ވ. ކެޔޮދޫ ޕޮލިސް ޕޯސްޓް ހުޅުވުން

`

 ވ. ކެޔޮދޫ ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބުދުﷲ ދެއްކެވި ވާހަކަފުޅު

 (28 ޖެނުއަރީ 2021)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

 

މިނިސްޓަރ އޮފް ފޮރިންއެފެއާޒް ޢަބުދުﷲ ޝާހިދު ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ،ރައްޔިތުންގެ މަޖިލިހުގެ ކެޔޮދޫ ދާއިރާގެ މެމްބަރު ޙުސެއިން ޤާސިމް، ކެޔޮދޫ ކައުންސިލްގެ ރައީސް އަޙްމަދު ޔޫސުފް، ފުލުހުންގެ އިސް އޮފިސަރުން އަދި މިރަށުގެ ލޮބުވެތި ރައްޔިތުން. އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ. އަޅުގަނޑު ހިތަށް އަރަނީ މިޕޮލިސް ޕޯސްޓް މިހުޅުވެނީ 2020 ވަނަ އަހރުގެ ފެބްރުއަރީ މަހުގައޭ. އަޅުގަނޑުމެން މިކަމަށް ތައްޔާރުވީ އެގޮތަށް. އަޅުގަނޑުމެން އެތާރީޚުތައް އެގޮތަށް ދެމުންއައީ. އަދި މިތާރީޚުތައް ދެވެމުންއައިސް މިއަދާހަމައަށް އާދެވުނިއިރު ޙަޤީގަތުގައިވެސް ތިޔަ ހުރިހާ ބޭފުޅުންނެކޭ އެއްފަދައިން އަޅުގަނޑު އެންމެ އުފާވާކަމަކީ އެދުވަހު މިހަފްލާގައި ބއިވެރިވުމަށް އަޅުގަނޑުމެން ކަނޑައެޅި އެންމެން މިހަފްލާގައި ބައިވެރިވެފައިތިބީތީ. އާދެ! އެހެންކަމުން ވަރަށް ޚާއްޞަކޮށް އަޅުގަނޑުމެންގެ ޚާރިޖީ ވަޒީރަށާއި މިދާއިރާގެ މެންބަރަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު އަރިސް ކުރަން.

ޝައްކެއްނެއް މިހިސާބަށް މިމަސައްކަތް ގެނެވުނީ ރަށުކައުންސިލްގެ ރައީސާއި ކައުންސިލްގެ އިސްބޭފުޅުންގެ ވަރަށް ހީވާގި މިންނެތް މަސައްކަތުން. އާދެ! މިކަމުގައި ދާއިރާގެ މެންބަރާއި ކައުންސިލްގެ ބޭފުޅުންނާއި ރައްޔިތުންނާއި ދެންމެ ކައުންސިލްގެ ރައީސް ވިދާޅުވިފަދައިން  ރަށުގެ މުއައްސަސާތަކާއި ރަށުގެ އިޤްތިޞާދީ މަސައްކަތްކުރާ ހުރިހާ ބައިވެރިން އެކުގައި ގުޅިގެން މިހިސާބަށް މިކަން ގެނައުމުން އަޅުގަނޑުމެނަށް ދައްކާދެނީ ރަށުގެ ހުރިހާ ރައްޔިތުން މިކަމަށް އިންތިޒާރުކޮށް އުއްމީދުކޮށް ތިބި މިންވަރު. އަދި ފުލުހުންގެ ޚިދުމަތް ލިބުމުގައި މުހިއްމުކަން ދެވިފައިވާ މިންވަރު. އާދެ! އަޅުގަނޑު ގަބޫލުކުރަނީ މިއަދުގެ މި ޕޮލިސް ޕޯސްޓް ހުޅުވިގެން ދިއުމުން ރައްޔިތުން އުއްމީދުކުރާފަދަ ޚިދުމަތެއް ފުލުހުންގެ ފަރާތުން ލިބިގެން ދިއުމަށް.  

އާދެ! މީ ބޮޑު ޒިންމާއެއް މުހިންމުކަމެއް. އެކަމަށްޓަކައި ފުލުހުންގެ މުއައްސަސާ އިސްކޮށް ހިންގަވަން ތިއްބެވި ބޭފުޅުން މިއަދު ވަރަށް ހަރުދަނާކަމާއެކު ތަރުތީބު ކުރައްވަމުން ގެންދަވާކަމެއް.  އާދެ ! ދެންމެ ކަމިޝަނަރ ވިދާޅުވިހެން އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން މިއަހަރު މިފެށިގެންދިޔަ އެންމެ ފުރަތަމަ ޕޯސްޓާއެކު އަޅުގަނޑު އުއްމީދު ކުރަނީ މިއަހަރު ނިމިގެންދާއިރު ﷲގެ ރަޙްމަތާއެކުގައި މަދުވެގެން ދިހަވަރަކަށް ސްޓޭޝަން ހުޅުވިގެންދާނެކަމަށް.

 އާދެ! މީ އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ދިނުމަށް  ފުލުހުންގެ މުއައްސަސާގެ އިސްވެރިން ސަރުކާރާއެކުގައި ގުޅިގެން ކުރަމުންދާ މަސައްކަތުގެ ނަތީޖާ. ޝައްކެއްނެތް. މިތާގައި މިތިއްބެވި ބޭފުޅުންގެ ކުޑައިރުގެ ދުވަސްތަކާއި މިއަދުގެ ރަށްރަށުގެ ހާލަތާއި ކުށުގެ ވެށި ވަރަށްބޮޑަށް ތަފާތު ވެއްޖެ. އެހެންކަމުން ކޮންމެ ރަށެއްގައިވެސް ފުލުހުން ގާއިމުވެތިބެ ކާރިން ޚިދުމަތް ދިނުމަކީ ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއްކަމަށް މިއަދު ސަރުކާރު ގަބޫލުކުރޭ. އެސިޔާސަތުގެ ދަށުން ޚިދުމަތް ފުޅާކުރަމުން އަޅުގަނޑުމެން މިދަނީ.  ސަރުކާރުންވަނީ އެކަމަށް ވަރަށްބޮޑު އިސްކަމެއްދީފައި.

އާދެ! ރައްޔިތުންގެ އުފާވެރިކަމާއި ހިތްހަމަޖެހުމާއި އަމާންކަން ކަށަވަރުވުންއޮތީ ހަޤީގަތުގައިވެސް ރައޔިތުންނަށް ވަރަށް މުހިންމު ދެކަމެއް ލިބިގެން. އާދެ! އެކަމަށް ކީރިތި ޤުރުއާނުން ވަރަށް ފުރިހަމައަށް އަޅުގަނޑުމެންނަށް އިޝާރާތް ކޮށްދެއްވި. ކީރިތި ޤުރުއާނުގައި ވަރަށް ކުރުކުރު ސޫރަތެއްގައި ﷲ سبحانه وتعالى ވަޙީކުރައްވަނީ  لِإِيلَافِ قُرَيْشٍ ۝ إِۦلَٰفِهِمْ رِحْلَةَ ٱلشِّتَآءِ وَٱلصَّيْفِ ۝ فَلْيَعْبُدُوا۟ رَبَّ هَٰذَا ٱلْبَيْتِ۝ الَّذِي أَطْعَمَهُم مِّن جُوعٍ وَءَامَنَهُم مِّنْ خَوْفٍ ۝ އާދެ! އަޅުގަނޑު މުޅިސޫރަތަކަށް ނުދާނަން. ނިންމާލަމުން ﷲ ވަޙީކުރައްވަނީ މިގޭގެ ވެރި އިލާހު، ކައުބަތުﷲގެ ވެރިއިލާހަށް ތިޔަބައިމީހުން އަޅުކަން ކުރާށޭ. ކީއްވެގެންތޯ. އެއިލާހަކީ ތިބައިމީހުން ބަނޑުހައި ހޫނުކަމުގައި ވަނިކޮށް ތަނަވަސް ރިޒުގުގެ ނިޢުމަތް މެދުވެރިކޮށްދެއްވި އިލާހެވެ. އަދި  ނުރައްކަލާ ނާމަންކަމުގައިވަނިކޮށް އަމާންކަން ގެނެސްދެއްވި އިލާހެވެ. އާދެ! އެއީ އިންސާނީ މުޖުތަމައެއްގައި މުހިންމުވާދޭތި.  އުފަލާއި ހިތްހަމަޖެހުމަށްޓަކައި އެބައިމީހުންނަށް ތަނަވަސް  ރޯދިބަރަކާތް ރިޒުގުލިބުން. އެމީހުންގެ ވެށި އަމާންވެ ރައްކާތެރިވުން. މިދެސިފަ ލިބިއްޖެ މުޖުތަމަޢެއް އޮންނާނީ އަމާންކަމާއި ރައްކާތެރިކަމާއެކު. މިރަށުގައި އެކަށީގެންވާ ވަރުގެ އިޤްތިޞާދީ ރަނަގަޅު ހަރާކާތްތައް އެބަހިނގާ.  ރައްޔިތުންގެ ތަނަވަސްކަން އިރާދަކުރެއްވިއްޔާ އެބައޮތް. އެންމެބޮޑަށް މިއަދު އިންތިޒާރުކުރަމުން އައީ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވުމަށް. މިއަދުގެ މިޕޯސްޓް ހުޅުވިގެންދާއިރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނަށް އެމަގަށް އެބަ މަގުފަހިކޮށްދޭ. އަޅުގަނޑު ގަބޫލުކުރަނީ ތިޔަ ހުރިހާ ބޭފުޅުންގެ އެހީތެރިކަމާއެކު މިހުޅުވިގެންދާ ޕޯސްޓުގެ ޚިދުމަތް ފުރިހަމައަށް ލިބިގެންދާއިރު މިރަށަކީ ތަނަވަސް، ތިޔާގި، އުފާ، އަމާން އަދި ރަތްކާތެރި ރަށަކަށް ވެގެންދާނެ. ﷲ سبحانه وتعالى މިމަގަށް އަޅުގަނޑުމެންނަށް މަގުފަހިކޮށްދެއްވާށި. އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބެފުޅުންނަށް މިތައްޔާރީ ތަކަށްޓަކައި ޝުކުރު އަދާކުރަމުން އަދި އަޅުގަނޑުމެންނަށް ތިދެއްވި މެހްމާންދާރީއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ

. ވައްސަލާމު އަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.