27-10-2022

އިސްލާމް ދީނުގެ ސައްހަ އަޤީދާއާއި, މިވަޠަންގެ މިނިވަންކަމާއި އިސްތިޤުލާލް ރައީސުލްޖުމްހޫރިއްޔާ ދަމަހައްޓަވާނެ

މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަޤީދާ ހިމާޔަތްކުރުމަށާއި, މިލޮބުވެތި ވަޠަންގެ މިނިވަންކަމާއި, އިސްތިޤުލާލް ދެމެހެއްޓުމަށް ކުރައްވަންޖެހޭ ކޮންމެކަމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ކުރައްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާ ގުޅިގެން ހޯމް މިނިސްޓްރީން ބޭއްވެވި ޖަލްސާގައި މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާ ގާތުން މަސައްކަތްކުރައްވާ މީހެއްގެ ހައިސިއްޔަތުން އެކަން ކަށަވަރުކޮށް ޤަބޫލުކުރައްވާކަމަށެވެ.

ރާއްޖެއިން ދިވެހި ދައުލަތެއްގެ ގޮތުގައި އިސްލާމްދީން ޤަބޫލުކުރިތާ 896 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއީ ޤައުމެއްގެ ގޮތުގައި އަދި ދައުލަތެއްގެ ގޮތުގައި އެދައުލަތެއްގައި ހިމެނޭ ހުރިހާ ރައްޔިތުންނަށް އެއަށްވުރެ މަތިވެރި ނިއުމަތެއް ނުލިބޭނެ ނިއުތަމެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެންނަކީ މީސްކޮޅު މަދު ކުޑަ ޤައުމެއް ނަމަވެސް, އަދި އިޤްތިޞާދު ކުޑަނަމަވެސް ގޮންޖެހުންތަކާއި, ދަތިތަކާއެކުވެސް އިސްލާމް ދީނުގެ ނިއުމަތަށް ވިސްނައިފިނަމަ އަޅުގަނޑުމެންނަށްވުރެ ވަކިން ބޮޑު ނިއުމަތެއްގައި އޮތް ޤައުމެއް ދުނިޔޭގައި ނެތްކަމަށެވެ. މިނިސްޓަރ ފާހަގަކުރެއްވީ ސައްތައިން ސައްތަ އިސްލާމީ ޤައުމުތައް ދުނިޔޭގައި މަދުކަމެއްވެ.

" އެހެންކަމުން އެގޮތުގެ މަތީގައި ދެމިތިބުމަށްވުރެ ހެޔޮކަމެއް އަޅުގަނޑުމެންނަށް ނެތް. އެގޮތުގެ މަތީގައި ދެމިތިބުމަށް ކުރިމަތިވެދާނެ ގޮންޖެހުމަކުން ސަލާމަތްވުމަށްވުރެ ވަކިން ބޮޑު މަސައްކަތެއް އަޅުގަނޑުމެން ކުރާކަށް ނެތް." މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު މިހާލަތުގައި އިސްލާމް ދީނުގެ ސައްހަ އަޤީދާ ހިމާޔަތްކުރުމަށާއި, ޤައުމުގެ މިނިވަންކަމާއި, އިސްތިޤުލާލު ދެމެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތްކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.