11-11-2022

މި ދައުރަކީ ފެހި ގާނޫނުއަސާސީގައި ރާއްޖެ ދެކޭ އެންމެ ސިޔާސީ ހަލަބޮލިކަން ކުޑަ ދުވަސްވަރު – ނަޛީރު

ނިމިގެން މިދާ ރިޔާސީ ދައުރަކީ ފެހި ޤާނޫނުއަސާސީގައި ރާއްޖެ ދެކޭ ސިޔާސީ ހަލަބޮލިކަން އެންމެ ކުޑަ ދުވަސްވަރު ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއަރޒް އަލީ ނަޛީރު ވިދާޅުވެއްޖެއެވެ. އެމެނަކިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވީ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 54 އަހަރު ފުރުން ފާހަގަ ކުރުމަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ ވޭތުވެދިޔަ 4 އަހަރު ރާއްޖޭގައި ސިޔާސީ ހަލަބޮލިކަން ކުޑަވެފައި ވަނީ ވިސްނުންތަކަކާއި ފިކުރުތަކަކާއި ޚިޔާލު ތަކެއްގެ ނަތީޖާ ކަމަށާއި އެއީ ކާމިޔާބު ލީޑަރޝިޕެއްގެ ހެޔޮ އަސަރު ކަމަށެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އަލީ ނަޛީރު ވިދާޅުވީ ކަތިވަމުންދިޔަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިސްރާބު ދިވެހިން އެދޭ ގޮތަށް، ވަކިން ޚާއްސަކޮށް ދިވެހި ޒުވާނުންގެ ވިންދާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ޒަޢާމަތުގައި ބަދަލުވަމުންދާ ކަމުގެ އިޙްސާސް ކުރެވޭ ކަމަށެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިއަދުގެ ޒުވާން ޖީލު އޮތީ ދުނިޔެއަށް ލޯ ހުޅުވި، ދުނިޔޭގެ އާޖުފާޖަށް ރޯފިލާފާކަން ގަބޫލު ކުރަންޖެހޭ ކަމަށާއި އުފެދި ބޮޑުވަމުން އަންނަ ޒުވާން ޖީލުގެ ވިސްނުމަކީ މިރާއްޖޭގައި ހަމަޖެހުމާއި ސުލްހަވެރިކަން ޤަރާރުވެފައި އޮތުން ކަމަށެވެ. އަދި ޒުވާން ޖީލު އެދެނީ ދެމެހެއްޓެނިވި މަގުން ކަންކަން ރާވައި އިންތިޒާމު ކުރުމާއެކު މިރާއްޖޭގެ އިޖުތިމާއީ މައްސަލަތައް ޙައްލުވެފައި އޮތުމާއި އިޤްތިޞާދީ ނަހަމަކަން ކުޑަވުން ކަމަށްވެސް ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ އަލީ ނަޛިރު ވިދާޅުވީ އެކަންކަން ޙާސިލް ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމަކީ ސިޔާސީ ހަމަޖެހުން މިރާއްޖޭގައި ޤާއިމްވެ ޤަރާރުވެފައި އޮތުމާއެކު ސުލްޙަވެރި ސިޔާސީ ހަރަކާތް ހިންގަން މަގުފަހިވެފައި އޮތުން ކަމަށެވެ.

"އެއްވެސް ހިފެހެއްޓުމެއް ނެތް މިންވަރަށް ސުލްޙަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މާހައުލެއް ގާއިމްވެފައި އޮތުމާއެކުވެސް ނިމިގެންމިދާ ރިޔާސީ ދައުރަކީ ފެހި ޤާނޫނުއަސާސީގެ ޙަޔާތުގައި މިރާއްޖެ ދެކޭ އެންމެ ސިޔާސީ ހަލަބޮލިކަން ކުޑަ ދުވަސްވަރުކަން އެއީ ދެބަސްވެވެން ނެތް ޙަޤީޤަތެއް" މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއަރޒް އަލީ ނަޒީރު ވިދާޅުވިއެވެ.

ދިވެހި ޖުމްހޫރީ ޙަޔާތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުވުނުތާ 15 ވަރަކަށް އަހަރު ފަހުން އަލުން އަނބުރާ ޖުމްހޫރިއްޔަތަކަށް ރާއްޖެ ބަދަލުވެގެން ދިއުމުން ދަސްކުރަންޖެހޭ އެންމެ މުހިންމު ފިލާވަޅަކީ ދިވެހިންގެ ކަންކަން ދިވެހިން އަމިއްލައަށް ނިންމައި، ދިވެހިން އެދޭ ގޮތް ނޫން ގޮތަކަށް މި ރާއްޖޭގައި ވެރިކަން ހިންގަން ދިވެހިން ފުރުސަތު ނުދޭނެ ކަންކަމަށެވެ.