ޔޫތް ލީޑަރސް ފޯރަމް

`

 

ޒުވާން ލީޑަރުންގެ ފޯރަމް (އއ. މަތިވެރި) "ތަހުޒީބު މުޖުތަމަޢަކަށް-ޒިންމާދާރު ޒުވާނުން"

(24 – 26 އޮކްޓޫބަރ 2019) ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅު

 

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް،އަލްފާޟި ޢަލީ ނަޛީރު، އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒަމީރު، މަތިވެރި ކައުންސިލްގެ ރައީސް އިސްމާޢީލް ޢާޠިފް، އަޅުގަނޑުމެންގެ ލޮބުވެތި ފެސިލިޓޭޓަރުން ، ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ، ފުލުހުންގެ އިސްބޭފުޅުން އަދި މިފޯރަމްގެ އެންމެ މުހިންމު އަޅުގަނޑުމެންގެ އެކުވެރި ޒުވާން ބައިވެރިން އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

އާދެ! އަޅުގަނޑު ހަމަ އެންމެ ފުރަތަމަވެސް ހަގީގަތުގައިވެސް ވަރަށް އުފާކޮށްފިން މިރަށަށްއާދެވުނީމަ ތިބޭފުޅުންނަށް އެނގިނުލެއްވިއަސް ހަމަކިރިއާ ދަތުރު ކެންސަލްނުވީ. މިއަދު ކުރަންޖެހުނު ބައެއްކަންތައްތަކެއްގެ ސަބަބުން އަޅުގަނޑު ސްޓޭޓަށް ދަންނަވާލިން ވަރަށް އުނދަގޫ ގޮތަކަށޭ ކަންތައްމިދަނީ. އެހެންނަމަވެސް މިރަށުގެ ބޭފުޅުން  ތައްޔާރުވެފަތިބި މިންވަރުން މިފޯރަމަށް ސަމާލުކަން ދެއްވާފައިވާވަރު އިޙްސާސްކުރެވުނީމަ އަޅުގަނޑު ކުރަންހުރި ކަންތައް، އެގޮތް މިގޮތުން ވަރަށް އަވަހަށްކޮށްފައި އިރާދަކުރެއްވީތީ އާދެވި ތިޔަ ހުރިހާ ލޮބެވެތި ބައިވެރިންނާ ބައްދަލުވީ. އާދެ! ޙަގީގަތުގައިވެސް ވަރަށް އުފާވެރި އިޙްސާސްތައް ކުރެވުނީ. މިރަށުގެ ލޮބުވެތި ރައްޔިތުން މިފޯރަމަށް ވަޑައިގެންނެވި، މިނިސްޓްރީގެ އިސްބޭފޫޅުނަށް އަދި އެންންމެހާ ފެސިލިޓޭޓަރުންނާއި އެހެން ރަށްރަށުން ބައިވެރިވި ހުރިހާ ބައިވެރިންނަށް  ކިއުއްވި ހޫނުމަރުހަބާއާއި ބެހެއްޓެވި ގާތްކަމާއި އަދި އަޅުގަނޑު މިރަށަށް އައުމުން ތިދެއްވި ހޫނު މަރުޙަބާއަށްޓަކައި  ރަށުގެ ކައުންސިލަށާއި ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް މިނިސްޓްރީގެ ނަމުގައާއި އަޅުގަނޑުގެ އަމިއްލަނަމުގައި ވަރަށް އިޚްލާސްތެރި ޝުކުރެއް އަރިސްކުރަން.

އާދެ! މި މަސައްކަތަކީ ހޯމް މިނިސްޓްރީގެ މެންޑޭޓްގެ ތެރެއިން ކުރަން ޖެހޭ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއްކަމަކަށްވާތީވެ، މިނިސްޓްރީގެ އިސްބޭފުޅުން ދުރާލާ ރާވައިގެން، ވަރަށް ގިނަ މަސައްކަތުން މި ފޯރަމްތައް ނުވަތަ މިފަދަ ވޯކްޝޮޕްތައް ޙަޤީގަތަކަށް ގެނެވެނީ. އާދެ! މި ޙަޤީގަތަކަށް ވުމަށްޓަކައި ރަށުކައުންސިލްގެ ރައީސްވެސް އެ ވިދާޅުވިފަދައިން އަތޮޅު ކައުންސިލްތަކުގެ މެމްބަރުންނާއި ރަށްރަށުގެ މުއައްސަސާތަކާއި، މިރަށުގެ ރައްޔިތުންނާއި މިހުރިހާ އެންމެން ގުޅިގެން މިކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެގޮތުން މި ވޭތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި ތިޔަ 80 ވަރަކަށް ބައިވެރިންނާ އެކުގައި އަޅުގަނޑުމެންނަށް މި ފޯރަމް ޙާޤީގަތަކަށް ހެދިގެން މިދިޔައީ. އާދެ! އެހެންކަމުން މި ފޯރަމް ޙަޤީގަތަކަށް ހެއްދެވުމުގައި އެހީތެރިވި ހުރިހާ ބޭފުޅުންނަށް މިނިސްޓްރީގެ ނަމުގައާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޚްލާޞްތެރި ޝުކުރަކާއި މަރުޙަބާއެއް އަރިސްކުރަން.

އާދެ! ޝައްކެއްނެތް އަޅުގަނޑުމެންގެ މިމަސައްކަތުގެ އެންމެ މުހިންމު ބައިވެރިންނަކީ ތިޔަ ލޮބުވެތި ޒުވާނުން. އަޅުގަނޑުމެން އުއްމީދުކުރަނީ ތިޔަ ލޮބުވެތި ޒުވާނުންނާއެކު މިކުރެވިގެންދިޔަ މަސައްކަތުގެ ނަތީޖާ މީގެ އެއްއަހަރު، ދެއަހަރު، ދިހައަހަރު އަދި ވިހިއަހަރު ފަހުން ފެނިގެން ދާނެކަމަށް. އާދެ! އެދުވަހުން މިއަދު މިފޯރަމުގައި ދެކެވުނު ބައެއްވާހަކަތައް، ތިޔަ ބޭފުޅުންގެ ފަހަތުން އަންނަންތިބި ޖީލުތަކަށް ކިޔާދެއްވާ އޭގެން އިބްރަތާ ދަރުސް ދެއްވާ އޭގެ މައްޗަށް އެކުދީން ބިނާކުރުމުގެ ނަތީޖާއެއްގެ ގޮތުން ލިބިގެންދާނެ ފައިދާއަކީ ހަމަޔަޤީނުންވެސް މިއަދު މިފޯރަމް ބޭއްވުނީމަ ލިބިގެންދާނެ ފައިދާއެއް. އެހެންކަމުން ތިޔަކުދީންގެ ވަގުތު ހުސްކުރައްވައިގެން އެކަމަށް ސަމާލުކަން ދެއްވައިގެން އެކަމުގައި ބުރަތަކެއް ހޭދަ ކުރައްވައިގެން ތިހޭދަކުރެއްވި ވަގުތަކީ އަޅުގަނޑުމެން އެންމެންނަށްޓަކައި ފައިދާކުރާނެ މުހިންމު ވަގުތުތަކެއް. ތިޔަކުދިން ތިދިންވަގުތަކީ އަޅުގަނޑުމެންގެ މިގައުމަށްޓަކައި މި ރަށްތަކަށްޓަކައި ދެވުނު ވަގުތެއް. އާދެ! އެކަމަށްޓަކައި ހުރިހާ ކުދިންނަށްވެސް އަޅުގަނޑުގެ ވަރަށް އިޚްލާޞްތެރި ޝުކުރެއް އަރިސް ކުރަން ވަރަށް ބޮޑަށް ޝުކުރިއްޔާ ވަރަށް ބާރަށް އަތްޖަހަންވާނެ މިފަހަރު.  އާދެ! ކީއްވެ އަޅުގަނޑު އެހާބާރަށް އަތްޖަހަންވާނެއޭ މިދެންނެވީ. ބައެއްކުދިން ސެޓްފިކެޓް ބަލާއައިއިރު ތަންކޮޅެއް މަޑުން އަތްޖެހީ. އެހެންވީމަ ހުރިހާ ކުދިންނަށް ވާވަރަށް ބާރަށް އަތްޖަހަންވީ. ވަރަށް ބޮޑަށް ޝުކުރިއްޔާ އަނެއްކާވެސް.

އާދެ! ކައުންސިލްގެ ރައީސް ވާހަކަދެއްކެވިގޮތުން އަޅުގަނޑު ހަމަ ހަގީގަތުގައިވެސް ސަމީރަށްވެސް ދެންނެވިން. އަޅުގަނޑަށް ދެން ވާހަކަދައްކަން ވިސްނައިގެންއައި ސްޓައިލަކަށް ވާހަކައެއް ނުދެއްކޭނެއޭ. ކައުންސިލްގެ ރައީސް ގެންދެވިގޮތަށޭ ގެންދަންޖެހޭނީ އަޅުގަނޑުވެސް. އެހެންނަމަވެސް ބައެއް މުހިންމު ވާހަކަތައް ހަމަދަންނަވާލަންޖެހޭ އިނގޭތޯ. ކުޑަކޮށް ޓޯން ތަފާތުވެދާނެ. އާދެ! އިންސާނީ މުޖުތަމައަކަށް ބާލާއިރު އަދި ގައުމެއްގެ ރައްޔިތުންނަށް ބާލާއިރު. އެގައުމެއްގެ އެމުޖުތަމައެއްގެ ޒުވާނުންނަށް ދެވިފައިވާ މަޤާމާއި ގަދަރަކީ އެއީ ވަރަށްވެސް މަތިވެރި މަގާމަކާއި ގަދަރެއް. އާދެ! ހަގީގަތުގައިވެސް އިންސާނީ މުޖުތަމައެއްގައި ދިރިއުޅޭ ނަސްލެއްގެ މައިބަދައަކީ، އާންމުކޮށް ތިކުދީންގެ ބަހުން ބުނާކަމަށްވައްޏާ ބެކްބޯންއަކީ ޒުވާނުން. އެހެންވީމަ އޭގެ ވަރުހުރިވަރަކުން އެމުޖުތަމައެއް ތެދުވާނީ. ބެކްބޯންގަ ވަރުހުރިވަރަކަށް އެމުޖުތަމައެއް އެގައުމެއް  ކުރިއަށް ދާނީ އެގައުމެއް ކޮޅަށް ތެދުވާނީ. އާދެ!  އެމުޖުތަމައެއްގެ ތިބޭ ޒުވާނުންގެ ހާލަތު އެމުޖުތަމައެއްގެ ތިބޭ ޒުވާނުންތިބިގޮތް ފެނުނީމައެގޭނެ ކުރިއަށް މިއޮތް ދިހައަހަރު، ފަނަރައަހަރު، ވިހިއަހަރު، ސާޅީސްއަހަރުގައި ދެން އެމުޖުތަމައަކަށް ވާނެގޮތް.

އާދެ! މިސަބަބަޓަކައި ހަގީގަތުގައިވެސް މުޖުތަމައެއްގެ ކުރިމަގު، އުފާވެރި، އުޖާލާ، ފާގަތި، ހިތްހަމަޖެހޭ މުޖުތަމައަކަށްވާނީ، އެމުޖުތަމައުގެ  ޒުވާނުންގެ ދުޅަހެޔޮކަމާއި އިލްމީ ގާބިލުކަމާއި އެމީހުންގެ ހުނަރާއި ފަންނުގެ ނަތީޖާގެ މައްޗަށް. އާދެ! އެހެންކަމުން އަޅުގަނޑުމެންގެ މި މުޖުތަމައުގެ ޒުވާނުންގެ ދުޅަހެޔޮކަމާއި ފަންނާއި ހުނަރު އިތުރުކޮށްދިނުން އެއީ މާދަމާ މިގައުމުގެ މުސްތަގުބަލް އުޖާލާ ކުރަން ބޭނުންނަމަ އަޅުގަނޑުމެން އެންމެން ކުރަންޖެހޭ ކަމެއް. މާދަމާ އަޅުގަނޑުމެން އުފާވެރިވާން ބޭނުންނަމަ އަޅުގަނޑުމެން ހިތްހަމަޖެހިގެން އުޅެންބޭނުންވާނަމަ، އަޅުގަނޑުމެން މުޖުތަމައުގައި ތަނަވަސްކަމާއި ތިޔާގިކަން އޮންނަން ބޭނުންނަމަ އަޅުގަނޑުމެން އެކަން ފުރަތަމަ ފަށަންޖެހެނީ އަޅުގަނޑުމެންގެ ޒުވާނުންގެ ކިބައިން. އާދެ! އެހެންކަމުން ތިޔަ ލޮބުވެތި ޒުވާނުންނަކީ މާދަމާ ޒުވާނުންނާ ހަމައަށް އަންނަންތިބި ތުއްތު ކުދީން ބަލާ ބޮޑުކޮށް އެކުދީނަށް މިސާލުދައްކައިގެން ގެންނަންތިބި ޒުވާނުން. ތިޔަ ލޮބުވެތި ޒުވާނުންނަކީ މިއަދު  އިސްކޮށް ހަރުކޮށްތިބި މީހުން ރާވާ ހިންގާ ކަންތައް ތަންފީޒުކުރަންތިބި ޒުވާނުން. ތިޔަ ލޮބުވެތި ޒުވާނުންނަކީ އަޅުގަނޑުމެންގެ އިސްރަށްވެހިންނަށް އޯގާވެރިވެ އަޅާލާ އެމީހުންގެ ކަންކަން ބެލުމުގައި ހީވާގިކަމާއެކު މަސައްކަތްކުރަން ތިބި ޒުވާނުން. ތިޔަ ލޮބުވެތި ޒުވާނުންނަކީ މާދަމާގެ ބެލެނިވެރިން. ތިޔަ ލޮބުވެތި ޒުވާނުންނަކީ މާދަމާގެ މިރަށްތަކުގެ މިގައުމުގެ ލީޑަރުން. އާދެ! އެހެންކަމުން އަޅުގަނޑުމެންގެ މުޅިގައުމު ބިނާވާންއޮތީ ތިޔަ ލޮބުވެތި ޒުވާނުންގެ ކޮނޑުގެ މައްޗަށް. ތިޔަ ލޮބުވެތި ޒުވާނުންގެ ކިބައިގައި ހިތްވަރެއް ހުރެގެން މިގައުމު މާދަމާ އެހެން މަރުހަލާއަކަށް ގެންދެވޭނީ. އާދެ! އެހެންކަމުން އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ތިޔަ ބޭފުޅުން ބައިވެރިކޮށް އަޅުގަނޑުމެން މިމަސައްކަތްކުރަމުން މިދަނީ.

އާދެ! އިސްލާމް ދީނުގައި ޒުވާނުންގެ މަޤާމު ވަރަށް ފުރިހަމަކޮށް ދައްކާދީފައިވޭ. އާދެ! އިންސާނީ މުޖުތަމައެއްގައި ޒުވާނުންނަކީ ކިހާ މުހިންމު ބައެއްކަން ފާހަގަ ކުރެވިގެންދާތީވެ މުޅިއިންސާނީއްޔަތަށް، ޤިޔާމަތާޖެހެންދެން ދީނަކީ އިސްލާމް ދީންކަމުގައިވާތީވެ އެދީނުގައި ޒުވާނުން ވަރަށް ފުރިހަމަކޮށް ދައްކާދީފައިވޭ. އާދެ! ކީރިތި ޤުރުއާނުގައި އޭގެ ކުރީގެ އުއްމަތްތަކުގެ މިސާލުވެސް ދައްކާ ދީފައިވޭ. އާދެ! ވަރަށް މަޝްހޫރު ކަހަފު ބާގައިގެ މީހުންގެ ވާހަކަ އަޅުގަނޑުމެން އެންމެން ކޮންމެ ހުރުދުވަހަކު ކިޔަމުންދޭ. إِنَّهُمْ فِتْيَةٌ .   އާދެ! އެޒުވާނުންނަކީ ޒުވާން ބަޔެކެވެ. ﷲ ސުބުޙާނަޙޫ ވަތަޢާލާއަށް އީމާންވެ ސާބިތުވެގެންތިބި ޒުވާނުންތަކެކެވެ. އާދެ! ޖައްބާރު، ވަރުގަދަ، ނުލަފާ ވެރިއެއްގެ ކުރިމަތީގައި ހުއްޓި އެމީހުން ޙަޢްޤުގޮތް ފާޅުކުރީ ކޮންބަޔަކަށް ވެވޭތީ. ވަރުގަދަ ހިތްވަރުހުރި ޒުވާނުންނަށް ވެވޭތީ. އިބްރާހީމް ޢަލަހިއްސަލާމް ޢުމުރުން 14 އަހަރުގައި ނަމުރޫދުގެ  ކުރިމަތީގައި ހުއްޓިވަޑައިގެންނެވީ. މޫސާ ޢަލައިހިއްސަލާމް. މިހެންގޮސް ކިޔާނެކަމެއްނެތް. އަޅުގަނޑުމެންގެ އިސްލާމީ އުއްމަތަށް ބަލާލާއިރު ނިކަން ބައްލަވާ ރަސޫލުﷲ ތައްޔާރުކޮށްދެއްވާ ނެރުއްވި ޒުވާންޖީލު. ތަރުބިއްޔަތުކޮށްދެއްވި ޒުވާން ޖީލު. މުޅިއިންސާނިއްޔަތުގެ ތާރީޚަށް ބެލިކަމުގައި ވީނަމަވެސް އެވަރުގެ ޖީލެއް ފެންނަން ނޮއޮންނާނެ. އޭގެ ކޮންމެ ޒުވާނަކީ ލީޑަރެއް. ކޮންމެ ޒުވާނަކީ ޤާޢިދެއް. ކޮންމެ ޒުވާނަކީ ބޮޑެތި އިންޖާޒާތައް ކާމިޔާބުތައް ގެނެސްދެއްވާފައިހުރި ބޭފުޅެއް. ފާހަގަކޮށްލެވޭ ބައިވަރު ބޭފުޅުން އެބަތިބި ޢަލީ رضي الله عنه އިސްލާމްވެވަޑައިގެންނެވި ޢުމުރުން އެންމެ 10 އަހަރުގައި. ޢުމަރުގެފާނު 25 އަހަރުގައި، ޚާލިދުބުނި ވަލީދު 25 އަހަރުގައި އެހެންގޮސް ކިޔާނެކަމެއްނެތް. ޢަބުދުﷲ ބުނި ޢައްބާސް ، ޢަބުދުﷲ ބުނި ޢުމަރު، ތާރީޚް ބައްލަވާލައްވާ މިބޭފުޅުން ކިހިނެއްތޯ ކަންތައްތައް ކުރައްވާފައިވަނީ.

އާދެ! މަދީނާގެ ދައުރައްފަހުގައި އިސްލާމީ އުއްމަތް ފެށިގެންދިޔައިރު ބައްލަވާ ޞަޙާބީންގެ ތެރެއިން 50 އަހަރުގެ 60 އަހަރުގެ ބޭފުޅުން ތިއްބެވިނަމަވެސް ރަސޫލުﷲ އާލާސްކަންފުޅުގެ ދާންމަތީގައި އޮންނެވިއިރު  ޢުމުރުން އެންމެ 14 އަހަރުގެ ޒުވާން ޢުސާމާބިން ޒައިދު رضي الله عنه ތިންހާސް މީހުންގެ ލަޝްކަރެއް ހަވާލުކުރައްވާ ނެރުއްވީ. އެއީ 14 އަހަރުގެ ކުއްޖެއް. އެންމެ 14 އަހަރު.  އަޅުގަނޑުމެންގެ 14 އަހަރުގެ ކުއްޖެއްގެ ވާހަކަ، މަންމައަށް ތައްމަތި އަޅާލަދޭން ނޫންނަމަ އަމިއްލަ ތައްމަތި އަޅާލަދޭވޭވަރު އޭނައަށްވާނީ. މަންމަޖެހޭނީ ގިނަފަހަރަށް ބަތްތަށި މޮޑެފަކާންދޭން. އެކަމަކު 14 އަހަރުގައި، ތިންހާސް މީހުންގެ ލަޝްކަރުގެ ކޮމާންޑަރަކަށްއެވީ.

ޠާރިޤުބުން ޒިޔާދު، ޢުމަރުގެ ފާނުންގެ ދުވަސްވަރުގައި މުޅިއަރަބިކަރަ ފަޠަޙަކޮށް ސްޕޭންގެ ފަރުބަދަތަކާދީމާއިން ނިކުމެވަޑައިގެން ވިދާޅުވަނީ ކީކޭތޯ. މިއޮތްފެންނަ ކަނޑުތަކުގެ ފަހަތުގަ އެހެންތަނެއްއޮތްނަމަވެސް ތިމަންނަ އެތަނަކަށްދާނެކަން އުއްމަތުގެ އަމީރަށް އެނގޭނެ. މުޙައްމަދު ބިން ޤާސިމް ސިންދުކަރައަށްއައި އެއްލައްކަ ތިރީސްހާސް މީހުންގެ ލަޝްކަރެއް ގޮވައިގެން ޢުމުރުން ސަތާރައަހަރުގައި.  އެއްލައްކަ ތިރީސްހާސް މީހުން. އާދެ! އެއީ ޒުވާނުންނަކީ އެއީ ޒުވާނުން ތަރިބިއްޔަތު ކުރަންޖެހޭގޮތަށް ތަރުބިއްޔަތު ކުރެވުނީމަވާގޮތް.

އާދެ! އަޅުގަނޑުމެން ދިވެހިރާއްޖޭގެ ތާރީޚަށް ނަޒަރު ހިންގާލާއިރުވެސް  މަދުމަދުން ނަމަވެސް މިކަންކަން ފެންނަން އެބަހުރި. އެހެންނަމަވެސް ޙަޤީގީ ވަގުތެއްގައި ކަމެއް ކުރެވިފައި ހުރިއްޔާ އެހުރީ ހަމަޒުވާނުންނަށް ކުރެވިފައި.  ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރަން އެންމެ ފަސްބޭފުޅުން ނިކުންނެވީ. އާދެ! މިއަދު އަޑުއެހިން ކޮންމެވެސް ވަރަކަށް އެވާހަކަ. ގާތްގަނޑަކަށް އުމުރުން ފަންސަވީހަކަށް އަހަރު. އަސްލުގަ މިއީ އަޅުގަނޑުމެން ކިޔަންޖެހޭވާހަކައެއް. އަޅުގަނޑަށްވެސް ސްކޫލުގަ އުޅުނުއިރު ކުޑަކޮށް ކިޔާލެވުނު. އެކަމަކު ހަގީގަތުގައި އެވާހަކަ ރަނގަޅަށް ކިޔާލެވުނީ ޖަލުގައި ހުރެގެން. ފަސްފަހަރު ކިޔާލެވުނު. އެންމެފަހަރަކު ކިޔައިގެން ކަމަކުނުދިޔަ ފަސްފަހަރުކީން. ބައެއްފަހަރު ދަންޑެހެލު އެދައްކާފައިހުންނަ ވާހަކަ، ބުނެފަ ހުންނަބަސްތައް ކިޔާލީމަ ހަމަހެމުންހެމުން އޭތިކިޔޭނީ. ހަމަހަގީގަތުގައިވެސް އެލީޑަރޝިޕް ކޮލިޓީއާ އެވިސްނުން ގެންގުޅޭގޮތާއި ކަންކަމުގަ ފަރުވާބަހައްޓާ މިންވަރު ވަރަށް ރަނގަޅަށްއިނގޭ. ޔަގީން މިދެތިންދުވަހު މިހުރިހާ އެއްޗަކާބެހޭގޮތުން ވާހަކަދެކެވިފަ ހުންނާނީ. އޭރުގަ ވިއްސަކަށް ތިރީހަކަށް ފޫޓުގެ ދޯންޏެއްގައި، ކަނޑުމަތީގައި ފަސްވަރަކަށް އަހަރު މީކޮންވާހަކައެއްތޯ. ފަސްވަރަކަށް އަހަރު ކަނޑުމަތީގައި ގަދަ ވިއްސާރާގައި. އަޅުގަނޑުމެން މިއުޅެނީ މަޑުދުވަހެއްގައި ލޯންޗުގައި އިންޖީނު ހުއްޓުނީމަދެން ހަދާނެގޮތެއް ނޭގިގެން. ގަދަ ވިއްސާރާގައި ފަސް އަހަރުވަންދެން ކަނޑުމަތީގައި. އާދެ! ކީއްވެގެންތޯ އެޒުވާންލޭގައި ހަގީގީ އަސަރެއް ހިނގީމާ ނަތީޖާ ހަމައަށް ގެންދެވޭނީ. އާދެ! ދާދިފަހުން އިހަށް ދުވަހުވެސް އަޅުގަނޑުމެންނަށް ދިމާވެގެން މިދިޔަ ބޮޑުއެއްކަންތަކުގައި ޝަހީދު ޙުސެއިން އާދަމް ދެއްކެވީ މިފަދަ ހިއްވަރެއް. މިތާނގަނެތްކަންނޭގެ އެވަރުގެ، ނަވާރައަހަރުގެ ޒުވާނަކު. އެހާދިސާ ކިޔާދެއްވާ ބޭފުޅުން ކިޔާދެއްވާ ގޮތުން އެހެން ބޭފުޅުންނަށް ކިރިޔާ ކަމެއްކުރަން ފުރުޞަތެއްލިބުނީ ޙުސެއިން އާދަމް އެވަގުތުކޮޅުގައި ސާބިތުވެ ހިފަހައްޓާލީމަ.  އެހެންވީމަ ދަތި އުނދަގޫ ވަގުތުގައި ކަންބޮޑުވާ ވަގުތުގައި ސާބިތުވާ ޒުވާނުން އެއީ ހަގީގަތުގައި ގައުމިއްޔަތު އެމީހުންގެ މައްޗަށް ބިނާވާ ބަޔަކީ.

އާދެ! އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތިޔައިން ކޮންމެ ޒުވާނެއްގެ ކިބައިގައި އެގާބިލިކަން ހުންނަންވާނެ. އާދެ! ދެންމެގަވެސް ވާހަކަދެއްކެވި ކޮނެމެވެސް ކުއްޖަކު އިޝާރާތްކޮށްލާފި، އެކިކުދީންގެ އެކި ގާބިލުކަން، އެކިހުނަރު ކަންހުންނާނީ. މުޖުތަމައެއް ބިނާވެ ބައްޓަންވެގެން މިއަންނަނީ އެމުޖުތަމައަކަށް ބޭނުންވާނެ ހުރިހާ އިލްމަކާއި ހުނަރަކާއި ފަންނެއް އެއްވީމަ. ހުސް ޑޮކްޓަރުން ތިބޭނަމަ ދެންނެތްތާ މަސްކާންދޭނެމީހެއް. ހުސް ވޭޓަރުންތިބިނަމަ ދެންނެތްތާ ކައްކާނެ މީހެއް. ހުސްޓީޗަރުން ތިބިނަމަ ދެން ނެތްތާ އިމާރާތް ކުރާނެމީހެއް. ހުސް ޕޮލިހުން ތިބެއްޖެއްޔާ ދެން ނެތްތާ ކުށެއްކުރާނެ މީހެއް. އެހެންވީމާ މުޅިމުޖުތަމައަ އެކުލެވިގެން މިއަންނަނީ މުޖުތަމަޢަކަށް ބޭނުންވާހުރިހާ  އިލްމަކާއި ފަންނަކާ ހުނަރެއް އެކުވެގެން. އާދެ އެކަމުގައި އަޅުގަނޑު ހިތުން ވިސްނާ ފިކުރުކޮށްލި ކޮންމެ ޒުވާނަކަށް އޭނަގެ ޖާގަ ފެންނާނެ. އަޅުގަނޑުމެން ބޭނުންވަނީ ކޮންމެ ކުއްޖަކު އަމިއްލައަށް އެކަނި ވިސްނާ ފިކުރުކޮށްލުމަށްފަހު އޭނަހުންނަންވީ ޓާގެޓް. މިހާރުގެ ބަހުރުއައިންވެއްޖެއްޔާ އޭނަގެ މިޝަން އޭނަ އަމިއްލައަށް ކަނޑައަޅާނީ. އެއަށްފަހުގައި އަޒުމްނުގުޑާ ފަހަތަށް ނުޖެހޭ. ހިތްވަރު ބަލިނުވާ ވަރުގަދަ އަޒުމެއްގައި ހުރެ އޭނަގެ ޓާގެޓާ ހަމައަށް ދިއުމަށް މުޅިއުމުރުގައި މަސައްކަތްކުރުން. އާދެ! އެގޮތަށް ދެއްވިއްޖެކަމުގައިވާނަމަ އަޅުގަނޑުމެން އެންމެން އެކުވީމާ އަޅުގަނޑުމެން ރަށަށް، ގައުމަށް އަދި ދުނިޔެއަށް ބަދަލެއް ގެނެވޭނީ.   ރަށަށް، ގައުމަށް އަދި ދުނިޔެއަށް ބަދަލުގެނައުމުގައި އަޅުގަނޑުމެން ކޮންމެ މީހަކީ މުހިންމު މީހެއް.

އާދެ! ބަދަލުގެނެވެނީ ހަމައެކަނި ލީޑަރުންނަކަށްނޫން. ހަމައެކަނި ވެރިކަމުގައި ތިބޭ ފަރާތްތަކަށްނޫން. ބަދަލުގެނެވޭނެ އެންމެ އާދައިގެ ފަރުދުން ފެށިގެން އޭނަ އުއްމީދުކުރާ ދިމާއަށް އޭނަމަސައްކަތްކޮށް އެކަމަށްޓަކައި ފައިޓްކުރީމަ. އާދެ! ހުރިހާ އެންމެން އެކުވެގެން ގުޅިގެން އެއްއަމާޒަކަށް އެއްމިސްރާބަކަށް މަސައްކަތް ކުރެވުނީމަ ނަތީޖާ ނެރެވޭނީ. އާދެ! އަޅުގަނޑުމެން އެންމެނަށް އެގޮތުގައި މަސައްކަތް ކުރެވިއްޖެނަމަ އަޅުގަނޑުހިތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މިގައުމަށް ހެޔޮބަދަލު އަންނަތަން ތިޔަކުދީންނަށް ކުރިއަށްއޮތް ދުވަސްތަކުގައި ފެނިގެންދާނެ. އަޅުގަނޑުމެންމިތިބީ އިރާދަކުރެއްވިއްޔާ ސަރުކާރުގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭންތައްޔާރަށް. ޒުވާނުންނަށްޓަކައި ސަރުކާރުގެ ގިނަ މަޝްރޫއުތަކެއްވަނީ އަމާޒުކޮށްފަ. ޒުވާނުންނަށް ކިޔެވުމުގެ ފުރުޞަތު އިތުރަށް ތަނަވަސް ކުރުމަށްޓަކައި ހިލޭ ޑިގްރީ ހެދުމުގެ މަޝްރޫއުދަނީ ކުރިއަށް.  ޒުވާނުންނަށްޓަކައި ވަޒީފާގެ ފުރުޞަތުތައް އިތުރަށްހޯދައި ދިނުމުގައި ކަމާގުޅޭހުރިހާ މުއައްސަސާތައް ގުޅިގެން ގިނަމަސައްކަތެއް ކުރަމުން މިދަނީ. އާދެ! މިހުރިހާ ކަމެއް ކުރަމުންދާއިރު އަޅުގަނޑުމެން ބޭނުންވަނީ ޒުވާނުން އިސްނަގައިގެން ޒުވާނުން އެކުގަގުޅިގެން މަސައްކަތްކުރުމަށް. އާދެ! އަޅުގަނޑުގެ ވާހަކަ ނިންމާލަމުން އަޅުގަނޑުގެ ހަމައަމިއްލަ ނަފުސަށާއި ހުރިހާޒުވާނުންނަށް ރަސޫލުﷲ ގެ ނަބަވީ އިރުޝާދެއް ހަނދާން ކޮށްލަދޭނަން. އިސްލާމީ މުޖުތަމައެއްގައި މިހަދީޘަށް އެންމެނަށް އަމަލުކުރެވިއްޖެއްޔާ އެމުޖުތަމައަކީ ވަރަށް އުފާ ވެރި އެކުވެރި އޯގާވެރި މުޖުތަމައަކަށް ވެގެންދާނެ. އާދެ ރަސޫލުﷲ ޙަދީޘު ކުރައްވާފައިވަނީ  وَاَللَّهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ. އަޅާއޭނާގެ އަޚާއަށް އާދެ! މިތާނގަ އުޚުތުންވެސް ހިމެނޭނޭއިގޭތޯ. އަރަބި ބަހުގައި މިހެން އައިސްއަ ހުންނަ އެއްޗެހި ދެ ޖިންސަށް އެއްކޮށް އައިސްސަހުންނާނީ. އަޅާ އޭނާގެ އަޚާއަށް އެހީތެރިވާހާ ހިނދަކު ﷲ އޭނައަށް އެހީ ތެރިވެވޮޑިގަންނަވައެވެ. އަދި އެއްފަހަރު ދަންނަވާލާނަން އަޅާ އޭނާގެ އަޚާއަށް އެހީތެރިވާހާ ހިނދަކު ﷲ އޭނައަށް އެހީ ތެރިވެވޮޑިގަންނަވައެވެ. އާދެ! މިޙަދީޘްގެ ތަފްޞީލު ވަރަށް ދިގުކޮށް ލިޔެފަހުރޭ އަޅުގަނޑު މިދޭތެރެއަކުން ކިޔާލިން ފޮތެއް އިނގޭތޯ. މަޝްހޫރު އެމެރިކާގެ ޕްރޮފެސަރެއް. އެޑަމް ގްރާންޓް ކިޔާމީހެއް އޭނަލިޔެފަ އޮންނަ ފޮތުގަ އިންނަނީ "ގިވް އެންޑް ޓޭކް". އަޅުގަނޑު ފުރަތަމަ މިފޮތުގެ އަޑުއަހާފަ ހިތަށްއެރީ މީސިޔާސީ ފޮތަކަށޭ ވާނީ. ކިޔާލިއިރު އަޅުގަނޑަށް ވިސްނުނީ މިޙަދީޘާއެއްކޮށް ، މިމަޢުޟޫގަ ދެތިން ހަތަރު ޙަދީޘް މުޅިފޮތގަވަނީ. އެބޭފުޅާ ވަރަށް ރިސާޗް ހައްދަވާފައިވަނީ. މުޅިއެތިން ދައްކާދެނީ އެހީތެރިވާށޭ ތިމަންނައަށް އެހީތެރިކަން ލިބޭނެއޭ.

އާދެ!  ވަރަށް މުހިއްމު ކަމެއް. އެހީތެރި ވުމަކީ. އެމީހެއްގެ ކިބައިން ހެޔޮބަހަކަށް، ދުނިޔެވީ ފައިދާއަކަށް ނޭދޭ ނުވަތަ ނުލިބޭނެމީހަކަށް އަސްލު އެހީތެރިވެވުނީމާ الله سبحانه وتعالى އޭނައަށް އެހީތެރިކަން ބޭނުންވާވަގުތު އެހީތެރިކަންދެއްވަނީ. އަޅުގަނޑުމެންގެ ވިސްނުން ހުންނާނީ މީހަކަށް އެހީތެރިވާންވާނީ ކޮންމެވެސްއިރަކުން އޭނަގެ ކިބައިން ކޮންމެވެސް ހެޔޮބަހެއް ލިބެންޏާ. އޭނަގެ ކިބައިން ކޮންމެވެސް އެއްޗެއް ލިބެންޏާ. އޭނަގެ ކިބައިން ވޯޓެއް ލިބެންޏާ އޭނައަށް އެހީތެރިވާންވީ. މިޙަދީޘްގަ ބުނަނީ އަސްލު އެހީތެރިވާންވީ އެމީހެއްގެ ކިބައިން ހެޔޮބަހެއްނޭދެން. އެމީހެއްގެ ކިބައިން ދުނިޔޭގެ ފައިދާއަށް ނޭދެން. އެމީހެއްގެ ކިބައިން އެއްވެސް އެއްޗަކަށް ނޭދޭނެމީހަކަށް އެހީތެރިވެވިއްޖެއްޔާ އޭނައަށް ހާލެއް ޖެހޭ ވަގުތުގައި ކޮންމެވެސް ގޮތަކުން އޭނައަށް އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ﷲ މެދުވެރިކޮށްދެއްވާ. އާދެ! މިޙަދީޘަށް މުޖުތަމައުގެ އެންމެން އަމަލުކޮށްފިއްޔާ އަޅާނުލެވޭނެ މީހަކު ނުހުންނާނެ. އޯގާވެރިނުވެވޭނެ މީހަކު ނުހުންނާނެ. އެހީތެރިކަމެއް ނުލިބޭނެ މީހަކު ނުހުންނާނެ. ކަންބޮޑުވެ ހާސްވެ އެކަނިވެރިވެގެން އުޅެންޖެހޭނެ މީހަކު ނުހުންނާނެ.

އަޅުގަނޑު ޔަޤީންކުރަން ތިބޭފުޅުން މިތިންދުވަހު ތިދަސްކުރެއްވި އެއްޗެހިން ހަމަޔަގީނުންވެސް ވަރަށް ގިނަ ފައިދާތައް ލިބިފަހުންނާނެކަމަށް. އަޅުގަނޑުގެ ދުޢާއަކީ الله سبحانه وتعالى އަޅުގަނޑުމެން އެންމެންނަކީ އަޑުއަހާ، ދަސްކޮށް ދަސްކުރާއެއްޗެހިން އަމަލުކޮށް އެއިން އަޅުގަނޑުމެންގެ ދެދުނިޔެ ބާއްޖަވެރިކުރާނެ ބައެއްކަމުގައި ﷲ މިންވަރުކޮށްދެއްވުން. އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން.

سبحانك اللهم وبحمدك أشهد أن لا إله إلا أنت أستغفرك و أتوب إليك

ވައްސަލާމުޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.