަމާއި އުފާވެރިކަމާއި ހިތްހަމަޖެހުމާއި ރަހްމަތާއި ބަރަކާތުގެ ދުވަސްތަކެއްގެ ގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރުކޮށްދެއްވުން އެދި ދުޢާކުރާ ހާލު އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން سبحانك اللهم وبحمدك أشهد أن لا إله إلا أنت أستغفرك و أتوب إليك

ވައްސަލާމުޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.