ރާއްޖޭގެ ބޯޑަރަށާއި މުޖުތަމަޢަށް އަންނަ ނުރައްކާތައް ދެނެގަންނަން ޖެހޭ ކަމަށާއި ކަމެއް ދިމާވުމުގެ ކުރިން އަބަދުވެސް އެކަމަކަށް ތައްޔާރަށް ތިބެންވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަހުގެ ދުވަސް ފާހަގަކުރުމަށްޓަކައި އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ކަސްޓަމްސް އިން އަބަދުވެސް މަސައްކަތް ކުރަންވާނީ ބޯޑަރުގެ ސަލާމަތާއި ރައްކާތެރިކަން ފޫއަޅުވާލަން މަސައްކަތް ކުރާ މީހުން ދުރާލާ ދެނެގަތުމަށް ކަމަށެވެ.
ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކުން މުދާ ގެނައުމުގަ ގެންގުޅޭ އުސޫލުތަކާއި ޑޭޓާ އެނެލައިޒްކޮށް ރިސްކް ދެނެގަންނަން ޖެހޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޓެކްނޮލޮޖީ ގޮތުން ކުރިއަރަމުން އަންނަ އިރު އެއާ އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަކީވެސް މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ހަމައެއާއެކުގަ ކަސްޓަމްސްގެ މުވައްޒަފުންނަށްދެވޭ ތަމްރީނަކީ ކަސްޓަމްސްގެ ބޭނުންކުރާ އެންމެ ފަހުގެ ވަސީލަތްތަކާއި އުކުޅުތައް ބޭނުން ކުރުމަށް އެންމެ ފަހުގެ ތަމްރީނު ހޯދުމަކީވެސް މީގެ ތެރެއިން ވަރަށް މުހިންމު ކަމެއް. މުދާ ގެންނަ ފަރާތްތައް އަދި ބޯޑަރު ފޫއަޅުވާލަން މަސައްކަތް ކުރާ ފަރާތްތައް ވިސްނާނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ގާނޫނަށް ގެންނަ ބަދަލުތައްވެސް އެނގިގެން ބޯޑަރު ފޫއަޅުވާލަން. އަޅުގަނޑުމެން ވާންވާނީ އެއަށްވުރެ ސްމާޓް ބަޔަކަށްވެގެން ނޫނީ މި ކާވްގެ މައްޗަކަށް ނޭރޭނެ. އަބަދުވެސް މަސައްކަތް ކުރަންވާނީ ކާވްގެ މަތީގަ ތިބެން. ވަޒީރު"
ވަޒީރު ވިދާޅުވީ މުޅި އަހަރުގެ ތެރޭގައި ނަތީޖާ ނެރޭ މުއައްސަސާއަކަށް ކަސްޓަމްސް ވުމަށްޓަކައިވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
ފާއިތުވި އަހަރަކީ ނަތީޖާ ނެރުނު އަހަރެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ އެ ނަތީޖާއާ މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
"ރާއްޖޭގެ ބޯޑަރުގެ ސަލާމަތާއި އަދި ޖުމްލަކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަސްޓަމްސްގެ މުވައްޒަފުން ރެއާއި ދުވާލު ވަރަށް ބުރަކޮށް އަދި ބައެއް ފަހަރު ވަރަށް ނުރައްކާތެރި ހާލަތްތަކުގަ ތިޔަ ކުރައްވަމުންގެންދަވާ އަގު ހުރި މިންނެތް ޚިދުމަތަށްޓަކައި ރައީސްގެ ނަންފުޅުގަ އާއި މިނިސްޓްރީގެ ހުރިހާ މުވައްޒަފުންގެ ނަމުގަ ޝުކުރު އަދާކުރަން. ވަޒީރު"
އިންޓަރނޭޝަނަލް ކަސްޓަމްސް ޑޭގެ ޝިޢާރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ކަސްޓަމްސްގެ މި އަހަރުގެ ތީމަކީ ސަރުކާރުން ކަސްޓަމްސްގެ ފަރާތުން އެދޭ ކަންތައްތައް ވަރަށް ރަނގަޅަށް ސިފަވާ ތީމެއް ކަމަށެވެ.
"މަޑުމަޑުން ޓްރޭޑް ފެސިލިޓޭޝަންގެ ތެރެއަށް އިތުރަށް ވަދެ އަދި މިހާރު މުޅި ދުނިޔޭގައިވެސް ކަސްޓަމްސްގެ ދައުރު ވަރަށް ބޮޑަށް ފުޅާވެ، ޤާނޫނު ތަންފީޒުވުމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ދާއިރާ ކުރީ ޒަމާނުއްސުރެ ކަސްޓަމްސް އަކީ ރެވިނިއު ކަލެކްޝަން އޭޖެންސީއެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެ އިން ވަރަށް ރަނގަޅަށް ހައިލައިޓްކޮށްދޭ. މިއަހަރުގެ ތީމުން މިގޮވާލަނީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕްރޯއެކްޓިވްކޮށް ކަންކަން ދިމާވުމުގެ ކުރިން މަސައްކަތް ކުރުމަށް ކޮމިޓްވުމަށް މި ތީމުން ގޮވާލާ. ވަޒީރު"
އެކިއެކި ދާއިރާތަކުން ސެޓްފިކެޓް ހާސިލް ކުރެއްވި ފަރާތްތަކަށާއި އަދި ވަކިން ޚާއްސަކޮށް ކަސްޓަމްސްއަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާ ރަން ބެޖު ލިބިވަޑައިގެންނެވި ފަރާތްތަކުގެ އިތުރުން ކޮމިޝަނަރުގެ އެވޯޑު ހާސިލްކުރެއްވި ފަރާތްތަކަށް ވަޒީރު ވަނީ މަރުހަބާ ދަންނަވާފައެވެ.
މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އިބްރާހީމް މަފާޒް، ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒުގެ އިތުރުން ކަސްޓަމްސްގެ އިސްވެރިންނާއި ހޯމް ޓީމުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކަސްޓަމްސް ދުވަހުގެ މި އަހަރުގެ ޝިޢާރަކީ 'ކަސްޓަމްސް ޕްރޮޓެކްޓިންގ ސޮސައިޓީ ތްރޫ ވިޖިލެންސް އެންޑް ކޮމިޓްމެންޓް' އެވެ.