ދޮގުޚަބަރު ހުއްޓުވުމާބެހޭ ކެމްޕޭން

`

 

"ދޮގު ޚަބަރު ހުއްޓުވާނީ އަހަރެން" ކެމްޕޭން ހަފްލާގައި މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބުދުﷲ ދެއްކެވި ވާހަކަފުޅު

(04 ނޮވެމްބަރ 2019)

 

بسم الله الرحمن الرحيم - الحمد لله رب العالمين.   و الصلاة والسلام علي أشرف الأنبياء والمرسلين.  و علي آله و أصحابه أجمعين.

 

ދިވެހިރާއްޖޭގެ ޔުނިވަރސިޓީގެ ޗަރންސެލަރ ޑޮކްޓަރ ޙަސަން ޙަމީދު ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ސްޓޭޓް މިނިސްޓަރުން، އިންފޮމޭޝަން ކޮމިޝަނަރ ޙުސެއިން ފިޔާޒް، މުއައްސަސާތަކުގެ އިސްބޭފުޅުން، މީޑިއާ ތަކުގެ މަންދޫބުން، މިކެމްޕޭންގެ ޕާޓްނަރސް، ކެމްޕޭންގެ އެމްބެސެޑަރުން، އަދި ހޯމް މިނިސްޓްރީގެ އަޅުގަނޑުމެންގެ ހިތްވަރުގަދަ ޓީމުގެ ހުރިހާ މެމްބަރުން. އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

އާދެ! މިއަދު އެންމެ ފުރަތަމަވެސް ވަރަށް އާލަސްކަންފުޅާ އުޅުއްވަމުންވެސް އަޅުގަނޑުމެންގެ މިޙަފްލާ ނުވަތަ މި ކެމްޕޭން ފައްޓަވާ ދެއްވުމަށް ޑޮކްޓަރ ޙަސަން ވަޑައިގެންދެއްވީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ކުރިން ހަމަޖެހިފައޮތީ ޑޮކްޓަރ އެއްޗެއް ވިދާޅުވާގޮތަށް އެހެންނަމަވެސް ޑޮކްޓަރ އާލަސްކަންފުޅާ އުޅުއްވާތީ އެންމެފަހުން އަޅުގަނޑު ކޮންމެވެސް އެއްޗެއް ބުނާގޮތަށް ބަދަލުކޮށްލީ.

ކޮންމެއަކަސް މިދެބޭފުޅުން ތަފާތުގޮތަކަށް ގެންދިޔައިމަ އަޅުގަނޑަށް އުނދަގޫ ތަންކޮޅެއް އެހެންރާގެއްގައި ވާހަކަދައްކަން. އެހެންވީމަ އަޅުގަނޑުވެސް ބަދަލުކޮށްލާނީ އެކަހަލަގޮތަކަށް. އާދެ! ކޮންމެއަކަސް އަޅުގަނޑުމެންނާއެކު މިތާނގައިމިތިބީ ހަމަރާއްޖޭގެ މީޑިއާތަކުގެ މޭގަނޑު ނުވަތަ ހިތްތައް. އަޅުގަނޑުމެން އެންމެން ގަބުލުކުރޭ ދުނިޔޭގެ މިއަދު އެންމެ މަޝްހޫރު އެއްބަހަކަށް މިވަނީ ޑިމޮކްރަސީކަން. ޑިމޮކްރަސީއެއްގެ އެންމެ ވަރުގަދަ އެއްރުކުނަކަށްމިވަނީ މީޑިއާ. ބައިވަރު ސަބަބުތައް އެބައޮތް. އާދެ! މިދުނިޔެއަށް މިއައިސްފައިވާ ބޮޑު އިންގިލާބީ ބަދަލުގެ ތެރޭގައި ޙަޤީގަތު ގައި މީޑިއާއަކީ ބޮޑެތި މީޑިއާ ކުންފުނިތަކެއްނޫން. ނުވަތަ މެއިންސްޓްރީމް މީޑިއަށްއެއްނޫން. އަދި ކިއެއް މިއަދުގެ މީޑިއާއަކީ މުޖުތަމަޢުގައި ހިމެނޭ ކޮންމެ ފަރުދެއް. ކޮންމެ މީހަކީ ނޫސްވެރިއެއް. ކޮންމެ މީހެއްގެ މުށުތެރޭގައި މީޑިއާ ސްޓޭޝަންތައް ހުރޭ. މިއީ މިއަދު ދުނިޔެއަށް އައިސްފައިވާ ބޮޑުވެގެންވާ ބަދަލެއް މިއަދުގެ ޙަޤީގަތް. އާދެ! އަޅުގަނޑުހިތުން ދިވެހީންނަކީ އަދި މާކުރިއަރާފައިތިބި މީހުން. އަޅުގަނޑުމެން ކޮންމެ ދިވެއްސަކީ ނޫސްވެރިއެއްނޫން. ނޫސް ސްޓޭޝަނެއްވެސްނޫން. ނޫސް ކުންފުންޏެއްވެސްނޫން. މިއަދު ހުރިހާ މީޑިއާތަކުގެ ކުރިމަތީގައި އަޅުގަނޑުމެން ދިވެހިންނަކީ ހަމައެކަމުގަ އެންމެ ވަރުގަދަ މާހިރުން. އެއީ ރަނގަޅަށް ކަމަށްވިއަސް އަދި އެނޫންގޮތަކަށް ދިޔަކަމަށްވިއަސް. މިމަޢުލޫމާތުގެ ރަންޒަމާނުގައި ދުނިޔޭގެ މިސްރާބުހިފާ އެއްޗަކީ ބޮޑެތި ހަނގުރާމައިގެ ލަޝްކަރުތަކެއްއްނޫން. ނުވަތަ ބަރު ހަތިޔާރެއްވެސް ނޫން. މިއަދު ދުނިޔޭގެ މިސްރާބު އަމާޒުކުރުމުގެ މައިގަނޑު އަސާސަކީ މީޑިއާ. ވަކިވަކި ފަރުދުންގެ ޢަމަލުތަކާއި ވިސްނުމާއި ފިކުރާއި ބޮޑެތި ވިޔަފާރި ކުންފުނިތަކާއި ބޮޑެތި މުއައްސަސާތަކާއި ގައުމުގެ ސިޔާސަތުތައް ބައްޓަންވެގެންދަނީ ފެތުރިގެންދާ ޙަޟާރަތުތަކާއި މައުލޫމާތުތަކުގެ މައްޗަށް. އެހެންކަމުން ފެތުރެމުންދާ ޙަޟާރާތް، މަޢުލޫމާތަކީ. ދޮގުޚަބަރުއެއީ މަޢުލޫމާތުކަމަށް ވެއްޖެނަމަ މުޅި ދުނިޔެއަށް އައިސްފައިވާ ބަދަލު އަޅުގަނޑުމެން އެންމެންވެސް ވިސްނަންޖެހޭ. މިކަމަކީ ކޮންކަމެއްކަން ތިހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އާދެ ދޮގު ޚަބަރު ފެތުރުން ހުއްޓުވަންޖެހޭނެ. ދޮގު ޚަބަރެއް ފެތުރުމަކީ އޭގެ ސަބަބުން އާއިލާއެއް ރޫޅިހަލާކުވެ ފުނޑުފުނޑުވެގެންދާނެކަމެއް. ދޮގުޚަބަރުތަކަކީ އޭގެ ސަބަބުން ބޮޑެތި ވިޔަފާރިތައް ބަނގުރޫޓުވެ އިނދަޖެހިގެންދާކަމެއް. ދޮގު ޚަބަރު ފެތުރުމަކީ ގައުމުތަކުގެ ތެރޭގައި ހަމަނުޖެހުމާއި ނުތަނަވަސްކަން އުފެދޭ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ފެތުރި ދައުލަތުގެ ނުފޫޒާއި ބާރު ގެއްލި އެއްގައުމާއި އަނެއް ގައުމުގެ މެދުގައި ބޮޑެތި ހަނގުރާމަތައް ފެށިގެންދާކަމެއް. އެހެންކަމުން ޚަބަރާއި މަޢުލޫމާތަކީ އެންމެ ނާޒުކު އެއްވަސީލަތް. އާދެ! އަޅުގަނޑުމެން ކޮންމެ މީހަކު ދޮގު ޚަބަރު ހުއްޓުވަންޖެހޭ ސަބަބުތައް ގިނަވަނީ ދޮގު ޚަބަރުގެ ސަބަބުން މުޖުތަމަޢަށް ލިބިދާނެ ގެއްލުމަކާއި ނިކަމެތިކަމަކުން ސަލާމަތްކުރުމުގެ ޒިންމާ ކޮންމެ މީހަކުގެ ކޮނޑުގައި އެޅޭތީ. ދޮގުޚަބަރެއް ފެތުރުމުގެ ސަބަބުން މުޖުތަމައަށް، ފަރުދަކަށް އަދި ގައުމަށް ލިބިދާނެގެއްލުމަކުން ސަލާމަތްކުރުމަކީ މުޖުތަމައުގެ ދިރިއުޅޭ ކޮންމެ ފަރުދެއްގެ ޒިންމާއެއް.

އާދެ! މިއަދު ކިޔެވިދިޔަ އާޔަތްތަކުން ޙަޤީގަތުގައިވެސް އިސްލާމްދީނުގައި ޚަބަރާއި މަޢުލޫމާތުގެ ތެދުކަމުގެ މުހިއްމުކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވާލެވިފައިވޭ. ޙަޤީގަތުގައި އިސްލާމްދީނުގައި އައިސްފައިމިވާ އުސޫލުތައް އަޅުގަނޑުމެންގެ މީޑިއާގެ ތެރެއަށްދާ ޚަބަރު ފެތުރުމުގެ ތެރެއަށް ގެނެސްފައިވާނަމަ ކޮންމެ މުޖުތަމައަކީ ތެދު ޚަބަރެއް ނޫނީ ނުފެތުރޭ އަދި ދޮގުޚަބަރުގެސަބަބުން ގެއްލުމެއް ނުލިބޭ މުޖުތަމައަކަށްވާނެ. އާދެ! ދޮގުޚަބަރެއް މުޖުތަމައުގައި ފެތުރުމަކީ އޭގެ ސަބަބުން އެމުޅިމުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން އެއްކޮށް ގެއްލިގެންދާ އެއްޗަކަށްވާތީވެ ޤުރުއާނުގައި ވަރަށް ސާފުކޮށް ﷲ އަންގާވާފައިމިވަނީ ތިޔަބައިމީހުންގެ ގާތަށް ފާސިގަކު މާނައަކީ އެމީހެއްގެ ބަސް ތެދުނުކުރެވޭފަދަ މީހަކު އާދެ! މީދެން ވަރަށް ކްރިޓިކަލް ޕޮއިންޓެއްކަންނޭގޭ. އެމީހެއްގެ ބަސް ތެދުނުކުރެވޭފަދަ މީހަކު ޚަބަރެއް ހިފައިގެން އައިއްސިއްޔާ، ރަގަޅަށް އެޚަބަރު ވެރިފައިކުރާށޭ. އެހެންނޫނީ އޭގެ ސަބަބުން އެއްވެސް ކަހަލަ ކުށެއްގައި ބައިވެރިނުވާ މީހަކަށް ބޮޑެތި ގެއްލުންތަކެއް ދެވިދާނެ. ދޮގު ޚަބަރެއް ތެދުކޮށްފިއްޔާ، ނޫނީބަލައިގެންފިއްޔާ ކަމެއްގެ ބައިވެރިނުވާ މީހަކަށް އޭގެސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިގެން ހިނގައިދާނެ. އިލްމުވެރިން ވިދާޅުވަނީ މީހަކު  ޚަބަރެއް ހިފައިގެން އައިއްސިއްޔާ އެންމެފުރަތަމަވެސް އެޚަބަރު  ވެރިފައިކުރާށޭ. އޭގެ ފަހުގަ ދެން އެޚަބަރު ފަތުރާށޭ.

އާދެ! ރަސޫލުﷲ ވަރަށް މުހިންމު ޙަދީޘުފުޅެއް. ޙަދީޘުކުރައްވަނީ "كفى بالمرء إثماً أن يحدث بكلِّ ما سمع" މީހެއްގެ ފަރުދެއްގެ ފާފައަކަށް ފުދިއްޖެއޭ އޭނަ އަޑުއަހާ ކޮންމެ ވަހަކައެއް އެހެންމީހުން ކާރީގަދައްކަންފަށައިފިއްޔާ. އޭނައެއް އަޑުއިވޭ ކޮންމެ ވާހަކައެއް އެހެން މީހުންގެ ތެރޭގައި ފަތުރާ ދައްކަންފަށައިފިއްޔާ. އޭނައަށް ފާފައެއްގެގޮތަށް ފުދިއްޖެ. މާނައަކީ އަސްލު ވަރަށް ބޮޑުކަމެކޭއެއީ. އެހާ ބޮޑުފާފައެއްއެއީ. އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ މިއަދު ކޮންމެއަކަސް މިކެމްޕޭން ލޯންޗުކުރެވިގެން ދިޔަކަމަށްވިއަސް ވަރަށް ދުރާލާ ތިބޭފުޅުން ތައްޔާރުވަމުންއައި ވަރަށް ބޮޑު މަސައްކަތެއްމީ. ޚަބަރަކީ އަޅުގަނޑުމެން ފަތުރާ އެއްޗެއް. އެހެންވީމާ އަޅުގަނޑުމެން ކޮންމެ މީހަކު ޚަބަރު ފަތުރާއިރު އެފަތުރާ ޚަބަރަކީ ތެދުކަން ކަށަވަރުކުރުން ނުވަތަ އެޚަބަރަކީ ދޮގު ޚަބަރެއްނޫންކަން ޔަގީންކުރުމަކީ އަޅުގަނޑުމެންގެ ކޮންމެމީހެއްގެ ޒިންމާއަކަށް ހަދަމާ ހިނގާށޭ. ޚަބަރު ފަތުރަނީ އަޅުގަނޑުމެން. އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެން ފަތުރާ ޚަބަރުގެ ތެދުކަން ނުވަތަ ދޮގުނޫންކަން ކަށަވަރުކުރަން. އެގޮތުން ޚަބަރު ފެތުރުމުގެ މަސައްކަތްކުރުމަށް ފެށޭ ވަރަށް ބޮޑު ކެންޕޭނެއްގެ ގޮތުގައި މިއަދު އިރާދަ ކުރެއްވިއްޔާ މިފާހަގަކުރަނީ. އާދެ! މިމަސައްކަތް ކުރިއަށްއޮތް 4 މަސްދުވަހުގެތެރޭގައި ކޮންޓިނިއުވެގެންދާއިރު އަޅުގަނޑު އުއްމީދުކުރަނީ ޚަބަރާއި މަޢުލޫމާތު ފެތުރުމަށް މުހިންމު ވިސްނުންތަކެއް އަޅުގަނޑުމެންގެ މުޅި މުޖުތަމައަށް އިރާދަކުރެއްވިއްޔާ ފޯރުކޮށްދެވިގެންދާނެކަމެށް. އަޅުގަނޑުމެން އެންމެންގެ ވާހަކަ މިދައްކަނީ. މިމަސައްކަތް ކެންޕޭނެއްގެ ގޮތުގައި ކުރާއިރު އިސްކޮށްތިއްބަވާ ބޭފުޅުންތިއްބަވާނެ އެހެންނަމަވެސް އަޅުގަނޑުމެން އެންމެން މުޖުތަމައުގެ ހުރިހާ އަފްރާދުންގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ.

އާދެ! އެހެންކަމުން ފުރަތަމަވެސް މިނިސްޓްރީގެ މިކަމުގަ އިސްނަންގަވާއިގެން މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުނަށް އަދި ޚާއްޞަކޮށް އަޅުގަނޑުމެން ޕާޓުނަރުންގެގޮތުގައި ބައިވެރިވެވަޑައިގަންނަވާ ބައިސްކޯފުގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއިއެކު ޝުކުރާ މަރުޙަބާ ދަންނަވަން. އާދެ! ހަމައެހެންމެ މިކެމްޕޭންގެ އެމްބެސެޑަރސްއިންނަކީ ވަރަށް މުހިންމު ބޭފުޅުންކޮޅެއް އެހެންކަމުން އެބޭފޫޅުންނަށްވެސް  އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއިއެކު ޝުކުރު ދަންނަވަން. ހަމައެއާއެކުގައި މިމަސައްކަތުގައި ބައިވެރިވެދެއްވުމަށް ހުރިހާ މީޑިއާތަކުން ހުރިހާ ނޫސްވެރިން ދެއްވާ އެއްބާރުލުމާއި  އެހީތެރިކަމަށްޓަކައި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރުދަންނަވަން. އަދި މިޝުކުކުރުގައި ކުރިންވެސް ދެންނެވިހެން ޑޮކްޓަރ ޙަސަން ޙަމީދު ވަރަށް އާލާސްކަންފުޅާ އުޅުއްވަމުންވެސް އަޅުގަނޑުމެންނާއި ބައިވެރިވެވަޑައިގެންދެއްވީތީ ވަރަށް އިޚްލާޞްތެރިކަމާއެކު  ޝުކުރުދަންނަވަން. އަޅުގަނޑުގެ ދުޢާއަކީ އިރާދަކުރެއްވިއްޔާ މިމަސައްކަތް ނިމިގެންދާއިރު ނުވަތަ މިމަސައްކަތުގެ ތެރެއިން އަޅުގަނޑުމެންގެ ރާއްޖޭގައި ޚަބަރު ފެތުރުމުގައި ތެދުކަން ކަށަވަރުކުރުން ނުވަތަ ދޮގުޚަބަރުނޫންކަން ޔަގީންކުރުމުގެ ވިސްނުން އަޅުގަނޑުމެންނަށް ލިބި އަޅުގަނޑުމެން އެންމެންނަކީ މުޖުތަމައުގެ ޞުލްޙަވެރިކަމާއި އަމާންކަން ހިފަހައްޓާބައެއްކަމުގައި މިންވަރުކޮށްދެއްވުން. ވަރަށް ބޮޑަށް ޝުކުރިއްޔާ

ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.