ދުނިޔޭގެ ޕޯސްޓް ދުވަސް

ދުނިޔޭގެ ޕޯސްޓް ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ދެއްވާ ޚިތާބު

(09 އޮކްޓޫބަރ 2024)

މިއަދަކީ ދުނިޔޭގެ ޕޯސްޓުގެ ދުވަހެވެ. އެހެންކަމުން، ދުވަހުގެ ތަހުނިޔާއާ ހެޔޮ އެދުންތައް ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށާއި، ރާއްޖޭގެ ޕޯސްޓް ޚިދުމަތުގައި މަސައްކަތްކުރައްވާ އެންމެހައި މުވައްޒަފުންނަށާއި، ޕޯސްޓް ޚިދުމަތުގެ އަހުލުވެރިންނަށާއި އަދި ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިޔުންނަށް އަރިސްކުރަމެވެ. 

 

"ގައުމުތަކުގެ މެދުގައި މުވާސަލާތު ކުރެވޭނެ ގޮތް ހެދުމާއި މުޖްތަމަޢުތައް ބާރުވެރިކުރުވުމުގެ 150 އަހަރު" މި ޝިޢާރުގެ ދަށުން މިއަހަރުގެ ދުނިޔޭގެ ޕޯސްޓްގެ ދުވަސް ފާހަގަ ކުރަމުންދާއިރު، މިއަދަކީ ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން އަށް 150 އަހަރު ފުރޭ މުނާސަބަތުކަން ފާހަގަކުރަމެވެ. ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން އަކީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ޕޯސްޓަލް އޮޕަރޭޝަންސް ހިންގުމަށް ބޭނުންވާ ނިޒާމުތަކާއި ސިޔާސަތުތައް ކަޑައެޅުމުގައި ގައުމުތަކުގެ މެދުގައި ވިލަރެސްކުރުމުގެ މެންޑޭޓް ދެވިފައިވާ އ.ދ. ގެ އެޖެންސީއެވެ. ދުނިޔޭގެ 192 ގައުމުގެ މައްޗަށް އެކުލެވޭ ޕޯސްޓުގެ ވިއުގައިގެ މެންބަރު ގައުމުތަކުން މިދުވަސް ފާހަގަކުރަމުން އަންނަނީ ދުނިޔޭގެ ޕޯސްޓްގެ ދުވަސް ގޮތުގައެވެ.

 

ދުނިޔޭގެ ޕޯސްޓުގެ ދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު ފާހަގަކުރަމުން ދާއިރު، ދުނިޔޭގެ ގައުމުތަކާ އަދި ގައުމުތަކުގެ ސަހަރުތަކާއި ރަށްފުށުގެ އާބާދީތައް ގުޅުވައިދިނުމުގައި ޕޯސްޓް އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ދައުރަކީ މުހިންމު ދައުރެއްކަން ޔަގީނެވެ. ދުނިޔޭގެ މުވާސަލާތީ ނިޒާމަށް އަންނަމުންދާ އިންގިލާބީ ހަލުވި ބަދަލުތަކާއެކު މުވާޞަލާތުގެ އަސާސީ ޚިދުމަތެއްގެ ގޮތުގައި، ޕޯސްޓުގެ ޚިދުމަތް އޮތް އޮތުމަށާއި ދެކޭ ދެކުމަށް ބަދަލުތަކެއް އައިނަމަވެސް، ޓެކްނޮލޮޖީގެ ސަބަބުން ޕޯސްޓްގެ ޚިދުމަތްތަކާއި ޕޯސްޓަލް އޮޕަރޭޝަނަށް އައި ތަރައްގީއާއެކު ބައިނަލްއަގްވާމީ ޕޯސްޓުގެ ވިއުގައިގެ ބޭނުންތެރިކަން ފަރުދުންނަށާއި، ވިޔަފާރިތަކަށް މިއަދުވަނީ އެތައް ގުނައަކަށް ބޮޑުވެގެން ގޮސްފައިވެއެވެ. ދުނިޔޭގެ 192 ގައުމުގެ މައްޗަށް އެކުލެވޭ ޕޯސްޓުގެ ބިޔަ ވިއުގައިގެ ތެރެއިން ދުވާލަކު އެތައް މިލިޔަން މެއިލް އައިޓަމެއް އިތުބާރާ ޔަގީންކަމާއެކީ ބަދަލުކުރެވޭ ކަމީ ފަރުދުންނަށާއި، ވިޔަފާރިތަކަށާއި އަދި މުއައްސަސާތަކަށް ލިބިގެންދާ ފަސޭހައެކެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އީ-ކޮމރާސް ގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ޕޯސްޓުގެ ނިޒާމުގެ ތެރެއިން ކުރެވޭ މުޢާމަލާތްތައް އިތުރުވެ، ދުނިޔޭގެ ޕޯސްޓުގެ ވިއުގައިގެ ބޭނުންތެރިކަން އިތުރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި، ބައިނަލްއަގްވާމީ ޕޯސްޓުގެ ވިއުގައާ ގުޅިލާމެހި، ދިވެހިރާއްޖޭގެ ޕޯސްޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ޕޯސްޓުގެ ޚިދުމަތްތައް ޒަމާނީކުރުމަށާއި ޚިދުމަތުގެ ބިންގާތައް ފުޅާކޮށް ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ނެޝަނަލް ޕޯސްޓަލް އޮޕަރޭޓަރ ގެ ހައިސިއްޔަތުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ކުރަމުންދާ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެކެވެ.

 

ރާއްޖޭގެ ޕޯސްޓްގެ ތަރައްގީއާ ކުރިއެރުމަށް ކުރެވޭ މަސައްކަތުގައި ﷲ ހެޔޮ ތައުފީގު މިންވަރު ކޮށްދެއްވާށިއެވެ. އާމިން