އދ. އޮމަދޫ ޕޮލިސް ޕޯސްޓް ހުޅުވުން

`

 އދ. އޮމަދޫ ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބުދުﷲ ދެއްކެވި ވާހަކަފުޅު

 (04 އޭޕްރީލް 2021)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

 

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބުދުލް މައްނާން ޔޫސުފް ، ފުލުހުންގެ އެގްޒެކްޓިވް ބޯޑުގެ މެމްބަރުން، އަތޮޅުކައުންސިލްގެ ރައީސް، ރަށުކައުންސިލްގެ ރައީސް، ކައުންސިލް މެމްބަރުން، މިރަށުގެ އިދާރާތަކުގެ އިސްވެރިން، ރަށުގެ ލޮބުވެތި ރައްޔިތުން އަދި މިއަތޮޅުގެ އެކިރަށްރަށުން ވަޑައިގެންތިއްބެވި ފުލުހުންގެ އޮފިސަރުން އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

އާދެ! މިރަށުގަ ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި މި ދަތިވަގުތުގައި އަޅުގަނޑުމެނަށް ކިއުއްވި މަރުހަބާއާއި ބެހެއްޓެވި ގާތްކަމަށްޓަކައި ރަށުކައުންސިލްގެ މެމްބަރުންނަށާއި ރަށުގެހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުމެން މުޅިޓީމުގެ ފަރާތުން ވަރަށް އިޚްލާޞްތެރި ޝުކުރެއް އަރިސްކުރަން. މިފަދަ ދަތި ދަނޑިވަޅެއްގައި މިހާފުރިހަމަކޮށް އިންތިޒާމު ކުރެވިގެން މި ހަފްލާ ބޭއްވިގެން ދިއުމަކީ އަޅުގަނޑުހިތުން މިކަން ރައްޔިތުންނާޢި، ކައުންސިލާއި އަދި ފުލުހުންނާއި އެކުގައި ކުރެވުނު މަސައްކަތުގެ ނަތީޖާކަން އަޅުގަނޑު ގަބޫލުކުރަން.

އާދެ! ކޮމިޝަނަރ އޮފް ޕޮލިސްވެސް ވިދާޅުވިފަދައިން ރަށެއްގެ ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި ކުރެވޭ މަސައްކަތް ފުރިހަމަވެގެންދާނީ ފުލުހުންނާއި ރަށުގެ ރައްޔިތުން އެކުގަ ގުޅިގެން މަސައްކަތް ކުރުމުން. އާދެ! ކުރިއަށް މިއޮތް ދުވަސްތަކުގައި މިޚިދުމަތް ފުޅާކުރެވި ރަށުގެ ޞުލްޙައާއި އަމާންކަން ގާއިމު ކުރުމަށް އިތުރަށް ފުރުޞަތު ލިބިގެންދާނީ އިތުރަށް މަސައްކަތް ކުރެވިގެން. އަޅުގަނޑުހިތުން މިރަށަކީ ވަރަށް ޞުލްޙަވެރި، އަމާން، ކުށްމަދު ރަށެއް. ކުރިއަށް މިއޮތް ދުވަސްތަކުގައި އަންނަންއޮތް ޗެލެންޖްތަކަށް ކުރިމަތިލުމަށްޓަކައި އަޅުގަނޑުމެން އެކުގައިވާތައްޔާރީ ތަކަކީ އަޅުގަނޑުހިތުން އަޅުގަނޑުމެން އެންމެންގެ މުސްތަގުބަލަށް އެޅިގެންދާނެ ހަރުދަނާ ފިޔަވަޅެއް. ފުލުހުންގެ ޚިދުމަތް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުންވަނީ ވަރަށް އިސްކަމެއް ދެއްވާފައި. އެގޮތުން އެނގިވަޑައިގަންނަވާނެ ފަދައިން މިދިޔަމަހުގެ 27 ވަނަދުވަހު ފުލުހުންގެ އާޤާނޫނަށް އަމަލުކުރަން ފެށިގެންދިއުމަކީ ފުލުހުންގެ މުއައްސަސާއަށާއި ރައްޔިތުންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމެއް. ސަރުކާރުންކުރާ މަސައްކަތައް ލިބުނު ބޮޑުކުރިއެރުމެއް. އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިޚިދުމަތް ފުޅާކުރުމަށްޓަކައި މިއެޅުނު ބިންގަލުގެ މައްޗަށް އަތޮޅުތެރޭގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުންވަނީ ވަރަށްބޮޑު އަމާޒެއް ހިފާފައި. އާދެ! މިމަސައްކަތް ފުރިހަމަކޮށްދެއްވުމުގައި  ފުޅުހުންގެ އިސްވެރިން، ޚާއްޞަކޮށް ކޮމިޝަނަރ އޮފް ޕޮލިސްއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިހުންގެ ގޮތުގައި ތިއްބެވި ދެބޭފުޅުންނަށާއި މުޅިއެގްޒެކްޓިވް ޓީމް ސަރުކާރާއި އެކުގައި ކުރައްވާ މަސައްކަތަކީ އަޅުގަނޑުމެނަށް އަތޮޅުތެރޭގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ވަރަށް މުހިންމު ވަސީލަތެއް.

އާދެ! ރައީސުލްޖުމްހޫރިއްޔާވަނީ އަޅުގަނޑުމެނަށް ވަރަށް ވަރުގަދަ އަމާޒެއް ދެއްވާފައި . ކުރިއަށްއޮތް 3 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ވަރަށްވެސް ބޮޑު ޒިންމާއެއް. ވަރަށް ބުރަ މަސައްކަތެއް. މިމަސައްކަތް ކުރެވިގެންދާނީ ފުލުހުންގެ އެންމެ އިސްސަފުންފެށިގެން ހުރިހާ އޮފިސަރުންގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކުގައި. އަލަށް ރެކްރޫޓް ކުރެވިގެންއަންނަ ފުލުހުންނަކީ، ފުރިހަމަ ތަމްރީނާއި ހުނަރު ލިބުމަށް ތައްޔާރުވެގެން ތިއްބެއްވި އޮފިސރުން ކަމުގައި ވެގެން . އެކަމުގައި ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތް ކުރެވޭބައެއްކަމަށްވެގެން. އަތޮޅުތެރޭގެ ވެށިއެކުލެވިގެންވަނީ ވަރަށް އަމާން ޞުލްޙަވެރި ވެއްޓެއްގެ ގޮތުގައި. ނަމަވެސް ދާދި ފަހުން އަންނަންފެށި ބައެއް ބަދަލުތަކާއެކު ޚާއްޞަކޮށް މަސްތުވާތަކެތި ވަރަށް ފުޅާދާއިރާއެއްގައި ފެތުރި އެކަމާގުޅިގެން އުފެދިގެންއައި ކުށްތަކަކީ ރަށްރަށުން ފެނުމަށް ރައްޔިތުން ނޭދޭކަންކަން ކަމުގައިވީނަމަވެސް ކޮންމެވެސް ވަރަކަށް އެކަންކަން މިދަނީ ފެންނަމުން. އެކަމުގައި ފުލުހުންކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ލިބުމަކީ ވަރަށްވެސް މުހިންމުކަމެއް. ޚާއްޞަކޮށް މިއަދު ލާމަރުކަޒީ އުސޫލުތައް ހަމަޖެހިގެންދާގޮތުން ކައުންސިލްތަކުން ފުލުހުންނަށް ދެވޭ އެއްބާރުލުމަކީ ރަށުގެ ކުށުގެ ވެށިހަމަޖެހި އަމާން ޞުލްޙަވެރި ވެއްޓަކަށް ވުމަށްޓަކައި ވަރަށް މުހިންމު ކަމެއް.

އާދެ! އަޅުގަނޑުހިތުން ކުރިއަށް މިއޮތް މަދުދުވަސްތަކެއްގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފުލުހުންނާއި ކައުންސިލްތަކާއި އެކުގައި ގުޅިގެން މަސައްކަތްކުރާނެ އޮނިގަނޑުތައް،  އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ހަމަޖެހިގެންދާނެ. އަދި އެމަސައްކަތުގައި ލޯކަލް ގަވަރަމަންޓް އޮތޯރިޓީއާއި އަދި ކައުންސިލްތަކާއި ފުލުހުންނާއި އެކުގައި މަޝްވަރާކުރެވި އުފެދިގެންދާ ގަވާއިދުތަކަކީ ރަށުގެ އަމާން ވެއްޓަކަށް މަގުފަހި ކުރުމަށް އެންމެ މުހިންމު އެއްކަންތައް.

އާދެ! ކޮމިޝަނަރ އޮފް ޕޮލިސްވެސް އިޝާރާތް ކުރެއްވި ފަދައިން ކުރިއަށް މިއޮތް ރަމަޟާން މަހުގެ އުފާވެރި ދުވަސްތަކާއި ބައްދަލުކުރާއިރު ރައްޔިތުންނަށް ލިބިގެންދާ ހިތްހަމަޖެހުމާއި އުފާވެރިކަން އިތުރުކުރުމަށްޓަކައި ވެށި ޞުލްޙަވެރި އަމާން ވެއްޓަކަށް ހެދުމަކީ މުހިންމުކަމެއް. އެހެންކަމުން ރަށުގެ ތެރެއިން ފާހަގަކުރެވެންހުރި ކުށްތަކަށް މަގުފަހިކުރާނެ ހުރިހާ ދޮރުތައް ބަންދުކޮށް ނުވަތަ އެފަދަކަންކަމުން ދުރުހެލިވުމަށްޓަކައި އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުންނާއި ކައުންސިލްތަކާއި އެކުވެގެން އެޅުމުގެ މަސައްކަތް ތަރުތީބު ކުރަންޖެހޭ. އާދެ! ރޯދަމަހުގައި އެއްވެސް ނުތަނަވަސްކަމެއް ހިތްދަތިކަމެއްނެތި ޞުލްޙަވެރިކަމާއި އެކުގައި ރަށުގެ ކަންކަން ހަމަޖެހިގެންދާނެގޮތަށް ތަރުތީބުވުމަކީ އަޅުގަނޑުމެން އެދޭކަމެއް. އެނގިވަޑައިގަންނަވާނެ ފަދައިން މިކުދިރަށްތަކުގައި އިޤްތިސާދު ބިނާވެފައިވަނީ މަސްވެރިކަމާއި އަދި ޓޫރިޒަމާއި ދަނޑުވެރިކަމުގެ މައްޗަށް. މިކަންކަމަށް މަގުފަހިވެގެން ދިއުމުގައިވެސް  ރަށުގެ ޞުލްޙަވެރިކަމަކީ މުހިންމުކަމެއް. ރަށުން އުފެއްދޭތަކެތި ރައްކާތެރިކޮށް ސަލާމަތްކުރުމަކީ ވަރަށްވެސް މުހިއްމުކަމެއް. ރަށުގަ އޮންނަ އެކުވެރިކަމާއި ބަދަހިކަން އޮވެގެންމެނުވީ ބައެއްފަހަރު ރަށުގަ އުފެދިގެންދާ ތަކެއްޗަށް ގެއްލުންލިބި އެތަކެތީގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފޭފަދަ ހާލަތްތަކަށް މެދުވެރިވެގެންއާދޭ. އާދެ! މިކަމަކީ ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުން މިކަމުގައި ހުރިކަމެއް. އަޅުގަނޑު ގަބޫލުކުރަނީ ފުލުހުންނާއިއެކުގައި ކައުންސިލުން ރަނަގަޅު ޕްލޭނެއް ހެދި މަސައްކަތް ކުރެވިއްޖެކަމަށްވާނަމަ އުފެދިގެން އަންނަ ޒުވާނުންނާއި އަދި ރަށުގެ ދިރިއުޅޭ އެހެން ފަރާތްތަކާއެކުގައި މިމައްސަލަތަކަށް ހައްލުގެނައުމަށް މަގުފަހިވެގެންދާނެގޮތަކަށް ކަންކަން ތަރުތީބު ކުރެވޭނެކަމަށް. މިއަދު ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވިގެން ދިއުމުން އަޅުގަނޑު ގަބޫލުކުރާގޮތުގައި މިޚިދުމަތް އިތުރަށް ހަރުދަނާ ކުރެވި އަވަސްކަމާއެކު ޚިދުމަތްދެވޭނެގޮތަކަށް މަގުފަހިކުރެވިގެންދާނެ. އަދި އަތޮޅުތެރޭގެ ހަރަކާތްތައް އަވަސްވެ މިއަތޮޅުން ލިބެންޖެހޭ ޚިދުމަތްތަކުގައި އަވަސްކަމާއެކުގައި މުއާމަލާތުކުރެވޭނެ މަގުތައް އިރާދަކުރެއްވިއްޔާ ފަހިވެގެންދާނެ. އާދެ! މިކަމަކީ އަޅުގަނޑުމެން ޚިދުމަތް އިތުރަށް ފުޅާކުރުމަށް ކޮންމެހެން ބޭނުން ކަމެއްކަމުގައި އަޅުގަނޑު ގަބޫލުކުރަން.

އާދެ! ފުލުހުންގެ އިސްވެރިންނާއި އެކުގައި މިރަށްށް އާދެވި މިމަސައްކަތް ކުރެވިގެންދިއުމަކީ އަޅުގަނޑުހިތުން އަޅުގަނޑުމެން އެންމެނަށް ލިބިގެންދާ ބޮޑު އުފަލެއް މިއުފަލުގައި މިފަދަ ހާލަތެއްގައި ގިނަބަޔަކަށް ބައިވެރި ނުވެވުނުކަމުގައިވިޔަސް އަޅުގަނަޑު ގަބޫލުކުރަނީ ރައްޔިތުންގެ ވަރަށް ފުރިހަމަ ތާއީދަކާއި އެއްބާރުލުމަކާއެކުގައި އަޅުގަނޑުމެންނަށް މިމަސައްކަތް ކުރެވިގެންދާނެކަމަށް. އެހެންކަމުން ރަށުގެ ހުރިހާ ރައްޔިތުންނަށް އަދިވެސް އެއްފަހަރު ޝުކުރުއަދާކުރަމުން އަޅުގަނަޑުގެ ވާހަކަކޮޅު ނިންމާލާނަން. سبحانك اللهم وبحمدك أشهد أن لا إله إلا أنت أستغفرك و أتوب إليك

ވައްސަލާމުޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.