އއ. އަތޮޅުގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފެށުން

`

 އއ. އަތޮޅުގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢިމްރާން ޢަބުދުﷲ ދެއްކެވި ވާހަކަފުޅު

 (04 އޭޕްރީލް 2021)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

 

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބުދުލް މައްނާން ޔޫސުފް ، ފުލުހުންގެ އެގްޒެކްޓިވް ބޯޑުގެ މެމްބަރުން، ފުލުހުންގެއިސް އޮފިސަރުން، އަތޮޅުކައުންސިލްގެ ރައީސް، ރަށުކައުންސިލްގެ ރައީސް، މިރަށުގެ މުއައްސަސާތަކުގެ އިސްވެރިން ، ރަށުގެ ލޮބުވެތި ރައްޔިތުން  އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

އާދެ! މި ހިތްފަސޭހަ ހަވީރުގައި އަޅުގަނޑުމެންނަށް މިފެށޭ މަސައްކަތަކީ އަޅުގަނޑުހިތުން  29 މާރިޗް 1933 ގައި، 120 ފުލުހުންނާއެކު ފެށުނު މަސައްކަތް ތަރައްޤީވެ ކުރިއަރާ ފުރިހަމަވަމުން އައިސް އަޅުގަނޑުމެންގެ ފުލުހުންގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޚާއްޞަކޮށް ފުލުހުންގެ ޚިދުމަތް ފުރިހަމަކުރުމުގެ ތެރެއިން ފެށިގެންދާ މުހިންމު ޕްރޮޖެކްޓެއް. އާދެ! މިމުހިންމު މަސައްކަތް ފެށުމުގައި ފުލުހުންގެ ކޮމިޝަނަރއިން ފެށިގެން އިސްހުރިހާ ލެވެލްއެއްގައި އަދި ފުލުހުންގެ އެހެނިހެން ރޭންކްތައްވެސް ހިމެނިގެންގޮސް މިއަދު މިތައްޔާރީތަކާއެކުގައި ފެށިގެންދާދިއުމަކީ އަޅުގަނޑުހިތުން އަޅުގަނޑުމެންގެ މިޚިދުމަތަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް.  އެހެންކަމުން މިޕްރޮގްރާމް ފެށުމަށް ރަށުގެ ރައްޔިތުންނާއި ކައުންސިލާއި ފުލުހުންގެ މުއައްސަސާއާއެކުގައި ވެވުނު ތައްޔާރީއަށްޓަކައި ހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް އިޚްލާޞްތެރިކަމާއިއެކު ޝުކުރު ރައްދުކުރަން.

އާދެ! ޝައްކެތްނެތް އިންސާނީ މުޖުތަމައެއްގެ ތެރޭގައި އެންމެ މުހިއްމު އެއް ޙައްގެއްގެ ގޮތުގައި އިންސާނާއަށް ލިބިދޭންޖެހޭ ޙައްޤަކީ ރައްކާތެރިކަން. އާދެ! އިސްލާމްދީނުގެ ވަރަށް މަތިވެރި އުސޫލެއްއެއީ. އިންސާނީ މުޖުތަމަޢެއްގައި ދިރިއުޅޭ އެއްވެސް ފަރުދަކު އެފަރުދެއްގެ ކިބައިން އެއްވެސް މިހަކަށް ގެއްލުމެއް ދީގެންނުވާނެ އަދި އެއްވެސް މީހަކު އޭނައަށް ގެއްލުމެއް ލިބިގަނެގެންވެސްނުވާނެ. އާދެ! އަޅުގަނަޑު ވިސްނާލުމުން މިއަދު މިފެށޭ ޚިދުމަތް ވަރަށް ފުރިހަމައަށް ރަމްޒުކޮށްދެނީ މިއަސާސް. އިސްލާމްދީނުގެ ފިޤުޙުގެ އެންމެ އުސޫލީ 13 އަސާސްގެ ތެރެއިން އެއްގާއިދާ އެއީ ލާޟަރަރަ ވަލާޟިރާރު. އެއްވެސް މީހަކަށް ގެއްލުމެއް ނުވެސްދޭނެ.  އަދި ތިމާއަށް ގެއްލުމެއް ނުވެސް ލިބިގައްނާށެވެ. އާދެ! މިއީ ފުލުހުންކުރާކަމަކީ . އެހެންވެ އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިބުނަނީ ފުރިހަމަ އަމާން ރައްކާތެރި އިސްލާމީ މުޖުތަމައެއްކަމަށް ބެލެވޭނީ  އެމުޖުތަމަޢުގެ ކޮންމެ މީހަކީ ފުލުހެއްކަމަށްވެގެން.  މާނައަކީ ކުށަކަށް އަރައިގަތުމަށް ނުވަތަ ކުށެއް އުފެދުމަށް އެމުޖުތަމަޢުގެ ޖާގަ ނެތެވެ. އާދެ! މީ އަޅުގަނޑުމެންގެ ކާބަފައިންގެ ތާރީޚް. އަޅުގަނޑުމެންގެ ރަށްތަށް އުފެދިފައޮތްގޮތް. އަޅުގަނޑުމެން ދަތުރުކުރަމުން އައިދަތުރު. އެހެންނަމަވެސް މިއަދު ދުނިޔެއަށް އައިސްފައިވާ ބަދަލުތަކާއެކުގައި  ރާއްޖެވެސް ބަވަނަވެފައިވާ ދުނިޔެއެއްގައި ދަތުރުކުރަމުންދާއިރު އެކި ދިމަދިމާއިން އަންނަ ކަޅުވިލާތަކުގެ ހިތި ވާރޭގެއަސަރު އަޅުގަނދުމެންނަށްވެސް އެކިގޮތްގޮތަށް ފޯރާ. ދެންމެ ކަމިޝަނަރ އޮފް ޕޮލިސްވެސް އިޝާރާތް ކުރެއްވިފަދައިން. މީގެ ގާތްގަނޑަކަށް ސާޅީހަކަށް ފަންސާހަކަށް އަހަރު ކުރީގައި ރާއްޖޭ ރަށްރަށުގައި ނުދަންނަ ބާވަތެއް އާދެ! މަސްތުވާތަކެތީގެ ބާވަތެއް މި ކުދި ރަށްރަށުގައިވެސް އެކިގޮތްގޮތަށް ފެތުރުމުގެ ނަތީޖާއެއްގެ ގޮތުން ކުދިކުދި ވައްކަމާއި މާރާމާރީއާއި އެނޫންވެސް ކުށްތަށް ފެށިގެންއައިސް އަޅުގަނޑުމެންނަށް މިއަދު މިވަނީ އަޅުގަނޑުމެންގެ ކުދި މުޖުތަމަޢުތައް ސަލާމަތާއި ރައްކާތެރިކަމުގައި ބޭއްވުމަށްޓަކައި ފުލުހުންގެ ފަރާތުން ދެވޭ ޚިދުމަތް އާއުސްމިނަކަށް ދަތުރުކުރަން ޖެހިފައި.  އާދެ! އެގޮތުން މިއަދު ނޭބަރހޫޑް ޕޮލިސް ނުވަތަ އަވަށްޓެރި ފުލުހުންގެ ޚިދުމަތް މިއަތޮޅުގައި ފެށި އެޚިދުމަތް އިތުރައް ތަޢާރަފް ކުރެވި މުޅި ކޮމިއުނިޓީއާއެކުގައި ޚިދުމަތް ދެވެން ފެށުމުން އެއީ އަޅުގަނޑުހިތުން މިހުރިހާ މައްސަލަތަކަށް ބޮޑު ފަރުވާއެއްގެނެސްދޭނެ  އުޖާލާއަލިކަމަކަށް އަޅުގަނޑުމެނަށް މަގުދައްކައިދޭނެގޮތެއް. އާދެ! މިޚިދުމަތުގެ އެންމެބޮޑު އެއްއަސާސަކީ މުޖުތަމަޢު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުން. ފުލުހުންގެ ޓްރޭނިންގ ހައްދަވައިގެން ތިއްބަވާ ބޭފުޅުންނާއެކުގައި މުޖުތަމަޢުގެ ހުރިހާ ފަންތިތަކެއް އެކުގައި މަސައްކަތް ކުރާނެ ނިޒާމެއް އެކުލެވިގެންދިއުން.

އާދެ! ކުށެއް ހިނގުމުގެ ކުރިން ނުވަތަ ކުށެއް ކުށަކަށް ވުމުގެކުރިން ކުށުގެ އަސްލުދަނެގަނެ އެނައްތާލުމަށްޓަކައި މަސައްކަތް ކުރުން. އެދިމާއަށް މިކުރެވޭ ދަތުރުގައި ކައުންސިލާއި ސުކޫލާއި ހެލްތްސެންޓަރާއި ރަށުގަހުރި އެހެން މުއައްސަސާތަކާއި ފުލުހުންގެ ޕޯސްޓްކަމުގައިވިއަސް ނުވަތަ ރަށްރަށުގެ ލެވެލްގައި ސްޓޭޝަންކަމުގައިވިއަސް އަތޮޅުސްޓޭޝަން ކަމުގައިވިއަސް އަދި ރީޖަނަލް ކޮމާންޑަރުންކަމުގައިވިއަސް މިއެންމެން އެކުގައި ގުޅިގެން ކުރެވޭ މަސައްކަތުން އަންނާނެ ނަތީޖާއަކީ މިޚިދުމަތަކީ އާދެ! ރައްކާތެރިކަމާއި ސަލާމަތަކީ އެންމެން އެކުގައި ގުޅިގެން ކުރާކަމެއްކަން ކަށަވަރުވުން. އަޅުގަނަޑު ހިތުން ދެންމެ ފަށަމުންވެސް އަތޮޅުކޮމާންޑަރު ވިދާޅުވިފަދައިން މިމޮޑެލްއަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ތަޖުރިބާކުރެވި އަދި ރާއްޖޭގައިވެސް ފެށި ތަޖުރިބާތަކެއް ކުރެވެމުން އަންނަ މިއަދު އަޅުގަނޑުމެންގެ އަތޮޅުތަކުގައި ފެށި އަލަށް ތަޖުރިބާ ކުރެވޭ މަސައްކަތެއް. އެހެންކަމުން މިއުފާވެރި ނުވަތަ މުހިންމު މަސައްކަތްފެށިގެންދާއިރު  މިރަށުން ފެށިގެންދިއުމަކީ އަޅުގަނަޑުހިތުން އަޅުގަނަޑުމެންނަށް ލިބޭ އިތުރު ހިތްހަމަޖެހުމެއް. އާދެ! އަޅުގަނަޑުވެސް މިމަސައްކަތާއި ހަވާލުވިފަހުންވެސް މިރަށުގައި ދެ ޕްރޮގްރާމެއްގައި ބައިވެރިވެއްޖެއިން. މިރަށުގެ ރައްޔިތުންނަކީ ވަރަސްވެސް ތަރައްޤީއާއި ކުރިއެރުމަށް ލޯބިކުރާ ތަހުޒީބަށްއެދި އަބަދު އެކަމުގައި ވަރަށް ހިތްވަރާއެކު ގުޅިގެން އެކުގައި މަސައްކަތްކުރާ މުޖުތަމައެއް. އަދި ފުދުންތެރިކަމާއި އިޤްތިޞާދީ ތަނަވަސްކަމަށްވެސް މަސައްކަތްކުރާބައެއް. އާދެ! މިމަސައްކަތުން އަޅުގަނޑުހިތުން އަޅުގަނޑުމެން މިއަދު މިއަޅާ ބިންގަލުން އަޅުގަނޑުމެންގެ ރަށުގެ ކުރިއެރުމާއި ތަރައްޤީއާއި އިޤްތިޞާދަށްވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ. ރަށުގެ ޞުލްޙަވެރިކަމާއި އަމާންކަން ކަށަވަރުވި މިންވަރެއް އެއީ ފާގަތިކަމާއި އިޤްތިޞާދަށް ލިބިގެންދާނެ ކުރިއެރުން. މިހުރިހާކަމެއް އެކުއެކުގައި ކުރިއަރައިގެންދިއުން އެއީ އަޅުގަނޑުމެން އެދޭއެދުން. އެއީ އަޅުގަނޑުމެންގެ އަމާޒު އަޅުގަނޑުމެން ކުރާ މަސައްކަތް. މިމަސައްކަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތްލައްވާ އަޅުގަނޑުމެންގެ މިޕްރޮޖެކްޓް ކާމިޔާބުކުރުމަށް ހެޔޮތަޢުފީޤް މިންވަރުކޮށްދެއްވާށި. ކުރިއަށްއޮތް ރަމަޟާންމަހުގެ ބަރަކާތާއި ހެޔޮރަޙްމަތް އަޅުގަނަޑުމެން އެންމެނަށްލައްވައި، ދެދުނިޔޭގެ ބާއްޖަވެރިކަން އަޅުގަނޑުމެން އެންމެނަށް މިންވަރުކޮށްދެއްވާށި. ވަރަށް ބޮޑަށް ޝުކުރިއްޔާ. ވައްސަލާމުޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.