ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް

2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ހެނދުނު 9:23 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާއަކީ މިހާތަނަށް ދިވެހިރާއްޖެ ދުށް މިފަދަ އެންމެ ހިތާމަވެރި ޙާދިސާ އެވެ. މި ޙާދިޘާގައި ރާއްޖޭގެ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީ އަސަރުކޮށްފައިވެއެވެ. މީގެ ތެރެއިން 4 ރަށް އެއްގޮތަކަށްވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެގޮސްފައިވެއެވެ. އެއީ، ރ.ކަނދޮޅުދޫއާ، ތ.ވިލިފުއްޓާއި، ދ.ގެމެންދޫ އަދި މ.މަޑިފުށްޓެވެ. އަދި މީގެ އިތުރުންވެސް23  ރަށަކަށް ވަރަށްބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ހިތާމަވެރި ޙާދިސާގައި 82 މީހަކު ވަނީ ނިޔާވެގޮސްފައެވެ. އޭގެ ތެރޭގައި ކުޑަކުދީންނާއި، އަންހެނުންނާއި، ފިރިހެނުން ހިމެނެއެވެ. އަދި މި ޙާދިސާގައި ވީނުވީ ގޮތެއް ނޭގި 26 މީހަކު ވަނީ ގެއްލިފައެވެ.

މިހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ދިވެހި ލޮބުތި ރައްޔިތުން އެދުވަހު ވެދެއްވި އެހީތެރިކަމާއި ދެއްވި އެއްބާރުލުމަކީ ފަހުގެ ތާރީޚުގައި ދުވަހުވެސް އަޅުގަނޑުމެން ފެނިފައިނުވާފަދަ އެކުވެރި ކަމަކާއި އެއްބާރުލުމެކެވެ.

އެދުވަހު ރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދެއްވި އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ މައްޗަށް ބައްލަވައި، ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 26 ވަނަ ދުވަސް، ރާއްޖޭގައި އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ޤައުމީ ފެންވަރުގައި ފާހަގަ ކުރެއްވުމަށް، 2005 ޖަނަވަރީ 26 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުއްވުމާއިގުޅިގެން 2005 ވަނަ އަހަރުން ފެށިގެން ކޮންމެއަހަރަކުވެސް، މިދުވަސް ފާހަގަކުރުމުގެ ކަންތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯއްދަވައިގެން ރާއްވަވާ ރާއްޖޭގައި އެދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރަމުން ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޙަވާލު ކުރައްވާފައިވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒާއެވެ.

މިގޮތުން ފުރަތަމަ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރެވިފައިވަނީ 2005 ޑިސެންބަރު 26 ވަނަ ދުވަހުއެވެ. އެދުވަހުގެ އެންމެ ޚާއްޞަކަމަކަށް އޮތީ 26  ޑިސެންބަރު 2004 ވީ އާދީއްތަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގައި އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ލޮބުވެތި އަޚުންނާއި، އުޚްތުންގެ ހަނދާނާއި، ރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދެއްވި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ރޫޙު ރަމްޒުކޮށްދޭ ހަނދާނީ ބިނާގެ ބިންގާ އެޅުއްވުމެވެ. މިބިނާގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. މިބިނާގެ ބިންގާ އެޅުން އޮތީ މާލޭގެ އިރުދެކުނު ފަރާތު، ލޮނުޒިޔާރަތްކޮޅު ސަރަޙައްދު ގައެވެ.