ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަސް

`

 ދިވެހި ދައުލަތުން ދެއްވާ އިނާމުތައް ދެއްވުމަށާއި ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ބާއްވާ ރަސްމީ ޖަލްސާގައި މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބުދުﷲ ދެއްކެވި ވާހަކަފުޅު

26) ޑިސެމްބަރ 2020)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

 

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން، ދިވެހިރާއްޖޭ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް. ދައުލަތުގެ ވަޒީރުން ރައްޔިތުންގެ މަޖިލިހުގެ ޢިއްޒަތްތެރި މެމްބަރުން، ނިޝާނުގެ ޝަރަފް އެރުވުނު ޢިއްޒަތްތެރި ބޭކަލުން، މިރޭ ތަފާތު ޤައުމީ އިނާމުތައް ލިބިވަޑައިގަންނަވާ ބޭފުޅުން، މިޖަލްސާއަށް ވަޑައިގެންތިއްބެވި ބޭރުގެ މެހްމާނުން، ޖަލްސާއަށް ވަޑައިގެންތިއްބެވި އެންމެހާ ޢިއްޒަތްތެރިން މިޖަލްސާ ދުރާގާތުން ބައްލަވަމުން އަދި އަޑުއައްސަވަމުން ގެންދަވާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން. އައްސަލާމުޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

މިއަދަކީ ދިވެހިންގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް. 2004 ވަނައަހަރުގެ ޑިސެމަބުރުމަހުގެ 26 ވީ އާދީއްތަ ދުވަހުގެ ހެނދުނު 09:26 ހާއިރު ދިވެހިރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވި ސުނާމީ ކާރިސާއަށް 16 އަހަރުވީ ދުވަސް. ފަހުގެ ތާރީޚެއްގައި ރާއްޖެ ދުށް އެންމެ ބިރުވެރި ނަމާން ހިތާމަވެރި ދުވަސް. އެތައް ހާސް ދިވެއްސެއްގެ މުޅި ހަޔާތް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެފުށް މިފުށަށް ޖަހާލި ދުވަސް. ތޭރަހާހަށްވުރެ ގިނަ ރައްޔިތުންގެ ގެދޮރު ވިއްސިވިހާލިވެ ވީރާނާވެގެންދިޔަ ދުވަސް. މުޅި އުމުރުގައި ކޮށްފައިވާ މަސައްކަތްތަކަށް ހޯދާފައިވާ ދިރިއުޅުން އެފުށް މިފުށަށްޖެހި ވީރާނަވެގެންދިޔަ ދުވަސް.

އާދެ! މިދުވަހުގެ ފުންޒަޚަމްތަކާއި ވޭނީހިތާމަތަށް އިތުރަށް ބޮޑުވެގެންދިޔައީ އެދުވަހުގެ ހެނދުނުކޮޅު އާއިލާއާއެކު އުފާވެރިކަމާއި ހިނިތުންވުމާއެކު ހޭދަކުރަމުން ދިޔަ ސަތޭކަވަރަކަށް ދިވެހި ލޮބުވެތި އަޚްނާއި އުޚުތުން އަޅުގަނޑުމެންނާއި ވަކިވެގެން ދިއުން. އާދެ! ކާފައިންނާއި މާމައިން މަންމައިންނާއި ބައްޕައިން ދައްތައިންނާއި ބޭބެއިން އަދި ލޯބިވާ ދަރިން. އާދެ! މިހިތާމަތަކާއެކު އެމީހުންގެ ޖަނާޒާތައް ބާއްވަމުން ދިޔަ ހަނދާންތަކާއި އަދި އެދުވަހު އެތަހައްމަލުކުރި އަސަރުގަދަ ހަނދާތައް އަޅުގަނޑުމެންގެ ގިނަ ބައެއްގެ ޒިކުރާތަކުގައި މިއަދުވެސް އެބަހުރި. އެހެން ކަމުން އެދުވަހުގެ އެހާދިސާގައި އަޅުގަނޑުމެންނާއި ވަކިވެގެންދިޔަ ހުރިހާ މަރުހޫމުންނަށް  ﷲ ސުބުޙާނަޙޫ ވަތަޢާލާ  ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރަން. އަދި އެމަރުޙޫމުންގެ އާއިލާތަކަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވައި ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވުމަށް އެދިދުޢާކުރަން.

ލޮބުވެތި އަޚުންނާއި އުޚުތުން. މިވޭނީ ހިތާމައިގެ ދުވަހަށް ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ނަންދެވުނީ އެބަހުގެ މާނަ އޭގެ އެންމެ ފުރިހަމަ ގޮތުގައި އެދުވަހު ދިވެހީން ރަމްޒުކޮށްދީފައިވާތީ. އާދެ! އެހެންވެ ގައުމީ އެއްބައިވަންތަކަމުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހިރާއްޖޭ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ ދެކަނަބަލުންނަށާއި ހުރިހާ ދިވެހި ލޮބުވެތި އަޚުންނާއި އުޚްތުންނަށް އަރިސްކުރަން. ހަމައެހެންމެ މިރޭގެ މިހަފްލާއަކީ ޤައުމީ ނިޝާނާއި ޤައުމީ ތަފާތު އިނާމުތައްދެވޭ ހަފްލާއަކަށްވާތީ އެމަތިވެރި ޝަރަފް ލިބިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް މިރޭގެ މަރުޙަބާއާ މުބާރަކް ބާދީ އަރިސްކުރަން.

ޢިއްޒަތްތެރި ޙާޟިރީން. ސުނާމީގެ ދުވަހު ދިވެހީންގެ ކިބައިން ފާޅުވެ ވިދާބަބުޅާލި އަޚްލާޤީ މަތިވެރި ސިފަތަކަކީ ކާބަފައިންގެ ކިބައިން އެއްޖީލުން އަނެއް ޖީލަށް ވާރުތަވަމުންއައި ދިވެހިން ފަޚުރުވެރިވާ ސިފަތައް. ދިވެހީންގެ ހިތްތަކަކީ ހުޅުވިގެންވާ ސާފު ހިތްތަކެއް. ދިވެހީންގެ އަތްތަކަކީ ދީލަތިކަމާއި އެހީތެރިކަމާއި މޫރިތިކަމުން ޖަރީވެގެންވީ އަތްތަކެއް. ދިވެހީންނަކީ އަޅާލުމާއި އޯގާވެރިކަމާއި ކުލުނައާއި ހަމްދަރީ ވުމުގެ ފުރިހަމަ މިސާލެއް.

ބޮޑުކަމެއް ޖެހިގެންވާ މީހާގެ ގިލަން ވެރިކަން ފިލުވުމަށާއި ޒިޔާރަތްކުރާ މެހްމާނުންނަށް ހެޔޮކޮށް ހިތުމަށް ޞަފަރު ވެރިންނަށް ހޭހަން ކުރުމަކީ ދިވެހިންގެ ކިބައިގައި ހަރުލާފައިވާ ރިތި އާދަތަކެއް.

ލޮބުވެތި މުވާތިނުން މީގެ 16 އަހަރުކުރިން ސުނާމީގެ ދުވަހު ހިނގާދިޔަ ހާދިސާތައް މިއަދު 18، 19 އަހަރުގެ ޒުވާނުންގެ ހަނދާނުގައި ފަހަރެއް ގައި ނުހުރެދާނެ. އެމަންޒަރުތަކުންލިބެން ޖެހޭ ފިލާވަޅުތަކާއި އިބްރަތްތައް އެކުދިންނަށް ރަނގަޅަށް ދަސްކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. އެދުވަހުގެ ހާދިސާތައް ކިޔާދީ މަންޒަރުތައް ދައްކުވައިދީ އެކުދީންގެ ކިބައިގައި ހަރުލައްވަންންޖެހޭ ރީތި ސިފަތަކުން   ކުރިއަށް އޮތްޖީލުތައް ޒީނަތްތެރި ކުރުމަކީ  އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެއް. މިކަމަށްޓަކައި ސްކޫލްތަކާއި ކިޔަވައިދޭ މަދުރަސާތަކާއި ޔުނިވަރސިޓީތަކުން އެދަރިވަރުންނަށް އެމަގުފަހިކޮށްދޭންޖެހޭ. އާދެ! އެއީ އަބަދުމެ ދިވެހީން އެދިވެހީންގެ ޝަރަފްވެރިކަމާއި ފަޚްރާއި ޢިއްޒަތުގައި ތިބުމަށްޓަކައި. އެކަމުގެ މަތިވެރި ދަރަޖަތަކަށް ދިވެހީންނަށް ވާސިލްވެވޭނެ މަގުތައް ފަހިކޮށްދިނުމަށްޓަކައި. ދިވެހީންނަކީ ދިވެހީންގެ ޢިއްޒަތާއި ކަރާމަތުގެތެރޭގައި މާތްރިވެތި ސިފަތައް އެކުލެވިގެންވާ ބައެއްކަމުގައި ވީހިނދު އެސިފަތަކުން އަބަދުމެ ޒީނަތްތެރިވުމަކީ ދިވެހި އުއްމަތަށް ލިބޭނެކަރާމަތަކާއި ޝަރަފެއް. އާދެ! އެދުވަހު ދިވެހީންނާއި ކުރިމަތިވި ހިތާމަވެރިކަމާއި ހިތްދަތިކަމާއި، ދަތިކަމުން  އަރައިގަނެވުނީ ދިވެހިންގެ ކިބައިގަވާ މަތިވެރި ސިފަތަކުން. ދިވެހީންގެ އެއްބައިވަންތަކަމުން. ދިވެހިންގެ ތެރޭގައިވާ އަޅާލުމާއި އެހީތެރިކަމުގެ ދީލަތި ސިފަތަކުން. އެދުވަހު ދީވެހީންގެ ކަންކަން ރާވާހިންގަންތިއްބެވި ވެރިންނަށް އަދާކުރި ކިޔަމަންތެރިކަމާއި އިޙްތިރާމުގެ ސަބަބުން. އެއްބައިވަންތަކަމުގެ ރިވެތި މަތިވެރި ސިފަތައް އިސްކޮށް އެދުވަހުވެސް އުފެދިފައިވާ ނުތަނަވަސް ކަމުގެސިފަތަކުން ދުރުވެ އެންމެން އެކުގައި އެހިތާމަތަކުން އަރައިގަތުމަށް މަސައްކަތް ކުރުމުގެ ނަތީޖާއެއްގެގޮތުން.

ޢިއްޒތްތެރި ރައްޔިތުން ސުނާމީއަށް 16 އަހަރު ފުރިފައިވިހިނދު މިއަދު އަޅުގަނޑުމެން ތަހައްމަލުކުރަމުންމިދާ ކޮވިޑް 19 ގެ ހާލަތަކީ ސުނާމީ ކާރިސާއަށްވުރެ ވަކިން ކުޑަހާލަތެކޭ ދެންނެވުމަކީ ފަހަރެއްގައިވެސް އެކަށީގެންވާ ކަމެއްނޫން. މިޙާލަތުން އަރައިގަތިމަށް، ކުރިމަގު އުޖާލާކުރުމަށް ސުނާމީގެ ކާރިސާއިން އަރައިގަތުމަށް ކުރިމަސައްކަތަށްވުރެ ގިނަ މަސައްކަތްކުރަން ޖެހޭ ކަމަށް ދެންނެވުމަކީ ކުށަކަށްނުވާނެ. އާދެ! ކޮވިޑް 19ގެ މިދަތި ހާލަތުގައި ދެންމެ ރައީސުލްޖުމްހޫރިއްޔާވެސް އިޝާރާތްކުރެއްވި ފަދައިން ޤައުމުގެ އިގްތިޞާދަށް މިއިން ދުވަހަކު ދިމާނުވާވަރުގެ ބޮޑެތިދަތިތައް މިވަނީ ދިމާވެފައި. މިހާލަތުގައިވެސް ރައްޔިތުންނަށް ދިމާވާދަތިތައްފިއްލަވައި ރައްޔިތުން ހާލުގަޖެހުނަ ނުދެއްވާ ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާއާއި އެހެނިހެން ޚިދުމަތްތައް ހޯއްދަވާ ދެއްވުމަށްޓަކައި މުޅި ސަރުކާރު އެކީއެކަތިގަނޑަކަށް ހައްދަވައި އެންމެން ގޮވައިގެން ޙިކުމަތް ތެރިކަމާއި ވިސްނުންތެރިކަމާއި ކެތްތެރިކަމާއިއެކުގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކަކީ ޝުކުރުވެރިވުން ޙައްޤު މަސައްކަތްޕުޅުތަކެއް. އާދެ! އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަދި މިކަމުގައި އެހީތެރިވާ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއިއެކު ހިތުގެ އެންމެފުންމިނުން މިއަދު އަޅުގަނޑު ޝުކުރު އަރިސްކުރަން.

އާދެ! ކޮވިޑް 19 ގެ މިހާދިސާގައި މާލޭ ލޮކްޑައުންނަށް ދިޔަހިނދު ދިމާވި ހިތާމަވެރި ދަތި އުނދަގޫތަކަކީ އަޅުގަނޑުހިތުން އަޅުގަނޑުމެންގެ އަންނަންއޮތް ޖީލުތަކަށް އެގެންޖެހޭކަމެއް. މާލޭގައިތިބި ރައްޔިތުން ގެތަކުގައި ބަންދުވެ ކެއިންބުއިމުގެ ހާލަތަށް ދަތިވެގެންދިޔައިރު މާލޭގައި މުދާހުރި. ކާބޯތަކެތިހުރި. އެހެންނަމަވެސް އެތަކެތި ފޯރުކޮށްދެވޭނެ ގޮތެއްނެތި ބަނޑުހައި ހޫނުކަމުގައި އެތަށްއާއިލާތަކެއް ތިބިކަންއެއީ އަޅުގަނޑުމެން ހަނދާންކުރަންޖެހޭކަމެއް. އާދެ! އެފަދަ ގޮތެއްގައި ދެތިންދުވަސް ވޭތުވެގެންދިޔަނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވަރަށް އަވަސްކަމާއެކު އެޅުއްވި ފިޔަވަޅުތަކާއެކު އިރާދަކުރެއްވިއްތީ މަދުދުވަސްކޮޅެއްގެ ތެރޭގައި އެހާލަތުން އަރައިގަނެވުނު. އާދެ މިދަތި އުނދަގޫ ވަގުތުގައިވެސް ރައްޔިތުންދެއްކީ ކެތްތެރިކަމުގެ ވަރަށްބޮޑު  ނަމޫނާ ތަކެއް. ވަރަށް ބޮޑު މިސާލުތަކެއް.

އާދެ! ބޮޑު ކޮންމެ މުސީބާތަކުން އަރައިގަތުމަށްޓަކައި އެކުވެރިކަމުން އެއްބައިވަންތަކަމުން ލިބެންޖެހޭ އެންމެ ރީތިނަމޫނާ އެދުވަހު ދިވެހިންދެއްކި.  އާދެ! އެހެންކަމުން ކޮވިޑް 19 ގެ އެންމެ ދަތިވަގުތުގައި އެހާލަތުން އަރައިގަތުމަށް ސަރުކާރާއެކު ދިވެހި ހުރިހާ ރައްޔިތުން އަދާކޮށްދެއްވި ރިވެތި މިސާލުތަކަށްޓަކައި ހުރިހާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރަން.

އާދެ! ޞީއްޚީ މިތަދުމަޑުކަމުގައި އެކާރިސާއިން އަރައިގަތުމަށްޓަކައި ޞިއްޚީ މައިދާނުގައި މަސައްކަތްކުރާ ޞިއްޚީ މޭސްތިރިންނަކީ ވަރަށްވެސް މުހިންމުބައެއް. އަދި އަޅުގަނޑުހިތުން މިރޭ އެނަމެއް ޒިކުރުކޮށްލުމަކީ ފަހަރެއްގައިވެސް އެހެންބޭފުޅުންނަށް ބޭއިންސާފަކަށް ނުވާނެ. އާދެ! އަޅުގަނޑުމެންގެ ހުރިހާ ވަގުތެއްގައި އެނަންއަޑުއިވިގެންދާ ބޭފުޅެއްކަމުގައިވާ މައިމޫނާ ނިދި ނުކަރައްވައި ކަންބޮޑުވުމާއި ހާސްކަމާއިއެކުގައި ސައްވީސް ގަޑިއިރު ރައްޔިތުންގެ ޚިދުމަތުގައި އުފުއްލެވި ބުރައަށްޓަކައި އާދެ! އެހެން ހުރިހާ ބޭފޫޅުންހިމެނޭގޮތަށް މައިމޫނާއަށް އަޅުގަނޑުގެ އަމިއްލަނަމުގައާއި ހުރިހާ ލޮބުވެތި ދިވެހި ރައްޔިތުންގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް އަރިސްކުރަން.

އާދެ! ޝައްކެތްނެތް ސުނާމީގެ ކާރިސާއެކޭ އެއްފަދައިން ދިވެހި ސިފައިންނާއި ފުލުހުން މިކާރިސާއިން އަރައިގަތުމަށްޓަކައި އެދުވަހުން ފެށިގެން އަދާކުރަމުންދާ ބޮޑުޤައުމީ މަސްއޫލިއްޔަތާއި ވާޖިބާއި ޤުރުބާނީއަކީ އަޅުގަނޑުމެން އެންމެންގެ ހިތް  އެކަމަށްޓަކައި  ޝކުރުން ފުރިގެންވާ ކަމެއް. އެހެންކަމުން އެދެ މުއައްސަސާގެ ހުރިހާ ލޮބުވެތި މެމްބަރުންނަށް އަޅުގަނޑު ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

އާދެ! މިހާލަތުގައި ދިވެހިންގެ އެއްބައިވަންތަކަމާޢި އެކުވެރިކަމާއި ދިވެހިންގެ ރައްކާތެރިކަމާއި ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެންގެ ދަރުމަވެރިން ކުރައްވާ މަސައްކަތަކީ އަޅުގަނޑުގެ ހިތުން އަޅުގަނޑުމެން އެންމެން ބަލައިގަންނަ ހެޔޮމަސައްކަތެއް. އެހެންކަމުން ދިވެހިރާއްޖޭގެ ރެޑްކްރެސެންޓް ޖަމުޢިއްޔާއަށާއި އެޖަމުޢިއްޔާއާއެކު މަސައްކަތްކުރާ އެހެންހުރިހާ ޖަމުޢިއްޔާތަކަށް، ސްކައުޓުންނާއި ގަރލްގައިޑް އެސޯސިއޭޝަނާއި މިފަދަ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަލުގަނޑު ޝުކުރު އަދާކުރަން.

ދިވެހި ލޮބުވެތި ރައްޔިތުން. ދިވެހިންގެ މުސްތަޤްބަލް އުޖާލާކުރުމަށްޓަކައި އަބަދުމެ އަޅުގަނޑުމެން ހޭލާ ސަމާލުވާންޖެހޭ ކަންކަންއެބަހުރި. ދިވެހިންގެ އެއްބައިވަންތަކަން ރޫޅާލަން ދިވެހިންގެ މެދުގައި ބައިބައިވުމާއި ނަފްރަތް އުފެދިދާނެ ހުރިހާސިފަތަކުން ދުރުވުމަށް ހުރިހާ ހާލަތެއްގައިމެ ވިސްނާ ފިކުރުކުރަންޖެހޭ. އާދެ! އަޅުގަނޑުމެންގެ ތެރޭގައި އުފެދިގެންއަންނަ ބައެއްކަހަލަ ސިޔާސީ ނުތަނަވަސްކަމާއި ދީނީގޮތުން އުފެދިގެންދާ ތަފާތު ޚިޔާލުތަކާއި ފިކުރުތަކާއި ބޮޑެތިކުށްތަކަށް އަރައިގަތުމާއި މިކަންތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި އުފެދިގެންދާ ހުރިހާނުރައްކާތަކަކީ އަޅުގަނޑުމެންގެ އެއްބައިވަންތަކަމަށްހުރި ގޮންޖެހުންތައް. މިކަންކަމުން އަރައިގަނެވޭނީ ސަރުކާރާއި ރައްޔިތުންނާއި ހުރިހާ އެންމެން އެކުގަ ގުޅިގެން ބޮޑެތިމަސައްކަތްތަކެއް ކޮށްގެން.

އާދެ! ދިވެހި ތާރީޚުން އިބުރަތްލިބިގަނެ މުސީބާތުގެ ކޮންމެވަގުތެއްގައި އެންމެން އެކުވެ އަތުގުޅައިގެން ކުރިއަށް ދިއުމަށް ކުރެވޭ މަސައްކަތަކީ މިހުރިހާ ހާލަތަކުން ނަޖާވެ އުއްމީދީ މުސްތަގުބަލަކަށް ދަތުރުކުރެވޭނެ ހާލަތެއް.

އަޅުގަނޑުގެ ހެޔޮދުޢާއަކީ ﷲ ޞުބުޙާނަޙޫ ވަތަޢާލާ މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ މި މުސީބާތުން ނަޖާކުރައްވާ ދިމާވެފައިވާމިވާ ދަތިތައް ފިއްލަވައި އަޅުގަނޑުމެންނަށް ތަނަވަސް ރަޙްމަތް ލައްވައި ދެދުނިޔޭގެ ބާއްޖަވެރިކަން އެންމެނަށް މިންވަރުކޮށްދެއްވުން. އާދެ! ބާއްޖަވެރި އުފާވެރިރެއަކަށްއެދެން. ވަރަށް ބޮޑަށް ޝުކުރިއްޔާ .

ވައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.