10-12-2022

މޯލްޑިވްސް މީޑިއާ ކައުންސިލަށް މެންބަރުން އިންތީޚާބު ކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލަށް މީޑިއާތައް ތަމްސީލު ކުރެއްވުމަށް 7 މެންބަރުންނާއި އާންމުންގެ ތެރެއިން 6 މެންބަރަކު އިންތިޚާބު ކޮށްފިއެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:00 އިން 11:00 އަށެވެ.

މި އިންތިޚާބުގައި މީޑިއާތައް ތަމްސީލު ކުރެއްވުމަށްޓަކައި 10 ބޭފުޅަކު ކުރިމަތި ލައްވާފައެވެ. އަދި ކައުންސިލްގައި ހިމެނޭ އާންމު މެންބަރު ކަމަށް 12 ފަރާތަކުން ވަނީ ކުރިމަތި ލައްވާފައެވެ.

މީޑިއާތައް ތަމްސީލު ކުރެއްވުމަށް އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިވަޑައިގެން އިންތިޚާބު ކާމިޔާބު ކުރެއްވި 7 ބޭފުޅުންނަކީ:

1- އަޙްމަދު އާޒިފު، ސަން އޮންލައިން، 85 ވޯޓު.

2- މުޙައްމަދު ސިމާއު، ވަން އޮންލައިން، 85 ވޯޓު.

3- މުޙައްމަދު އަފްރާހް، ތިލަދުން، 82 ވޯޓު.

4- މޫސާ ރަޝީދު، މިހާރު އޮންލައިން، 80 ވޯޓު.

5- ހުސައިން ޝަރީފު، ވަގުތު އޮންލައިން، 75 ވޯޓު.

6- އަޙްމަދު މުސްތަފާ، ޕަބްލިކް ސަރވިސް މީޑިއާ، 62 ވޯޓު.

7- އަލީ ނިޝާން، އާފަތިސް އޮންލައިން، 58، ވޯޓު.

އާންމުންގެ ތެރެއިން މީޑިއާ ކައުންސިލަށް އިންތިޚާބުވި 6 ބޭފުޅުންނަކީ:

1- އަރުމާރު ރަޝީދު، ރޯސްވިލާ، ސ.މީދޫ، 84 ވޯޓު.

2- އަޙްމަދު ޞައްފާނު، މާކޯނި، ރ.ވާދޫ، 79 ވޯޓު.

3- ފާތިމަތު ޝާޒުލީ، ހ.ޝީޝަމް، 77 ވޯޓު.

4- އަޙްމަދު އަމީން މުޙައްމަދު، ރިހިދޯދި، ގދ.ފިޔޯރި، 54 ވޯޓު.

5- މުޙައްމަދު ނަސީރު، ދަނބުގެ، ހދ.ވައިކަރުދޫ، 52 ވޯޓު.

6- އަލީ ރަޝީދު އިބްރާހީމް، ކުންނާރުގަސްދޮށުގެ، ދ.ކުޑަހުވަދޫ، 48 ވޯޓު.

މިއަދު ބޭއްވި އިންތިޚާބުގައި ވޯޓުލުމަށްޓަކައި 99 ފަރާތަކުން ރަޖީސްޓްރީ ކޮށް 93 ފަރާތަކުން ވޯޓުލާފައިވެއެވެ.

މީޑިއާ ކައުންސިލަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިޚާބަކީ މޯލްޑިވް މީޑިއާ ކައުންސިލްގައި މީޑިއާތައް ތަމްސީލް ކުރައްވާ 7 މެންބަރަކާއި އާންމުންގެ ތެރެއިން މީޑިއާގައި ތިއްބަވާ 6 މެންބަރެއްގެ ދައުރުގެ މުއްދަތު މިހިނގާ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހަށް ހަމަވާތީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން މެންބަރުން އިތިޚާބު ކުރުމަށްޓަކައި ބޭއްވި އިންތިޚާބެކެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންގެ ދައުރުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ.