ގައުމީ ދުވަސް

ދުނިޔޭގެ ކުރިއަރާފައިވާ ކޮންމެ ޤައުމެއްގައިވެސް ކުލަގަދަގޮތެއްގައި ޤައުމީ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަ ކުރެއެވެ. އެދުވަހަކީ އެޤައުމަކަށް ލިބިފައިވާނަމަ ވާހާ ނިޢުމަތަކަށްޓަކައި ޙަމްދާ ޝުކުރު އާދާކުރުމުގެ ދުވަހެވެ. އެބައިމީހުންގެ ހިތްތަކުގައި ޤައުމީ ރޫޙާއި އެކުވެރިކަން އަށަގެންނެވުމުގެ ވަރުގަދަ ބިންގާ އަޅާ ދުވަހެވެ. ޤައުމުގައި އުފެދުނު އަގުހުރި ދަރީން، އެބައިމީހުންގެ ޤައުމަށް އަދާކުރި މަތިވެރި ވާޖިބަށްޓަކައި އެބައިމީހުންގެ ހަނދާންތައް އާކުރާ ދުވަހެވެ. އަދި އެދަރީންނަށް ދަރާފައިވާ ދަރަނިތައް ވަޒަންކޮށް، އެމީހުންނަށް ހެޔޮދުޢާ ކުރުމަށް އެންމެ އެކަށީގެންވާ ދުވަހެވެ. އަދި ޤައުމިއްޔަތާއި މިނިވަންކަމުގެ ރޫޙު އާލާކުރުމުގެ ދުވަސްވެސް މެއެވެ.

ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365ޙ ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބްރުވަރީ 1946 ގައެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަ ކުރަމުން އައިސްފައެއް ނުވެއެވެ. ދިވެހިދައުލަތުން މިފަދަ ދުވަހެއް ފާހަގަކުރެއްވުމަށް ވިސްނައިވަޑައިގަތްހިނދު، އެންމެ ފުރަތަމަވެސް އެދުވަހެއް ކަމުގައި ދިވެހީން ކަނޑައެޅި ދުވަހަކީ ދިވެހީންގެ މިނިވަންކަން މުޅީން ގެއްލިފައިވަނިކޮށް، މިނިވަންކަމުގެ އަލިގަދަ ނޫރުން ދިވެހި އުންމަތް އަލިވެ އުޖާލާވެގެންދިޔަ ބަރަކާތްތެރި ދުވަހެވެ. އާދެ! ޤައުމުދެކެ ލޯބިވާ އެއްވެސް މުވާޠިނަކު އެދުވަސް ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރުމާމެދު ކުޑަވެސް އިންކާރެއް ނުކުރާނޭކަން ޔަޤީނެވެ. މިހެނީ 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ ޙިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ. އެމަތިވެރި ފަޚުރު ދިވެހީންނަށް ޙާޞިލްކޮށްދެއްވުމަށް މާތް ﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަލްޚަޠީބު ޙުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ.

ޤައުމީ ދުވަސް އެކި ދައުރުގައި އެކި ގޮތްގޮތަށް ރާއްޖޭގައި ފާހަގަ ކުރަމުން އައިސްފައިވެއެވެ. މިހެން މިދެންނެވީ "ޤައުމީ ދުވަސް" މިނަމުގެ ބަދަލުގައި ރަބީޢުލްއައްވަލު 1 ވަނަ ދުވަހަކީ "ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީ ކަމުގެ ހަނދާން" މިނަމުގައި ފާހަގަކުރާ ދުވަހެއް ކަމުގައި ދައުލަތުން ހަމަޖެއްސެވި ދުވަސްވަރެއްވެސް އައެވެ. ފަހުން، ޤައުމީ ދުވަސް ހަމަޖެހުނީ ސިޔާސީ ގޮތުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެއް ކަމުގައެވެ. އެހެންކަމުން އެދުވަސް ބަދަލުވެގެން ދިޔައީ ޖުލައި 26 އަށެވެ. ހިޖުރީ ގޮތުން 1368 ވަނައަހަރުން ފެށިގެން 1398 ވަނަ އަހަރާއި ހަމައަށް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަމުން އައީ "ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްވި ދުވަސް" ގެ ގޮތުގައެވެ. މިކަން މިގޮތުގެމަތިން ހަމަޖައްސައި އޭރުގެ ވަޒީރުލްއަޢުޒަމްގެ އޮފީހުން 21 ޖޫން 1966 ގައި ނެރުއްވި އިޢުލާނެއްގައިވަނީ ކުރީގެ ޤައުމީ ދުވަސް (1 ރަބީޢުލްއައްވަލް) އަކީ، ރަސްމީ ބަންދު ދުވަހެއް ކަމަށާއި، އެދުވަހު އޮންނާނީ ދީނީ ކަންތައްތައް ކުރުން ކަމަށާއި، އެއީ ފޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީކަމުގެ ހަނދާނުގައި ކަމަށެވެ. އަދި ޤައުމީ ދުވަހުގެ ޖަލްސާތަކާއި، ޕްރޮގްރާމްތައް އޮންނާނީ (26 ޖުލައި) މިނިވަންދުވަހު ކަމަށާއި، އެއީ، އިނގިރޭސިންގެ އަތްދަށުން ރާއްޖެ ފުރިހަމައަށް މިނިވަންވީ ދުވަސް ކަމަށެވެ. އަދި މިހެންކަމުން ޤައުމީ ދުވަހުގެ ގޮތުގައި މީލާދީން 1966  ވަނަ އަހަރުން ފެށިގެން ފާހަގަކުރެވޭނީ ޖުލައި 26 ވަނަ ދުވަހު ކަމުގައިވެސް މި އިޢުލާނުގައި ލިޔުއްވާފައިވެއެވެ.

މިހާ ހިސާބުން 1 ރަބީޢުލްއައްވަލް ފާހަގަ ކުރަމުން އައިގޮތުގެ ޕްރޮގްރާމްތަކަށްވެސް ބަދަލުތަކެއް ގެނެވުނެވެ. ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުކުރުމިސްކިތު ހަރުގޭގައި ޞަލަވާތް ކިޔެވުމާއި، ކޮންމެވެސް ބޭފުޅެއްގެ ވާހަކަފުޅު ދެއްކެވުން ބޭއްވެމުން އައިސްފައިވެއެވެ.

މިގޮތުގައި ދުވަސްތަކެއް ވޭތުވުމަށްފަހު 1978 ވަނަ އަހަރު ސަރުކާރުން އިޢުލާން ކުރެއްވީ މާޗް މަހުގެ 19 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ "މިނިވަން ޤައުމީ ދުވަސް" ކަމުގައެވެ. ސަބަބަކީ މާރިޗު 29 އަކީ އައްޑުއަތޮޅު ގަމުން އިނގިރޭސިން ފޭބި ދުވަސް ކަމުގައިވާތީއެވެ. ވީމާ، އެދުވަހަކީ ސިޔާސީގޮތުން ފުރިހަމަ މިނިވަން ލިބުނު ދުވަސްކަމުގައި އޭރުގެ ސަރުކާރަށް ފެނިވަޑައިގެންނެވިއެވެ. ނަމަވެސް މިދެންނެވި މިނިވަން ޤައުމީ ދުވަސް ފާހަގަ ކުރެވުނީ ހަމައެކަނި 78 ވަނަ އަހަރުއެވެ. އެ އަހަރު އަލްފާޟިލް އިބްރާހީމް ނާޞިރުގެ ވެރިކަން ނިމި، 11 ނޮވެންބަރު 1978 ގައި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ޙަވާލުވެ ވަޑައިގެންނެވުމަށްފަހު ސަރުކާރުގެ ސިޔާސަތަށާއި ޤާނޫނުތަކަށް ގެންނެވި ބަދަލުތަކުގެ ނަތީޖާ އަކަށްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބިލްތަކެއް ފާސްވީއިރު ދިވެހިރާއްޖޭގެ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ދެ ދުވަހުގެ ތެރެއިން އެއްދުވަސް ކަމުގައި ޤައުމީ ދުވަސް ހިމެނިގެން ދިޔުމެވެ. އެ ޤާނޫނުގައި ބުނަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލް 1 ވަނަ ދުވަހެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ.

އެހެން ކަމުން ދިވެހީންގެ ޤައުމީ ދުވަސް ކަމުގައި 1 ރަބީޢުލްއައްވަލް އަނެއްކާވެސް ހަމަޖެހި ނިމުނީއެވެ.