އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަކީ ޤާނޫނު ނަންބަރ 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނު)ގެ 9 ވަނަ މާއްދާގެ (ހ) ދަށުން މިނިސްޓަރ އައްޔަނުކުރައްވާ ފަރާތެކެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް ރިޕޯޓްކުރައްވާނީ މިނިސްޓަރ އޮފް ހޯމްއެފެއާޒްއަށެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާރވިސްއަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް ސަޕޯޓް ސެކްޝަންގެ ނަމުގައި ސެކްޝަނެއް އުފައްދާފައިވެއެވެ.

އަދި މި ސެކްޝަންގެ މުވައްޒަފުންގެ މައިގަނޑު މަސްޢޫލިއްޔަތަކީ ބަޔާންކުރެވުނު ޤާނޫނުގެ ދަށުން ޖަލުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަން ބަލައި ފާސްކޮށް، އެތަންތަނުގައި ކަންކަން ހިނގަނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާގޮތުގެ މަތިންތޯ ބަލައި، މިނިސްޓަރަށް ރިޕޯޓުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި އިންސްޕެކްޓަރއަށް އެހީތެރިވެ ވާގިވެރިވެދިނުމެވެ.

މީގެ އިތުރުން، އެޤާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންސްޕެކްޓަރގެ ވަކިވަކި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިންސްޕެކްޓަރއަށް ވާގިވެރިވެ އެހީތެރިވެދިނުމެވެ.

 

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ ޒިންމާ

1- އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަސްޢޫލިއްޔަތު ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރ 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނު)ގެ 10 ވަނަ މާއްދާގައެވެ. މި މަސްއޫލިއްޔަތުގެ ތެރޭގައި މައިގަނޑު 07 ކަމެއް ޤާނޫނުން    ލާޒިމްކޮށްފައިވެއެވެ.

2- ޖަލުތައް ޢިމާރާތްކޮށްފައި ހުންނަނީ ޤާވާޢިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންތޯ ބެލުން.

3- ޤައިދީންނަށް އެންމެ މަދުވެގެން ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތައް (އޭގެ ތެރޭގައި ކެއުން ބުއިމާއި، ޖަލާއި އަމިއްލަ ސާފުތހިރުކަމަށާއި، ސިއްޙީ ފަރުވާއާއި، ހިނގާ ކަސްރަތުކޮށް އުޅުމުގައި ހައްޤާއި، އާއިލީ ކޯލް/ ލޯޔަރ ކޯލްގެ އިތުރުން އާއިލާއާއި ބައްދަލުކޮށް އުޅުމުގެ ހައްޤު) ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ލިބިފޭތޯ ބެލުން.

4- ޖަލުތަކުގައި ޤައިދީންނާމެދު ޢަމަލުކުރަނީ އެމީހުންނާމެދު ޢަމަލުކުރަންވާނެ ކަމަށް ގަވާޢިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުން.

5- ޖަލުގައި މީހުންނަށް ދެވޭ ކާނާއާއި ޞިއްޙީ ފަރުވާގެ މިންގަނޑުތައް ހުންނަނީ ގަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުން.

5- ކަނޑއަޅިފައިވާ ތާވަލާ އެއްގޮތަށް ޖަލުތަކަށް ޒިޔާރަތްކޮށް، ޖަލުތައް ބަލައި ފާސްކުރުން.

6- ޖަލެއްގައި މީހުންނަށް އަނިޔާކުރެވޭ ކަމަށް ކުރާ ޝަކުވާތައް މިނިވަންކަމާއެކު އަޑުއަލައި، ތަޙްޤީޤްކޮށް މިނިސްޓަރއަށް ރިޕޯޓް ހުށަހެޅުން.

7- ޖަލެއްގައި މީހަކު މަރުވެއްޖެނަމަ ނުވަތަ މީހަކަށް ނުރައްކާތެރި އަނިޔާއެއް ދީފިނަމަ، އެކަން ބަލައި ތަހްޤީޤްކޮށް މިނިސްޓަރަށް ރިޕޯޓު ހުށަހެޅުން.

 

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއށް ޝަކުވާއެއް ހުށަހަޅާނީ ކިހިނެތް؟

ޖަލު ބަންދުގައި ހުރި މީހެއްނަމަ، ބަންދުކުރެވިފައިވާ ސިޓީއަކުން، ސިއްރު ހިފެހެއްޓޭނެ ފަދަ ގޮތަކަށް ޝަކުވާ ހުށަހެޅޭނެ ނިޒާމު ކޮންމެ ޖަލެއްގައި ޤާއިމްވެފައި ހުންނާނެ.

ޖަލު ބަންދުގައި ހުރި މީހެއްގެ ޢާއިލާގެ ފަރާތުންނަމަ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއަށް ސިޓީގެ ޒަރިއްޔާއިން، ނުވަތަ އީމެއިލްގެ ޒަރިއްޔާއިން، ނުވަތަ ބައްދަލުކޮށްގެން ޝަކުވާ ހުށަހެޅިދާނެ.